ލައިފްސްޓައިލް

އުނަގަނޑުން ތިރި ބުރިކޮށްލާފައި ފިރިމީހާއާއެކު ސާބިތުކަމާއެކު

ކޮންސްޓްރަކްޝަން ސައިޓެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފިރިހެނެއްގެ އުނަގަނޑުން ތިރި މުޅިން ޗިސްޗިސްވެ ބުރަކޮށްލަން ޖެހުނެވެ. އެއަށްފަހު ބަލިއެނދުގައި އެތައް މަހެއް ހޭދަކުރުމަށްފަހު މި މީހާ ވަނީ މުޅިން ފަސޭހަވެފަ އެވެ.

ލޯރެން ޝައުއާސް އަކީ އުމުރުން އެންމެ 20 އަހަރުގެ ޒުވާނެކެވެ. މީގެ ދެ އަހަރު ކުރިން ފޯކްލިފްޓެއްގެ ދަށުވެ ހިނގި އެކްސިޑެންޓްގައި ލޯރެންގެ އުނަގަނޑުން ތިރިޔާއި އެއް އަތް ވަނީ ބުރިކޮށްލާފަ އެވެ.

އެމެރިކާގެ މޮންޓާނާގެ ގްރޭޓް ފޯލްސްގައި މަސައްކަތު މީހެއްގެ ވަޒީފާގައި އުޅުނު ލޯރެން އަށް މި އެކްސިޑެންޓާ ކުރިމަތިވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެކްސިޑެންޓް ދިމާވިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ބްރިޖެއް މަތީގައި ފޯކްލިފްޓެއްގަ އެވެ. މިއީ ވަރަށް ކާރޫބާރޫ ބޮޑު ބްރިޖެއް ކަމުން މާ ވެހިކަލްތައް ގިނަވާން ފެށުމުން އޭނާ ދުއްވަމުންދިޔަ ފޯކްލިފްޓް ކުޑަކޮށް މަގުގެ އެއްފަރާތަށް ޖައްސާލިތަނާ އޭތި އަރިއަޅާލައިގެން އޭނާއާއެކު 50 ފޫޓު ތިރިއަށް ވެއްޓި ލޯރެން އޭގެ ދަށުވީ އެވެ. ފޯކްލިފްޓް ދަށުވުމުގެ ސަބަބުން މި ޒުވާނާގެ އުނަގަނޑުން ތިރި މުޅިން ޗިސްޗިސްވެފައި އޮތްއިރު އެ އަތްވެސް އޮތީ ޗިސް ވެފަ އެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިއުމާއެކު ވަގުތުން ހެމިކޯޕެރެކްޓޮމީ ސާޖަރީ ހަދަން ޑޮކްޓަރުންނަށް މަޖްބޫރުވި އެވެ. މާނައަކީ އުނަގަނޑުން ތިރި އެއްކޮށް ބުރިކޮށްލުމެވެ. މިއީ އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެ އެނޫން ގޮތެއް ނެތިގެން ކުރަން ހަދަންޖެހުނު ސާޖަރީ އެކެވެ.

މި ސާޖަރީއަށް އެއް މަސް ފާއިތުވީއިރުވެސް ލޯރެން އަށް ފަރުވާ ދޭ ޑޮކްޓަރުންނަށް އޭނާގެ ފުރާނަ ސަލާމަތް ކުރެވިދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ނަމަވެސް 'މުއުޖިޒާތެއް'ފަދަ ގޮތަކަށް އޭނާގެ ފުރާނަ ސަލާމަތްވެ މުޅިން ފަސޭހަވި އެވެ.

އަދި މިހާރު ލޯރެން ގެންދަނީ އަމިއްލަ ޔޫޓިއުބު ޗެނަލެއް ފައްޓައި އޭނާގެ ހަޔާތުގެ ވާހަކަތައް އެތައް ހާސް ބަޔަކާ ޝެއާ ކުރަމުންނެވެ. މިކަމުގައި އޭނާއަށް އެހީތެރިވަނީ އޭނާގެ ލޯބިވާ އަނބިމީހާ ސާބިއާ ރިޗީ، 23، އެވެ.

ލޯރެން އަށް ދިމާވި މިބޮޑު ކަންތައްތަކުގައި އޭނާއާއެކު 24 ގަޑިއިރު ހޭދަކުރީ ސާބިއާ އެވެ. ތަދާއި ވޭން، މާޔޫސްކަމާއި ހިތްދަތިކަން ތަހައްމަލުކުރަމުންދިޔަ ދުވަސްތަކުގައި ވަރަށް ސާބިތުކަމާއެކު ސާބިއާ ވަނީ އޭނާގެ ފިރިމީހާއަށް ޚިދުމަތްކޮށްދީ ހިތްވަރު ދީފަ އެވެ.

ލޯރެންގެ ކޮލޮސްޓޮމީ ބޭގް ބަދަލުކުރުމުން ފެށިގެން އޭނާ ފެންވެރުމާއި ހުރިހާ ކަމެއް ވެސް ކުރަނީ ސާބިއާ އެކަންޏެވެ.

މި ޒުވާން ދެމަފިރިންނަށް ހަޔާތުގައި ކުރިމަތިވި މި ބޮޑު އިމްތިހާނުގެ ވާހަކަ ކިޔާފައި ގިނަ މީހުން އެމީހުންނަށް ހަމްދަރުދީ ވުމުގެ ބަދަލުގައި ވަރަށް ބޭއަދަބީ ސުވާލެއް ކުރާތީ އެމީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެއީ އެމީހުން ދެމަފިރިކަމުގެ ގުޅުން ހިންގަނީ ކިހިނެއްތޯ ފަދަ ސުވާލުތައް ކުރާތީ އެވެ.

ލޯރެން ބުނި ގޮތުގައި އެފަދަ ސުވާލުތަކަށް ޖަވާބުދޭކަށް އެމީހުން ބޭނުމެއް ނޫނެވެ. އެއީ ވަރަށް ޒާތީ އެހާމެ އެ ދެމަފިރިންގެ އަމިއްލަ ވާހަކަ ތަކެކެވެ. އެ ވާހަކަތައް ކޮންމެހެން އެހެން މީހުންނަށް ކިޔައިދޭކަށް ނުޖެހެ އެވެ.

ސާޖަރީ ހަދައިގެން ފުރާނަ ސަލާމަތް ވިޔަސް ލޯރެން އަށް މާގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެކަމުގެ ބިރު ސާބިއާ އަށް އަބަދުވެސް އޮވެ އެވެ. ޑޮކްޓަރުން ވެސް އޭނާއަށް އެކަމާ ގުޅޭ ގޮތުން އިންޒާރު ދީފައި ވާތީ އެވެ.

ސާބިއާ ބުނި ގޮތުގައި މިފަދަ އެކްސިޑެންޓެއްގައި އުނަގަނޑުން ތިރި ބުރިކޮށްލާފައިވާ މީހުންގެ ތެރެއިން ބައެއް މީހުން 11 އަހަރު ވެސް ދުނިޔޭގައި އުޅެފައި ވެއެވެ. އަދި 24 އަހަރު ދުނިޔޭގައި ހުރެ ރެކޯޑް ހަދާފައިވާ މީހަކު ވެސް އޭނާއަށް އެނގިފައި ވެއެވެ. ނަމަވެސް އެ އެންމެން ވެސް ލޯރެން އަށް ވުރެ ހާލަތުގެ ގޮތުން ބަލާއިރު ރަނގަޅެވެ.

ވީމާ ލޯރެން ދުނިޔޭގައި ހުރިހާ ދުވަހަކު އޭނާއާއެކު ވީހާލެއްގައި ވާން ސާބިއާ ހުރީ ތައްޔާރަށެވެ.