ލައިފްސްޓައިލް

ލޯބި ވާވަރުން ފިރިމީހާގެ އަޅިތައް ކާ އަންހެނެއް

ވަކި އެއްޗެއް ކާން ނުވަތަ ބޯން ދެވި ހިފުމަކީ ވެސް ބައްޔެކެވެ. އެގޮތުން ދުންފަތާއި ޖަންކް ފުޑް އަދި މި ނޫން ވެސް އެއްޗިއްސަށް ދެވިހިފާފައިވާ އެތައް މިލިއަން ބަޔަކު ދުނިޔޭގައި ދިރިއުޅެ އެވެ. ނަމަވެސް އެމެރިކާގެ މި އަންހެންމީހާ ކާ ކަހަލަ އެއްޗެއް މީގެ ކުރިން ދުވަހަކު ވެސް މީހަކު ކޭ ކަމެއް ނޭނގެ އެވެ.

އުމުރުން 26 އަހަރުގެ މި އަންހެންމީހާ ޝޯއެއްގައި ވާހަކަ ދައްކަމުން ބުނީ އޭނާއަކީ އަޖައިބެއް ފަދަ އެއްޗެއް ކާން ދެވި ހިފާފައިވާ މީހެއް ކަމަށެވެ. ޓެނެސީގައި ދިރިއުޅޭ ކެސީ ނަމަކަށް ކިޔާ މި މީހާ ދެވި ހިފާފައިވަނީ އޭނާގެ ފިރިމީހާ މަރުވުމުން އެމީހާގެ ހަށިގަނޑު އަންދާލައިގެން ނަގާފައިވާ އަޅި ކެއުމަށެވެ.

"މައި ސްޓްރޭންޖް އެޑިކްޝަން" ކިޔާ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ކެސީ ބުނި އޭނާ އޭނާގެ ފިރިމީހާގެ އަޅިތައް އެއްޗަކަށް އަޅާ ރައްކާ ކޮށްފައި ބަހައްޓައިގެން އޭގެން އަޅިކޮޅެއް ކަނީ ކަމަށެވެ.

ކެސީ އާއި ފިރިމީހާ ސީން ބައްދަލުވީ 2009 ގައެވެ. އަދި ރައްޓެހިވީތާ 10 ވަރަކަށް މަސް ތެރޭ ދެ މީހުން ކައިވެނި ކުރި އެވެ. ނަމަވެސް ކައިވެންޏަށް ފަހު މާ ގިނަ ދުވަހު ދެމީހުންނަށް އެކުގައި އުޅެވޭ ގޮތެއް ނުވި އެވެ. ސީން އަކީ ނޭވާއަށް އުނދަގޫކުރާ މީހަކަށް ވާތީ އެއް ފަހަރު އައި އެފަދަ އެޓޭކެއްގައި ކުއްލިއަކަށް ސީން މަރުވީ އެވެ. އޭގެ ފަހުން ކެސީ ދާ ކޮންމެ ތަނަކަށް ސީން އަންދާލާފައި ނަގާފައި ހުރި އަޅިތައް އަޅާފައި ހުރި ފޮއްޓެއް ފާޑު އެއްޗެއް އޭނާ ގެންދެ އެވެ.

"އަހަރެން ދާހާ ތާކަށް ފިރިމީހާ ގެންދަން. ވިޔަފާރި ކުރަން ދާއިރު ވެސް ފިލްމު ބަލަން ދާއިރު ވެސް އަދި ރެސްޓޯރަންޓްތަކަށް ކާން ދާއިރުވެސް އަހަރެން ދަނީ އޭނާ ގޮވައިގެން،" ކެސީ ބުންޏެވެ. އަދި އޭނާއަށް ނިދެނީ ވެސް އެ ފޮށީގައި ބައްދައިގެން އޮވެ އެވެ.

އޭނާއަށް އަޅި ކާން ދެވި ހިފަން މެދުވެރިވީ ގޮތާއި އެކަން ފެށުނު ގޮތް ވެސް ކެސީ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެއް ދުވަހަކު އޭނާ ފިރިމީހާގެ އަޅިތައް ކުރިން އަޅާފައި ހުރި އެތިން އެހެން އެއްޗަކަށް ބަދަލު ކުރަނިކޮށް އަޅިކޮޅެއް އޭނާގެ އަތަށް ބަންޑުން ވީއެވެ. ކިތަންމެ ކުޑަ އަޅިކޮޅެއް ވިޔަސް ފޮޅާލައި ނައްތާލާކަށް އޭނާ ބޭނުމެއް ނުވި ކަމަށާއި އެ އަޅިކޮޅު އޭނާ ދޫ ކާއްތާ ބޯލީ ކަމަށާއި އޭގެ ފަހުން އެކަން ކުރުން ހުއްޓާ ނުލެވުނު ކަމަށް ކެސީ ބުންޏެވެ.

ކެސީ ބުނި ގޮތުގައި ދުވާލަކު މަދުވެގެން ފަސް ވަރަކަށް ފަހަރު އޭނާ އެ އަޅިތަކުގެ ތެރެއަށް އިނގިލި ކޮއްޕާލައި އިނގިލީގައި ހޭކޭ އަޅިތައް ދޫ ކާއްތައިގެން ބޮޔެވެ.

"އެއީ މަގޭ ފިރިމީހާ. އެހެންވެ އަހަރެން އޭނާ ފޮހެލާ ނައްތާލާކަށް ބޭނުމެއް ނޫން. އެހެންވެ އަހަރެން އޭނާގެ އަޅިކޮޅު ބޯލަނީ. އަހަރެން މިކަން ކުރާތާ ދެ މަހެއްހާ ދުވަސް ވެއްޖެ. ކީއް ކުރާނީ. އަހަރެންނަށް މި ކެވެނީ އަހަރެންގެ ފިރިމީހާ،" ކެސީ ބުންޏެވެ.

ކެސީ ބުނި ގޮތުގައި އެ އަޅިތަކުގައި ލަނީ ކުނި ބިހާއި ވެލީގައި ލާ ކަހަލަ ރަހައެކެވެ. އެކަމަކު އެ ރަހަ ވެސް މިހާރު އޭނާއަށް މީރު ރަހައަކަށް ވެއްޖެ ކަމަށް ކެސީ ބުންޏެވެ.

"ކުރިން އުޅެނީ އޭނާ ނައްތާލަން ބޭނުން ނުވެގެން. މިހާރު ބޭނުންވަނީ އޭނަ ކާލަން،" ކެސީ ބުންޏެވެ. ނަމަވެސް މިގޮތަށް އަޅި ކެވޭތީ ވެސް ކެސީ ވަރަށް ބިރުގަނެ އެވެ. ކަމުން ކަމުން ގޮސް ފިރިމީހާ އެއްކޮށް ހުސްވީމަ ދެން ހަދާނެ ގޮތެއް ނޭނގޭތީ އެވެ.

"އަހަރެން އެބަ ޖެހޭ އަޅި ކެއުން ހުއްޓާލަން. އެއްފަހަރު އަހަރެންނަށް އަހަރެންގެ ފިރިމީހާ ގެއްލިއްޖެ. މިފަހަރު އަހަންނަށް އޭނާ ގެއްލެންޏާ ގެއްލޭނީ އަހަރެންގެ ކުށުން،" ކެސީ ބުންޏެވެ.