ލައިފްސްޓައިލް

ވިހެއުމުގެ ތެރޭ ދިމާވި މައްސަލަތަކެއްގައި އެމެރިކާގެ ދުވުންތެރިޔަކު މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ދުވުންތެރިޔާ ޓޯރީ ބޯވީ ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން މަރުވެއްޖެ އެވެ.

ފްލޮރިޑާގައި ހުންނަ އޭނާގެ ގޭގައި ޓޯރީ، 32، މަރުވެފައިވަނީ މިދިޔަ މޭ މަހު ތެރޭގައި ކަމަށް އޭނާގެ އެޖެންޓު ބުންޏެވެ.

ޓޯރީ އަކީ އޮލިމްޕިކްސް ގޯލްޑް މެޑަލް ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ކުޅަދާނަ، މޮޅު ދުވުންތެރިޔެކެވެ.

ޓޯރީގެ އެޖެންޓް ކިމްބަލީ ހޮލެންޑް، ސީބީއެސް ނިއުސް އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ޓޯރީގެ މަރާ ގުޅިގެން އިވެމުންދަނީ ވަރަށް ހިތްދަތި ވާހަކަތަކެއް ކަމަށެވެ. އަދި އެ މަރުގެ ހަގީގަތް ވަރަށް އަވަހަށް އެނގޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެޖެންޓް ބުންޏެވެ.

ޓޯރީ އަކީ 100 މީޓަރު ދުވުމުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އެތުލީޓެކެވެ.

އޭނާގެ މަރަކީ "ގުދުރަތީ" މަރެއް ކަމަށް އޮޓޮޕްސީ ރިޕޯޓުގައި ލިޔެފައިވާ ކަމަށް މި ހަބަރުގައި ބުނެފައި ވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން ޓޯރީ ބަނޑުގައި ރިހެން ފެށިއިރު އޭނާގެ ބަނޑަށް އަށް މަހެވެ. އަދި ވިހަން ބަނޑުގައި ރިހިފައި މަރުވީ އެވެ.

ޓޯރީ އަށް ދިމާވީ އެކްލެމްޕްޝިއާ ކިޔާ ހާލަތެއް ކަމަށާއި މި ހާލަތު ދިމާވުމުން ނޭވާލާން ދަތިވެ، ފިޓްޖެހި ގޮތްގޮތްވީ ކަމަށް ވެއެވެ.

ޓޯރީ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވާތާ އެތައް ދުވަހެއް ފަހުން އޭނާގެ ހާލު ބަލަން އެގެޔަށް ދިޔަ އޮރެންޖް ކައުންޓީ ޝެރިފް އޮފީހުގެ އޮފިޝަލުންނަށެވެ. އޮފިޝަލުންނަށް ޓޯރީގެ މަރުވެފައިވާ މަސްގަނޑު ފެނުނުއިރު އޭނާ މަރުވެފައި އޮންނަތާ އެތައް ދުވަހެއް ވެފައި ވެއެވެ.