އަޖައިބެއް ކަހަލަ ޕްރޮފެޝަންތަކުގައި މަސައްކަތްކުރާ ބައެއް މީހުންގެ ވާހަކަތައް ގިނަ ބަޔަކު އަޑުއަހާފައިވާނެ ކަން ޔަގީނެވެ. ނަމަވެސް މަރުވެފައި ތިބޭ މީހުންގެ ހަށިގަނޑު މޭކަޕް ކޮށްދޭ މޭކްއަޕް އާޓިސްޓެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ހީވިޔަސް އެމެރިކާގެ އަންހެނަކު ބުނާ ގޮތުގައި އޭނާއަކީ މަރުވެފައި ތިބޭ މީހުން މޭކަޕް ކޮށްދިނުމުގައި ވަރަށް ތަޖުރިބާ ހުރި މީހެކެވެ. އޭނާގެ މަސައްކަތަކީ އެކި ކަހަލަ ކޮސްމެޓިކް ޕްރޮޑަކްޓްސް ހާކައިގެން މަރުވެފައި ތިބޭ މީހުން ނަލަ ކުރުމެވެ.
އޭނާގެ މި ޕްރޮފެޝަންގައި ކުރެވުނު ބައެއް ތަޖުރިބާތައް ދާދި ފަހުން ފައުން މޮނީކް ޑެލްވަލޭ ވަނީ ހާމަކޮށްފަ އެވެ. ފައުންއަކީ އަސްލު ޕެންސިލްވޭނިއާގެ މީހެއް ނަމަވެސް މަސައްކަތުގެ ގޮތުން ދިރިއުޅެނީ ކެލިފޯނިއާގަ އެވެ. އޭނާ ބުނި ގޮތުގައި އެންމެ ކުރިން މަސައްކަތް ކުރީ މީހުންގެ މޭކަޕް ކޮށްދިނުމުގަ އެވެ. ނަމަވެސް މިހާރު އޭނާއަކީ މަރުވެފައި ތިބޭ މީހުންގެ މޭކަޕްކޮށް ދޭ މީހެކެވެ.
އޭނާ ބުނި ގޮތުގައި މިހާރު ކޮސްމޮލޮޖިސްޓުންގެ ޑިމާންޑް ވަރަށް ބޮޑެވެ. ސަބަބަކީ މަރުވާ މީހުންގެ މޭކަޕް ކުރަން ގިނަ ބަޔަކު ޝައުގުވެރިވާތީ އެވެ.
ފައުން މި ޕްރޮފެޝަންގައި މަސައްކަތް ކުރަނީ މިކަން ކުރުމުގެ ތަމްރީނުތައް ހޯދައިގެނެއް ނޫނެވެ. އޭނާ އެ މަސައްކަތް ފެށީ ފިއުނެރަލް ހޯމަކުން އޭނާއަށް ގުޅާފައި މޭކަޕް ކޮށްދޭން ދާން އެދުނީމަ އެވެ.
މަރުވެފައިވާ މީހުނަށް ފައުން ކޮށްދެނީ ހަމައެކަނި މޭކަޕެއް ނޫނެވެ. ނިޔަފަތިތައް ކަނޑައި ރީތި ކުރުމާއި އިސްތަށިގަނޑު ފުނާ އަޅައި އެކި އެކި ސްޓައިލަށް ހަދައިދިނުމަކީ ވެސް ފައުންގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ފައުން ކުރާ މަސައްކަތުގެ ވާހަކަތައް ފައުން ކިޔާދޭން ފަށާއިރަށް އަޑުއަހަން ތިބޭ މީހުން ބިރުން ފިލަ އެވެ. މިއީ ފައުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.
ފައުން ބުނި ގޮތުގައި މޭކަޕްގެ ޒަރިއްޔާއިން އޭނާ ކުރާ ކަމަކީ މަރުވެފައިވާ ތިބޭ މީހުންގެ މޫނަށް އުފާވެރިކަމުގެ ކުލަ ގަނައުމެވެ.
މިއީ ގިނަ ބަޔަކަށް އެހާ ކިޔަން ފަސޭހަ ޚަބަރަކަށް ނުވިޔަސް ބޮލީވުޑް ބަތަލާ ޝްރީދޭވީ މަރުވުމުން އޭނާގެ ހަށިގަނޑު ވެސް އޮތީ ވަރު ކޮޅަށް މޭކަޕްކޮށްފަ އެވެ.
ޝްރީދޭވީގެ މޫނު ދެކެން ދިޔަ ކިތަންމެ ބަޔަކަށް އޭނާގެ މޫނުގައި މާ ރީތި ވިދުވަރެއް ހުރިކަމަށް ފާހަގަ ކުރެވިގެން އެވާހަކަ ދައްކާފައި ވެއެވެ. ގަބުރު ރައްކާކުރާ ތަނުގައި އެތައް ދުވަހަކު އޮތުމާއެކު ވެސް ޝްރީދޭވީގެ މޫނުން ފެނުނު އުޖާލާކަމުގެ ވާހަކަ ގިނަ ބަޔަކު ވަނީ ދައްކާފަ އެވެ. އެއީ މޭކަޕް އާޓިސްޓެއްގެ ކުޅަދާނަކަންދައްކާލަން ކުރި ކަމެއް ކަމަށް ވެއެވެ.