ލައިފްސްޓައިލް

މިލިއަން ޑޮލަރުގެ އެސްޓޭޓް ލިބުނީ ހަތް ބުޅަލަށް

އެމެރިކާގެ ފްލޮރިޑާގެ ޓަމްޕާގައި ދިރިއުޅުނު ނެންސީ ސޯއާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ އޭނާ ލޯބިން ގެންގުޅުނު ހަތް ބުޅަލާ އެކުގަ އެވެ. އުމުރުން 84 އަހަރުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެންސީ ވަނީ މަރުވެފަ އެވެ.

އޭނާ މަރުވިއިރު ވަސިއްޔަތުން އޭނާގެ އަގުބޮޑު އެސްޓޭޓް އޮތީ މި ހަތް ބުޅަލަށް ދީފަ އެވެ.

އޭނާގެ ވަސިއްޔަތުގައިވާ ގޮތުން އޭނާގެ ހަތް ބުޅަލުގެ ތެރެއިން އެންމެ ފަހު ބުޅާ މަރުވަންދެން އެސޮރުމެންނަށް އޭނާގެ އެސްޓޭޓްގައި އުޅެވޭނެ އެވެ.

ނެންސީގެ މި ވަސިއްޔަތުގެ ޚަބަރު ލިބުމާއެކު އޭނާގެ ހަތް ބުޅާ އެޑޮޕްޓްކުރަން 156 މީހަކު އެޕްލިކޭޝަން ހުށަހަޅާފައި ވެއެވެ.

ބުޅާތައް ބަލަހައްޓާ މަތިން ރީތި ބޮޑު ގަނޑުވަރެއް ކަހަލަ ގެއެއްގައި ދިރިއުޅޭނެ ފުރުސަތު ލިބޭތީ އެވެ.

ނެންސީގެ އެސްޓޭޓްގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރަ އެވެ. މިހާ އަގުބޮޑު ގެއެއް ހަތް ބުޅަލަށް މިލްކު ވެފައިވާތީ އެ ގޭގެ ބޭނުމުގައި ގިނަ ބަޔަކު މި ބުޅާތައް އެޑޮޕްޓްކުރުމަށް ޝައުގުވެރިވެފައިވަނީ އެވެ.

ނެންސީގެ ހަތް ބުޅަލުގެ ތެރެއިން ސްނޯބޯލް ކިޔާ ބުޅަލަކީ މިހާރުވެސް ހިތުގެ މައްސަލަތަކެއް ކުރިމަތިވެ ބަލިކޮށް އުޅޭ ބުޅަލެކެވެ. އެހެންވެ އެސޮރު މިހާރުވެސް އެޑޮޕްޓްކޮށްގެން ގެންގުޅެނީ އެސޮރަށް ފަރުވާ ދޭ ޑޮކްޓަރެވެ.

ނެންސީގެ ގެ ހުންނަ ސަރަހައްދު ކަމަށްވާ ޓަމްޕާ ބޭގެ އެގްޒެކެޓިވް ޑައިރެކްޓަރު އޮފް ހިއުމަން ސޮސައިޓީ، ޝެރީ ސިލްކް، ފޮކްސް ނިއުސް އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ބުޅާތަކަށް ކާން ދިނުމަށާއި އެސޮރުމެން ބެލެހެއްޓުމަށް ޚަރަދުކުރުމަށް ގިނަ އަދަދެއްގެ ފައިސާ ވެސް ނެންސީ ވަނީ އެސޮރުމެންނަށްޓަކައި ޚާއްސަކޮށް ބަހައްޓާފަ އެވެ. އެހެންކަމުން ހަތް ބުޅާ ބެލެހެއްޓުން އެކަކާ ހަވާލުނުކޮށް ހަތް މީހަކާ ހަވާލުކޮށް އެކި މީހުންނަށް ވަކި ވަކިން ބޭނުންވާ މިންވަރަށް ފައިސާ ދޫކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެގްޒެކެޓިވް ޑައިރެކްޓަރު ބުންޏެވެ.

ސިލްކް ބުނި ގޮތުގައި ބުޅާތައް އެޑޮޕްޓްކުރަން ބޭނުން މީހުންގެ ތެރެއިން މީހަކު ހޮވާނީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކޯޓުން ނިންމާ ނިންމުމަކާ އެއްގޮތްވާ ގޮތަށެވެ.

ސިލްކް އިތުރަށް ބުނީ ބުޅާތައް ގެންގުޅެފައި ހުރީ އެހާ ބޮޑަށް މީހުންނާ އޮޅުވާ ގޮތަށް ނޫން ކަމަށާއި އެސޮރުމެން ކައިރިއަށް ގައިގައި ބުރުސްއަޅައިދީ ހަދަންދެން ރީތިކޮށް ތިއްބަސް އޮޅުލާ ބައްދާ ހަދަން އެއްގޮތަކަށް ވެސް އެސޮރުމެން ނުރުހޭ ކަމަށް ސިލްކް ބުންޏެވެ. އެހެންކަމުން ލޯބިން އޮޅުލާ ބައްދާ ހަދަން ބުޅާ ގެންގުޅެން ބޭނުންވާ މީހުންނަށް މި ބުޅާތައް ގެންގުޅެން ފަސޭހަ ނުވާނެ ކަމަށް އޭނާ ބުންޏެވެ.