ޖަލުގައި އުފަންވި މިހާރު 18 އަހަރު ފުރިފައިވާ އަންހެން ކުއްޖަކަށް ހާވާޑް ޔުނިވަސިޓީގައި ކިޔަވާނެ ފުރުސަތު ލިބިއްޖެ އެވެ.
މި ކުއްޖާ އަށް ފުރިހަމަ ސްކޮލަޝިޕްއެއް ލިބިފައިވަނީ އޭނާ ކިޔެވި ހައި ސްކޫލުން ރަނގަޅު ނަތީޖާއެއް ހޯދާފައިވާތީ އެވެ.
އެމެރިކާގެ ޓެކްސަސްގައި ސްކައި ކެސްޓާ ދުނިޔެއަށް އުފަންވީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ. ޖަލުގެ ގޮޅިއެއްގެ ތެރޭގަ އެވެ. ނަމަވެސް މިއީ އޭނާގެ ކުރިމަގު އުޖާލާކުރުމަށް ސްކައި ދެކެމުންދާ ހުވަފެނަށް ހިޔަނި އެޅުނު ކަމަކަށް ނުވި އެވެ.
ގެލްވެސްޓަން ކައުންޓީ ޖަލުގައި ސްކައި އުފަންވީއިރު އޭނާގެ މަންމަ ގެންދިޔައީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ސްކައިގެ ބައްޕަ ކޯޓަށް ގޮސް މަންމަގެ އަތުން އޭނާ އަތުލައިގެން ޖަލުން ނެރެގެން ގެނެސް އެކަނިމާއެކަނި އޭނާ ގެންގުޅެފައި ވެއެވެ.
ސްކައިގެ ބައްޕައަކީ ވަރަށް ފަގީރު މީހެކެވެ. އަދި ބައޮޕޮލާ ޑިސްއޯޑާ ހުންނަ މީހެކެވެ. އެހެންކަމުން ބައްޕައާ އެކު އޭނާ ދިރިއުޅުނަސް އެ ދެބަފައިންގެ ދިރިއުޅުން އުފާވެރިއެއް ނޫނެވެ. ބަނޑުހައިހޫނުކަމާއި ނިކަމެތިކަން އެމީހުންގެ ވަށައިގެންވި އެވެ.
ބައްޕަގެ ބަލީގެ ސަބަބުން ސްކައި ކުޑައިރު ހޭދަކުރީ ވަރަށް ދަތި ހާލުގަ އެވެ. ނަމަވެސް ހިތްވަރާއެކު ސްކައި ކިޔެވީ އެވެ. އުޖާލާ ކުރިމަގެއްގެ އުންމީދުގަ އެވެ.
"އަހަރެން އުފަންވީ ޖަލުގައި،" ހާވާޑް އެޕްލިކޭޝަން ސިޓީގައި ސްކައި ފަލަ އަކުރުން ލިޔެފައި ވެއެވެ. މިއީ އެ ޔުނިވަސިޓީގެ ކަމާ ބެހޭ އޮފިޝަލުންނަށް ވެސް ސްކައިގެ އެޕްލިކޭޝަނަށް ޚާއްސަ ސަމާލުކަމެއް ދެވުނު ކަމަކަށް ވިއެވެ.
ސްކައި ކިޔެވި ކޮންރޮއެ ހައި ސްކޫލުން އޭނާ އެންމެ ފަހު އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ހޯދާފައި ވެއެވެ. އެއާއެކު މުޅި ސްކޫލުން ތިން ވަނަ އަށް ދިޔަ ދަރިވަރަކަށް އޭނާވި އެވެ. ހާވާޑް ޔުނިވަސިޓީން އޭނާއަށް ފުރިހަމަ ސްކޮލަޝިޕެއް ލިބުނީ އޭނާގެ ތައުލީމީ ނަތީޖާއަށް ބަލާފަ އެވެ.
ސްކައިގެ ކާމިޔާބުގެ ހުރިހާ ވެސް ޝުކުރެއް އޭނާ ރައްދުކުރީ އޭނާގެ މެންޓޯ މޯނާ ހަމްބީ އަށެވެ. ސްކޫލްގެ މެންޓޯ ޕްރޮގްރާމްގެ ދަށުން ސްކައި އާއި މޯނާ މެޗުކުރެވުނު ނަމަވެސް ފަހުން މޯނާވީ ހުރިހާ ގޮތަކުން ވެސް ސްކައި އަށް އެންމެ އެހީތެރިކަން ފޯރުކޮށްދިން މީހާ އަށެވެ.
ހަފުތާއަކު އެއްފަހަރު އެ މީހުން ބައްދަލުކުރަން ހަމަޖެހިފައި އޮތް ނަމަވެސް އެ ބައްދަލުވުމުގެ އިތުރުން ވަރަށް ގިނަ ފަހަރު މޯނާ ވަނީ ސްކައިއާ ބައްދަލުކޮށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"ސްކައި ބުނި އޭނާ އުފަންވީ ޖަލުގައޭ. އަދި އޭނާގެ ހޮބީ އާއި ކާހިތްވާ ކާނާ އާއި ވަރަށް ގިނަ މައުލޫމާތު ލިޔެފައިވާ ގަނޑެއް ފުރަތަމަ ދުވަހު އަހަންނާ ހަވާލުކުރި. އެ ގަނޑު އަދިވެސް އަހަރެން ރައްކާކޮށްފައި އޮންނާނެ. ފުރަތަމަ ބައްދަލުވުމަށްފަހު އަހަރެން ހިތަށް އެރި މިއީ ވަރަށް ވިސްނުން ތޫނު ކުއްޖެކޭ. ހަފުތާއަކު އެއް ދުވަހު މެންދުރު ކެއުމުގެ ވަގުތުގައި އޭނާއާ ބައްދަލުކުރަން ކަނޑައެޅިފައި އޮތަސް އެއަށް ވުރެ ބޮޑަށް އަހަރެންގެ އެހީތެރިކަން އޭނާއަށް ބޭނުންވެއޭ،" މޯނާ ބުންޏެވެ.
ސްކައި އަށް ތައުލީމީ ރޮނގުން ލިބުނު ކާމިޔާބުތަކަކީ މޯނާގެ ހިތްވަރާއި އޭނާގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބުތަކެވެ. ޚުދް ސްކައި ވެސް އެކަން ގަބޫލު ކުރެ އެވެ.
ހާވާޑް ލޯ ސްކޫލްގައި ކިޔަވަން ތައްޔާރުވަމުންދާ ސްކައި އަށް އޭނާގެ އުފަން މަންމައާ ވާހަކަ ދައްކާލުމުގެ ފުރުސަތު ވެސް މި ފާއިތުވީ 18 އަހަރު ތެރޭގައި ލިބިފައިވަނީ އެންމެ ފަހަރަކު އެވެ. އުމުރުން 14 އަހަރުގައި އޭނާ އެފަހަރުވެސް މަންމައާ ވާހަކަ ދެއްކީ ފޯނުންނެވެ. މަންމަ ހަމަލޮލުން ދުށުމުގެ ނަސީބު ވެސް އޭނާއަށް ނުލިބެ އެވެ.