ލައިފްސްޓައިލް

84 އަހަރުގެ މީހަކު ޑިގްރީ ހަދައިފި

އިލްމު އުނގެނުމަކަށް ވަކި އުމުރެއް ނެތްކަމަށް ބަހާއި އަމަލުން ސާބިތުކޮށްދިން އެކަކީ މި މާމަ އެވެ. އުމުރުން 84 އަހަރުގެ ބެޓީ ސެންޑިސަން އެމެރިކާގެ މިނެސޯޓާގެ މީހެކެވެ. އޭނާ ދާދިފަހުން ކޮލެޖު ޑިގްރީއެއް ހާސިލުކޮށްފައިވާއިރު މިއީ 70 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމެވެ.

ކިތަންމެ ގިނަ ދުވަހަކުން ނަމަވެސް ޑިގްރީ ހާސިލު ކުރެވުނީތީ ބެޓީ ހުރީ ވަރަށް އުފަލުން ހިތްހަމަޖެހިފަ އެވެ.

ބެޓީ އޭނާގެ އަމިއްލަ ރަށް ރެންވީލް ދޫކޮށް 1955ގައި މިނެސޯޓާއަށް ބަދަލުވީ ޔުނިވަސިޓީ ތައުލީމު ހާސިލު ކުރާށެވެ. ބެޓީގެ ކުރިން އެ އާއިލާގެ އެއްވެސް މީހަކު ޔުނިވަސިޓީގައި ކިޔަވާފައެއް ނުވެ އެވެ. އޭނާ ބޭނުންވީ މިނެސޯޓާ ޔުނިވަސިޓީން ނާސިން ކޯހެއް ހަދާށެވެ. ނަމަވެސް ބެޗްލާޒް ޑިގްރީއަށް ކިޔަވަމުން ގޮސް ވަކި ހިސާބަކުން އޭނާ ކޯސް ދޫކޮށްލަން މަޖްބޫރުވި އެވެ. އޭނާގެ ފިރިމީހާ އާއި ބެޓީ އަށް ބައްދަލުވީ އެ ދުވަސްވަރު އެވެ. އެ ފަހަރު ބެޓީ އަށް ގްރެޖުއޭޓް ނުވެވުނީ 25-28ވަރަކަށް ކްރެޑިޓްސް މަދުވެގެންނެވެ.

ބެޓީ ކައިވެނިކޮށް ދެ ދަރިން ލިބުނުފަހުން 1979ގައި ފިރިމީހާ އާ ވަކިވި އެވެ. އަދި އަނެއްކާވެސް އެސޯސިއޭޓް ޑިގްރީއެއް ހާސިލުކޮށްގެން ނަރުހެއްގެ ވަޒީފާ އަދާކުރަން ގަސްތުކުރި އެވެ.

ނަރުހެއްގެ ވަޒީފާގައި ބެޓީ 30 އަހަރު އުޅެފައި ރިޓަޔަ ކުރި އެވެ. ނަމަވެސް ޔުނިވަސިޓީ އޮފް މިނެސޯޓާގައި ކިޔަވައި ޑިގްރީ ފުރިހަމަ ކުރަން ބެޓީގެ ހިތުގައި އޮތް ޝައުގުވެރިކަން އެ އޮތްގޮތަށް އޮތެވެ. އެހެންވެ 2018ގައި އަނެއްކާވެސް އެ ޔުނިވަސިޓީއަށް ވަދެ ކިޔަވަން ފެށީ އެވެ.

މި އަހަރުގެ މޭ 7 ވަނަ ދުވަހު ބެޓީ ވަނީ މަލްޓިޑިސިޕްލިނަރީ ސްޓަޑީޒްގެ ރޮނގުން ޑިގްރީ ހޯދާފަ އެވެ. އެ ދުވަހު ގްރެޖުއޭޓްވީ ހުރިހާ ޒުވާން ކުދިން ފަދައިން ގައުން ލައި ކެޕް އަޅައިގެން ގްރެޖުއޭޝަން ސެރެމަނީގައި ބައިވެރިވުމުގެ ފުރުސަތު އެ ދުވަހު ބެޓީ އަށް ވެސް ލިބުނެވެ. މިއީ އޭނާގެ 70 އަހަރުވީ ހުވަފެން ހަގީގަތަކަށް ވުމެވެ.

ބެޓީ ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއް ކުރަން ވެސް އެމީހެއްގެ ހިތްވަރާއި އަޒުމު ހުރިނަމަ ކޮންމެވެސް ދުވަހަކުން ކާމިޔާބުވާނެ އެވެ.