ލައިފްސްޓައިލް

ދަރިފުޅާއި މަންމަ ބައްދަލުވީ 50 އަހަރު ފަހުން

ޔޫކޭގައި ދައްކާ ޓީވީ ޕްރޮގްރާމް "ލޯންގް ލޮސްޓް ފެމެލީ"ގެ އެހީގައި އިނގިރޭސި ވިލާތުގެ އަންހެނަކަށް 50 އަހަރު ކުރިން ގެއްލުނު ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ބާމިންހަމްގައި ދިރިއުޅޭ ހެޒަލް ޗިކް މީގެ 52 އަހަރު ކުރިން މޮރޮކޯ ފިރިހެނަކާ ކައިވެނިކޮށްގެން ލިބުނު ދަރިފުޅަށް އެންމެ 18 މަހުގައި އެ ފިރިހެން މީހާ ވަނީ ހޭޒަލް އަށް އޮޅުވާލައިގެން ކުއްޖާ މޮރޮކޯއަށް ގެންގޮސް ފިރިހެން މީހާގެ އެއްބަނޑު އެއްބަފާ ދައްތައަކަށް ދީފަ އެވެ. އެ އަންހެން މީހާ އަކީ ދަރިން ލިބުމުން މަހްރޫމްވެފައިވާ އަންހެނަކަށް ވާތީ ކަމަށް ބުނެފަ އެވެ.

ތުރުތުރުލާ ބަލީގެ ޝިކާރައަކަށް ވެފައިވާ ހޭޒަލް ބުނި ގޮތުގައި 18 މަހުގައި ދަރިފުޅު ގެންދިއުމުން ދަރިފުޅުގެ ހަނދާނުގައި ރޮއިރޮއި އޭނާ ރޭގަނޑު ހަމަ ނިދި ނުނިދި އެތައް މަހެއް ފާއިތުވި ކަމަށެވެ.

ހޭޒަލްގެ ކުރީގެ ފިރިމީހާ ދަރިފުޅު ގޮވައިގެން މޮރޮކޯއަށް ފުރަމުން އޭނާ ކައިރީ ބުނީ އާއިލާގެ މީހުންނަށް ދައްކާލަން ގެންދަނީ ކަމަށާއި އަނބުރާ ގެނެސްދޭނެ ކަމަށެވެ.

ސަނާއީ ނަމަކަށް ކިޔާ މި ކުއްޖާ އުޅެ ބޮޑުވީ ބައްޕަ ފަރާތު ބޮޑުދައިތަ އާއި ބޮޑުބޭބެގެ ކައިރީގައި ނަމަވެސް އޭނާއަށް އެމީހުން ކަންތައް ކޮށްފައިވަނީ ވަރަށް ގޯސްކޮށެވެ. އޭނާ އުޅެބޮޑުވީ ވަރަށް ހާލުގަ އެވެ. އޭނާ ގެންގުޅެނީ އަސްލު މައިންބަފައިން ނޫންކަން ސަނާއީ އަށް އެނގުނީ އުމުރުން 30 އަހަރު ވީފަހުންނެވެ.

ސަނާއީގެ ތުއްތު ހަޔާތް ހޭދަކުރީ ވަރަށް ހިތާމައާއި ހިތްދަތިކަމުގަ އެވެ. އޭނާގެ 'މައިންބަފައިން' އޭނާއަށް އަނިޔާކުރެ އެވެ. ބުރަ މަސައްކަތް އޭނާ ލައްވާ ކޮންމެ ދުވަހަކު ކުރުވަ އެވެ.

އުމުރުން އެންމެ 11 އަހަރުގައި ސްކޫލުން ކަނޑާލައި ގޭގެ މަސައްކަތް ކުރުވަން ބެހެއްޓި އެވެ. އަދި 19 އަހަރުގައި އޭނާއަށް ވުރެ 20 އަހަރު ދޮށީ މީހަކާ ގަދަކަމުން ކައިވެނިކުރުވި އެވެ.

ސަނާއީގެ ފުރަތަމަ ފިރިމީހާ އަކީވެސް ވަރަށް އަނބިން ކޮންޓްރޯލްކުރާ ހަރުކަށި މީހެކެވެ. އެހެންވެ އެމީހާއާ އެކު ވެސް ސަނާއީ އުޅުނީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ.

ހިތްދަތިހާލުގައި އުޅެމުން ސަނާއީއަށް ހަތަރު ދަރިން ލިބުނު ފަހުން އާއިލާގެ ދުރުތާ ތިމާގެ މީހަކު އެއް ދުވަހަކު އޭނާ ކައިރީގައި އޭނާގެ މަންމަ ކަމަށް ހީކޮށްގެން އުޅެނީ އޭނާގެ އަސްލު މަންމަ ނޫން ކަމަށް ބުންޏެވެ.

އެހިސާބުން ސަނާއީ އޭނާގެ މަންމަ ހޯދަން ހަތަރު ދަރިން ގޮވައިގެން އިންގްލެންޑަށް ދިޔައީ އެވެ. ދަރިންގެ ބައްޕަ ކައިރިން ވަރިވެގެންނެވެ.

އިންގްލެންޑުގައި ސަނާއީ ދެވަނަ ކައިވެންޏެއްކޮށް އެ ކައިވެންޏަށް ވެސް ދަރިއަކު ލިބިފައި ވެއެވެ.

އިންގްލެންޑުގައި ވޭތުކުރި ދުވަސްތަކުގައި ސަނާއީ އޭނާގެ މަންމަ ހޯދަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް މަންމަ ހޯދޭނެ ގޮތެއް ނުވި އެވެ. "ލޯންގް ލޮސްޓް ފެމެލީ" ޕްރޮގްރާމަށް ގުޅައި އޭގައި ބައިވެރިވެގެން މަންމަ ފެނޭތޯ މަސައްކަތްކުރަން ސަނާއީ ނިންމީ އެހެން ގޮތެއް ނެތިގެންނެވެ.

މި ޕްރޮގްރާމްގެ އެހީގައި ސަނާއީއަށް އޭނާގެ މަންމައާ މިހާރު ވަނީ ބައްދަލުވެފަ އެވެ. މި ޖަޒުބާތުން ފުރިގެންވާ އަސަރުގަދަ ބައްދަލުވުން ދާދިފަހުން ދެއްކި މި ޝޯގެ އެޕިސޯޑެއްގައި ވަނީ ދައްކާފަ އެވެ.

މި ދެމައިން ބައްދަލުވީއިރު ސަނާއީ އިނގިރޭސި ވިލާތުގައި ހުރެގެން އޭނާގެ މަންމަ ހޯދަން މަސައްކަތް ކުރާތާ 20 އަހަރު ވެއްޖެ އެވެ. އެ ގައުމުގައި ހުންނަ މޮރޮކޯ އެމްބަސީންނާއި އެނޫންވެސް އިދާރާތަކުން އޭނާގެ މަންމައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ސަނާއީ ވަރަށް މަސައްކަތް ކޮށްފައިވެ އެވެ.

"މަރުވުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް މަންމައާ ބައްދަލުކުރާ ހިތްވި. މަންމަ ދެކިލާ މަންމަ ގައިގައި ބައްދާލާހިތްވި. އެ ނަސީބު އެންމެ ފަހުން މިވަނީ ލިބިފައި،" ސަނާއީ ބުންޏެވެ.

"ލޯންގް ލޮސްޓް ފެމެލީ"ގެ ޓީމަށް ހޭޒަލް ފެނުނީ ބާމިންހަމްގައި ދިރިއުޅެނިކޮށެވެ. އެމީހުން ހޭޒަލްއާ ބައްދަލުކޮށް ސަނާއީގެ ވާހަކަ ބުނުމުން ހޭޒަލްއަށް އުފަލުން ރޮވުނެވެ. އަދި ދަރިފުޅާ ވީހާވެސް އަވަހަށް ބައްދަލުކޮށްދޭން އެދުނެވެ.

މި ދެމައިންގެ ބައްދަލުވުން ދެއްކި އެޕިސޯޑު ވެގެން ދިޔައީ ވަރަށް ޖަޒުބާތާއި އަސަރުން ފުރިފައިވާ ބަލާހިތްވާ އެޕިސޯޑަކަށެވެ.