ލައިފްސްޓައިލް

ނުވަ ދަރިން ވިހޭ ހަލީމާއަށް ދަރިން ގޮވައިގެން ރަށަށް ދެވޭގޮތް ވެއްޖެ

ދިރިހުރި ނުވަ ކުދިން އެއްފަހަރާ ވިހައިގެން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައިވާ މާލީގެ އަންހެނެއް ކަމަށްވާ ހަލީމާ ސިއްސޭ އޭނާގެ ނުވަ ދަރިން ގޮވައިގެން އަމިއްލަ ރަށަށް ދާން ތައްޔާރުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ހަލީމާ އާއި އޭނާގެ ފިރިމީހާ އަބްދުލްގާދިރު އަރްބީ، 36، އަންގާރަ ދުވަހު ބުނި ގޮތުގައި ދަރިންތައް ގޮވައިގެން ރަށަށް ގޮސް އާއިލާގެ މީހުންނާ ބައްދަލުކުރެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ފުރަތަމަ އެމީހުން ދާނީ މާލީގެ ވެރިރަށް ބަމާކޯ އަށް ކަމަށާއި އަމިއްލަ ރަށް ޓިމްބަކްޓޫއަށް ދާނީ އޭގެ ފަހުން ކަމަށް ހަލީމާގެ ދެމަފިރިން ބުންޏެވެ.

ހަލީމާ ބަލިވެ އިނދެ ވިހަން ކައިރިވީއިރު މާބޮޑަށް ބަލިކަމުންނާއި އޭނާގެ ބަނޑުގައި އެހާ ގިނަ ކުދިން ތިބުމުން މާލީން އޭނާއަށް ރަނގަޅު ފަރުވާއެއް ދެވެން ނެތިގެން މާލީ ސަރުކާރުން ހަލީމާ ފޮނުވީ މޮރޮކޯގެ ވެރިރަށް ކަސަބްލަންކާ އަށެވެ.

މޭ 2021ގައި ހަލީމާ ވިހެއުމަށްފަހު ފާއިތުވީ 19 މަސް ދުވަސް އޭނާ ހޭދަކުރީ ކަސަބްލަންކާގަ އެވެ. ފާއިތުވީ 19 މަސް ދުވަހު ހަލީމާގެ ނުވަ ކުދިން ތިބީ ހޮސްޕިޓަލުގެ ނިއޯނެޓަލް އައިސީޔޫގަ އެވެ. އެ ކުދިން އުފަންވީއިރު އާދަޔާޚިލާފަށް ބަރުދަން ލުއިކަމުން ހޮސްޕިޓަލުން ދޫކޮށް ނުލެވިފަ އެވެ.

ހަލީމާ ބުނި ގޮތުގައި ކުދިން ހޮސްޕިޓަލުގައި ތިބިއިރު އޭނާގެ ލޮލުން ކަރުނަ ނުހިކެ އެވެ. ނަމަވެސް މިހާރު މުޅިން ރަނގަޅުވެގެން އަމިއްލަ ރަށަށް ދެވޭގޮތް ވުމުން ވަރަށް އުފާވެއްޖެ އެވެ.

މާލީ ސަރުކާރުން ހަލީމާ އާއި އޭނާގެ ދަރިންނަށް ވަރަށް ބޮޑަށް އެހީތެރިވަމުންދާ ކަމަށް ހަލީމާ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ޓިމްބަކްޓޫގައި ނުވަ ދަރިންނާއެކު އުފާވެރި ހަޔާތެއް ވޭތުކުރުމުގެ ނަސީބު ލިބޭނެ،" ހަލީމާ ބުންޏެވެ.

ހަލީމާ ކުދިން ގޮވައިގެން އަންނަންވާއިރަށް ޓިމްބަކްޓޫގައި ހުރި އޭނާގެ ގެ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައި ކަމަށް ހަލީމާ ބުންޏެވެ.

ކުދިންނާއެކު ހަލީމާއަށް ފަސޭހައިން ދިރިއުޅެވޭނެ ހުރިހާ އިންތިޒާމެއް އެ ގޭގައި ފުރިހަމަވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"ކަސަބަލަންކާގެ ކްލިނިކުން ކުދިންތައް ދޫކޮށްލި ދުވަހު އެތާގައި އެ ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ނަރުހުންނާއި ޑޮކްޓަރުން ވެސް ވަރަށް ޖަޒުބާތުގައި ޖެހުނު. ސަބަބަކީ އެމީހުން ދެކެނީ މި ކުދިންނާއި އެމީހުންނަކީ އެއް އާއިލާގެ ގޮތުގައި. ނަމަވެސް އަމިއްލަ ރަށަށް އެނބުރި ދިއުމަކީ އަބަދުވެސް އަހަރެން ބޭނުންވީ ގޮތް،" ހަލީމާ ބުންޏެވެ.

ހަލީމާ ވިހޭ ފަސް އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން މިހާރު ގިނިސް ވޯލްޑް ރެކޯޑްސްއަށް ވަނީ އަރާފަ އެވެ. އެއްފަހަރާ އެންމެ ގިނަ ކުދިން ވިހެއުމުގެ ރެކޯޑެވެ. މި ކުދިން ވިހެއުމުގެ ކުރިން ހަލީމާ އަންހެން ކުއްޖެއް ވިހާފައި ވެއެވެ. ސޮޑާ ނަމަކަށް ކިޔާ މި ކުއްޖާއަށް މިހާރު ހަތަރު އަހަރެވެ. އެހެންކަމުން ހަލީމާގެ އާއިލާގައި މިހާރު 10 ދަރިން އެބަތިއްބެވެ.

ސިޒޭރިއަން ހަދައިގެން އެއްމާބަނޑު ނުވަ ކުދިން ހަލީމާގެ ބަނޑުން ނެގުމުން އެއްފަހަރާ އެންމެ ގިނަ ދަރިން ވިހޭ މީހާގެ ރެކޯޑް އޭނާއަށް މުގުރާލެވުނުއިރު ކުރިން މި ރެކޯޑް އޮތީ ނާދިޔާ ސުލޭމާން ކިޔާ އެމެރިކާ މީހަކަށެވެ. ނާދިޔާ 2009ގައި ވިހާފައިވަނީ އެއްމާބަނޑު އަށް ކުދިންނެވެ.

ހަލީމާ ވިހޭ ނުވަ ކުދިން އުފަންވީއިރު ބައެއް ކުދިންގެ ބަރުދަނުގައި ހުރީ އެންމެ 500 ގްރާމެވެ. އެންމެ ބަރު ކުއްޖާގެ ގައިގައި ވެސް ހުރީ އެއް ކިލޯ އެވެ. އެހެންވެ ކުދިން ކްލިނިކުން ދޫކޮށްލެވޭ ވަރަށް ބަރުދަން އިތުރުވަންދެން އެތަނުގައި ބައިތިއްބާފައި އެމީހުން ކްލިނިކާއި ކައިރި އެޕާޓްމަންޓެއް ހޯދައި އެތަނުގައި ދިރިއުޅެމުން ދިޔައީ އެވެ.

ހަލީމާގެ ފިރިމީހާ އަބްދުލްގާދިރު އަކީ މާލީގެ އާމީ އޮފިސަރެކެވެ. އަބްދުލްގާދިރު ބުނި ގޮތުގައި އޭނާގެ އެއްމާބަނޑު ނުވަ ދަރިންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ވެސް މިޒާޖު ވަރަށް ތަފާތެވެ. ނުވަ ކުދިންގެ ތެރޭގައި އެއް މިޒާޖެއްގެ ދެ ކުއްޖަކު ނެތެވެ. ބައެއް ކުދިން ވަރަށް މަޑުމައިތިރި އިރު އަނެއްބައި ކުދިން ވަރަށް އަޑުގަދަ ކުރެ އެވެ. އަދި ގިނައިން ރޯ ކުދިން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

"ބައެއް ކުދިން ބޭނުންވަނީ އަބަދު އުރަން. ބައެއް ކުދިން މިހާރު ފިރުކޭ. އަނެއްބައި ކުދިން ތަންތަނުގައި ހިފައިގެން ކޮޅަށް ތެދުވޭ. އަދި އަނެއްބައި ކުދިން ތަންތަނުގައި ހިފަހައްޓައިގެން ހިނގާ،" ނުވަ ކުދިންގެ ބައްޕަ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އޭނާގެ ކުދިން އެމީހުންގެ އަމިއްލަ ގައުމު މާލީގައި ވަރަށް ބޮޑަށް މަޝްހޫރެވެ. އަދި ހަމަ ލޮލުން މި ކުދިން ދެކިލާހިތުން މާލީގެ ރައްޔިތުން ތިބީ ކެތްމަދުވެފަ އެވެ.

ނުވަ ކުދިން ނަގަން ސިޒޭރިއަން ހެދުމުގެ ތެރޭގައި ލޭ ހުސްވެގެން ކުދިންގެ މަންމަ ހަލީމާ މަރުނުވީ ހަމަ ކިރިޔާ އެވެ. ނަމަވެސް ހަލީމާގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް އޭނާ ބުންޏެވެ. އަދި ދުވާލަކު 100 ވަރަކަށް ޑައިޕާ ބަދަލުކުރަން ޖެހޭކަމަށް ހަލީމާ ބުންޏެވެ.

"ސިޒޭރިއަން ހަދައިގެން ފަހަރަކު ކުއްޖެއް ނަގަމުން ދިޔައިރު އެތައް ހާސް ޚިޔާލުތަކެއް އަހަރެންގެ ހިތަށް ވެރިވަމުން ދިޔަ. އެކުދިން ގެންގުޅޭނެ ގޮތަކާ މެދު ވަރަށް ވިސްނުނު،" ހަލީމާ ބުންޏެވެ.

އެންމެ ކުރިން މި ކުދިން ބެލުން ވެސް ހަލީމާއަށްވީ ބޮޑު ބުރައަކަށެވެ. އަދި ކުދިންނަށް ކިރު ނަގާ ނަގާ އޭނާގެ ކައިރިން ކިރު ހުސްވި އެވެ. އަދި ކޮންމެ ދުވަހަކު 30 މިނިޓަށް ކުދިންނަށް ޒިޔާރަތް ކުރުމުން ކުދިންނާ އެކަށީގެންވާ ގުޅުމެއް ގާއިމު ނުކުރެވޭނެ ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ.
އެންމެ ފަހުން މާލީ ސަރުކާރަށް މިކަން އެނގިގެން ހަލީމާ އާއި އޭނާގެ ނުވަ ކުދިން ކްލިނިކްގައި އަރާމުގައި ތިބެވޭނެ ގޮތް ހަދައިދިނީ އެވެ.

"އަހަރެން އުންމީދު ކުރަނީ އަހަރެމެންނަށް މިހާ ގިނަ ދަރިން ދެއްވި ގޮތަށް ދަރިން ލިބުމުން މަހްރޫމްވެފައިވާ ހުރިހާ މައިންބަފައިންނަށް މާތްﷲ ދަރިން ދެއްވުން. ދަރިންނަކީ ވަރަށް ލޯބި ބައެއް. އަދި އަގުހުރި ޚަޒާނާއެއް،" އަބްދުއްރައްޒާގު ބުންޏެވެ.