ލައިފްސްޓައިލް

އެއްފަހަރާ ނުވަ ދަރިން ލިބުނު ހަލީމާގެ ތަޖުރިބާ

އެއް ފަހަރާ ނުވަ ދަރިން ވިހައިގެން ދުނިޔޭގެ ރެކޯޑް ހޯދާފައިވާ ހަލީމާ ސިސޭގެ ދަރިން ބެލުމުގެ ތަޖުރިބާ އޭނާ ދާދި ފަހުން ބީބީސީއަށް ކިޔައިދީފައި ވެއެވެ. މޭ 4، 2021 ގައި ހަލީމާ ވިހާ ނުވަ ކުދިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިންނެވެ. ހަލީމާ އާއި އޭނާގެ ފިރިމީހާ މި ނުވަ ކުދިން ސިފަ ކުރަނީ "ﷲ ދެއްވި ހަދިޔާއެއް" ގެ ގޮތުގަ އެވެ.

ގިނިސް ވޯލްޑް ރެކޯޑްގައިވާ ގޮތުން ދިރިހުރި ނުވަ ދަރިން މިހާތަނަށް އެއްވެސް މީހަކު ވިހާފައި ކަމެއް އެނގޭކަށް ނެތެވެ. ވީމާ މި ރެކޯޑް މިހާރު އޮތީ ހަލީމާ އަށެވެ.

ހަލީމާއަކީ މާލީގެ ރައްޔިތެކެވެ. ނަމަވެސް ހަލީމާ ބަލިވެ އިނދެ ވިހެއުމުގައި ދިމާވި އެތައް މައްސަލައަކާ ހުރެ އޭނާއަށް މާލީން ފަރުވާ ދެވެން ނެތިގެން މޮރޮކޯ އަށް ފޮނުވީ އެވެ. އޭނާ އަށާއި އޭނާގެ ދަރިންނަށް ބޭނުންވާ ސްޕެޝަލިސްޓުންގެ ފަރުވާތައް ހޯދީ މޮރޮކޯއިންނެވެ. މާލީގެ ސަރުކާރުން ހަލީމާގެ ވިހެއުމުގެ ހުރިހާ ޚަރަދެއް އުފުލި އެވެ.

ހަލީމާ ވިހެއުމުގެ ކުރިން ހެދި ސްކޭންތަކުން ޑޮކްޓަރުންނަށް ފެނުނީ ހަތް ކުއްޖެކެވެ. ނަމަވެސް ސިޒޭރިއަން ހަދައިގެން ނެގިއިރު ނުވަ ކުދިން އޭނާގެ ބަނޑުގައި އޮތްކަން ޔަގީން ކުރެވުނެވެ. ހަލީމާގެ ނުވަ ދަރިންގެ ތެރެއިން އުފަންވީއިރު ބައެއް ކުދިންގެ ބަރުދަނުގައި ހުރީ އެންމެ 500 ގްރާމެވެ. އެއް ކިލޯއަށް ވަރު ބަރު އެއްވެސް ކުއްޖެއް ނެތެވެ.

ބީބީސީ އާ ވާހަކަ ދައްކަމުން ހަލީމާ ބުނީ އޭނާގެ ނުވަ ދަރިން އެއް ގަޑިއެއްގައި ނުނިދާ ކަމަށެވެ. އެއްބައި ކުދިން ތަންކޮޅެއް ލަހުން ނިދާތީ އެހާއިރު ވާއިރު އަނެއްބައި ކުދިން ހޭލާ ކަމަށެވެ.

ހުރިހާ ކުދިންނަށް ގާތުން ކިރުދިނުމަކީ ވެސް ފަސޭހަކަމެއް ނޫންކަމަށް ހަލީމާ ބުންޏެވެ. ހޮސްޕިޓަލުގައި ކުދިން ތިބިއިރު ބްރެސްޓް ޕަމްޕަކުން ނަގައިގެން ހުރިހާ ކުދިންނަށް ދިން ކަމަށް އޭނާ ބުންޏެވެ.

މި ނުވަ ކުދިންނަށް ދުވާލަކަށް އެވްރެޖްކޮށް 45 ނެޕީ ބޭނުންވެ އެވެ. އަދި 15 ކިލޯގްރާމްގެ ކިރު މި ކުދިން ދުވާލަކު ބޮއެވެ.

މި ކުދިންގެ ބައްޕަ އަބްދުލްގާދިރު އަރްބީ، ބީބީސީ އަށް ކިޔައިދިން ގޮތުގައި އެމީހުން ވަރަށް ރާވާލައިގެން ކަންކަން ކުރަން މަސައްކަތް ކުރެ އެވެ. ހެނދުނު 10.00 އިން ފެށިގެން ހުރިހާ ކުދިން ތިބޭނީ ސިޓިން ރޫމްގައި ޓީވީ ކައިރީގައި ކަމަށް އޭނާ ބުންޏެވެ.

"އެ ހުރިހާ ކުދިން ވެސް ވަރަށް ކާޓޫނު ބަލާހިތްވޭ. އެހެންވެ އެ ގަޑީގައި ވަރަށް މައިތިރިކޮށް ތިބޭނެ،" ނުވަ ކުދިންގެ ބައްޕަ ބުންޏެވެ.

ހަލީމާ ބުނި ގޮތުގައި ނުވަ ކުދިން އެއްފަހަރާ ލިބުމުން މި ކުދިން ބަލާނެ ގޮތަކާ މެދު ވިސްނާ ވިސްނާ އޭނާ ވަރަށް ކަންބޮޑުވި އެވެ. ނަމަވެސް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން އެ ކުދިން ބެލުމަށް މަގު ފަހިވަމުންދާ ކަން އޭނާ ފާހަގަ ކުރި އެވެ.

އަބްދުލްގާދިރު ބުނީ ބޮޑު އާއިލާއެއް އެއްފަހަރާ ލިބުމަކީ ހަޔާތުގައި ދިމާވި އެންމެ ރަނގަޅު ކަންތައް ކަމަށެވެ. އެކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފިރިހެން ހަތަރު ދަރިންގެ ތެރޭގައި ހިމެނޭނީ އުމަރު، އެލްހަދްޖީ، ބާހް އަދި މުހައްމަދު އެވެ. އަންހެން ކުދިންގެ ތެރޭގައި ހިމެނެނީ އަޑަމާ، އޯމޫ، ހައްވާ، ކަޑީޑާ، ފާތުމާ އެވެ. އެ ދެމަފިރިންގެ ތިން އަހަރުގެ އަންހެންކުއްޖެއް ކުރިން ހުއްޓެވެ. މި ކުއްޖާއަށް ކިޔަނީ ސޫދާ އެވެ.

ނުވަ ދަރިންގެ ފަޚުރުވެރި މަންމަ ބުނި ގޮތުގައި ކުދިން ދުވަސް ނުފުރާ ވިހާފައިވާތީ ކުދިކަމުން ފުރަތަމަކޮޅު ގެންގުޅެން ވަރަށް އުނދަގޫވި އެވެ. ނަމަވެސް މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ ގެންގުޅޭކަށް އުނދަގުލެއް ނެތް ކަމަށެވެ.