ލައިފްސްޓައިލް

އުރުދުންގެ ވަލީއަޙުދު ހުސެއިން ސައޫދީ ކަނބަލަކާ ކައިވެނި ބައްލަވައިގެންފި

އުރުދުންގެ ވަލީ އަހުދު ޕްރިންސް ހުސައިން ބިން އަބްދުﷲ އާއި ސައޫދީ އަރަބިޔާގެ ރަޖްވާ އަލްސައިފް ކައިވެނި ބައްލަވައިގެންފި އެވެ. މި ކައިވެނީގެ ރަސްމިއްޔާތު އޮތީ އުރުދުންގެ ވެރިރަށް އައްމާރްގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޝާހީ އާއިލާތަކުގެ ބޭފުޅުންގެ އިތުރުން ގިނަ ގައުމުތަކެއްގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަތެވެ. އެގޮތުން އިނގިރޭސިވިލާތުގެ ވަލީ އަހުދު ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް އަދި އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑެން ބައިވެރިވެ ވަޑައިގަތެވެ.

މި ކައިވެންޏާ ގުޅިގެން އުރުދުންއަށް އިއްޔެ އަކީ ރަސްމީ ބަންދު ދުވަހެކެވެ. އަދި އެ ގައުމުގެ އެކި ހިސާބުތަކުގައި ކޮންސެޓްތައް ބާއްވައި މި ކައިވެނީގެ އުފާ ގެންދަނީ ފާހަގަކުރަމުންނެވެ.

އެމެރިކާގެ ޖޯޖްޓައުން ޔުނިވަސިޓީން ކިޔަވާ ވިދާޅުވެފައިވާ އުމުރުން 28 އަހަރުގެ ވަލީ އަހުދު ހުސައިން އަކީ އުރުދުންގެ އާމީ ކެޕްޓަން އެކެވެ.

ހުސައިންގެ ބައްޕާފުޅު ކިންގް އަބްދުﷲ ދެވަނަ އާއި މަންމާފުޅު ކުއީން ރާނިއާ ކައިވެނި ބައްލަވައިގަތީ މީގެ 30 ވަރަކަށް އަހަރު ކުރިން ވަލީއަހުދު އިއްޔެ ކައިވެނި ބައްލަވައިގެން ގަނޑުވަރުގަ އެވެ.

ސައޫދީ އަރަބިޔާގެ ރަޖުވާ އަލްސައިފް އަކީ 29 އަހަރުގެ ޒުވާނެކެވެ. އަދި ސައޫދީ ރަސްގެފާނު ސަލްމާނުގެ މަންމާފުޅުގެ އާއިލާގެ މެންބަރެކެވެ. ރަޖުވާގެ ބައްޕައަކީ ސައޫދީގައި ކޮންސްޓްރަކްޝަން ކުންފުނިތައް ހިންގާ ބިލިއަނަރެކެވެ.

ކައިވެންޏަށްފަހު އުރުދުންގެ ޝާހީ އާއިލާއިން ރަޖްވާއަށް ޚާއްސަކޮށް ލަގަބެއްދީ އެކަމަނާގެ ނަންފުޅު ވަނީ ބަދަލުކޮށްފަ އެވެ. މިހާރު އެކަމަނާއާ މުޚާތަބު ކުރަނީ ހާ ރޯޔަލް ހައިނަސް ޕްރިންސަސް ރަޖްވާ އަލް-ހުސެއިންގެ ނަމުންނެވެ.