މިހާރު ރިޓަޔަ ވެފައިވާ ސައޫދީ އަރަބިޔާގެ އަންހެން ޓީޗަރަކު އޭނާގެ ފިރިމީހާގެ ކިބައިން ވަރަށް ތަފާތު ކަމަކަށް އެދެފި އެވެ. ސައޫދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި އަންހެންމީހާ އޭނާގެ ފިރިމީހާގެ ކިބައިން އެދުނީ ޒުވާން އަންހެނަކު ހޯދައި ދެ އަންބަށް ކައިވެނި ކުރުމަށެވެ.
ދެ ވަނަ ކައިވެންޏަކަށް ފިރިމީހާ އެއްބަސްކުރުވަން ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ އަންހެނުން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ފިރިހެންމީހާއަށް ދީފަ އެވެ. އެއީ ދެ އަންބަށް ކައިވެނިކުރާ މީހާއަށް ރަނުގެ ގޮތުގައި ދިނުމަށެވެ.
އަންހެން ޓީޗަރު މިގޮތަށް ނިންމީ އޭނާއަށް އިތުރަށް ދަރިން ހޯދުމުގެ ގާބިލްކަން ނެތްކަން ޔަގީންވުމުންނެވެ.
ނަމަވެސް ޓީޗަރުގެ ފިރިމީހާ އޭނާގެ މި އެދުމަށް އިންކާރު ކޮށްފައިވާ ކަމަށާއި ދެ މީހުން އެކުގައި ކައިވެނި ކޮށްގެން ހޭދަކުރި އުފާވެރި 35 އަހަރުގެ ހައްގުގައި އިތުރު އަންބަށް ހޯދަން ބޭނުން ނުވާ ކަމަށް ފިރިހެންމީހާ ބުނި ކަމަށް ވެއެވެ. އަދި އޭނާގެ އެ ގުރުބާނީގެ އަގު ވަޒަން ކުރުމުގެ ގޮތުން އަނބިމީހާ ދިން ފައިސާއިން ދެ މީހުން އެކުގައި ދުނިޔެ ބަލާލަން ދަތުރެއް ކުރަން ފިރިހެންމީހާ ރާވާފައިވާ ކަމަށް ވެސް ސައޫދީ ނޫސްތަކުން ބުނެފައި ވެއެވެ.