ބައެއް އާއިލާތަކަށް ދަރިން ހޯދުމަކީ އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. އެމީހުންނަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން ދަރިން ލިބޭތީ އިތުރު ގޮތްތައް ހޯދަން ވެސް ބައެއް ފަހަރަށް ޖެހެ އެވެ. އަނެއްކޮޅުން ދަރިން ނުލިބިގެން އެކަމާ ރޮއި ހިތާމަކޮށް ބޭސް ކުރުމަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދުކުރާ މީހުން ވެސް މިޒަމާނުގައި ވަރަށް ގިނަ އެވެ. އަދި މިވަރުން ވެސް އެމީހުންގެ އުންމީދުތައް ވިއްސިވިހާލިވެފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮކްލަހޯމާގެ ޓުލްސާގައި ދިރިއުޅޭ ސާރާ އާއި އެންޑީ ޖަސްޓިސް އަކީ ވެސް ދަރިއަކު ނުލިބިގެން ވަރަށް ގިނަ ބޭސް ފަރުވާ ކުރަމުންދިޔަ ދެމަފިރިންނެވެ.
ދަރިއަކު ލިބޭތޯ އެމީހުންގެ ބާރުގައިވާ ހުރިހާ ކަމެއް އެމީހުން ކުރި އެވެ. ގިނަ އަހަރުތަކެއް ދަރިން ނުލިބި ދިއުމުން ތިން އަހަރު ވަންދެން އެކި ޑޮކްޓަރީ ފަރުވާތައް ހޯދައިގެން ދަރިއަކު ލިބޭތޯ އެމީހުން މަސައްކަތް ކުރި އެވެ. ނަމަވެސް އެއްވެސް ކަމެއް ކާމިޔާބުނުވުމުން މުޅިން މާޔޫސްވެ، ތަގުދީރުގައި އެމީހުންނަށް ދަރިއަކު ލިބެން ނެތީ ކަމަށް އެމީހުން ނިންމައި ކުއްޖަކު އެޑޮޕްޓްކުރަން ގަސްދު ކުރި އެވެ.
އެމީހުންނަށް ކުއްޖަކު އެޑޮޕްޓްކުރަން އެއްބަސްވި މާބަނޑު މީހަކު ގޮވައިގެން ފުރަތަމަ މަހުން ފެށިގެން ވެސް އެމީހުން ޑޮކްޓަރަށް ދައްކަން ވެސް ދާން ފެށީ އެވެ. އަދި އެމީހާގެ ބަނޑުގެ ފުރަތަމަ ސްކޭން ހެދިއިރުވެސް ސާރާ އާއި އެންޑީ ކައިރީގައި ތިއްބެވެ. އެގޮތުން ފުރަތަމަ ހެދި ސްކޭން ފެނިފައިވެސް ދެމަފިރިންނަށް ބޮޑު ޝޮކެއް ލިބުނެވެ. އެ އަންހެން މީހާގެ ބަނޑުގައި އެއްމާބަނޑު ތިން ކުދިން ތިބިކަން އެނގުނީމަ އެވެ.
އެއްވެސް މައްސަލައެއް ދިމާނުވެ ދުވަސް ފުރާ މި ތިންބެއިން އުފަންވި އެވެ. ޖޮއެލް އާއި ހަނާ އަދި އެލިޒަބަތު އެވެ. ސާރާ އާއި އެންޑީގެ ހުވަފެންތައް ހަގީގަތަކަށްވެ އެމީހުންގެ އާއިލާ ފުރިހަމަވީ އެވެ.
ނަމަވެސް މި މީހުންގެ ހަޔާތުގެ ވާހަކައިގައި މިހާ ހިސާބުން އަތުވެދާނެ ޓުވިސްޓަކަށް ދެމަފިރިން ނުވިސްނަ އެވެ.
އެމީހުން އެޑޮޕްޓްކުރި އެއްމާބަނޑު ތިން ބެއިން ގޮވައިގެން ގެޔަށް އައިތާ ހަފުތާއެއްހާ ދުވަސް ފަހުން ކުއްލިއަކަށް ސާރާ ބަލިވި އެވެ. އަދި ޑޮކްޓަރަށް ދެއްކި އެވެ.
ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރު ބުނި ވާހަކައިން ސާރާ އަށް ލިބުނީ ބޮޑު ޝޮކެކެވެ. އޭނާ ބަނޑުބޮޑުކަން އެނގުމުންނެވެ. މިއީ ސާރާ އާއި ފިރިމީހާ އެންޑީ އަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒް އެކެވެ. އަދި އެހާމެ ބޮޑު އުފަލެކެވެ.
އެވަރަކުން ވެސް ނުނިމެ އެވެ. ސާރާގެ ބަނޑަށް ދެ މަސް ފުރުމުން އޭނާ ހެދި ފުރަތަމަ ސްކޭން ބަލާފައި އަދި އެއަށް ވުރެ ބޮޑު ހައިރާންކަމެއް އޭނާއަށް ލިބުނެވެ. އޭނާގެ ބަނޑުގައި އޮތީ އެއްމާބަނޑު ދެ ކުދިންކަން އެނގުނީމަ އެވެ.
ސާރާ ވަގުތުން އެންޑީއަށް ގުޅައި އެއް ކުއްޖަކީ ފިރިހެން ކުއްޖެއް ކަމަށް ބުނުމާއެކު އެންޑީ އަށް ބޭއިޚްތިޔާރުގައި "އެއް ކުއްޖަކީ އޭ" ކިޔާފައި ހަޅޭއްލަވައި ގަނެވުނެވެ.
އެއްމާބަނޑު ދެބެންނަށް ބަލިވެ އިނދެ ވިހެއުމުގައި ސާރާއަށް މާގިނަ އުނދަގޫތަކެއް ކުރިމައްޗެއް ނުވެ އެވެ.
އެންމެ ކުއްޖެއް ބެލުމަކީ ވެސް ވަރަށް ބުރަ ކަމަކަށް ވާއިރު އެއް އަހަރުން ދަށުގެ ފަސް ކުދިން ގޮވައިގެން ދެމަފިރިންނަށް އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ނަމަވެސް ދެމަފިރިންގެ އެއްވެސް ޝަކުވާ އެއް ނެތެވެ.
މިހާރު އޭގެ ފަހުން ފަސް ވަރަކަށް އަހަރު ފާއިތުވެފައިވާއިރު ދެމަފިރިންގެ ދިރިއުޅުން ވަރަށް އުފާވެރި އެވެ. ދެ މީހުންގެ ފޭސްބުކް ޕޭޖްގައިވާ އެމީހުންގެ ކުދިންނާއެކު ނަގާފައިވާ ފޮޓޯތަކުން މިކަން ވަރަށް ރަނގަޅަށް ދޭހަވެ އެވެ.