ލައިފްސްޓައިލް

12 ދަރިންގެ މަންމަ ބުނަނީ ފިރިމީހާ އިތުރު ދަރިން ބޭނުންވެއޭ

ބޮޑު އާއިލާއެއް ބެލެހެއްޓުމަކީ ވަރަށް ބުރަ ކަމެކެވެ. ޚާއްސަކޮށް ކުޑަ ކުޑަ ކުދިންތަކެއް ގެންގުޅެން މަޔަކު އެކަނި ގެންގުޅުމަކީ އިންތިހާއަށް ބުރަ ކަމެކެވެ. އެއާއެކު މާ ކައިރި ކައިރީގައި ބަލިވެ އިންނަ އަންހެނެއްގެ ހަށިގަނޑުގައި ފަހަރަކަށް ވުރެ ފަހަރަކު ހަކަތަ މަދުވަމުންދާ ކަމީ ވެސް ހަގީގަތެކެވެ.

އެމެރިކާގެ އާކާންސާ ސިޓީގެ އާކާންސާގައި ދިރިއުޅޭ 12 ދަރިންގެ މަންމަގެ ހާލަކީ ވެސް މިއެވެ. އޭނާގެ ކައިވެންޏަށް 17 އަހަރު ފުރުނުއިރު 12 ކުދިން ލިބިފައި ވެއެވެ.

އުމުރުން 33 އަހަރުގެ ބްރިޓްނީ ޗާޗް ކައިވެނި ކުރި ފަހުން ބަލިވެ ނީނދެ ފާއިތުވީ އެންމެ ތިން އަހަރެވެ. އެހެން ހުރިހާ އަހަރެއްގައި އޭނާ ހުންނަނީ ބަނޑުބޮޑުވެފަ އެވެ. ބްރިޓްނީ އަށް ފުރަތަމަ ދަރިފުޅު ލިބުނީ 2004 ގަ އެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ. އުމުރުން 17 އަހަރާއި 19 އަހަރާ ދެމެދުގައި އިތުރު ތިން ދަރިން ލިބުނެވެ. އަދި 20 އަހަރުގައި އިތުރު ދަރިއަކު ލިބުނެވެ. އެގޮތަށް ވިހަމުން ގޮސް މިހާރު 12 ކުދިން ވިހައިފި އެވެ. އޭނާ ބަލިވެ ނީނދެ ދިޔައީ ހަމައެކަނި 2013 އާއި 2017 އަދި 2022 އެވެ.

"އަހަންނަށް ހީވަނީ ދެން އަހަންނަށް ވާވަރު ވެއްޖެހެން،" ހެމުން ހެމުން ބްރިޓްނީ ބުންޏެވެ. ނަމަވެސް އޭނާގެ މިހާރުގެ ފިރިމީހާ ކްރިސް، 30، އަދިވެސް ދަރިން ބޭނުން ކަމަށް ބްރިޓްނީ ބުންޏެވެ. ސަބަބަކީ ބްރިޓްނީގެ ފުރަތަމަ ހަ ދަރިންނަކީ އެހެން ބައްޕައެއްގެ ކުދިންނަށް ވެފައި ކްރިސްގެ ތިބީ ހަ ކުދިންނަށް ވީމަ އެވެ.

"ގޭތެރޭގައި އަޑުމަޑުވާއިރެއް ނާދޭ. އަބަދުވެސް ކޮންމެވެސް ކުއްޖަކު ހަޅޭއްލަވާ. ނަމަވެސް އެއީ ހަމަ އާދައިގެ ކަމެއް. އަހަރެން މިހާރު މި ހިރީ އެ އަޑުތަކަށް ހޭނިފައި،" ބްރިޓްނީ ބުންޏެވެ.

ނަމަވެސް މިހާ ބޮޑު އާއިލާއެއްގައި ދޮވެ އިސްތިރި ކުރުމުގެ މަސައްކަތާއި ގޭތެރެ ސާފުކުރުމުގެ މަސައްކަތަކީ ވެސް ކުޑަ ކަމަކަށް ނުވާނެކަން ޔަގީނެވެ. ބްރިޓްނީ އަށް ވެސް އެންމެ ބުރައީ މި މަސައްކަތްތައް ކަމަށް އޭނާ ބުންޏެވެ.

ބްރިޓްނީ ވަނީ އިންސްޓަގްރާމް ޕޭޖެއް ހުޅުވައި އޭނާގެ ބޮޑު އާއިލާގެ ވާޙަކަތަކާއި ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާ ކުރަން ފަށާފަ އެވެ. މިހާރު އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިލިއަނަށް ވުރެ މައްޗަށް ވަނީ ގޮއްސަ އެވެ.

ގިނަ ބަޔަކު ބްރިޓްނީ އަށް ތައުރީފުކުރިޔަސް މަލާމާތް ކުރާ މީހުން ވެސް މަދުން ނަމަވެސް އުޅެ އެވެ. ނަމަވެސް ބްރިޓްނީ އާއި ކްރިސް އަށް މަލާމާތްކުރާ މީހުން ދައްކާ ވާހަކައަކުން އަސަރެއް ނުކުރެ އެވެ. ސަބަބަކީ 12 ދަރިންނާއެކު އެމީހުން އުޅެނި އުފާވެރި ދިރިއުޅުމަކަށް ވާތީ އެވެ. އެހެން ބަޔަކު ކިޔާ އެއްޗަކަށް އެމީހުން އަޅާލާކަށް ބޭނުމެއް ނޫނެވެ.