ލައިފްސްޓައިލް

ދަރިއަކު ބޭނުން ނުވާ މީހަކަށް ދަރިއަކު ލިބުމުން އަންހެނުން ވަރިކޮށްފި

ބައެއް މީހުން ކައިވެނި ކުރިޔަސް ދަރިއަކު ހޯދާކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ އެމީހުން އުޅެނީ ދަރިއަކު ނުލިބޭނެކަން ޔަގީންކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ. ދަރިން ބޭނުން ނުވާ މީހުން ދޭތެރެ ދުރުކުރާ ބޭހާއި އެކަމަށް ހާއްސަކޮށް ހުންނަ އެކި ކަހަލަ ވަސީލަތްތައް ބޭނުންކުރެ އެވެ.

ދަރިން އެއްގޮތަކަށް ވެސް ބޭނުން ނުވާތީ ސާޖަރީ ހަދައިގެން ދަރިން ނުލިބޭ ގޮތް ހަދާ ފިރިހެނުންނާއި އަންހެނުން ވެސް މަދުން ނަމަވެސް ތިބެ އެވެ. ނަމަވެސް ކޮންމެ ކަމެއް ކުރިޔަސް ތަގްދީރުގައި އެމީހަކަށް ދަރިއަކު ލިބެން ހުރިނަމަ އެ ދަރިއަކު ލިބެ އެވެ. މާނައަކީ ސާޖަރީ ހަދާފައި ތިބޭ މީހުންގެ ތެރެއިން ވެސް މަދު ޕަސެންޓެއްގެ މީހުންނަށް ދަރިން ލިބެ އެވެ. މިހާރު އިންޓަނެޓުގައި ވައިރަލް ވެގެން އުޅޭ މި ޚަބަރުގައި ބުނާ ދެމަފިރިންނަށް ވެސް ދިމާވީ ހަމަ މިފަދަ ގޮތެކެވެ.

އެ ދެމަފިރިންގެ ތެރެއިން ފިރިހެންމީހާ އަކީ އެއްގޮތަކަށް ވެސް ދަރިން ބޭނުންވާ މީހެއް ނޫނެވެ. އެހެންވެ ދަރިން ނުލިބޭ އޮޕަރޭޝަން ވެސް އެމީހާ ހުރީ ކޮށްފަ އެވެ. އަދި އެނޫންވެސް ދަރިން ނުލިބޭނެ ހުރިހާ ވަސީލަތެއްގެ ބޭނުން އެމީހާ ހިފަ އެވެ. މި ހުރިހާ ކަމެއް ކޮށްފައި ހުއްޓާ ވެސް އޭނާގެ އަންހެނުން ބަލިވެ އިނުމުން އައި ރުޅިން ފިރިހެންމީހާ މިހާރުވަނީ އަންހެނުން ވަރިކުރަން ކޯޓަށް ގޮއްސަ އެވެ.

ފިރިހެންމީހާ ބުނި ގޮތުގައި ވެސެކްޓަމީ (ދަރިން ނުލިބޭ ގޮތް ހެދުމަށް ހަދާ ސާޖަރީ) ހަދާފައި ހުއްޓާވެސް އޭނާގެ އަންހެނުން ބަލިވެ އިނދެއްޖެ ކަމަށެވެ. އަދި އޭނާ އެއްގޮތަކަށް ވެސް ދަރިން ބޭނުންނުވާކަން އެނގޭއިރުވެސް އޭނާގެ އަންހެނުން އެ ކުއްޖާ ވިހަން ބޭނުންވި އެވެ. އެހެންވެ އޭނާގެ އަންހެނުން ވަރިކުރަން އޭނާ ނިންމީ އެވެ.

"މީގެ ތިން އަހަރު ކުރިން އަހަރެން ވަނީ ދަރިން ނުލިބޭ ގޮތް ހަދާފައި. ސާޖަރީ ހަދާފައި ހުއްޓަސް އަންހެނުން ބަލިވެ އިނދެއްޖެ. އަދި އަންހެނުން ބޭނުންވަނީ އެ ކުއްޖާ ވިހަން. އަހަރެން އެއްގޮތަކަށް ވެސް ދަރިން ބޭނުމެއް ނޫން. އަދި ކުޑަކުދިން ދެކެ ލޯތްބެއް ނުވޭ. އަހަރެމެން ދެ މީހުން ކައިވެނި ކުރިއިރު ވެސް އަހަރެން ވަރަށް ސާފުކޮށް ބުނިން އަހަރެން ދުވަހަކުވެސް ދަރިއަކު ބޭނުމެއް ނުވެޔޭ. އަންހެނުން ވެސް ބުނި އޭނާ ވެސް ކުދިން ހޯދާކަށް ބޭނުމެއް ނޫނޭ. ބަލިވެ އިނަސް އެ ކުއްޖާ އެބޯޓްކުރާނަމޭ،" ސޯޝަލް މީޑީއާގައި ފިރިހެންމީހާ ޝެއާ ކުރި ޕޯސްޓެއްގައި ވެއެވެ.

ފިރިހެންމީހާ ބުނި ގޮތުގައި ދަރިން ނުލިބޭ ސާޖަރީ ހެދުމަށްފަހު ވެސް އޭނާ އިތުރަށް ވެސް ދަރިން ނުލިބޭނެ ގޮތްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި އެވެ. އެހާ ރައްކާތެރިވެގެން އުޅެނިކޮށް ވެސް އަންހެނުން ބަލިވެ އިނުމުން އޭނާއަށް އަންހެނުންނާ ދޭތެރޭ ޝައްކުވި އެވެ. އަންހެނުން އޭނާއަށް ބޭވަފާތެރިވީ ކަމަށް ގަބޫލު ކުރެވުނެވެ.

ފިރިހެންމީހާ ބުނި ގޮތުގައި އޭނާއަށް ދަރިއަކު ނުލިބޭނެކަން ޔަގީނާ ގާތަށް ގަބޫލު ކުރެވޭތީ ދެ ފަހަރެއްގެ މަތިން ޕެޓާނިޓީ ޓެސްޓްވެސް ހެއްދި އެވެ. ފުރަތަމަ ހެދީ ކުއްޖާ ބަނޑުގައި އޮއްވަ އެވެ. އަދި ވިހޭ ފަހުން ދެ ވަނަ ފަހަރަށް ޓެސްޓް ހެދުމުން ވެސް ޓެސްޓުގެ ނަތީޖާ ދެއްކީ އެއީ އޭނާގެ އަމިއްލަ ދަރިއެއް ކަމަށެވެ.

އަންހެނުން އޭނާއަށް ވަފާތެރިކަމާއި އޭނާ ވިހޭ ކުއްޖާ އަކީ އަމިއްލަ ދަރިއެއްކަން ޔަގީންވިޔަސް ފިރިހެންމީހާ މިހާރު ވަނީ އަންހެނުން ވަރިކޮށްފަ އެވެ. ދެ މީހުން އެއްބަސްވީ ގޮތާ ހިލާފު ވީކަމަށް ބުނެފަ އެވެ.

"އެންމެ ކުރިން ވެސް އަހަރެން ބުނިން ދަރިން ބޭނުމެއް ނޫނޭ. އަނެއްކާ ބަލިވެ އިނީމަ ބުނިން އެބޯޓްކުރަން. އެކަމަކު އެބޯޓްކުރާކަށް ވެސް ވިހާފަ އެޑޮޕްޝަނަށް ދޭކަށް ވެސް އަންހެނުން އެއްބަހެއް ނުވި. އެންމެ ފަހު ވަގުތު އޭނާ ހިޔާލު ބަދަލުވެ ދަރިފުޅު ދޫކޮށްލަން ބޭނުމެއް ނުވި. އެހެންވެ ވަރިކުރީ،" ފިރިހެންމީހާ ބުންޏެވެ.

މި ޚަބަރަށް ކޮމެންޓުކުރި އެއްބަޔަކު ފިރިހެންމީހާގެ ނިންމުމަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާއިރު އަނެއް ބަޔަކަށް ރަނގަޅުވީ އަންހެންމީހާ އެވެ.

ފިރިހެންމީހާއަށް ތާއީދުކުރާ މީހުން ބުނަނީ އޭނާ އެންމެ ކުރިއްސުރެ އޭނާ ބޭނުންވާ ގޮތް ބުނެ އެގޮތަށް ދެ މީހުން އެއްބަސްވެފައިވާތީ އޭނާގެ ނިންމުމާ މެދު ޝަކުވާ ކުރާނެ ޖާގަ ނެތް ކަމަށެވެ.

އަންހެންމީހާއަށް ތާއީދުކުރާ މީހުން ބުނަނީ އެމީހުން ދަރިން ނުލިބޭނެ ގޮތް ހަދަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން އުޅެނިކޮށް ދަރިއަކު ލިބުމަކީ އަންހެންމީހާގެ ކުށެއް ނޫންކަމަށާއި މިފަދަ ހާލެއްގައި ދަރިއަކު ލިބުމުން މަންމައަކަށް އެ ދަރިފުޅާ ވަކިވާން އުނދަގޫވުމަކީ ގަބޫލުކުރެވޭ ކަމެއް ކަމަށެވެ.

ފިރިހެންމީހާ ލިޔެފައިވާ ގޮތުގައި އޭނާގެ އަންހެނުން ވިހޭތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ. ފުރަތަމަކޮޅު އެ ދަރިފުޅާ އޮތް ގުޅުން ރަނގަޅު ކުރެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކުޑަ ކުދިން ދެކެ ވާ ފޫއްސަކުން އެކަން ވާގޮތެއް ނުވެގެން މިހާރު އެހެން ގެއަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށެވެ.