ލައިފްސްޓައިލް

ޕޯސްޓްމޯޓަމް ހަދަން އުޅުނު ކުއްޖެއް މަރުނުވާކަމަށް ނިންމައިފި

އާއިލާގެ މެމްބަރަކު ނުވަތަ ގާތް މީހަކު މަރުވުމުން އެ ލިބޭ ހިތާމަ ކޮންމެ މީހަކަށް ވެސް ހުންނާނީ އިހްސާސް ކުރެވިފަ އެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ކުއްލިއަކަށް މަރުވިކަމަށް ގަބޫލުކުރެވިފައިވާ މީހާ މަރު ނުވާކަން އެނގިއްޖެނަމަ އެ ކުރެވޭނެ އިހްސާސްތަކަކީ ވެސް ބަޔާންކުރަން ދަތި އިހްސާސް ތަކަކަށް ވާނެ އެވެ.

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ މިރްޒާޕޫރުގައި އިއްޔެ ހިނގާފައިވަނީ މިފަދަ ހާދިސާ އެކެވެ. މަރުވިކަމަށް ނިންމައި ޕޯސްޓްމޯޓަމް ހަދަން ގެންދަން އުޅުނު ކުއްޖެއް މަރުނުވާ ކަން އެނގުމުން އޭނާ މަރުވުމުން ހިތާމަކުރަމުންދިޔަ މީހުންނަށް ކުރެވުނު އާދަޔާޚިލާފު ތަޖުރިބާ އެވެ. މި ކުއްޖާ ސަލާމަތްވީ "މުއުޖިޒާތެއް" ފަދަ ގޮތަކަށް ކަމަށް އޭނާގެ އާއިލާއިން ދެކެ އެވެ.

މި އަންހެން ކުއްޖާ އަކީ ކޯރަކަށް ވެއްޓި ގެނބުނު ކުއްޖެކެވެ. ކުއްޖާގެ މަންމަ ބުނާ ގޮތުގައި އެ ކުއްޖާއަކީ ނަފްސާނީ މައްސަލަތަކަކަށް ޑޮކްޓަރީ ފަރުވާ ހޯދަމުންދާ ކުއްޖެކެވެ.

ކުއްޖާ ކޯރަށް ފުންމާލީ ކަމަށް ލަފާ ކުރެވެ އެވެ. މި ކުއްޖާ ގެނބިފައި އޮއްވާ ކޯރުން ނެގުމަށްފަހު ފުލުހުން ބޭނުންވީ ޕޯސްޓްމޯޓަމް ހަދަން ގެންދާށެވެ. ނަމަވެސް ކުއްޖާގެ މައިންބަފައިން އެކަމާ ދެކޮޅު ހެދި އެވެ. އެމީހުން ބޭނުންވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް މަރުވީތޯ ޔަގީން ކުރުމަށްފަހު ނޫނީ ޕޯސްޓްމޯޓަމް ހަދަން ނުގެންދިއުމަށެވެ.

މައިންބަފައިން އެދުނުގޮތަށް އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ބެލި ބެލުމުން އޭނާގެ ވިންދުހުރިކަން އެނގުނެވެ. އަދި ވަގުތުން ފަރުވާދޭން ފެށި އެވެ.

އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިން ޑޮކްޓަރު އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ވިދާޅުވީ ކުއްޖާ ގެނައީ ކޯރަކަށް ގެނބިގެން ކަމަށާއި ގެނައި އިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. ނަމަވެސް ހިތުގެ ވިންދު ހުރިކަން ޔަގީންވުމުން ބަނޑަށް ފިތާ ހެދުމުން ކުއްޖާގެ ލޯ ވެސް ހަރަކާތް ކުރަން ފެށި ކަމަށެވެ. އެންމެ ފަހުން ބަނޑުގައި ހުރި ލޮނުތައް ނެރި ކުއްޖާ ނަގައި އެނދުމަތީގައި ބޭންދުމުން މަޑުމަޑުން ހޭ އަރައި ވާހަކަ ދައްކަން ފެށި ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ކުއްޖާ މުޅިން ހަމައަކަށް އެޅިފައިވާ ކަމަށާއި މިހާރު އެ ކުއްޖާގެ ފުރާނައަށް ނުރައްކާވާ ވަރުގެ އެއްވެސް މައްސަލައެއް ނެތްކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.