ލައިފްސްޓައިލް

102 ދަރިން ތިބި މީހާ 12 އަނބިންނަށް ނުވިހަން އަންގައިފި

102 ދަރިން ލިބިފައިވާ ޔޫގެންޑާގެ 67 އަހަރުގެ ފިރިހެނަކަށް ދަރިން ހޯދުން ހުއްޓާލަން މަޖުބޫރު ވެއްޖެ އެވެ.

އިނގިރޭސި ވިލާތު ނޫހަކަށް ދިން އިންޓަވިއު އެއްގައި މޫސާ ހަސާޔާ ބުނީ ދަރިން ހޯދުން ހުއްޓާލަން ޖެހުނީ ތަކެތީގެ އަގު ބޮޑުވަމުން ދިއުމުގެ ސަބަބުން އެހާ ބޮޑު އާއިލާއެއް ބެލެހެއްޓޭވަރުގެ މާލީ ތަނަވަސްކަމެއް ނެތީމަ ކަމަށެވެ.

ހަސާޔާގެ 12 އަނބިން ތިބިއިރު އެ 12 އަނބިންނަށް 102 ދަރިން ލިބިފައިވެ އެވެ. އަދި އޭނާގެ 568 ކާފަ ދަރިން ވެސް މިހާރު އެބަތިއްބެވެ.

"އެކަކަށް ފަހު އަނެކަކާ އަހަރެން ކައިވެނި ކުރަމުން ގެންދިޔައީ އަހަންނަށް އެންމެ އަންހެނަކުން ނުފުދޭތީ،" އިނގިރޭސި ވިލާތުގެ "ދަ ސަން" އަށް ދީފައިވާ އިންޓަވިއު އެއްގައި ހަސާޔާ ބުންޏެވެ.

ޔޫގެންޑާގައި އެއް ފިރިހެނަކަށް ކިތަންމެ ގިނަ އަންހެނުންނަކާ ވެސް ކައިވެނިކުރުން ހުއްދަ އެވެ.

ހަސާޔާ އަކީ ދަނޑުވެރިއެކެވެ. އެހެންވެ ދަނޑުވެރިކަން ކޮށްގެން ލިބޭ އެއްޗެތިން އިންތިހާއަށް ބޮޑު މި އާއިލާއަށް ކާންބޯން ދެވޭވަރުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާރު ހަސާޔާ ވަނީ އޭނާގެ ހުރިހާ އަނބިންނަށް ވެސް ދޭތެރެ ދުރުކުރުމުގެ ކޮންމެވެސް ވަސީލަތެއް ބޭނުންކުރަން އަންގާފަ އެވެ.

ހަސާޔާ ބުނި ގޮތުގައި އިތުރަށް ދަރިން ހޯދަން ބޭނުން ނުވަނީ ތަކެތީގެ އަގު ބޮޑުވެ އާއިލާ ބެލެހެއްޓުމުގެ ހަރަދުވެސް އިންތިހާއަށް ބޮޑުވެގެންނެވެ.

"ކުރިން އަހަރެންނަށް ލިބޭ އެއްޗަކުން ފުދޭ. ނަމަވެސް މިހާރު ލިބޭ އާމްދަނީ ދަށްވެ އާއިލާ އިތުރުވަމުން ދިއުމުން އާއިލާ ބަލަހައްޓަން ދަތިތަކާ ކުރިމަތިވީ،" ހަސާޔާ ބުންޏެވެ.

ހަސާޔާގެ 12 އަނބިންނާއި ތިންބައިކުޅަ އެއްބައި ދަރިން މިހާރުސް އުޅެނީ އޭނާއާ އެކު އޭނާގެ ދަނޑުތަކުގެ ތެރޭގައި ހުންނަ އޭނާގެ ގޭގަ އެވެ. މީގެ ތެރެއިން އެންމެ ދޮށީ ދަރިއަށް 51 އަހަރެވެ. އަދި އެންމެ ހަގު ދަރިއަށް މީ ހަ އަހަރެވެ. ހުރިހާ އަނބިން ދިރިއުޅެނީ އެއް ގެއެއްގަ އެވެ.

ހަސާޔާ ބުނި ގޮތުގައި ހުރިހާ އަނބިން އެއް ގޭގައި ގެންގުޅެނީ އެމީހުން އުޅޭ ނޫޅޭގޮތް ބަލަން އޭނާއަށް ފަސޭހަވާނެތީ އެވެ.

"އެމީހުން އެހެން ފިރިހެނަކާއެކު ފިލާފާނެތީ ރަނގަޅަށް ބަލަހައްޓަން ވެގެން އެއް ގެއެއްގައި ގެންގުޅެނީ،" ހަސާޔާ ބުންޏެވެ.

ހަސާޔާގެ އެންމެ ހަގު އަނބި ޒުލައިހާ އަކީ އޭނާގެ 102 ދަރިންގެ ތެރެއިން 11 ދަރިންގެ މަންމަ އެވެ. އިތުރަށް ދަރިން ނުހޯދަން ހަސާޔާ ނިންމި ނިންމުމަށް ޒުލައިހާ ފުރިހަމައަށް ތާއީދުކުރެ އެވެ.

"އަހަރެން ދެން އިތުރަށް ދަރިން ހޯދާކަށް ނޫޅެން. އަހަންނަށް އެނގޭ މި ވަގުތު ފައިސާގެ ދަތިކަން ވަރަށް ބޮޑުކަން. އެހެންވެ މިހާރު ދޭތެރެ ދުރުކުރާ ބޭސްކަން،" ޒުލައިހާ ބުންޏެވެ.