ލައިފްސްޓައިލް

އަންހެނުން ވިހެއުމަށްވުރެ ބެޓްމޭން ފިލްމު ބެލުން މާ މުހިއްމު

ވިހަން ކައިރިވެފައިވާ އަންހެނަކު ސޯޝަލް މީޑިއާގައި ޝެއާ ކުރި ވާހަކައެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ފިރިމީހާއަށް އޭނާ ވިހާ ތަނަށް ދިއުމަށްވުރެ ބެޓްމޭން ފިލްމު ބެލުން މާ މުހިއްމެވެ. މިކަމާ ވަރަށް ރުޅިގަދަވެފައި ހުރި އަންހެންމީހާ ބުނި ގޮތުގައި އޭނާ ވިހަން ހޮސްޕިޓަލަށް ދާ ދުވަހު އެތަނަށް ނުގޮސް ފިރިމީހާ ސިނަމާއަށް އެ ފިލްމު ބަލަން ދާން ނިންމާފައިވާ ކަމަށެވެ.

މި އަންހެންމީހާ ބުނި ގޮތުގައި އޭނާގެ ފިރިމީހާ އަކީ "ބެޓްމޭން" ފޭނެކެވެ. އެހެންވެ ރޮބަޓް ޕެޓިންސަންގެ ބެޓްމޭން ފިލްމު މާޗް މަހު ރިލީޒްކުރާ ދުވަހު އެ ފިލްމު ބަލަން ކޮންމެހެން ވެސް އޭނާ ދާން ބޭނުންވީ އެވެ. ކަން ދިމާކުރި ގޮތުން އަންހެންމީހާ ވިހާނެ ކަމަށް ލަފާކޮށްފައި ވަނީ ބެޓްމޭން ފިލްމު ސިނަމާތަކުގައި ރިލީޒްކުރާ ދުވަހު އެވެ.

އަންހެންމީހާ ކައިރީ އޭނާގެ 28 އަހަރުގެ ފިރިމީހާ ބުނި ކަމަށް ވަނީ ރިލީޒްކުރާ ދުވަހު ކޮންމެހެން ވެސް ބެޓްމޭން ފިލްމު ބަލަން ޖެހޭ ކަމަށެވެ. އެ ދުވަހަކީ އޭނާގެ އަލަތު ދަރިފުޅު ދުނިޔެއަށް އަންނާނެ ކަމަށް ބެލެވޭ ދުވަސް ކަމަށް ވިޔަސް ބެޓްމޭން ފިލްމު އެ ދުވަހު ނުބަލައިފިނަމަ ފިލްމު ބަލާފައި މީހުން ސްޕޮއިލާތައް ސޯޝަލް މީޑިއާގައި ޝާއިއުކޮށް ފިލްމު ބެލުމުގެ ޖޯޝު ގެއްލުވާލާފާނެ ކަމަށް އެ ފިރިހެންމީހާ ގަބޫލު ކުރެ އެވެ. އަންހެންމީހާ ވިހެއުމަށްވުރެ ފިރިހެންމީހާއަށް "ބެޓްމޭން" ފިލްމު ވީ މި ސަބަބާ ހުރެ އެވެ.

"އަހަރެން އެހާ ރުޅިގަދަވެގެން މި އުޅެނީ އަހަރެންނަށް ވުރެ ފިރިމީހާ އަށް ފިލްމުގެ މުހިންމުކަން ބޮޑުވީމަ. އަހަންނާ އެކަށީގެންވާ ވަރަށް އޭނާ އަޅާނުލާ ކަމުގެ އިހްސާސް އަހަންނަށް ކުރެވެނީ،" އަންހެންމީހާ ބުނެފައި ވެއެވެ.

މި ޚަބަރަށް ކޮމެންޓުކުރި ބައެއް މީހުން ބުނި ގޮތުގައި ބޮޑު ސިންގާ ފިރިހެނަކަށް ދެ ތިން ދުވަހު ވެސް ފިލްމެއް ބަލާނުލާ މަޑު ނުކުރެވިގެން އުޅެނީ ފިލްމުގައިވާ ގޮތް ބަޔަކު މީހުން އެނގިދާނެތީ ކަމަށް ވުމީ ހެއްވާ ކަމެއް ކަމަށެވެ. މިއީ ވަރަށް ރަހުމުކުޑަ އަދި މީހުން ރުޅިއަރުވަން އުޅޭ ޒާތުގެ މީހެއްކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ.

ކޮމެންޓުކުރި އިތުރު މީހަކު އަންހެންމީހާ އާ މުޚާތަބުކޮށް ބުނީ އޭނާ ވިހަން ތައްޔާރުވީ ވަގުތު ފިރިމީހާއަށް ފިލްމު ބެލުން މާ މުހިއްމުކަމަށް ވުމީ ވިހެއުމަށްފަހު ވެސް ދަރިފުޅު ބެލުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އޭނާ އަމިއްލައަށް ކަމުގެ އަލާމާތެއް ކަމަށެވެ. އަދި މިކަމަށް މިހާރުއްސުރެ ސަމާލުވުމަށެވެ.

"ދަ ބެޓްމޭން" ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އަންނަ މާޗް މަހުގެ 4 ވަނަ ދުވަހު އެވެ. އަންހެންމީހާ ވިހާނެ ކަމަށް ޑޮކްޓަރުން ބުނެފައިވަނީ ވެސް ހަމަ އެ ދުވަހު އެވެ.