ވިދާ ތަރި

ނައިފަރު އުދަރެހުން އެރި ވިދާތަރި

ޓިކްޓޮކްގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ އަދި ފިލްމީ ދާއިރާގައި ވެސް ހިނގާ ތަރި، ޝިފާގެ އިންޓަވިއު

ޓިކްޓޮކްގަ އާއި ފިލްމީ ދާއިރާގައި މަރިޔަމް ޝިފާއަކީ ތަރިއެކެވެ. ރާއްޖޭގައި މިހާރު ވިދާ ތަރިއެކެވެ؛ އެވަރަށް މީހުން އޭނާއަށް ސަމާލުކަން ދެންޏާ އޭނާގެ ވާހަކަ ނުދައްކަވީ ސަބަބެއް ނެތެވެ. ޅ. ނައިފަރަށް އުފަން އުމުރުން މިހާރު 21 އަހަރުގެ ޝިފާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދު، ބޮޑު މަަޝްހޫރު ކަމެއް ހޯދާފައިވެ އެވެ.

ޝިފާ ބުނެދޭ ގޮތުން ވިއްޔާ ނައިފަރުން އޭނާ މާލެއަށް އައީ 17 އަަހަރު ވެސް ނުވަނީ ހެވެ. ރަށުގައި އުޅުނުއިރު ވެސް އަދި މާލެ ބަދަލުވި އިރު ވެސް އޭނާއަކީ "ނައިފަރު ސްޓާރެ" ކެވެ. ރަށުގައި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އައި ފަންނާނެކެވެ. ނައިފަރު އަންހެން ބޮޑު ބެރު ގްރޫޕްގައި ނަށައި ހުނަރު ދައްކާފައި ވެއެވެ.

ފަހުން މާލެ ބަދަލުވުމާއެކު ޝިފާ ބަދަލުވީ "ޕާޕްލް ވިންގްސް" ގައި ރީއްޗަށް ނަށާ ނެށުންތެރިޔަކަށެވެ. އަދި ފަހަރަކު ފިޔަވަޅެއް އަޅަމުން ގޮސް ވީ ފިލްމީ ތަރިއަކަށެވެ. ދެން ޓިކްޓޮކް ތަރިއަކަށް ވެގެން ވިދައިގަތީ އެވެ.

ތަރިއެއް އުފަންވެ އަރައިގެން އަންނާނެ ސަބަބުތަކެއް ވެއެވެ. ޝިފާ ބުނާ ގޮތުން ކުރިޔަށް ފިޔަވަޅު އަޅާނެ ޖާގަ އޮތްކަން އެނގި އޭނާއަށް ފުރުސަތެއް ލިބުނީ ރާއްޖޭގެ ސުޕަ ސްޓާރު ޔޫސު ޝަފީއު (ޔޫއްޕެ) އާ ދިމާވެ، އޭނާ ހޯދައިދިން ޗާންސަކުންނެވެ. ޔޫއްޕެ އެހީތެރި ކަމާއެކު އެވެ.

"ފިލްމެއް ކުޅެން ފުރުސަތު ލިބުނީ މާލެ އައިސް އޮލިމްޕަހުގައި އޮތް ފިލްމެއްގެ ޕްރީމިއެއްގައި ޔޫއްޕެއާ ދިމާވެ އޭނާ ދިން ފުރުސަތަކުން. އެކަމަކު އެކަހަލަ ފުރުސަތެެއް ލިބިދާނެ ކަމަކަށް އުއްމީދު ކޮށްގެން ނޫން ހުރީއަކީ" ޝިފާ ބުންޏެވެ.

ޝިފާ ކެމެރާ ކުރިމައްޗަށް އައީ 2018 ވަނަ އަހަރު ޔޫއްޕެ ނެރުނު "ދެވަންސޫރަ" އިންނެވެ. ފުރަތަމަ ފެނިލުމުގެ ތަޖުރިބާ ވެސް ޝިފާއަށް ވަރަށް ސިމްޕަލެވެ. ކެމެރާ ކުރުމަތީގައި އެކްޓް ކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވި އެވެ. ފިލްމީ ދާއިރާއިން ލިބުނު އެ ފުރުސަތުގެ ބޭނުން ހިފައިގެން ފިލްމީ އުދަރެހުގައި ފިޔަޖަހާތޯ ބަލައިލަން ޝިފާ ވެސް ކުރިޔަށް ހިނގައިގަތީ އެވެ. އެ ހިސާބުން މަޝްހޫރު އެހެން އެކްޓަރުންނާއި އެކްޓްރެސްއިންނާއެކު މަސައްކަތް ކުރަން ލިބި މިހާތަނަށް ފީޗާ ހަތަރު ފިލްމެއް ކުޅެފައި ވެއެވެ. ފަސް ޓީވީ ސީރީޒެއްގައި ހުނަރު ދައްކާފައި ވެއެވެ.

"ފިލްމް އިންޑަސްޓްރީގައި ވަރަށް ގިނަ ކަންކަން ވަރަށް އަވަހަށް ދަސް ކުރަން ޖެހޭ... އެންމެ އުދަނގޫ ވަނީ ރޯ މަންޒަރު ނަގަން، މަސައްކަތް ކުރާ އިރު ބަލަަނީ އެކަމަކާ ހަވާލުވެ ހުންނަ މީހާ ބުނާ ގޮތަށް އެކަމެއް ކުރެވޭތޯ އެހެން މަސައްކަތް ކުރާއިރު ޝިފާއަކީ އެއްމެނާއި ގުޅިގެން މަސައްކަތް ކުރާ މީހެއް. އެއްމެނާއެކު ވެސް މަސައްކަތް ކުރަން ފަސޭހެ މިހާތަނަށް އެއްވެސް މީހަކާއި މައްސަލަ ޖެހިފައެއް ނެތް،" ޝިފާ ބުންޏެވެ.

މޯލްޑިވިއަން އައިޑަލްގައި ބައިވެރިވެ ލަވަކިޔުމުގެ ހުނަރު ވެސް ދައްކާފައިވާ ޝިފާއަކީ ޓިކްޓޮކްގައި ވަރަށް ވިދުން ގަދަ ތަރިއެކެވެ. ޓިކްޓޮކަކީ ޝިފާގެ ނެށުމާއި އެކްޓިންގްގެ ހުނަރު އެންމެ ގިނައިން ފެންނަ ޕްލެޓްފޯމެެވެ. ޓިކްޓޮކްގައި އޭނާގެ 90،000 އާ ކައިރި ކުރާ ކުރާ އަދަދެއްގެ ފޮލޮވަރުން ލިބިފައިވާ އިރު އޭނާގެ ޓިކްޓޮކްތަކަށް 1.2 މިލިއަން ލައިކްސް ހޯދާފައި ވެއެވެ. އެކަމަކު ޓިކްޓޮކަކީ ޝިފާއަށް ވަކި މާ ހާއްސަ ޕްލެޓްފޯމެއް ނޫނެވެ.

"އައިޑަލްގައި ވެސް ބައިވެރިވީ އެއްވެސް ވަރަަކަށް ތައްޔާރުވެގެނެއް ނޫން... ޓިކްޓޮކަކީ ބެސްޓް ފްރެންޑް ފަރާތުން ތައާރަފުވި އެޕެއް. އެކަމަކު އެއީ ޝިފާ މާ ސީރިއަސް ކަމެއްގެ ގޮތުގައި ނައިގެން ކުރާ މާ ހާއްސަ ކަމެއް ނޫން. އެކަމަކު ޝިފާއަށް ހީވަނީ ނެށުމަށް ވުރެ ޓިކްޓޮކްގައި ވެސް އެކްޓިންގެ ބައިހެން ކަމުދަނީ.... ދިވެހިންގެ ތެރެއިން ޓިކްޓޮކްގައި އުޅޭ މީހުންގެ ތެރެއިން ޝިފާއަށް އެންމެ ކަމުދަނީ ޝަޒީލާ،"

ޝިފާގެ ޓިކްޓޮކް އެއް!

ގިނަ ބަޔަކު ޝިފާ ސިފަ ކުރަނީ ވަރަށް ދިވެހިވަންތަ ތަފާތު ރީތި ކަމެއް ހުންނަ އަބަދުވެސް ހިނިތުން ވެލައިގެން ހުންނަ ތަރިއެއް ގޮތު އެވެ. ޝިފާއަކީ މާ ބޮޑު މޭކަޕެއް ނޯންނަ ނެޗުރަލް ލުކެއްގައި ވިދާ ތަރިއެކެވެ. ޝިފާގެ ލައިފްސްޓައިލް ބައްޓަން ކުރަނީ ވެސް އާދައިގެ ވަރަށް ސާދާ ގޮތަކަށެވެ.

"އެކަމަކު އަބަދަކު މޭކަޕް ނުކޮށެއް ނޫން ހުންނަނީ... ބައެއް ފަހަރު މޭކަޕް ވެސް ކޮށްލަން. އެއްވެސް ވަރަކަށް އެކްސަސައިޒެއް ނުކުރަން ވަރަށް އާދައިގެ އެއްޗެހި ކައި އުޅެނީ. މީރީ ވެސް ގަރުދިޔަަ އާއި ބަތާއި ލޮނުމިރުހާ"

ފިލްމީ ދާއިރާގައި ޝިފާއަށް ފިލްމުތަކެއް ލިބި ކުރިޔަށް މަސައްކަތްތަކެއް އެބަހުއްޓެވެ. އެކަމަކު އޭނާ ދެކޭ ގޮތުގައި އޭނާއަކީ އަދި ސްލެބްރިޓީއެއް ނޫނެވެ. ބައެއްގެ ލޮލުގައި އަޅައިގެންފައި ވިޔަސް އޭނާގެ ތަރި ވިދަނީ އަދި އެހާ އުހަކު ނޫނެވެ. ޝިފާ ގަބޫލު ކުރާ ގޮތުގައި މުނިފޫހިފިލުވުމާއި ފިލްމް އިންޑަސްޓްރީގައި ވިދުން ގަދަ ތަރިޔަކަށް ވާން އޭނާއަށް އަދި ދިގު ހިނގުމަކާއި ބުރަ މަަސައްކަތްތަކެއް އެބައޮތެވެ.

"ވަކި އުމުރެއް ވަން ދެން ފިލްމު ކުޅޭނަން. އެކަމަކު މި އާދެވިފައި ހުރި ހީބުގައި އަދި މިއީ ސްލެބްރިޓީ އެކޭ ނުބުނާނަން. ބައިވަރު މަސައްކަތް އަދި ކުރަން އެބަޖެހޭ. އެކަމަކު ވަރަށް އުފާވޭ ވަރަށް ގިނަ މީހުން ޝިފާ ކުރާ މަސައްކަތް ބަލައިގަނެ ސަޕޯޓް ދޭތީ ލޯބި ދޭތީ... ވަރަށް ލޯބިވޭ!"

ޝިފާއަށް އަމާޒުކޮށް މީހުންގެ އެކި ކަހަލަ ކޮމެންޓްތައް ވެސް ކުރެ އެވެ. އެކަމަކު އެކަން ކަމަށް ރައްދު ދިނުމަށްވުރެ ޝިފާއަށް މުހިންމީ އޭނާ ކުރާ ކަމެއްގައި ކުރިޔަށް ދެވޭތޯ އުޅުމެވެ. އެހެން މީހުނަށް ރައްދު ދިނުމަކީ ޝިފާއަށް މިހާރު މާ ކަމުދާ އަދި ވަގުތު އޮންނަ ކަމެއްވެސް ނޫނެވެ. -- ކުރިން އޮތީ ބަހެއް ބުނެވިފަ އެވެ.

"ދިމާ ކުރުން ފަދަ ހުރިހާ ކަމަކަށް ޝިފާ ކުރިމަތިލާ އިރު އެންމެ ބޮޑު ހިއްވަރަކީ މަންމަ. މިހާ ހިސާބަށް މި ގޮތުގައި މި އާދެވުނީ ވެސް މަންމަގެ ހިތްވަރުން"

ޝިފާ ދެކޭ ގޮތުގައި ދިރިއުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ އެތައް ބައިވަރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ވެސް ކަމެކެވެ. ޒުވާން އުމުރު ކައިވެނިކޮށް ކުއްޖަކުވެސް ލިބި ފިރިމީހާވެސް މަރުވެ، ކަން ދިމާކުރި ގޮތުން ދަރިފުޅާ ވެސް ދުރުގައި ހުންނަން ޖެހުމަކީ ޝިފާއަށް އޮތް ވަރަށް ބޮޑު ހިތްދަތި ކަމެވެ. ދިރިއުޅުން އުނދަގޫވެފައިވާ ސަބަބެކެވެ.

"މީހަކު ބުނެފާނެ، ޝިފާ ވިހާފައި ބޭބީ އެއްލާލީ އޭ، ނުބަލައޭ! އެކަމަކު ބޭބީ ހޯދަން ވަރަށް މަސައްކަތް ކުރިން. ކޯޓަށް ވެސް ދިޔައިން. ބޭބީ ބަލަނީ މައިދައިތަ. ފިރިމީހާ މަރުވި ފަހުން އަދި ނުލިބޭ ކައިރިއަކަށް ދަރިފުޅެއް. އެއީ އެމީހުން ގޯސް ވެގެން ކަމަކަށް ވެސް ނުދެކެން. ވަރަށް ރަނގަޅަށް މައިދައިތަ ދަރިފުޅު ބަލަނީ... ޝިފާ ދެކެނީ ބޭބީ އަދި ލިބޭނެ ކަމަށް، އެ ހޯޕެއް ވެސް ނުގެއްލުވާލަން،"