މު ހައްމަދު ޒަޔާން އަބްދުﷲ އަކީ ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު އެއް ޕްރެޒެންޓަރެވެ. ޒަޔާން ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ. އެހެންވެ އޭނާގެ ތައާރަފަކަށް ވެސް މިހާރު ބޭނުމެއް ނުވާނެތީ ޒަޔާން ޕްރެޒެންޓް ކުރަން ފެށި ހިސާބުން ފަށާނީ އެވެ. ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ޒަޔާން އައީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން 10 އަހަރު ވީ އިރު އެންމެ މަގުބޫލް އެއް ޕްރެޒެންޓަރަށް ޒަޔާން ވެފައި ވެއެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ޓީވީ ޝޯ ކަމަށްވާ "ހޭޔަންބޯ" އޭނާ ހުށަހަޅައިދޭތާ ވެސް މިހާރު ހަތަރު އަހަރު ވަނީ އެވެ.
އުމުރުން މިހާރު 25 އަހަރު ވެފައިވާ ޒަޔާން ނިސްބަތްވަނީ ދެކުނު ފުވައްމުލަކު ސިޓީއަށެވެ. ރަށުގައި 10 އަހަރެއްހާ ދުވަހު އުޅުމަށްފަހު އޭނާ މާލެ ބަދަލުވީ 2006 ގައެވެ. ޓީވީ ޕްރެޒެންޓަރެއްގެ އިތުރުން އޭނާއަކީ ގާނޫނީ ފަންނުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ޒަޔާނަކީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓާނީއެކެވެ. ޕްރެޒެންޓް ކުރުމަކީ ޒަޔާން ހުސްވަގުތުގެ މަސައްކަތެކެވެ.
ޒަޔާން ބުނި ގޮތުގައި ކުޑައިރު އޭނާއަށް ޓީވީން ފެނުނު ޝޯތައް ހުށައަޅައިދޭ ޕްރެޒެންޓަރުން ބެލުންތެރިންނަށް މައުލޫމާތު ފޯރުކޮށްދޭގޮތް އޭނާއަށް ކަމުދިޔަ އެވެ. އަދި އެ ގޮތައް މައުލޫމާތު ފޯރުކޮށްދޭން ބޭނުންވި އެވެ.
"ކުޑަ އިރުވެސް ވަރަށް ޓީވީ ބަލަން. އެ ޕްރޮގްރާމްތައް ބަލާފައި އޭރުވެސް ވަރަށް ބޭނުންވޭ ޕްރެޒެންޓަރަކަށް ވާން،" ޕްރެޒެންޓް ކުރުމަށް ޝައުގުވެރި ވި ގޮތް ކިޔައި ދެމުން ޒަޔާން ބުންޏެވެ.
ޒަޔާން އެންމެ ފުރަތަމަ ފެނިފައި ވަނީ ވީޓީވީގެ "ރިހިދޫ" ޕްރޮގްރާމުންނެވެ. އެއީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އަދި ބައިވެރިވި ކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު ދައްކާލި ޝޯއެކެވެ. ޝޯގައި ޕްރެޒެންޓް ކުރުން ހިމެނުނު އިރު ޝޯގައި ޒަޔާން ވަަނީ ދެވަނަ ހޯދާފަ އެވެ. އަދި އޭގެ ފަހުން ޒަޔާން ވީޓީވީގައި ވެސް ޕްރެޒެންޓަރެއްގެ ގޮތުގައި ފެނުނެވެ.
ޓީވީއެމްގެ ޝޯތަކުން ޒަޔާން ފެންނަން ފަށައިފައިވަނީ 2011 ވަނަ އަހަރުގަ އެވެ. "ދަރިވަރުންގެ ގަޑީ" ގެ ނަމުގައި އޭރު ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ތަމްރީނުތަކެއް ވެސް ލިބިގެން ޒަޔާން ޕްރެޒެންޓް ކުރަން ބައިވެރިވި ނަމަވެސް އޭނާ ބުނާ ގޮތުން ފުރަތަމަ އުޅެން ޖެހުނީ ވަރަށް ހާލުގަ އެވެ. އެގޮތުން ފުރަތަމަ ފެށިއިރު އެންމެ އެނައުުންސްމެންޓެއް ނަގަން 12 ފަހަރު ޖައަސްން ޖެހުނެވެ.
"ނަމަވެސް ވަރަށް އަވަހަށް މަސައްކަތް ދަސްވެ ފަރިތަވި، ފަރިތަވާން ފެށުމުން ޕްރެޒެންޓް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޔަގީންވި،" އޭނާ ބުންޏެވެ.
ދަރިވަރުންގެ ގަޑިއަށް ފަހު ޒަޔާން ދެން ޕްރެޒެންޓް ކުރީ ޓިވީއެމްގެ ކުޑަކުދިންގެ ޕްރޮގްރާމްތެކެވެ. އެ ހިސާބުން "ޒަޔާން ބެ" ގެ ނަމުން އޭނާއަށް މަޝްހޫރުވި އެވެ. އަދި ޝޯތަކަކީ ޒަޔާން ބުނާ ގޮތުން އޭނާ ހަނދާންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ޝޯތަކެކެވެ.
"ކުޑަކުދިންގެ ޝޯތައް ހުށައެޅި އިރު ސަލްޓަން ޕާކުގަ ހުންނަ ގަސްގަހަށް އަރާ ފުމެ އުޅެވުނުކަން ވަރަށް ހަނދާން ހުރޭ" ޒަޔާން ބުންޏެވެ.
އޭގެ ފަހުން ޒަޔާނަށް ފަހަރަކު ޕްރޮގްރާމެއް ލިބެމުން އާންމުންގެ މަގުބޫލުކަން ވެސް ލިބެމުން ދިޔައެވެ. ރޯދަމަހު ޓީވީއެމުން ދައްކާ "ސޭލް ސޭލް" ޕްރޮގްރާމް ޒަޔާން ހުށަހަޅައިދޭން ފެށީ 2017 ވަނަ އަހަރު އެވެ. އަދި މިދިއަ އަހަރުން ފަށައިގެން "ރޯދަ އާއި ނަފާ" ޕްރޮގްރާމަކީ ވެސް އޭނާ ހުށަހަޅައިދޭ ޕްރޮގްރާމެކެވެ. އަދި 2016 އިން ފެށިގެން ޓީވީއެމްގެ މޯނިންގް ޝޯ، "ހެނދުނު ހެނދުނާ" ޕްރެޒެންޓް ކުރަނީ ވެސް އޭނާ އެވެ. އޭނާގެ އެހުރިހާ މަސައްކަތެއްގެ ތެރެއިން އަދި އޭނާއަށް އެންމެ ފާހަގަވާ ޝޯއަކީ މިނިވަން ފަންސާހާ ގުޅުވައި ގެނެސްދިން ޝޯއެވެ،
ރާއްޖޭގެ އެންމެ ދުވަސްވީ ވެރައިޓީ ޝޯ ހޭޔަންބޯ ހުށަހަޅައި ދެނީ ޒަޔާނެވެ. އޭނާ ބުނި ގޮތުގައި އެ ޝޯއަށް އަރަން ޓީވީން އޭނާއަށް ގުޅުމުން ފުރަތަމަ ހީކުރެވުނީ މެހެމާނެއްގެ ގޮތުގައި އަރުވަނީ އެވެ.
"ފަހުން އެ ޝޯ ޕްރެޒެންޓް ކުރަން ކަން އެނގުމުން ޖެހިލުންވި، އެކަމަކު އާންމުންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން އެ ޝޯ ހުށައެޅުމަކީ ކުރެވިދާނެ ކަމެއްކަމަށް ޔަގީން ވެސް ވި،" އޭނާ ބުންޏެވެ. "ތަފާތު އަދި ބަލާ ހިތްވާ ގޮތަށް ބެލުންތެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތެއް ނަމަ އެއީ ޝޯތައް ހުށަހެޅުމުގައި ނަމޫނާއަކަށް އަޅުގަނޑު ބަލަން... އެކަމަކު ކުޑައިރު ބެލި ޝޯތަކުން އެންމެ ފާހަގަ ކޮށްލެވޭ ޕްރެޒެންޓަރުންނަކީ އޭރު 'ހޭޔަންބޯ' ހުށައެޅި ޝަކީބްބެ، ހަލީލް އަދި މައްސޫދު،"
ޕްރެޒެންޓް ކުރަމުން ގާނޫނީ ދާއިރާގައި މަސައްކަތް ކުރި ނަމަވެސް ޒަޔާން ސިޔާސީ ދާއިރާއަށް ދިއުމުގެ ހިޔާލެއް ނެތެވެ. އެއީ އޭނާއަށް މާ އަވަސް ވާހަކައެކެވެ. ޒަޔާން ދެކޭ ގޮތުގައި ގައުމަށް ހިދުމަތްކޮށްދީ ގައުމުގައި ހުރި މައްސަލަތައް ރަނގަޅު ކުރަން ސިޔާސީ މީހަކަށް އޭނާ ވާކަށް ނުޖެހެ އެވެ.
"މުސަތަގުބަލުގައިވެސް އަޅުގަނޑު ގަސްދުކުރަނީ މިިހާރުވެސް މި ކުރިއަށް ދާ ގޮތައް ގާނޫނީ ދާއިރާ އެއީ އަޅުގަނޑުގެ ރަސްމީ ވަޒީފާ ކަމުގައި ދެކިގެން ކުރިއަށް ގެންދިއުން. ދެން ލިބޭ ހުސްވަގުތުގަ ޕްރޮގްރާމް ހުށައެޅުން"