ވިދާ ތަރި

ފާއިހު ފިޔަވަޅު އެޅީ ބޭބެގެ ފަހަތުން

އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެންމެ ފުރަތަމަ ޓެނިސް ކުޅޭ ހިތްވީ އޭނާގެ ބޭބެ މޮޅަށް ޓެނިސް ކުޅޭތަން ފެނިގެނެވެ. ބޭބެގެ ފަހަތުން ކުރިޔަށް އަޅަން ފެށި ފިޔަވަޅުގައި މިހާރު ފާއީއަކީ ރާއްޖޭގެ ކުޅިވަރު ދާއިރާގައި މަޝްހޫރު ނަމެކެވެ. ރާއްޖޭގެ ޓެނިސް ރޭންކިންގައި އެއްވަނަ ހޯދާފައިވާ ފާއި ވަނީ ބައިނަލްއަގުވާމީ ދަނޑުގައި ރާއްޖެ ތަމްސީލްކޮށް އަޒަރުބައިޖާންގައި އޮތް އިސްލާމިކް ސޮލިޑަރިޓީ ޓެނިސް ޗެމްޕިއަންޝިޕްގެ ކްއާޓާ ފައިނަލާއި ހިސާބަށް ދަތުރުކޮށްފައި ވެއެވެ.

ފާއި ބޭބެ އާއި އެއްފެންވަރަށް ޓެނިސްކުޅެ ބޭބެ ބަލި ކުރުމުގެ އުންމީދުގައި އޭނާގެ ފެށި ދަތުރުގެ ނަތީޖާ ވަރަށް ފޮންޏެވެ؛ ޒުވާން އުމުރެއްގައި ރާއްޖޭގައި ބޭއްވި އެކި މުބާރާތްތަކުން ފާއީ ވަނީ ގިނަ ވަަނަތަކެއް ހޯދާފަ އެވެ. އެހެން ނަމަވެސް ބޭބެއާއި ދެކޮޅަށް މުބާރާތެއްގައި ކުޅުމުގެ ހުވަފެން އަދި ފާއީއަށް ފުރިހަމައެއް ނުވެ އެވެ.

"ނަސީބު ދިމާ ކުރާ ގޮތުން އަދި ބޭބެއާއެކު އެއް މުބާރާތެއްގައި ކުޅެލާކަށް ނުލިބޭ. އެކަމަކު ހުންނާނެ އޮފިޝަލް ނޫން މެޗުތައް ކުޅެފައި. އަދި ބޭބެއަކަށް ފާއިހު ބައްޔެއް ނުކުރެވޭ." ފާއި ބުންޏެވެ.

ފާއި ބުނި ގޮތުގައި ކުޑައިރުން ފެށިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެން ނުލިބުމަކީ ކުރިއެރުމަށް އެޅުނު ހުރަހެކެވެ. އެކަމަކު ފަހުން ވިޔަސް ބޭރުގެ މުބާރާތަކުގައި ބައިވެރިވާން ލިބުމަކީ ފަހުރެއް އަދި ވަރަށް ބޮޑު އުފަލެކެވެ. ކުޅިވަަރާއި ފިޓްނަސް ދއިރާއިންް ކިޔަވާ ފާއިއަކީ ޓެނިހުގެ ގައުމީ ޓީމް މެމްބަރެކެވެ.

"މުބާރާތްތަކުގައި ބޭނުންވާ ނަތީޖާ އަދި ނުނެރެވުނަސް، މަސައްކަތް ކުރަނީ ރާއްޖެ ތަމްސީލްކޮށް ރަން މެޑެއްޔެއް ހޯދަން،"

ފާއި ޓެނިސް ކޯޓުގައި ފެނިގެން ދަނީ ހަމައެކަނި ކުޅުންތެރިއެއްގެ ގޮތުގައެއް ނޫނެވެ. ޕާޓް ޓައިމްކޮށް ޓެނިސް ކޯޗެއްގެ ގޮތުގައި ޒުވާނުންނާއި ކުޑަ ކުދިންނަށް އެހީ ވެދެ އެވެ.

"އުފާަވޭ ކޯޗްކޮށްދޭ ކުދިންތައް ރާއްޖޭގެ އެކި މުބާރާތްތަކުގަ ބައިވެރި ވެގެން މޮޅެތި ވަނަ ހޯދާތީ. އެކަމަކު އެ ކުދިންނަށް ބޭރުގެ މުބާރާތެއްގައި ބައިވެރި ވާކަށް އަދި ލިބިފައެއް ނެތް. އެކަމަކު ވަރަށް އަވަހަށް ކޯޗުކޮށްދޭ ކުދިންތަކެއް ބޭރުގެ މުބާރާތްތަކުން ފެނިގެން ދާނެ." ފާއި ބުންޏެވެ.

ފާއި ބުނި ގޮތުގައި ރާއްޖޭގައި ކުޅިވަރު އިންޑަސްޓްރީ އެހެން ގައުމުތަކުގެ ކުޅިވަރު އިންޑަސްޓްރީތަކާ ތަފާތުވެ ގޮންޖެހުންތައް ގިނަ އެވެ. ޓެނިސް ކުޅުމަށް ޝައުގުވެރިވާ ކުދިންނަށް ފާއި ދޭ ނަސޭހަތަކީ ޖެހިލުންވުން ދޫކޮށްލުމެވެ. އޭނާ ބުނިގޮތުގައި ޖެހިލުން ނުވެ ހިއްވަރާއެކު މަސައްކަތް ކުރާނަމަ ރަނގަޅު ނަތީޖާއެއް ލިބޭނެ އެވެ.