ވަރަށް ޅަ އުމުރުގައި ސ. ފޭދޫން މާލެ ބަދަލުވި އަލީ ޝިމްހާގަކީ އޭރުވެސް ކުރެހުމަށް ޝައުގުވެރިކަން ހުރި ކުއްޖެކެވެ. އޭރުވެސް ޓީވީން ދައްކާ ކާޓޫން ޝޯތައް ރިކޯޑުކޮށް އެއިން ފެންނަ ކެރެކްޓާތައް ކުރެހުމަކީ އޭނާ ވަރަށް ޝައުގުވެރިކަމާއެކު ކުރަމުން އައި ކަމެކެވެ.
މިހާރު އޭނާއަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މަޝްހޫރުކަން ހޯދާފައިވާ އަދި އޭނާގެ ރޮނގުގައި ވަރަށް ބޮޑަށް ވިދާ ތަރިއެކެވެ. ވަރަށް އާދަޔާ ހިލާފު މޮޅު ކުރެހުންތެރިއެކެވެ.
އިސްކަންދަރާއި މަޖީދީޔާގައި ކިޔެވި އިރު ކުދީންގެ މެދުގައި ޝިމްހާގް ހިނގައިގަތީ "އެންމެ މޮޅަށް ކުރުހާ ކުއްޖާ" ގެ ގޮތުގަ އެވެ. އެކަމަކު އޭރު ޝިމްހާގް އޭރު ކުރަހާ އުޅުނީ ރެކްރިއޭޝަނަލް ކޮށް ނުވަތަ މުނިފޫހި ފިލުވާށެވެ. ދާއިރާއަކަށް ސެޓްކޮށް އާމްދަަނީ ހޯދަން ޝިމްހާގް ކުރެހުމުގެ ތެރެއަށް ވަނީ ވިލާ ކޮލެޖުގައި ހަޔާ ސެކަންޑަރީ ނިންމުމަށްފަހު މަތީ ތައުލީމް ހާސިލް ކުރަން ރާއްޖެއިން ބޭރަށް ބަދަލްވުމަށް ފަހު އެވެ.
ދުނިޔޭގައި ޝިމްހާގެ އެންމެ މަޝްހޫރު ޕްރޮޖެކްޓަކަށް ވެފައި ވަނީ އޭނާ 2014 ގައި ކުރެހި "ކޮސްމިކް ލަޔަން" ނުވަތަ ސިންގާއެއްގެ ޑިޖިޓަލް ކުރެހުމެކެވެ. އެ ކުރެހުން މުޅި ދުނިޔޭގައި އޭހާ ބޮޑަށް މަޝްހޫރު ވެގެން ދިޔައީ ލަވަކިޔުންތެރިޔާ އާރަން ކާޓާ އަމިއްލަ އެއްޗެއް ގޮތުގައި ބޭނުންކޮށް އޭގެ ވިޔަފާރި ނަފާ ހޯދަން މަސައްކަތް ކުރަން ދިމާ ކުރުމުންނެވެ. އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.
ކްރިއޭޓިވް ތަފާތު މަސަކަތް ޝިމްހާގު ކުރެ އެވެ. އޭގެ ތެރޭގައި "މިއުރަލް" އާޓްސް އާއި އެނިމޭޝަން ހިމެނެ އެވެ. އަދި މިހާރު އޭނާގެ ހުނަރު އެހެން މީހުންނަށް ދަސްކޮށްދޭން އޭނާ ވަނީ ޔޫޓިއުބް ޕްރޮޖެކްޓެއް ވެސް ފަށާފަ އެވެ. އެކަމަކު މައިގަނޑު ގޮތެއްގައި ޝިމްހާގަކީ ޑިޖިޓަލް އާޓްގެ ފަންނާނެކެވެ. ގިނަ މީހުންގެ މެދުގައި މަޝްހޫރުވެފައި ވަނީވެސް ޑިޖިޓަލް އާޓިސްޓެއްގެ ގޮތުގަ އެވެ.
ޝިމްހާގް ބުނާގޮތުގައި އަދިވެސް ކުރެހުމުގެ ދާއިރާގައި އޭނާ މަސައްކަތް ކުރަނީ ފްރީލާންސް ކޮށެވެ. ކުރެހުމުން ބޮޑަށް އޭނާއަށް އާމްދަނީ ލިބެނީ ކޮމިޝަން މަސައްކަތް ތަކުންނެވެ. ކޮމިޝަން މަސައްކަތްތަކުގެ ބޮޑު ބައެއް ހިއްސާވަނީ ރާއްޖެއިން ބޭރު ކުންފުނިތަކާއި މީހުންގެ ފަރާތުންނެވެ.
ކުރެހުމުން ރަނގަޅު އާމްދަނީއެއް ޝިމްހާގަށް ލިބެމުން ދިޔަ ނަމަވެސް އޭނާގެ ރަސްމީ ވަޒީފާއަކީ ބަޔޯ މެޑިކަލް އިންޖިނިއަރެއްގެ ވަޒީފާ އެވެ.
ޝިމްހާގް ބުނި ގޮތުގައި ޑިޖިޓަލް އާޓަށް އޭނާ ޝައުގުވެރިވީ ގްރޭޑް 10 ނިންމުމުން ރައްޓެއްސަކުން ދިން ޓެބްލެޓެއް މެދުވެރިކޮށް ކުރުހަން ފެށި ހިސާބުންނެވެ. އަދި އޭގެ ފަހުން ކުރެހުމަށް ހާއްސަ ޓެބްލެޓެއް ހޯދައި ކުރަހަން ފެށީ އެވެ.
"2011 ވަނަ އަހަރު ކުރަހަން ޓެބްލެޓެއްގަތީ. އެ ހިފައިގެން ބޭރަށް ކިޔަވަން ދިޔައީ. އޭގެ ދުވަސްކޮޅެއް ފަހުން ކުރަހަން ފެށުނީ،" އޭނާ ބުންޏެވެ.
ޑިޖިޓަލް އާޓްގެ ދުނިޔެއަށް ޝިމްހާގަ ތައާރަފްވީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން މިދިއަ އަހަރުތަކުގައި ޝިމްހާގްގެ މަސައްކަތްތައް ވަނީ އިންޓަނެޝަނަލް ވެފައެވެ. އޭނާ ވެފައ ވަނީ ދުނިޔޭގައި ވެސް ވމަޝްހޫރު ބްރޭންޑަކަށެވެ. ޝިމްހާގްގެ އިންސްޓަގްރާމް ޕޭޖްގައި ވެސް 73000 އަށް ވުރެ ގިނަ ފޮލޮވާސް ހިމެނެވެ. އޭނާގެ ކޮންމެ ކުރެހުމަކަށް ހާހުން ލައިކް ލިބި ބޭރުގެ ބޮޑެތި ކުންފުނިތަކުން ދަނީ އެ ކޮންޓެންޓް ރީޝެއާ ކުރަމުންނެވެ.
"2012 ވަަނަ އަހަރު ކުރަހަން ފެށީ، އެކަމަކު އޭރަކު ނެތް އެހާގިނަ ގޮތތަކެއް އެކަން ދަސްކުރާކަށް. ޔޫޓިއުބުން ވީޑިއޯތައް ބަލައިގެން ދަސްކޫރީ. އަދި މިހާރު ވެސް މިދަނީ އާ ކަންތައް ދަސް ކުރަމުން" ޝިމްހާގް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޑިޖިޓަލް އާޓްގައި ބޮޑުބައި އޭނާ ހޭދަަކުރީ ދިރުންތައް ކުރެހުމަށަށެވެ. އެގޮތުން 2018 ވަނަ އަހަރާ ޖެހެންދެން މައިގަނޑު ގޮތެއްގައި ކުރަހަމުން އައި ޖޯންރާއަކީ އެއީ އެވެ. އެއާހިލާފަށް މިހާރު މީހުނާއި ޝޯތަކުންނާއި ގޭމްތަކުން ފެނިގެންދާ ކެރެކްޓާތައް ކުރަހަ އެވެ. ޝޯތަކާއި ގޭމްތައް އުފައްދާ ކުންފުނި ތަކުން ވެސް ޝިމްހާގްގެ މަސައްކަތްތައް ޝެއާކޮށް ޝިމްހާގަށް އިތުރު މަސައްކަތްތައް ކޮމިޝަން ކޮށްފައި ވެއެވެ.
"އެފަދަ ބޮޑެތި ކުންފުނި ތަކުން އަޅުގަނޑުގެ މަސައްކަތްތައް ބަލައިގަންނާތީ ވަރަށް އުފާވޭ." ޝިމްހާގް ބުނެޏެވެ.
ކުންފުނިތަކުގެ އިތުރުން، ޔޫޓިއުބްގައި މިލިއަނުން ފޮލޮވާސް ހިމެނޭ މަޝްހޫރު ބައެއް ޔޫޓިއުބް ތަރިން ވެސް ޝިމްހާގްގެެ މަސައްކަތްތައް ފޮލޯކޮށް ކޮމިޝަން ކުރެ އެވެ.
ކުރެހުމާއި އޮފީސް މަސައްކަތައްފަހު ޖިމަށް ދިއުމާއި ބެޑްމިންޓަނާއި ފުޓުބޯޅައަށް ވެސް ޖާގަ ދޭ ޝިމްހާގް ބުނި ގޮތުގައި ކުރެހުމުގެ ދާއިރާއަކީ ކުރިޔަށް ދާން ރަނގަޅު ދާއިރާއެކެވެ،
"ހިތްވަރު އެލުވާނުލައި އަބަދުވެސް ބަލަންވީ ކުރެހުމުގެ ފެންވަރު މަތި ކުރެވޭތޯ. ފޮލޮވާސް މަދުވެގެން ނޫނީ ލައިކް ނުލިބޭތީ ދެރަވެގެން ހުއްޓާލާނެ ކަމެއް ނެތް. މަސައްކަތުގެ ފެންވަރު ރަނގަޅިއްޔާ ވިއްކޭނެ. މިޒަމާނުގައި ބޭނުމެއް ނުވާނެ ބޮޑު ޖާގައެއް. ޓެބްލެޓެއް ނޫނީ ފޯނުން ވެސް ކުރެހޭނެ ގޮތް ހުންނާނެ،" އޭނާ ބުންޏެވެ. "އެކަމަކު މައްސަލައަކީ މި އިލްމު ރަނގަޅަށް އުގަންނައި ދެވެން ރާއްޖޭގައި ނެތުން. އަދި ކޮމިޝަންތައް ގިނައިން ރާައްޖެއިން ބޭރުން ލިބޭ އިރު އެ ފައިސާ ރާއްޖެއަށް ލިބޭނެ ފަސޭހަ ގޮތެއް ނެތުން. އުންމީދަަކީ މުސްތަގުބަލުގައި ހުރި މައްސަލަތައް ހައްލުވެ މި ދާއިރާއަށް ގަނައިން މީހުން ވަނުން."