ރ. މީދޫއަށް އުފަން ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ވިދުން ގަދަ އެންމެ ނުފޫޒު ގަދަ އެކްޓަރަށް ވެގެންދާނެ އެވެ. އޭނާގެ ފިލްމީ ކެރިއަރުގެ ފެށުން އެހާ ވެސް ކާމިޔާބެވެ. ދައްކާ ހުނަރު ޑައިރެކްޓަރުން ނިކަން ގަޔާވެ އެވެ. ޝަރަފްގެ ފިލްމީ "ލުކް" ބެލުންތެރިންނަށް ކަމުދެ އެވެ.
ރަށްތަކުން މާލެ އަށް އަންނަ އާންމު މީހެކޭ އެއްގޮތަށް ޝަރަފް ވެސް މާލެއަށް ދިރިއުޅުން ބަދަަލު ކުރީ ވަޒީފާއެއް ހޯދުމަށެވެ. އެއީ 2009 ވަނަ އަހަރު އެވެ. އުމުރުން 29 އަހަރުގެ ޝަރަފް މިވަގުތު މަސައްކަތް ކުރަނީ ވީޓީވީގައި ޓެކްނިކަލް ބައިގަ އެވެ. އެ ވަޒީފާގައި އަށް އަހަރުވީ އެވެ. ޝަރަފާ އެކު މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި އަހްލާގު ރަނގަޅު މި އެކްޓަރަކީ އުއްމީދީ ފަންނާނެކެވެ.
ސިނަމާގެ ބޮޑު ސްކްރީނުން އަދި ޝަރަފް ފެނިފައެއް ނުވެ އެވެ. އެކަމަކު ފިލްމީ ދާއިރާގައި އޭނާ މިހާތަނަށް ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފި އެވެ. މިވަގުތު ބައިސްކޯފުގައި ވެސް އޭނާގެ ކުރު ފިލްމު "މަޒްލޫމް" ސްޓްރީމް ކުރަމުން އެބަގެންދެ އެވެ. ބިރުވެރި ޖޯންރާގެ އެ ފިލްމު ބެލި މީހުންގެ ފަރާތުން ވަރަށް ރަނގަޅު ހިޔާލުތައް ޝަރަފަށް ވަނީ ލިބިފަ އެވެ.
ފިލްމީ ދާއިރާގައި ޝަރަފްގެ ބޮޑު، ފުރަތަމަ މަސައްކަތަކީ "ނީނާ" އެވެ. އަބަދުވެސް އެކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން ދިޔަ ޝަރަފަށް ނީނާގެ މަސައްކަތް ނިންމާލުމުން އާދަޔާ ހިލާފް ބޮޑު އުފަލެއް ލިބުނެވެ.
"ނީނާ އަކީ ޝަރަފްގެ ފުރަތަމަ ބޮޑު ޕްރޮޖެކްޓް، އެހާހިސާބުން މީހުނަށް އެނގެން ފަށައިފި އަސްލު. ދެން އެކްޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ވުމުން ވެސް ވަރަށް އުފާވި" ޝަރަފް ބުންޏެވެ.
ނީނާ އަދި ޕްރިމިއާ ނުކުރެވުނު ނަމަވެސް އޭގެ ފަހުން ކުރެވުނު ބައެއް މަސައްކަތް ބެލުންތެރިންނަށް ވަނީ ފެނިފައެވެ. އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ ޒުވާން ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އިލްޔާސް ވަހީިދު (އިއްލެ)މަޒްލޫމް އެވެ.
"މިހާތަނަށް މަޒްލޫމް ބެލި ގިނަ މީހުން ބުނެފައިވަނީ ޝަރަފްގެ އެކްޓިން ވަރަށް ރަނގަޅު ކަމަށް. އެކަމަކު އަދިވެސް ދަސްކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އިސްލާހުކުރަންޖެހޭ ކަންކަން ކުރާނަން،" ޝަރަފް މަސައްކަތް ކުރަން ބޭނުންވާ ގޮތް ބުންޏެވެ.
ޝަރަފް ބުނިގޮތުގައި ފިލްމީ ދާއިރާއަށް ވަދެވުނީ ވީޓީވީގައި ކުރިން މަސައްކަތް ކުރި އިލްޔާސް ވަހީދު (އިއްލެ) އަށް ޝަރަފްގެ އެކްޓިން ފާހަގަކުރެވިގެންނެވެ. އެއީ 2019 ވަނަ އަހަރު ވީޓީވީން އުފެއްދި ޑްރާމާއެއްގައި ޝަރަފް ބައިވެރިވެ އޭނާގެ ހުނަރު ދައްކާލުމުންނެވެ. ޝަރަފްގެ އެ މަސައްކަތް ފެނުމުން އިއްލެ އަށް އެއީ ވިދުންގަދަ ތަރިއަކަށް ބަދަލުކޮށްލެވޭނެ ޒުވާނެއް ކަން ގަަބޫލުކުރެވުނީ އެވެ. ޝަރަފަށް ކުރެވޭ އިތުބާރު ބޮޑު ކަމުން އިއްލެގެ ދެވަނަ ފިލްމް "ނީނާ"ގެ ލީޑް އެކްޓަރަކަށް ވެސް ހަމަޖެއްސީ ޝަރަފެވެ.
"އިއްލެ ނީނާ ޝޫޓް ކުރަންވެގެން އާ މީހެއް ބޭނުންވެގެން ޝަރަފް އާ ވާހަކަދެއްކި. އެކަމަކު ފުރަތަމަ ބުނިން ވިސްނާލަންށޭ ޖެހޭނީ. ވިސްނާލާފަ އާނއެކޭ ބުނީ" ފިލްމީ މަސައްކަތުގެ ފުރަތަމަ ފުރުސަތު ލިބުނުގޮތް ހިއްސާކުރަމުން ބުންޏެވެ.
ފިލްމީ ދާއިރާއަށް ކިތަންމެ ޝައުގުވެރިވި ނަމަވެސް ކެމަރާގެ ކުރިމައްޗަށް އަލަށް ނިކުންނަން ޖެހުމުން ޝަރަފް ޖެހިލުންވި އެވެ. މުޅިން އާ މަސައްކަތަކަށް މުޅިން އާ ބަޔަކާ އެކު މުޅިން އާ ދާއިރާ އަކަށް ނިކުންނަން ޖެހުމުންނެވެ. ނަމަވެސް ވީޓީވީގައި ކުރިން ޑްރާމާއެއް ކުޅެފައިވާތީ ކެމެރާ ކުރިމަތީގައި މަސައްކަތް ކުރުން އެހާ އުދަނގޫ ކަމަކަށް ނުވި އެވެ. އަދި މަސައްކަތް ކުރަން ފެށުމުން އެންމެންގެ އެހީތެރިކަމާ އެކު ކެމަރާވީ އޭނާ އަށް ނިކަން ފަރިތަ އެއްޗަކަށެވެ.
ޝަރަފްގެ ބައެއް ފިލްމުތައް މިހާރު ނިމިފައިވީ ނަމަވެސް ކޮވިޑް-19ގެ ސަބަބުން ސިނަމާތަކުގައި އެ ފިލްމުތައް ބަލާލުމުގެ ފުރުސަތު އަދި ލިބިފައި ނުވަނީ އެވެ. ޝަރަފް ބުނާ ގޮތުން ތިން ޕްރޮޖެކްޓެއްގެ މަސައްކަތް އޮތީ މުޅިން ނިމިފަ އެވެ. އަދި ކުރިއަށް ވެސް އޭނާގެ ގިނަ ފިލްމުތަކެއްގެ މަސައްކަތް އެބަހުއްޓެވެ. ޝަރަފް ފެނިގެންދާ ޕްރޮޖެކްޓެއްގެ މަސައްކަތް ވަރަށް އަވަހަށް ދިރާގު ޓީވީން ވެސް ފެނިގެންދާނެ އެވެ.
އަވަސްގެ މި އިންޓަވިއުގައި ޝަރަފް ބުނީ ރާއްޖޭގައި ހަމައެކަނި ފިލްމު ކުޅެގެން އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ގޮތެއް އަދި ނެތެވެ. އެހެންވެ ފިލްމީ މަސައްކަތް ކުރި ނަމަވެސް އޭނާ ވީޓީވީގައި އަދާކުރާ ވަޒީފާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. ވަޒީފާގައި އުޅެމުން ފިލްމީ މަސައްކަތަށް ވަގުތު ހުސްކުރާ ގޮތް ވެސް ޝަރަފް ވަނީ ހިއްސާކޮށްފަ އެވެ.
"ވީޓީވީގައި ޝިފްޓް ޑިއުޓީއަށް މަސައްކަތް ކުރަނީ. ޑިއުޓީ ބެހިފައި އިންނަ ގޮތް ޑައިރެކްޓަރަށް ކިޔާ ދިނުމުން އޮފީހަށް ބުރޫ ނާރާ ގޮތަށް ޝޫޓިންތައް ހަމަޖައްސައިދޭ. އެއީ އަސްލު ފިލްމީ މަސައްކަތް ކުރާ ގޮތަކީ،" ޝަރަފް ބުންޏެވެ.
ސިނާމާތައް ހުޅުވުމާ އެކު ޕްރިމިއާ ކުރަން ފިލްމުތައް ތައްޔާރުކޮށްފައި ހުރި އިރު ޝަރަފްގެ ދެ މަސައްކަތެއް ފެންނާނެ ކަމަށް އޭނާ އަށް ގަބޫލުކުރެވެ އެވެ. ޝަރަފް ގަބޫލުކުރާ ގޮތުގައި އެނާ ފިލްމީ ދާއިރާގައި މިހާތަނަށް ކޮންމެ މަސައްކަތެއް ވެސް ކޮށްފައިވަނީ އޭނާ އަށް އެކަން ކުރެވޭނެ އެންމެ ރަނގަޅަށެވެ. ދަސްކުރަންޖެހޭ އަދި ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ޝަރަފް އަމިއްލަ އަށް ވެސް ގަބޫލުކުރެ އެވެ.
"ގަބޫލުކުރަން ބެލުންތެރިންގެ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރެވުނުކަމަށް. މިހާތަނަށް ހުރިހާ ޕްރޮޖެކްޓްއެއްގައި ވެސް މަސައްކަތް ކޮށްފައި ހުންނާނީ ޑައިރެކްޓަރު ބޭނުންވާ ގޮތައް" ޝަރަފް ބުންޏެވެ.
ސިނަމާތައް ހުޅުވާ، ފިލްމުތައް އަޅުވަން ފެށުމުން ވީހާ ވެސް ގިނަ ބަޔަކު ސިނަމާތަކަށް ގޮސް ފިލްމު ބަލައިލުމަށް ޝަރަފް އެދެ އެވެ. އެއީ ފިލްމީ ދާއިރާ އަށް އަދި އޭނާގެ މަސައްކަތްތަކަށް ވެސް ބެލުންތެރިންގެ ފަރާތުން ދެވޭނެ ހިތްވަރެއް ކަމަށް ޝަރަފް ބުންޏެވެ.
ދިވެހި ފިލްމުތައް ވެސް ހަދާފައި ހުންނަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށްވާތީ ރަނގަޅުކުރަންވީ ކަންކަން ބިނާކުރަނިވި ގޮތަކަށް ބުނެދިނުމަކީ ޝަރަފް އެދޭ ކަމެކެވެ.
"ކުރިއާ އަޅާބަލާއިރު މިހާރުގެ ދިވެހި ފިލްމްތަކުގެ ފެންވަރު ވަަރަށް ބޮޑަށް ވެސް ތަފާތު. ވަހަކަ އަދި ޕްލޮޓްތައް ގެނެސްދޭ ގޮތްވެސް ވަރަށް ތަފާތު،" ފިލްމީ ދާއިރާގެ ކުރިއެރުމަށް ތައުރީފް ކުރަމުން ޝަރަފް ބުންޏެވެ.
ޝަރަފް ބުނި ގޮތުގައި ފިލްމް އިންޑަސްޓްރީ އަށް ވަދެ މިހާތަނަށް ކުރި މަސައްކަތުގައި ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނެވެ. އެހެންވެ ޕްރޮޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށާއި އާއިލާ އަދި އޭނާ އަށް ތާއީދުކޮށް ހިތްވަރުދޭ އެންމެންނަށް ޝަރަފް ވަނީ ޝުކުރު އަދާކޮށްފަ އެވެ. ވަކިން ހާއްސަކޮށް އިއްލެގެ ނަން ފާހަގަކޮށްފައިވެ އެވެ.
ޝަރަފްގެ އަމާޒަކީ ކެމަރާގެ ކުރިމަތީގައި ގިނަ މަސައްކަތްތަކެއްކޮށް ތަޖުރިބާތަކެއް ލިބުމުން ޑައިރެކްޝަނަށް ދިއުމެވެ. އިއްލެގެ އެހީތެރިކަމާ އެކު އޭނާ މިހާރުވެސް ދަނީ ޑައިރެކްޝަނާ ގުޅުންހުރި މަސައްކަތްތައް ދަސްކުރަމުންނެވެ.
"އިންތިޒާރު ކޮށްލާ، ކުރިއަށް ބައިވަރު ޕްރޮޖެކްޓްތަކެއް އެބަހުރި. އެންމެންނަށްވެސް ކަމުދާނެ ކަމަށް އުއްމީދުކުރަން" ފިލްމީ މަސައްކަތްތަކުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ޝަރަފްދެ އެވެ.