ޖަޒީރާ މި ގައުމުގައި ކަނޑުގައި ވަށައިގެން މި އޮތް ވިލުނޫ ކުލައިގެ މޫދާއި އަހަރުމެން މިއީ ރައްޓެހި ބަޔެކެވެ. މޫދަށް ދާން ވަކި ހެދުމެއް ހޯދައިގެން ދާ ކަހަލަ ސަގާފަތެއް އަހަރުމެންގެ ތެރޭގައި ކުރިން ނެތަސް މަޑުމަޑުން މިކަން އަހަރުމެންގެ ތެރެއަށްވެސް މިއޮތީ އައިސްފައެވެ. މޫދަށް ދާން ވަކިން އަދި ނަލަ ހެދިގެން ލައިގެން އުޅެން ފަސޭހަ ހެދުމެއް ކޮންމެހެންވެސް ހޯދަންޖެހެއެވެ.
ބޮޑެތި މީހުންނާއި އެއްގޮތަށް ކުޑަކުދިންނަށް ވެސް އަދި ވަކިން ސްވިމްވެއާ ހިނގަ އެވެ. ސްވިމްވެއާ އެއް ގަންނަން ބޭނުންނަމަ އެންމެ ފުރަތަމަވެސް ބެލެވެނީ ގަޔަށް ފިޓްތޯ އެވެ. ލައިގެން އުޅެން ފަސޭހަ ލުއި އެއްޗަކަށް އެ ވާން ޖެހެއެވެ. ފެތުމާއި ފީނުމާއި އަދި އެހެން މޫދު ކުޅިވަރުތަކުގައި އުޅޭއިރު ވެސް "ކޮމްފޯޓް" ވަރަށް މުހިއްމު ކަމަކަށް އޮންނަނީ ވެފައެވެ.
ދެން އޮތީ ފެޝަނުގެ ވާހަކައެކެވެ. ކުލަގަދަ ވީހާވެސް ފާޅުކަން ބޮޑު ޑިޒައިންތަކަކީ ގިނަ މީހުން ސްވިމްވެއާ ގަތުމުގައި ބަލާ އަނެއް ކަމެވެ. މިހުރިހާ ގޮޅިއަކަށް ފެތި އަދި މިއަށްވުރެ ހާއްސަ ކަމެއް ހުރި ދިވެހި ސްވިމްވެއާ ބްރޭންޑަކީ ލަނާލާ ސްވިމްވެއާ އެވެ.
ލަނާލާ ސްވިމްވެއާއަކީ ދިވެހި ބްރޭންޑެކެވެ. ފަހަތުގައި ހުރި ހުސެން އަބްދުﷲ އަކީ ޕްރޮފެޝަނަލް ޑައިވަރެއް، ޑައިވް އިންސްޓްރަކްޓާ އަދި މިހާރު އޭނާ މަސައްކަތް ކުރަނީ ޑައިވް ސަޕްލައި ކުރާ ވިޔަފާރިއެއް ކަމުގައިވާ ސީގިއާގެ ޖެނެރަލް މެނޭޖަރުގެ ގޮތުގަ އެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން ދެކެމުން އައި ހުވަފެނެކެވެ. އެންމެ ޒުވާން އިރުން ފެށިގެން މިއަދާއި ހަމައަށް އޭނާ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަކީ ވެސް އޭނާގެ ހިތް ދީފައި އޮތް މޫދައި ގުޅޭ މަސައްކަތެކެވެ.
ހުސެން ބުނި ގޮތުގައި "ލަނާލާ" އަކީ އޭނާގެ އަންހެން ދަރިފުޅު ލާނާގެ ނަމާއި އަދި ދިވެހި ބަހުގެ "ނަލަ" އާ ގުޅުވައިގެން އުފެއްދި ބްރޭންޑެެކެވެ. އަދި އެއީ އާއިލީ ވިޔަފާރިއެކެވެ. ހުސެއިން އާއި އެކު މަސައްކަތުގައި އަވަދިނެތި ހުރީ އަންހެނުން ލިލީ އެވެ.
"މީގެ ތިން އަހަރު ކުރިން ލޯންޗް ކުރި އިރު އެންމެ ބޮޑަށް ބޭނުންވީ ހުރިހާ އުމުރަކަށް އަދި ހުރިހާ ސައިޒެއްގެ މީހުންނަށް ހާއްސަކޮށް ސްވިމް ވެއާރ އެއް ބާޒަރަށް ނެރުން. ދިވެހިންނަށް ކަމުދާނެ "މޮޑެސްޓް" ސްވިމްވެއަރ ރޭންޖެއްވެސް އެކުލަވާލާ ބްރޭންޑަކަށް ލަނާލާ ހެދުން."
"ޑިޒައިނަކީ އަޅުގަނޑާއި އަންހެނުންގެ މަސައްކަތެއް. ދިވެހިވަންތަ ޑިޒައިންތަކެއް ހިމަނާފައިވާނެ. މިިގޮތުން ޖޯލި އަދި ދޯނި ފަދަ ޑިޒައިން ހުންނާނެ. އިންސްޕިރޭޝަނަކީ ހަމަ ދިވެހިރާއްޖެ. މިގޮތުން އެންމެ ފަހުން ނެރުނު މޮޑެސްޓް ސްވިމްވެއާގައި އެކުލެވޭނެ މޮރޭ އީލް ޕެޓާނަކާއި ކެޔޮ ޕެޓާނެއް،"
ހުސެން ބުނި ގޮތުގައި ކުޑަކުދިންގެ ސްވިމްވެއާ ހަދަނީ އެކުދިން ޝައުގުވެރިވާ ކަހަލަ ތަކެތި ހިމަނައިގެނެވެ. ދަތުރު ދާއިރު ވަރަށް ގިނަ ކުދިންނަށް ކަމުދާ އެއްޗަަކަށް ބަރަވެލި ވެއެވެ.
މިކަން ހުސެން ކޮށްފިއެވެ. އަަަންހެނުން ލިލީ އާއި ދެމީހުންގެ މަސައްކަތަކީ ވެސް މިއީއެވެ. ރާއްޖެއިން އިންސްޕިރޭޝަން ހޯދައިގެން ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް، އެއް އަހަރު ކުއްޖާއަށް ހެޔޮވަރު ސްވިމްވެއާ އިން ފެށިގެން ހުރިހާ ބައްޓަމެއްގެ ހަށިގަނޑަށް ވެސް ލައިގެން އުޅެން ފަސޭހަވާ ގޮތަށް ޑަބަލް އެކްސްއެލް ސައިޒާއި ހަމައަށް މޫދަށްދާ ހެދުމެއް އޭނާ ދިވެހިންނަށް ހޯދައި ދީފިއެވެ.
މީގެއިތުރުން އާއްމު މުޖުތަމައު ގަބޫލުކުރާ މޮޑެސްޓް ވެއާއެއްވެސް ބާޒާރަށް މިހާރު ނެރެފި އެވެ. ލަނާލާގެ ބްރޭންޑްގެ ދަށުން ތަފާތު ބިކިނީ، ރޭޝްގާޑްސް އާއި ބޯޑްޝޯޓްސް އާއި ސޫޓް ފަދަ 20 އައިޓަމެއް 12 ޑިޒައިނަކުން މިހާރު ލިބެ އެވެ. އަދި ކޮންމެ އަހަރަކު އޭނާ އިތުރު ޑިޒައިންތަކެއް ބާޒަރަށް ނެރެން މަސައްކަތް ކުރެއެވެ.
ދިވެހި ބްރޭންޑެއްގެ އިތުރުން ލަނާލާ ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. މިއީ ތިމާވެއްޓާއި ވަރަށް ރައްޓެހި ބްރޭންޑެކެވެ. ސްވިމްވެއާ ހެދުމަށް ބޭނުން ކޮށްފައިވާ މެޓީރިއަލަކީ ރެޕްރީވް ނަމަކަށް ކިޔާ މެޓީރިއަލްއެކެވެ. މިއީ އެއްފަަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅިން ބޭނުން ކޮށްގެން ހަދާ ފައިބާ އަކުން އުފައްދާފައިވާ ފޮއްޗެކެވެ.
ހުސެން ބުނިގޮތުގައި"ރެޕްރީވް" މެޓީރިއަލް އަކީ ދުނިޔޭގެ މަަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ލީވައިސް އާއި ނައިކީ އަދި ވޮލްކޮމް ފަދަ ބްރޭންޑްތަކުންވެސް ބޭނުންކުރާ ފެބްރިކެވެ.
"ވަރަށް އޮމާން ތުނިކޮށް ހުންނަ ފެބްރިކެއް މިއީ. އަބަދުވެސް ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން. ލަނާލާގެ ކޯވެލިއުސްގެ ތެރޭގައި ސަސްޓެއިނަބިލިޓީ ހިމެނޭނޭ."
ލަނާލާގެ ސްވިމްވެއާ ބޭރުން ފަހައި އަދި ޕްރިންޓް މަސައްކަތް ކުރަނީ ރާއްޖޭގައި ރެޕްރީވް ކަހަލަ ރީސައިކަލްޑް މެޓީރިއަލް އަދި ނެތުމުން ކަމުގައި ހުސެއިން ބުންޏެވެ. ނަމަވެސް ދެން ހުރި ހުރިހާ ކަމަކީވެސް ރާއްޖޭގައި ކުރާ މަސައްކަތެކެވެ.
"ބޭރުން ގެންނަ އިރު ވަކިވަކިން ޕެކް ކުރުމުގެ ބަދަލުގައި ބޮޑު އެއް ޕެކޭޖިންގ އަންނަނީ. ކަސްޓަމަރުންނާއި ހިސާބަށް ދާއިރު ކޮންމެ ސްވިމްވެެއާ އޮންނަނީ ހާއްސަކޮށްފައިވާ ފޮތި ދަބަހަކާއި އެކު. ޕެކިންގައި ބޭނުންކުރަނީ ކަރުދާސް. މަގުސަދަކީ ވީހާވެސް އިކޯ-ފްރެންޑްލީ ކުރުން."
ފޮތި ދަބަހަކީ ލަނާލާ ބްރޭންޑް ސްވިމްވެއާ ތަފާތު ކުރުމަށް ބޭނުން ކޮށްފައިވާ ހިޔާލެކެވެ. މިއީ ޕްލާސްޓިކް ކޮތަޅެއްގެ ބަދަލުގައި އެއަށްވުރެ ބޭނުން ހިފޭނެ ގޮތަށް ޑިޒައިން ކޮށްފައިވާ އެއްޗެއްކެވެ.
"ބޭނުމަަކަށް ވީ ސްވިމްވެއާގައި ހުންނަ އިރު އައިނު، ވޮލެޓް އަދި ތަޅުދަނޑިފަތި ލުމަށް މި ދަބަސް ބޭނުން ކުރެވޭ ގޮތަށް ގެންގުޅެން. އަދި ބޭނުންކޮށްފައި ދޮންނަ އިރުވެސް ދަބަހާއި އެކު ދޮވެލޭނެ އަދި ހިކުމުން އަލަމާރި އަށް ލާއިރު ދެން ހޯދާފަހަރަކަށް ފަސޭހަވާނެ"
ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައިވެސް ލަނާލާ ސްވިމްވެއަރ މަގުބޫލެވެ. ހުސެން ބުނި ގޮތުގައި
މިހާތަނަށް ނެރުނު ޑިޒައިން ތަކުގެ ތެރެއިން އެންމެ ގިނަބަޔަކަށް ކަމުގޮސްފައިވާ އެއް ޑިޒައިނަކީ އަތޮޅު ޑިޒައިނެވެ.
"މި ޑިޒައިނުގައި ހުންނާނީ ދިވެހިރާއްޖޭގެ 20 އަަތޮޅުގެ ނަން ލިޔެފައި. އަދި ތާނައިން ދިވެހިރާއްޖެ ޖަހާފައި. މިއީ ވަރަށް ގިނަ މީހުންނަށް ކަމުދިޔަ ޑިޒައިނެއް. ފެމިލީ އާއި އެކު އެއްމެންނަށް އެއް ޑިޒައިނެއްގެ އެކި ސައިޒްތައްވެސް އެއީ ޓުއަރިސްޓުން މެދުގައި މަގުބޫލުވާ ގޮތެއް. މިގޮތުން މަދާ ޑޯޓާ ސެޓް، ސިބްލިންގް ސެޓް އަދި ފާދާ ސަން ސެޓް މަގުބޫލު"
ލަނާލާގެ މުސްތަގުބަލަކީ ވީހާވެސް ގިނަ ދިވެހިން އަދި ޓުއަރިސްޓުންނަށް މި ބްރޭންޑް އިނގި އަދި ކަމުދިއުމެވެ. މުސްތަގުބަލުގައި އިކޯފްރެންޑްލީ ރިސޯޓްސްތަކުގައި ދިވެހި ބްރޭންޑް ޝޯކޭސްކުރަން ބޭނުން ކަމުގައި ހުސެން ބުންޏެވެ. އަދި ކޮންމެ އަހަރަކު އާ ޑިޒައިންތަކާއި އެކު އޭނާގެ މޫދައި ތިމާވެއްޓާއި ރައްޓެހި ނަލަ ނަލަ ހުވަފެން ކާމިޔާބު ކުރުމުގައި ކުރިއަށް ދިއުމަށް ހުސެން ހުރީ ތައްޔާރަށެވެ.