ދެމަފިރިއެއްގެ ދިރިއުޅުން ބަދަލުކޮށްލާ ހިސާބަކީ ކުއްޖަކު ލިބޭ ހިސާބެވެ. ކުއްޖަކު އުފަންވާ ވަގުތަކީ ދެމަފިރިންނަށް ވެސް ބުނެދޭން ނޭނގޭ އިހްސާސްތަކެއް ގެނުވައިދޭ ވަގުތުކޮޅެކެވެ. އާއިލާއަށް އިތުރުވާ "ކަމަނާ" ނުވަތަ "ކަލޯ" ވަނީ އެ އާއިލާއެއްހެ އެންމެ އަގުހުރި ޖަވާހިރަށެވެ. އަލަށް އުފަންވާ ކަމަނާ ނުވަތަ ކަލޯ ލައްވާނެ ހެދުމަކާއި ގައިމަތީ އަޅާ ފޮތިގަނޑެއް ދުރާލާ އޮންނަނީ ހޯދާފަ އެވެ.
ފުރަތަމަ ދަރިފުޅު ލައްވާނެ ހެދުމާއި ނެޕީ އާއި ބާލިހާއި، މިހެންގޮސް ހުރިހާ އެއްޗެކެވެ. ވިހައިގެން ދަރިފުޅު ނެރޭއިރު ގައިގަ އޮޅާލާފަ އޮންނަ ފޮތިގަނޑަކީ ވަރަށް ހާއްސަ އެއްޗެއްކެވެ. ދަރިފުޅުގެ އުމުރުން އެތައް އަހަރެއްވަންދެން އެ ފޮތިގަނޑު ރައްކާކުރާ މީހުން އުޅެ އެވެ.
އުމުރުން 30 އަހަރުގެ އީނާސް އާދަމްގެ ހުނަރާއި ޝައުގުވެރިކަމަކީ ތުއްތު ކުދީންގެ ގައި ދަށުންނާއި ގައިމަތީން އަޅާ ފޮތިގަނޑު ނުވަތަ މަސްލިން ބްލޭންކެޓް އުފެއްދުމެވެ.
އީނާސްގެ މި ހާއްސަ އުފެއްދުން ވިއްކަން އިންސްޓަގްރާމްގައި އީނާސް ވަނީ ކަމަނާކަލޯގެ ނަމުގައި ފިހާރައެއް ވެސް ހުޅުވާފައެވެ. އެތާނގައި އޭނާގެ އީނާސް ކުރާ ކަމަކީ ފާޑުފާޑުގެ މަސްލިން ބްލޭންކެޓް ތައްރާރުކޮށް ވިއްކަނީ އެވެ. އީނާސްގެ ޑިޒައިންތަކުގެ ބްލޭންކެޓެއް ތުއްތު ކުއްޖާގެ ގައިގައި އޮޅާލާފައި އޮންނަ އިރު އެއް ކަމެއް ޔަގީންކޮށް ދޭނެ އެވެ. އެ ބްލޭންކެޓަކީ ސައްތައިންސަތަ ދިވެހި އުފެއްދުމެއްކަން ކަށަވަރު ވާނެ އެވެ.
އީނާސްގެ މި ޝައުގުވެރި ހުނަރު ޑިވެލޮޕްވެ ވިޔަފާރިއަކަށް ބަދަލުވެފައިވާއިރު ބްލޭންކްޓް ތައްރާރު ކުރަން އޭނާއަށް ފެށުނު ގޮތަކީ ކޮބައިހެއްޔެވެ؟
"އަލަށް ބޭބީއެއް ވިހައިގެން ނެރޭ ވަގުތަކީ ވަރަށް ޖޯއިފުލް މޮމެންޓެއް. އެކަމަކު ބޭބީ އޮންނަނީ އާއްމުކޮށް ވަރަށް ޕްލޭން ފޮތިގަނޑެއްގެ ތެރޭގައި. އެހެންވެ ހިތަށް އެރީ މި ފަދަ އުފާވެރި ވަގުތަކަށް ހާއްސަ ތަންކޮޅެއް ސަޅި ކުލަގަދަ ޑިޒައިންކަށް ހުންނަ ބްލޭންކެޓެއް އުފައްދައިފިއްޔާ މީހުނަށް ކަމު ހިނގައިދާނެއޭ،" އޭނާ ބުންޏެވެ.
ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ފެޝަން ޓެކްނޮލޮޖީއިން އެޑްވާންސް ޑިޕްލޮމާއެއް ހަދާފައިވާ އީނާސްއަކީ އެކައުންޓިންދާއިރާގެ ވަޒީފާއެއް އަދާ ކުރަމުން އައި ޒުވާނެކެވެ. މިހާރު އޭނާ އެވަނީ އަމިއްލަ ލޭބަލަކާއި ޑިޒއިނެއް އުފައްދައި އެއިން އަމިއްލަ ވިޔަފާރިއެއް ވެސް ފަށާފަ އެވެ.
"އަޅުގަނޑަށް ފެޝަން ފެބްރިކްސް އަދި ޕްރިންޓްސް ވެސް ކޮންމެވެސް ވަރަކަށް އިނގޭ. އަބަދުވެސް ކޮންމެވެސް ވަރަކަށް ކުރަހާ ހިތްވޭ. 2018 ވަނަ އަހަރު 'ކަމަނާކަލޯ' އިން ތުއްތުކުދިން ބބޭނުންކުރަން މަސްލިން ބްލޭންކެޓްސް ތަކެއް މި ނެރުނީ" އީނާސް ބުންޏެވެ.
"ކަމަނާކަލޯ" ގެ ޑިޒައިން ޕްރިންޓްތަކަކީ ރާއްޖޭގެ އެގަމާއި ކަނޑާއި ވައިގެ ތެރެއިން އިންސްޕިރޭޝަން ހޯދައިގެން އީނާސް ގެނެސްދީފައިވާ އުފެއްދުންތަކެވެ. މި ދިޔަ އަހަރު އޭނާ ނެރުނީ މަންތާ އާއި ކަކުންޏާއި ޖެލީފިޝް ޖަހާފައިވާ ޑިޒައިން ޕްރިންޓްތަކެކެވެ. އީނާސްގެ މި ފޮއްޗަކީ ހަމައެކަނި ގައިގައި އޮޅާލުމުގެ އިތުރުން ކުދިންގެ ފޮތި ނެޕީ ޖެއްސުމަށާއި ކޮމްފޯޓް ބްލޭންކެޓެއް ގޮތުގައިވެސް ބޭނުން ކުރެވޭކަލަ މެޓީރިއަލް އަކުން ހަދާފައިވާ އެއްޗެއްކެވެ.
އީނާސް ބުނި ގޮތުގައި އޭނާ އިސްކަން ދިނީ ވަރަށް މަޑު އަދި ކޮލިޓީ ކޮޓަންއެއް ހޯދާށެވެ. އެ ގޮތުން 10 ވަރަކަށް ސަޕްލަޔަރުންނާއި ވާހަކަ ދައްކާ ސާމްޕަލް ހޯދި އެވެ. އަދި ފައިނަލް ކުރީ ޕްރިންޓްކޮށް އެ ދޮވެ ޗެކްކޮށް ހަދައިގެނެވެ.
އީނާސް އަމިއްލައަށް ކުރަހައިގެން ނެރުނު މި ސީރީޒަށްފަހު ލޯކަލް އާޓިސްޓެއް ކަމުގައިވާ އާމިނާއޮފްދަސީ އާއި ގުޅިގެން އީނާސް ވަނީ އާ ސީރީޒެއް ނެރެފަ އެވެ.
"އާމިނާއޮފްދަސީ އާއި ގުޅިގެން ނެރުނު ސީރީސްގައި ރުއް، ރާބަދި، ބޯގަންވިލާ، ދޯނި ތީމަށް މަސްލިން ބްލޭންކެޓްސް ނެރުނިން. އޭގެ ތެރެއިން ބޯގަން ވިލާއަށް ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް ލިބުނު. ނެރުނުތާ ދެވަނަށްއަށް ވީ ދުވަހު ހުރިހާ އެއްޗެއް ވިކިއްޖެ."
މީހުނަށް އީނާސްގެ ބޯގަންވިލާ ކަމުދިޔައީ އެއީ ދިވެހިންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ފެވަރިޓަކަށއް ވާތީ އެވެ. އަދި އީނާސްގެ އަމިއްލަ ޑިޒައިނަށް އުފެއްދި ދޮންދޫނި ޕްރިންޓެއް ނެރުމުން އެވެސް ވަރަށް ބާރަށް އުދުހުނެވެ.
އީނާސްގެ މި ހުނަރުުގެ ޔުނީކް ކަމަކީ ދިވެހިވަންތަ ޕްރިންޓާއި އަދި ތުއްތު ކުދިންގެ ގަޔަށް ފަސޭހަވާނެ ގޮތަށް މަޑު ފޮތިގަނޑެއް ގެނެސްދީފައި ވުމެވެ.
"އުފާވޭ އާންމުންގެ ފީޑްބެކްގެ ސަބަބުން. ވަރަށް ގިނަ މީހުން ބުނޭ ސައިޒްވެސް ވަރަށް ކަމުދެއޭ. މިއީ އަޅުގަނޑު އަމިއްލަ އަށް މިންއަޅާ ކަނޑައެޅި ސައިޒެއް. އަދި އެންމްވެސް ބުނޭ ފޮތިތަކުގެ މަޑުވާހަކަ."
އީނާސްގެ މަސައްކަތް ފުޅާކުރަން އޭނާ ވަރަށް ބޮޑަށް ވިސްނަ އެވެ. ހަމައެކަނި އިންސްޓަގްރާމުގައި ނޫނަސް އާންމު ރީޓެއިލަރުނަށް ވިއްކޭނެ ގޮތް ހަދައިދޭން އޭނާ ބޭނުމެވެ.
"ފުޅާކުރުމުގެ ގޮތުން އިތުރު ޕްރޮޑަކްޓްތަކެއް ހެދުމަށް މަސްއްކަތް ކުރަން. މި ބަލަނީ ތުއްތު ކުދިންނަށް ބޭނުންވާ ބިބްސް، ކުޑަކުދިންގެ އެނދުގެ އަޅާ ކްރިބް ޝީޓާއި އަދި ބީޗް ބްލޭންކެޓް ފަދަ ތަކެތި ނެރެން،" އޭނާ ބުންޏެވެ.
ޒުވާނުންނަށް އީނާސްގެ ފަރާތުން އޮތް ވާހަކައަކީ އެމީހާގެ ޕެޝަން ދެނެގަނެ އެ ފޮލޯކުރާށޭ އެވެ. އޭރަށް އެ މީހަކު ކާމިޔާބުވެ ކުރިއަރައިގެން ދާނެ އެވެ.