އަމީނާ އޮފް ދަ ސީ: މާ ބަގީޗާއެއްގައި!

ކުރެހުންތެރިންނަކީ މޮޔަވާވަރުގެ ބައެކެވެ. ވަރަށް ފާޑެއްގެ އެހާ ތަފާތު ބައެކެވެ. ލޮލަށް ފެންނަ މަންޒަރެއް ވިޔަސް، ހިތުގައި އުފެދޭ އުދާހެއް އަދި ޖަޒުބާތެއް ވިޔަސް ކުރެހުމަކަށް ބަދަލު ކޮށްލަނީ އެވެ. އެ ކުރެހުމެއް ބަލާ މީހާއަށް ފެންނާނީ ވަރަށް އާދައިގެ ފޮޓޯއެއް ނުވަތަ މަންޒަރެއްހެނެވެ. ބައެއް ފަހަރު އެއްކުލަ އެވެ. ނުވަތަ ދެ ތިން ކުލަ ގުޅުވައިގެނެވެ. ގިނަ ކުރެހުންތަކުގެ މާނަ އާއްމުންގެ ލޮލުން ދެނަގަތުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ ކުރެހުންތެރިންނަކީ ހަމަ މޮޔަވާވަރުގެ ބައެކެވެ.

ކުރެހުމެއްގެ ފަހަތުގައިވާ އިހުސާސްތަކާއި ޝުއޫރުތައް އޮންނަނީ އެ ކުރެހުމެއްގެ ދެލިގަނޑާއި ކަރުދާސްގަނޑުގެ ތެރޭގައި ބަންދު ކޮށްފަ އެވެ. މިއީ ކޮންމެ ކުރެހުންތެރިއެއްގެ ވެސް އެކަން ކުރާ ގޮތެވެ. މިފަހަރު މިއީވެސް ކުރެހުންތެރިއެކެވެ. ފެންކުލައިގެ ކަނޑެއްގައި ފަތަމުން ފީނަމުންދާ، އަމީނާ ފަތީނާ އަބްދުއްރަޝީދު (ފާތި) އެވެ. ފާތިވެސް ކުރެހުމާމެދު ގެންގުޅެނީ މިފަދަ ހިޔާލެކެވެ.

"އަބަދުވެސް ކުރަހަން، އެންމެ ކުޑައިރުވެސް ހަނދާންހުރޭ ކުރަހަން އުޅެވުނު. ކިތަންމެ ދުވަހެއް ވިޔަސް، ބިޒީ ވިޔަސް މިކަމުން މުޅިން ދުރަށް ނުދެވެނީ މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާތީ. ވަގުތު ހޯދައިގެން ވަގުތު ލިބޭ ވަރަކުން ބަލަން ކުރެހޭތޯ. އެއީ ކުރެހުމަކީ ސްޓްރެސް ރިލީފް ކޮށްދޭ ކަމެއް. ކައިވެނި ކޮށްގެން ދަރިން ލިބުނަސް ކުރަހަން ވިއްޔާ ވަގުތު ހޯދޭ. މިއީ ކަށީގައި ހިފާފައި ހުރި ކަމެއް،" ފާތި ބުންޏެވެ. -- ކުރެހުމުގެ ދުނިޔެއަކީ އެ ދުނިޔެއަށް ވަދެވިއްޖެނަމަ ދުވަހަކުވެސް ނުނިކުމެވޭ އަދި ވަކި ނުވެވޭނެ ދުނިޔެއެކެވެ.

ފާތިގެ ކުރެހުންތަކަކީ ހަމަ މަންޒަރުތަކެއް ނޫނެވެ. ކުލަޖެއްސި ރޮނގުތަކެއް ވެސް ނޫނެވެ. އާޓްގެ ބަހުރުވައިން ބުނާނަމަ މިއީ "އެބްސްޓްރެކްޓް" އާޓެއް ނޫނެވެ. މިއީ "ގްރެފިޓީ" އަދި "ސްކެޗް އާޓެ" އްވެސް ނޫނެވެ. ފާތިގެ ކުރެހުންތަކަކީ އިލަސްޓްރޭޝަންތަކެއްހެން ހީވިޔަސް މިއީ ހަމަ ފެންކުލައިގެ ކުރެހުމެވެ. "ވޯޓާ ކަލާ ޕެއިންޓިން" އެވެ.

ހުދު ގަނޑެއްގައި މާ ކޯންޏެކެވެ. އެ މަލުގައިވާ ހުރިހާ ކުލަތަކާއެކު ގުދުރަތުގެ ރީތި މިސާލެއް ދައްކަައި ދެނީ އެވެ. ފާތިގެ ކުރެހުންތައް ވަރަށް ސާދާ އެވެ. "ކެލިގްރަފީ" ގެ މޮޅު ހުނަރު ވެސް ބައެއް ފަހަރު މި ކުރެހުންތަކުގެ ތެރޭ ފާތި ހިމަނަ އެވެ. ފާތި ކުރަހާފައިވާ މާތައް އެއްކޮށްލުމުން މާ ބަގީޗާއަކަށް ބަދަލުވެ އެވެ.

ފާތިއަށް ވާ ގޮތަކީ މަގުމަތީން ހިނގާފައި ދާއިރު ވެސް މަލަކާ ލައްވާލައިފިއްޔާ، މަލެއް ފެނިއްޖިއްޔާ އެ މަލަކަށް ބަލަހައްޓައިގެން "އޮބްޒާވް" ކުރަން ކިތަންމެ އިރެއް ވަންދެން ވެސް ހުރެވެނީ އެވެ.

ފާތިގެ ފިރިމީހާ ބުނި ގޮތުގައި ބަގީޗާ އަކަށް ވެދެވިއްޖެއްޔާ ވެސް ފާތި ނެރެންޖެހޭނީ ގަދަކަމުން "އޮބިއަޅައި" ގެނެވެ.

"ފާތި އަށް މަގުމަތިން ފެންނަ ކޮންމެ މަލަކީ ކުރެހުމެއް، އެ މަލުގެ ތަފްސީލުތައް ދެނެގަނެ ކަރުދާހުގައި އެ މާ، އޭގެ އަސްލާ އެއްގޮތަށް ދައްކުވައިދެނީ،" އޭނާ ބުންޏެވެ.

ފާތިއަށް މަގުމަތިން ފެންނަ ކޮންމެ މަލަކީ ކުރެހުމެއް، އެ މަލުގެ ތަފްސީލުތައް ދެނެގަނެ ކަރުދާހުގައި އެ މާ، އޭގެ އަސްލާ އެއްގޮތަށް ދައްކުވައިދެނީ،
ފާތިގެ ފިރިމީހާ

ފާތިގެ ކުރެހުންތައް ސޯޝަލް މީޑިއަށް ދޫކޮށްލީ "އަމީނާ އޮފް ދަ ސީ" ގެ ނަމުގަ އެވެ. ކުރެހުންތައް ސޯޝަލް މީޑިއާގެ އޮއިގެ ތެރޭގައި ބެހެމުން ފެތުރެމުން އަންނަތާ މިހާރު ދެތިން އަހަރު ވެދާނެ އެވެ. ސޯޝަލް މީޑިއާގެ އޮއިވަރު ތެރެއިން އެންމެ ގިނައިން ފެންނަ އެކައްޗަކަށް ފަހަކަށް އައިސް "އަމީނާ އޮފް ދަ ސީ" ވެއްޖެ އެވެ. ބައެއް ފަހަރަށް އަމީނާ އޮފްދަ ސީން ނެއްޓޭ ވަރެއް ނުވެ އެވެ.

"އެންމެ ފުރަތަމަ އިންސްޓަގްރާމަށް އަޕްލޯޑް ކުރަން ފެށީ ލިޔެފައި ހުންނަ ކުދި މެސެޖު ތަކެއް. ފަހުން ކުރެހުންތައް ވެސް އޭގައި ހިމަނާލީ،" ފާތި ބުންޏެވެ.

"އަބަދުވެސް އިންޓަނެޓުން އެހެން ފެންނަ ކޯޓްސްތައް ސޭވް ކުރަން. އެގޮތަށް މެސެޖުތައް އަމިއްލައަށް ލިޔަން ފެށީ އަމިއްލަ މީހާއަށް ގިނައިން ފެންނާނެތީވެ. އެ މެސެޖުތައް އެއީ ފާތި ގެ ދިރިއުޅުމަށް އިތުރު ހިތްވަރެއްދޭ މެސެޖުތަކެއް. ދެން ފަހުން މާތައް ކުރަހާފައި ޝެއާ ކުރަން ފެށީ. މާތައް ކުރަހަން ފެށުމުން ވަރަށް ސަޕޯޓް ލިބުނު"

އެކި ކުލަ ކުލައިގެ މާތަކާއި މަލުގެ ކަރުގަނޑާއި ތަނޑި އާއި މަލުގެ ފަތްތަކުގައިވާ ކުލަތައް ކަރުދާހަށް ތިރި ކުރަމުން ގޮސް މިހާރު މި ކަމެއް ގޭގޭގެ ސިޓިން ރޫމަށް ވެސް ގޮސް ވަދެއްޖެ އެވެ. މި ކުރެހުންތައް ބޭނުން ކޮށްގެން 2018 އާއި 2019ގެ ކަލަންޑަރު ހަދައި ކަލަންޑަރަށް އޯޑަރުތައް ލިބެ އެވެ. ކަލަންޑަރު އިތުރަށް ފުރިހަމަ ކޮށްލުމަށްޓަކައި މަލުގެ ދިވެހި ނަންތައް ވެސް ފާތި ހިމަނައިދީފައި ވެއެވެ.

ކުރަހާ ކުލަޖައްސަން ފެށީ ފާތިގެ އަމިއްލަ ހިތްހަމަޖެހުމަކަށެވެ. މި ކުރެހުންތަކުން މިހާރު އެހެން މީހުންނަށް ހިތްހަމަޖެހުން އެބަ ލިބެއެވެ. ފާތި ބުނި ގޮތުގައި އޭނާގެ ކުރެހުމަކީ އެހެން މީހުންނަށް ހަމަ މަލަކަށް ވިޔަސް އެއިން ކޮންމެ މަލެއްގެ ފިޔައަކީ ތަފާތެކެވެ. ތަފާތު މާނައަކާއި ވާހަކައެކެވެ.