އިހުގެ ނޫހުން: "ބީ ހައިވް" މާޒީވެ "ކްރޮޕްޑް ލުކް" އަށް އަލިވިލުން

ދިވެހިންނަކީ ޒަމާނީ ފެޝަނަށް އަބަދުވެސް ލޯބިކުރާ ބައެކެވެ. ޔޫރަޕުގެ އެންމެ މަގުބޫލު ސްޓައިލްތައް ނަކަލު ކުރުމުގައި ދިވެހިންވެސް ދުލެއް ނުކުރެ އެވެ. ހެދުންއެޅުމުގެ ތަފާތު ސްޓައިލުތައް މަގުތަކަށް ނުކުތުމުން ވަރަށް ސާފުކޮށް ސިފަވާނެ އެވެ. އިސްތަށިގަނޑުން ފެށިގެން އަރައިގެން ހުންނަ ފައިވާނާ ހަމައަށް ހުންނަނީ ގުޅުވާލައިފަ އެވެ. ވަކި ވައްތަރެއްގެ ހެދުމަކާއެކު ތަފާތު ތިރި އެކެވެ. އަރައިގެން ހުންނަ ފައިވާން ނުވަތަ ބޫޓުގެ އުސްމިން ކަނޑައަޅާނީ ލައިގެން ހުންނަ ހެދުމުގެ ފަސްބައިގެ ދިގުމިނުންނެވެ.

ކޮންމެ މުނާސަބަތަކަށް ތަފާތު ސްޓައިލެކެވެ. މާ ގިނަ ދުވަހު އެއްގޮތަކަށް ހެދުން އެޅުމަކީ، އިސްތަށިގަނޑު ބެހެއްޓުމަކީ ގިނަ މީހުންނަށް ލިބޭ ނިކަމެތި ކަމަކެވެ. ބުރުގާ އަޅާ އަންހެނުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާއިރު، އެއީ އަދި ފެޝަންގެ މުޅީން އެހެން ދުނިޔެ އެކެވެ. އޭރުގެ ސްޓައިލަށް ތަބާވެގެން ނޫންގޮތަކަށް ގެއާ ޖެހިގެން ހުންނަ ފިހާރައަށް ދިއުމަކީ މިހާރު ލަދުވެތި ކަމެކެވެ.

މި އާދައަކީ އަދުގެ ޖީލަށް ހާއްސަވާ ކަމެކޭ ބުނުމަކީ ވަރަށް ބޮޑު ބޭއިންސާފަކަށްވާނެ އެވެ. މީގެ 50 އަހަރު ކުރީގެ ނޫސްތަކަށް ނަޒަރު ހިންގާލާއިރު، އޭރުވެސް ދިވެހިން ފެޝަނަށް ލޯބިކުރާ މިންވަރު ވަރަށް ސާފެވެ.

"މޫންލައިޓް" ނޫހުގައި 1971 ވަނަ އަހަރު ޝާއިއުކޮށްފައިވާ، މި ޒަމާނުގެ ބަހުރުވައިންނަމަ، "ފެޝަން ޓިޕް" ގައި ޒަމާނީ ސްޓައިލުތަކަށް އޭރުވެސް ފޯރިހުންނަކަން ފެނެ އެވެ. "ޓޯޓަލް ލުކް" ގެ އަހަރުގައި ހެދުން އެޅުމާއި، އަރައިގެން ހުންނަ ފައިވާން ނުވަތަ ބޫޓާ އެއްގޮތަށް އިސްތަށިގަނޑުގެ ސްޓައިލްގެ މުހިންމުކަމުގެ މައްޗަށް އެ އާޓިކަލްގައި ވަނީ އަލިއަޅުވާލައިފަ އެވެ.

"މި ސްޓައިލްތަކާއި (ހެދުމާއި ފައިވާން) ގުޅޭގޮތުން ހެއާ ސްޓައިލްތައް ވެސް ޖެހޭނީ ބަދަލުކޮށްލާށެވެ. މިދިއަ އަހަރުގެ ބީހައިވް ހެއާސްޓައިލްތައް މާޒީގެ އެއްޗަކަށްވެއްޖެ އެވެ،" މުޅި އިސްތަށިގަނޑު މައްޗަށްނަގާ ބޮލު މެދަށް އެއްކޮށް "ހަތައެއްހެން" ހުޅިޖަހައިގެން 1960 ގެ އަހަރުތަކުގައި މަޝްހޫރުވި "ބީހައިވް" ނިމުމަކަށް ގެންނަމުން މާޗް 17، 1971 ގެ އަދަދުގައި ހިމަނާފައިވާ އާޓިކަލްގައި ލިޔެފައިވެ އެވެ.

"ފެން ގޮތެއްގައި" ކަމަށް މޫންލައިޓް ނޫހުން ބުނި ނަމަވެސް، އަތު ކުރެހުންތަކައެކު އެ ސަފުހާގައި ވަނީ 1971 ވަނަ އަހަރު މަގުބޫލުވި "ކްރޮޕްޑް ސްޓައިލް" ދިވެހިންނަށް ތައާރަފްކޮށްދީފަ އެވެ. އެ ސްޓައިލް ކުރުކޮށް އަދި ދިގުކޮށް ހުންނާނެގޮތް ސިފަކޮށްދީފައިވަނީ ދެ އަތުކުރެހުމާއެކު އެވެ.

އެ ނޫހުގެ ފެޝަން ޓިޕް ފެނިގެން، އިސްތަށިގަނޑުގެ ސްޓައިލު ބަދަލުކޮށްލި އަންހެންކުދީންގެ އަދަދެއް އެނގޭނީ މާމަމެން ގާތުގައި އަހާލީމަ އެވެ. އެހެނަސް، 1960 އާއި 1970 ގެ ފެޝަން ސްޓައިލްތައް މިހާރު އަނެއްކާ އެނބުރި އައިސްފައިވާއިރު، އެ ނޫހުން ގެނެސްދީފައިވާ "ކްރޮޕްޑް ލުކް" އަކީ މުސްކުޅި ސްޓައިލަކަށް ނުވެދާނެ އެވެ.