ލައިފްސްޓައިލް

އަންވެއިލިން ވިޝަންސް: ބަލައެއް ނުނިމުނޭ!

އާދީއްތައިގެ ހަފުތާ ފެށޭ އިރު ހަފުތާ ބަންދުގެ ވަރުބަލިކަން ނުފިލަ އެވެ. އެކަމަކު ކުރަން އޮތް ހުރިހާ ކަމެއް ނިންމައި ހަވީރުގަޑި ބައިގައި ދިޔައީ ނެޝަނަލް އާޓް ގެލަރީ އަށެވެ. އަބަދުވެސް އާޓަށް ލޯއްބެއް އޮންނާތީ އާއި މި މަހުގެ 29 ގެ ނިޔަލަށް އޮތީ މޯލްޑިއަން އާޓިސްޓް ކޮމިއުނިޓީ އިން ބާއްވާ "އަންވެއިލިން ވިޝަންސް 2020" އެއްކޮޅުން އަނެއްކޮޅަށް ބަލައިލާށެވެ. ރާއްޖޭގައި ބާއްވާ އެގްޒިބިޝަންތަކުގެ ތެރެއިން ވަރަށް ގިނަ އާދަޔާ ހިލާފު ހުނަރު އެއް ތަނަަކުން ބަލާލެވޭނެ އެގްޒިބިޝަނެކެވެ.

ބޯ ވާރެއްގެ ތެރޭ އަސްކަނީގެ ހިޔާ ހޯދަމުން އާޓްގެލެރީއަށް ވަނީ އެ އެގްޒިބިޝަނަކީ މި އަހަރުގެ އެންމެ ސަޅި އާޓް އިވެންޓްކަމުގައި ވާނެތީ އެވެ. ކިއުއެއްގައި ޖެހި ފޮތެއްގައި ނަތް ނޯޓުކޮށް، ހުންބަލާ، އަތް ސެނިޓައިޒްކޮށް ފަންނުވެރިންގެ ހުނަރު ބަލާލަން ފުރުސަތު ލިބުނެވެ.

ދުރުދުރުގައި ކުރެހުންތައް ބަލަން ތިިއްބެވެ. ލޯބިވެރިންނާއި ރައްޓެހިންނެވެ. ބައެއް ސްކޫލް ކުދިން ފެނުނު އިރު ޒުވާނުންގެ ބޮޑު ތަރުހީބެއް އޮތެވެ. އޮފީސް ހެދުމުގައި ހަވީރަށް ހެދިލައިގެން ތިބި މީހުން ވެސް ފެނެއެވެ. އެއްބަޔަކު އާޓާއެކު ސެލްފީ ނަގާ ޕޯޒްވަނީ އެވެ. އެކަކު ވެސް އެގްޒެބިޝަން ބަލައި ފޫހިވެގެން، ބަލައި ނިމިގެން އުޅޭހެނެއް ހީއެއް ނުވެއެވެ.

މި އަހަރުގެ "އަންވެއިލިންގް ވިޝަންސް" ގައި 52 އާޓިސްޓުން ބައިވެރުވެފައި ވެއެވެ. އެމީހުންގެ އެކި އާޓިސްޓުން ހުނަރު ދައްކާފައި ވަނީ އެކި ގޮތަށެވެ. އަލަށް ނުކުތް އާޓިސްޓުންނާއި ތަޖުރިބާހުރި އާޓިސްޓުންގެ ފަރާތުން ވެސް ފެނިފައި ވަނީ ވަރަށް ބުރަ ބޮޑު އެކަމަކު ފުރިހަމަ މަސައްކަތެކެވެ.

ގެލެރީ ތެރޭގައި ކަނެއްގައި އާޓިސްޓުން އެމީހުންގެ ކުލަ ފިހި ހިފައިގެން އެވަގުތު ވެސް ދިޔައީ ހުނަރު ދައްކާލަމުންނެވެ. އަދި ފޫހި ނުވެ އެ މަންޒަރު ބަލާލަން އެތައް ބަޔަކު ތިއްބެވެ.

ފާހަގަވި ކަމެއް އޮތެވެ. އާޓިސްޓުންގެ ފިހިން ކުލަ ޖެހިގެން ނުކުންނަނީ މުޖުތަމައުގެ ހާލަތެވެ. "އަންވެއިލިންގ ވިޝަންސް" އިން ކިޔައިދެނީ ރާއްޖޭގެ މުޖުތަމައެވެ. އެކްޒިބިޓް ކޮށްފައިވާ ކޮންމެ އާޓް މަސައްކަތަކުން ވެސް ތަފާތު ވާހަަކައެއް ކިޔައި ދެއެވެ.

ނަފްސާނީ ހަމަޖެހުމާއި ރޭޕްގެ ބިރުވެރިކަމުގެ ވާހަކަތަކާއި ކުޑަކުދިންގެ ހައްގެވެ. ވަށަވަށައިގެންވާ ކަނޑާއި އެ ކަނޑުގެ ދިރުމެވެ. ރަށްފުށު ދިރިއުޅުމާއި ސިޔާސީ މައިދާނުގެ ޝަހުސިއްޔަތުންނާއި މިހާރުގެ ފެޝަނާއި ލައިފްސަޓައިލެވެ. މިހެން ގޮސް މި އެގްޒިބިޝަނަކީ މުޅި މުޖުތަމައުގެ ފެންނަ ލޯގަނޑެކެވެ.

ކޮންމެ ކުރެހުމެއް އެތައް ތަނަކުން ތަފާތެވެ. އެކައްޗާއި ބަލާ އަނެކަތި މާ ތަފާތެވެ. ކްރިއޭޓިވިޓީ އެކި ގޮތަށް ފާޅު ކޮށްފައި ވެއެވެ. ކޮންމެ ޑިސްޕްލޭއެއްގައި ވެސް ކޮންމެ ވެސް ހާއްސަ ތަފާތު ކަމެއް ވެއެވެ. ލޮލު އަޅައިގަންނަ ގޮތެއް ހުރެ އެވެ. ހުރިހާ އެއްޗެހިން އެންމެ މޮޅީ ވަކި އެއްޗެއްކޭ ބުނަން ނޭނގެ އެވެ. އެކަމު އާދަޔާ ހިލާފު ގޮތަކަށް ލޮލުގައި އަޅައިގެން ބައެއް ހުނަރު ވެއެވެ.

ހިރިގަލު ޑިޒައިންގެ ޖީއެން ސައިކަލެއް

ސަޅި އެއްޗަކަށް ލޮލުގައި އަޅައިގަތެވެ. ދިވެހި އާޓިސްޓެއް ކަމުގައިވާ އަހުމަދު އިހުސާން އާޓް ކޮމިއުނިޓީގެ މަޝްހޫރު ނަމުންނަނަމަ އަރާކާ އެގްޒިބިޝަންގައި އޭނާގެ ހުނަރުން ބަންޑުން ކޮށްލި ޖީއެން ސައިލަކަށެވެ. "ހިރިގާ" ނަމުން ނަން ދީފައި އޭނާގެ މި މަސައްކަތް ހުރީ ކަސްޓަމައިޒް ކޮށްފައިވާ ޖީއެން ސައިކަލުގެ ކަވަރެކެވެ. އޭގައި ހުރީ ކުލަ އާއި ޕުޓީ ބޭނުން ކޮށްގެން ހުކުރު މިސްކިތުގައި ފާރުގައި ހުންނަ ދިވެހިވަންތަ ކުރެހުންތައް ފަަދަ ކުރެހުންތަކެއް ކަނޑާ ނަގައިގެން ހަދާފައިވާ ޑިޒައިނެކެވެ.

"ޖީއެން ސައިކަލެއްގެ ކަވަރު މީގެ ކުރިން ކަސްޓަމައިޒްއެއް ނުކުރުން. ޔުނީކް ތަފާތު އެއްޗެއް ހެދުމުގެ ގޮތުން މި ޗެލެންޖް ނެގީ. ވަރަށް ބައިވަރު ޗެލެންޖަސް އާއި ކުރިމަތިވި މިއީ ކެންވާސް އެއް ގޮތަށް ފްލެޓް ސާފެސް އެއް ނޫން ކަމުން. ވަރަށް ގިނަ ވަގުތު ދިޔަ. އަހަރެން އަބަދުވެސް ބޭނުންވޭ އާ ހިޔާލު އާޓްވޯކްތަކުން ދައްކާލާން. މިއީ ކުރީގެ ގޮތާއި މިހާރުގެ ގޮތް އެކުލެވޭ ފިއުޝަނެއް." އިހުސާން ބުންޏެވެ.

"ބިއުޓިފުލް މެސް"

ރެސިން އާއި ސިމެންތި، ކްލޭ އަދި ހާޑް ބޯޑް އިން ހަދާފައިވާ މި ކޮފީ މޭޒަކީ ހިޝްމާ ގެ ފުރިހަމަ ރީތި މަސައްކަތެެކެވެ. ހިޝްމާ ގެ މި މަސައްކަތުން އޭނާ ބުނެ ދޭން ބޭނުން ވަނީ ހަމަ އެންމެ ވާހަކައެކެވެ. ކޮންމެ އެއްޗަކީ ވެސް އޭގެ ޒާތުގައި އޭގެ ގޮތުގައި ރީތި އެއްޗެއް ކަމެކެވެ. އެއަށްވުރެ ވަކީން ބޮޑު ހަގީގަތެއް ނުވެއެވެ.

ހިޝްމާ ބުނިގޮތުގައި އެ މޭޒަށް ކޮންމެ މީހަކު ބަލާލިޔަސް ލޮލުގައި އަޅައިގަންނަނީ ޝިޕްރެކެކެވެ.

"އަހަރެން ބޭނުންވީ ޝިޕްރެކް އަކީ ވޫންޑެޑް ޕާސަން އެއްގޮތުގައި ދައްކަން. ކޮންމެ މީހެއްގެ ގައިގައި ހުރި ވޫންޑް އަދި ސްކާ އަކާއި އެއްކޮށް ވެސް އެއީ ހަމަ ރީތި މީހެކޭ. މީހަކު ފުރިހަމަ ކޮށްދޭނީ އެމީހެއްގެ ހުރި ހުރިހާ ސިފައަކާއި ފްލޯސް އާއިވެސް އެއްކޮށް."

މޭޒުގެ އިންސްޕިރޭޝަން އަކީ ވ. ކެޔޮދޫ ކައިރިީ އޮންނަ ޝިޕްރެކެކެވެ.

ދަލެއްގައި ބެދިފައިވާ ފެހުރިއްސެއް

ވަށައިގެންވާ ނޫ ކަނޑުގައި އެތައް އެތައް ދިރުންތަކަށް ގެއްލުންވަނީ ހަަމަ މީހުންގެ އަތުންނެވެ. މިކަން ސަމާލު ކަމަށް ގެނައި މި އާޓް ޕީސް އިންނެވެ. ފްލައިވުޑް ގަނޑެއް ތޮރުގައި 7000 އިސްކުރު ޖަހައިގެން މި މަސައްކަތް ފުރިހަމަ ކޮށްފައި ވަނީ ލުޖެއިން އަލީ ވަހީދެވެ.

އޭނާގެ މި މަސައްކަތަށް ދީފައިވާ ނަމަކީ "ސަވައިވަލް" އެވެ. ބޭނުމަކީ ކަނޑުގެ ދިރުމަށް ވީހާވެސް ބޮޑަށް މީހުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމެވެ.

"މި ވޭލްޝާކް [ފެހުރިހި] ފުރިހަމަ ކުރުމަށް އަހަރެން 600 ގަޑިއިރުވި. ފްލައިވުޑް ތޮރުފައި ކޮންމެ އިސްކުރެއްގެ ބޮލުގައި ވަކިން އެހެރީ ކުލަޖައްސާފައި"

ލުޖެއިންގެ މި މަސައްކަށް މިކްސްޑް މީޑިއާ ކެޓަގަރީން އޭނާ އެއްވަނަ ހޯދި އެވެ.

ޔާސީން ސޫރަތުގެ މި އާޔަތްތައް

ކީރިތި ގުރުއާންގެ ޔާސީން ސޫރަތުގެ މޫރިތި އާޔަތްތަކުން (1-11 އަށް) ރަން ކުލައިން ފުރިހަމައަށް ފަވާލަ ދިނީ އިކްރާމް ޝަރީފެވެ. ކެލިއެގްރަފީގެ އިތުރުން ވެސް އޭނާގެ އާޓުގެ ހުނަރު ބޮޑެވެ. އިކްރާމަކީ މަލްޓިޑިސިޕްލިނަރީ އާޓިސްޓެކެވެ. އިކްރާމްގެ ކެލިގްރަޕީ ހުނަރު ރާއްޖޭގެ އެކި އެކި މިސްކިތްތަކުން މިހާރު ވެސް ފެންނާ އެވެ.

ސިޔާސީ މައިދާން ފެނޭ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވިޔަފަރާުވެރިޔާ އަދި ޑީއާރްޕީގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ވަރަށް މަޝްހޫރު ބޭފުޅެކެވެ. އޭނާގެ ފޮޓޯއެއް ކުރާހާލައި ދިނީ އެކްރިލިކް ކުލަ ބޭނުން ކޮށްގެން އިބްރާހިމް ޝާހީނެވެ. ވަރަށް އަޅައިގަތް ވަރަށް ޝަހުސިއްޔަތު ހުރި ފޮޓޯއަކަށް ޖާބިރުގެ ޕޮޓްރައިޓް ވިއެވެ.

އީމާގެ "ރިފްލެކްޓް" އިން ހުއްޓުންއެރި

އުމުރުން 17 އަހަރުގެ އާޓިސްޓް އީމާ ޝަރީފް ފަންސުރަކުން ކުރަހާފައިވާ މި ކުރެހުމަކީ ރ. އަލިފުށީ ދޮށީ އުމުރުގެ އަންހެެނެކެވެ. އީމާ ވަނީ އޭނާގެ މި ކުރެހުމާއެކު ބައިވެރިވި ކެޓަގަރީއިން އެއްވަނަ ވެސް ހޯދާފަ އެވެ.

ގެލެރީއަށް ވަތން އެހެން މީހުން ގޮތަށް އީމާގެ މި ކުރެހުން ކަމުގޮސް މިއަށް ބަލަން ވަރަށް ގިނަ އިރު ހުރެވުނެވެ. ހަމަ ހުއްޓުން އަރާފަ އެވެ. އެ އަންހެން މީހާގެ މޫނުގައިވާ ކުދި ކުދި ރޫތަކުން ފެށިގެން އަޅައިގެން ހުރި ބުރުގާ އާއި އެހެން ހުރިހާ ވަނާއެއް ގެނެސްދީފައިވާ ފުރިހަމަކަމުންނެވެ. މިއީ އީމާ ރިފަރެންސް ފޮޓޯއެއް ބަލައިގެން ފުރިހަމަ ކޮށްފައިވާ ފޮޓޯއެކެވެ. ކުރެހުމުގައިވާ އަންހެންމީހާގެ ފޮޓޯ ނެގީ ޒުވާން ފޮޓޯގްރާފަރެކެވެ.

އީމާ ބުނިގޮތުގައި މިއީ އޭނާގެ ތިން މަސް ދުވަހުގެ މަސައްކަތެވެ.

"އަހަރެން ހިތަކަށް ނާރާ ވަނައަކަށް ދާނެއެކޭ... ބޭނުންވީ މީގެ ކުރިން ބައިވެރިވާ ނުވާ އެގްޒިބިޝަނެއް ކަމުން 'އަންވެއިލިން ވިޝަންސް' ގައި ބައިވެރިވާން. ވަރަށް ކުޑައިރުންސުރެން އަބަދުވެސް ކުރަހަން. ބޮޑަށް ފޯކަސް ކުރީ ޑީޓެއިލްސް ގެނެވޭތޯ. ވަރަށް އުފާވި ބައިވެރިވެ ވަނައަކަށް އައުމުން" އޭނާ ބުންޏެވެ.

ފޮޓޯގްރާފަރު އަބްދުﷲ ޔަޝާއު ރ. އަލިފުށްޓަށް މިދިޔަ އަހަރު ކުރި ދަތުރެއްގައި ނެގި ފޯޓޯއެއް އީމާގެ ރިކުއެސްޓަކަށް ދިނުމުން ހީވެސް ނުކުރާހާ ފުރިހަމައަށް ކުރަހާލީ އީމާ އެވެ. އެކަމާއި އޭނާވެސް ހައިރަންވި އެވެ.

ރާއްޖޭގެ ވަރަށް ގިނަ އާޓިސްޓުން ބައިވެރިވާ ބޮޑު މި އެގްޒިބިޝަން ވަރަށް ކަމުދެ އެވެ. ހަމަޖެހިލައިގެން މިތަން ބަލާލެވުނުތީ އުފާވި އެވެ. އާދީއްތަ ދުވަހު މިތަނުގައި ހޭދަ ކުރެވުނު ވަގުތު މިއީ ވަރަށް ސަޅި ވަގުތެކެވެ. ބަލައެއް ހަމަ ނުނިމެ އެވެ. އެއްކޮޅުން ބަލާފައި އަނެއްކާވެސް އަނެއްކޮޅުން ފަށަނީ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ މި ޝޯއާއި ގުޅޭގޮތުން ހުސެއިން އިފްހަލް އަހުމަދު ވިދާޅުވި ގޮތުގައި މި އަހަރުގެ "އަންވެއިލިންގ ވިޝަން" އަށް ވެސް ވަރަށް ބޮޑު ތަރުހީބު ބޮޑެވެ. އަލަށް ނުކުންނަ އާޓިސްޓުންނާއި އެސްޓަބްލިޝްޑް އާޓިސްޓުންގެ މަސައްކަތްދައްކާލެވުނެވެ.

"އަރަމުން އަަންނަ އާޓިސްޓުންނަށް އެކްސްޕޯޝާ ހޯދައިދިނުން. ކޮވިޑާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އެކްޒިބިޝަން މިއޮތީ. ހީވެސް ނުކުރަހާ ބޮޑު ސަޕޯޓް ޕަބްލިކް އިން ލިބިގެން ވަރަށް ގިނަ ބަަޔަކު ޒިޔާރަތް ކުރަމުން ދަނީ. އެގްޒިބިޝަން 29 ގެ ހަމައަށް ކުރިއަށްދާނެ"

ވަގުތެއް ހޯދާލައިގެން ދާށެވެ. ބަލާށެވެ. ކިތަންމެ ވަރަކަށް ބެލިއަސް ބަލައި ފޫއްސެއް ނުވާނެ އެވެ. ބަލައެއް ވެސް ނުނިމޭނެ އެވެ.