ރިޕޯޓް

މުހައްމަދަށް ލިބުނީ ދޮންދަރިއަކަށް ނުވާ "ދޮން" ދަރިއެއް!

މުހައްމަދާއި ސެބަސްޓިއަން: ގިނަ އަހަރުތަކަކަށް ފަހު ދެމީހުން ދިމާވީ ފޭސްބުކްގައި ކުރި ޕޯސްޓެއްގެ ސަބަބުން -- ރިސޯޓް ވޯކާސް
64%
22%
14%

އުމުރުން 40 އަހަރުގެ މުހައްމަދު ސައީދަކީ އޭނާގެ ރަށް އއ. ރަސްދޫގައި މަސްވެރިއެކެވެ. ތާހިރު ދިރިއުޅުމެއް އުޅޭ އާދައިގެ މީހެކެވެ. އޭނާ އުފަން ހަތަރު ކުދިން ތިބެ އެވެ. އޭނާ ދިރިއުޅެމުން ދަނީ އޭނާގެ ފުރަތަމަ ކައިވެނިމަތީ ކުދީންގެ މަންމައާއެކު ރަސްދޫގެ މިނިވަން މާހައުލުގައި ވަރަށް އުފަލުގަ އެވެ. ހެޔޮވަރު އާއިލާ އުފަލުގައި ތިބުނުން މުހައްމަދަށް އޮތް އުފާ ބޮޑު އިރު އެހެން އުފަލެއް ވެސް އޭނާއަށް އޮވެ އެވެ. އެއީ އޭނާގެ ޒުވާން އުމުރުގައި ދޮންދަރިއަކަށް ނުވާ އެކަމަކު "ދޮން" ދަރިޔަކު އޭނާއަށް ލިބިފައިވާތީ އޮތް ބުނެދޭން ނޭނގޭ އުފަލެކެވެ.

ޖަރުމަނުގެ މެދުފަންތީގެ ދެމެފިރިއަކާއި އެމީހުންގެ ކުޑަ ދަރިފުޅާ މުހައްމަދާ ބައްދަލުވަނީ މީގެ 16 އަހަރު ކުރީން ވެލިދޫ އައިލެންޑް ރިސޯޓުންނެވެ. އޭރު މުހައްމަދަށް 26 އަހަރެވެ. ޖަރުމަނު ދެމަފިރިންގެ ތުއްތު ދަރިފުޅު، ސެބަސްޓިއަން އަށް ދެ އަހަރެވެ. ޖަރުމަނުގެ އެ ދެމަފިރިން ރިސޯޓްގައި ޗުއްޓީ ހޭދަ ކުރި އިރު ދަރިފުޅު ހަވާލު ކޮށްލަން އެ ދެމަފިރިންނަށް އެންމެ އިތުބާރު ކުރެވުނު މީހަކަށްވީ މުހައްމަދެވެ. އެހެންވެ ރިސޯޓުގައި މުހައްމަދު ވީ ކުޑަކުޑަ ސެބަސްޓިއަންގެ ދެވަނަ "ބައްޕަ" އަށެވެ.

މުހައްމަދު ބުނާ ގޮތުގައި އެއާއިލާގެ ފުރަތަމަ ދަތުރުގައި ބައްދަލުވުމަށް ފަހު އުފެދުނު ގާތްކަން، ގަވައިދުން އެ ރިސޯޓަށް އެ އާއިލާ ކުރަމުން އައި ރިޕީޓް ދަތުރުތަކުގައި ދެގޮތެއް ނުވެ ބޭއްވި އެވެ. އަދި އޭނާ އާއި ކުޑަކުޑަ ސެބަސްޓިއަންނާއާ ދެމެދު ވަރަށް ގާތް "އާއިލީ" ގުޅުމެއް އުފެދެމުން ވެސް ދިޔައެވެ. ލޭގެ ގުޅުމެެއް ނެތް އެކަމަކު އާއިލީ އެ ގުޅުމުގައި ސެބަސްޓިއަން އަށް ވެސް މުހައްމަދަކީ "ބައްޕަ" އެކެވެ.

ދުވަސް ބަދަލުވެ، މުހައްމަދުގެ ދިރިއުޅުން ރަށަށް ބަދަލުވުމުން އޭނާއަށް ޖަރުމަނުގެ އާއިލާ ގެއްލުނެވެ؛ އެހެން ނަމަވެސް އަހަރުތަކަކަށް ފަހު ޖަރުމަނުގެ އެ އާއިލާއިން ވަނީ ހުރި ތަނަކުން މުހައްމަދު ހޯދުމުގެ މަސައްކަތްކޮށް އެ މީހުންގެ ދަރިފުޅާއި މުހައްމަދު ދެމެދު އޮތް ލޯބި މުޅި ދުނިޔައަށް ދައްކާލާފަ އެވެ.

ސެބަސްޓިއަން އާއި އޭނާގެ މަންމަ އާއި ބައްޕަ އަށް މުހައްމަދު ގެއްލިފައި ވުމުން ބައްދަލުވާނެ ގޮތެއް ހޯދާން އެ ވާހަކަ ދޫކޮށްލީ ފޭސްބުކް ތެރެއަށެވެ. އެ ހިސާބަށް ދިޔައީ މުހައްމަދުގެ އުނގުތެރެއިން ބޮޑުވެގެން އައި ސެބަސްޓިއަން އަށް 18 އަހަރު ފުރޭތީ ބާއްވާ ހާއްސަ ޕާޓީގައި ހާއްސަ މެހުމާނެއްގެ ގޮތުން ކޮންމެހެން ވެސް މުހައްމަދު ހުންނަން އެ އާއިލާ ބޭނުންވާތީ އެވެ. އެއަށްވުރެ ބޮޑު އުފަލެއް ދަރިފުޅަށް ހޯދައި ނުދެވޭނެ ކަމަށް ބަލައިގެނެވެ.

ސެބަސްޓިއަން އާއި އާއިލާ އިން ވަނީ ފޭސްބުކް މެދުވެރިކޮށް އަތްފުނާއާޅައި އެކުވެރި "ބައްޕަ"، މުހައްމަދު ހޯދާފަ އެވެ. އެވާހަކަ ސޯޝަލް މީޑިއާގެ ވާހަކައަށްވެފައި ވާއިރު މީގެ 16 އަހަރު ކުރިން އުފެދުނު އެ ހާއްސަ ގުޅުމާއި އެ ގުޅުމުގެ ބައެއް ހަނދާންތަކެއް މުހައްމަދު ވަނީ އަވަސްއާ ހިއްސާކޮށްފަ އެވެ.

އޭނާގެ މައިންބަފައިން ރިސޯޓަށް ޗުއްޓީއަށް ގޮސް އުޅޭއިރު އެއީ ޑައިވިން ކުރަން ވަރަށް ޝައުގު ހުންނަ އަދި އެކަމުގައި ގިނަ ވަގުތު ހޭދަކުރާ ބައެއް. އެ މީހުން ޑައިވް ކުރަން ދާއިރު ސެބަސްޓިއަން ބެލެހެއްޓުމުގެ ހުރިހާ ކަމެއް އޮންނަނީ އަޅުގަނޑަށް، ފަހުން އެ ރިސޯޓަށް އަންނަ ކޮންމެ ފަހަރަކު ވެސް ސެބަސްޓިއަން ހަވާލު ކުރަނީ އަޅުގަނޑާ،
މުހައްމަދު ސައީދު | ރަސްދޫ

މުހައްމަދު ބުނި ގޮތުގައި ޒުވާން އުމުރުގައި އޭނާ މަސައްކަތް ކުރީ ވެލިދޫ ރިސޯޓުގެ ރެސްޓޯރެންޓް ވޭޓަރަކަށެވެ. އޭނާއާ ސެބަސްޓިއަން ބައްދަލުވީ ސެބަސްޓިއަން އަށް ދެ އަހަރުގައި ރިސޯޓުންނެވެ.

"އޭނާގެ މައިންބަފައިން ރިސޯޓަށް ޗުއްޓީއަށް ގޮސް އުޅޭއިރު އެއީ ޑައިވިން ކުރަން ވަރަށް ޝައުގު ހުންނަ އަދި އެކަމުގައި ގިނަ ވަގުތު ހޭދަކުރާ ބައެއް" ހަނދާންތައް އާ ކުރަމުން މުހައްމަދު ބުންޏެވެ. "އެ މީހުން ޑައިވް ކުރަން ދާއިރު ސެބަސްޓިއަން ބެލެހެއްޓުމުގެ ހުރިހާ ކަމެއް އޮންނަނީ އަޅުގަނޑަށް، ފަހުން އެ ރިސޯޓަށް އަންނަ ކޮންމެ ފަހަރަކު ވެސް ސެބަސްޓިއަން ހަވާލު ކުރަނީ އަޅުގަނޑާ."


މުހައްމަދު ބުނި ގޮތުގައި ޖަރުމަނު ދެމަފިރުން އޭނާއަށް ކުޑަކުޑަ ސެބަސްޓިއަންގެ ހަވާލު ކޮށްފައި މޫދަށާއި ބީޗަށް އުފާން ކުރާން ގޮސް އުޅުނީ އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކޮށްފަ އެވެ. އެނާ ވެސް ސެބަސްޓިއަން ބަލައި ދިނީ އަމިއްލަ ދަރިއަކު ބަލާ ފަދައިން ވަރަށް ލޯބިންނެވެ.

"ރިސޯޓުގައި މަސަައްކަތް ކުރި ދުވަސްވަރު ސެބަސްޓިއަންގެ އާއިލާ އިން ޖެހިޖެހިގެން ހަތަރު އަހަރު ވަންދެން އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި، އެހެންވެ ސެބަސްޓިއަން އެކުގައި ގިނަ ވަގުތު ހޭދަކުރަން ވަރަށް ގިނަ ފުރުސަތު ލިބުނު... އެ އާއިލާއަކީ ވަރަށް ރަނގަޅު އާއިލާއެއް... އޭރު އަޅުގަނޑުގެ ވެސް ހުންނާނެ ސެބަސްޓިއަންގެ އުމުރުގެ ދަރިއެއް، އަޅުގަނޑުގެ ކުދިންނަށް [އެ އާއިލާއިން] ހަދިޔާވެސް ގެނެސްދޭ،" މުހައްމަދު ބުންޏެވެ.

އުފާވެރި އެ ދުވަސްތައް ނިމިގެން ދިޔައީ ގާތްގަނޑަކަށް ހައެއްކަ އަހަރު އެކުގައި އުޅުމަށްފަހު އެވެ. އޭގެ ފަހުން ރިސޯޓް ވަޒީފާ ދޫކޮށްލައި މުހައްމަދުގެ މިހާރު މަސައްކަތަކީ މަސްވެރިކަމެވެ. އޭނާގެ ވަގުތުތައް އޮންނަނީ މަސް ދޯނީގައި ކަނޑުމަތީގަ އެވެ.

މުހައަމަދު ބުނި ގޮތުގައި ރިސޯޓު ވަޒީފާ އިން ވަކިވި ފަހުން ސެބަސްޓިއަންގެ އާއިލާ ބައްދަލު ނުވެ އަހަރުތަކެއް ވުމުގެ އިތުރުން އެ އާއިލާ ފަހުން ރާއްޖެ އައުމުން ވެސް ބައްދަލުވާ ގޮތެއް ނުވެ އެވެ.

ސެބަސްޓިއަން އާއި ސައީދު ވީޑިއޯ ކޯލެއްގައި

"އަޅުގަނޑާ ބައްދަލު ނުވުމުން ރާއްޖެ އައުމުގެ ޝައުގުވެރިކަން އެ އާއިލާ ވެސް ވަރަށް ބޮޑަށް ކުޑަވި ކަމަށް ސެބަސްޓިއަންގެ އާއިލައިން ފަހުން ބުނި. އަދި ފަހުން އަޅުގަނޑު ހޯދަން މަސައްކަތް ފެށީ... އެގޮތަށް ހޯދަން މަސައްކަތް ކުރުމުން އެކަމާ އަޅުގަނޑު ރުޅި އަތުވެދާނެތީވެ ސެބަސްޓިއަންގެ އާއިލާ އިން ފުރަތަމަ ޖެހިލުންވެސް ވި ... ނަމަވެސް ސެބަސްޓިއަންގެ 18 ވަނަ އުފަން ދުވަސް އަޅުގަނޑާ އެކުގައި ފާހަގަ ކުރަން ބޭނުންވާތީ ފޭސްބުކްގައި ޕޯސްޓެއް ޖެހީ،" އޭނާ ބުންޏެވެ.

ސެބަސްޓިއަންގެ އާއިލާއިން އެ އާއިލާގެ "ދިވެހި މެންބަރު" ހޯދަން ކުރި މަސައްކަތުން މިހާރު ވަނީ އަލުން ބައްދަލުވެ އިމޯޝަންތައް ބަންޑުންކޮށްލާފަ އެވެ.

ސައީދު އާއި އޭނާގެ އާއިލާ

"އެއީ ވަރަށް އުފާވެރި ވަގުތުކޮޅެއް، އެ އާއިލާގެ އެންމެނަށް ވެސް ތިބީ ރޮވިފައި،" އެ ފެނިލުން މުހައްމަދު ސިފަ ކުރި އެވެ.

މުހައްމަދު ބުނި ގޮތުގައި އޭނާގެ "ދޮން" ދަރިފުޅު ކައިރީގައި ވަގުތު ހޭދަކޮށް އޭނާގެ އުފަން ދުވަހުގެ ޕާޓީގައި ބައިވެރިވާން ޔޫރަޕަށް ދާކަށް ނުުޖެހޭނެ އެވެ. ޖަރުމަނުން ދަތުރު ހަދައިގެން އެ އާއިލާ އަންނާނީ ސީދާ ރަސްދުއަށް މުހައްމަދުގެ އާއިލާގެ ތެރެއަށެވެ. ސެބަސްޓިއަން އަންނާނީ މުހައްމަދުގެ ހިމާޔަތުގެ އުނގަށެވެ. އަދި އެ ދުވަސް މުހައްމަދަށާއި އޭނާގެ އާއިލާ އަށް އަދި ސެބަސްޓިއަން އާއި އޭނަގެ އާއިލާ އަށް ދުވަހަކުވެސް ނުނިމޭ، އަދި އިރު ނޯއްސޭނެ ހަވީރު ފިންޏަކަށް ވާނެ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސުސީ

ބިޔުޓީ އޮފް ހޮސްޕިޓަލިޓީ♥️

އަލީ ހަސަން

އަހަރެންގެވެސް ތިދުވަސްވަރުގަ ރިސޯޓުގަ އުޅުނު އިރުގެ ވަރަށް ގިނަ ރަތްޓެހިން އުޅޭނެ ، އެމީހުންވެސް ހަމަ އުޅޭނީ ހަމަ ތިފަދަ ގޮތަކަށް، އޭރު ފޯނެއް، އިންޓަނެޓެއް އާއްމު މީހުން އަތުގަ ނުހުރޭވިއްޔާ

ހަސަނުގ

ތިހެން ލޯބިވާ ދަރިއަކުވެސް މަދުވާނެ މިހާރު. މަވެސް އުފާވެއްޖެ މިކިޔާފަ.

ޒައަޒަން

ފޮލޯއަޕް ހަދާފަ އެ މީހުން މިކޮޅަށް އައުމުން ވާގޮތް ރިޕޯޓެއް ގެނެސް ދޭތި.. ސިޔާސީ ވާހަކަތަކާ ދީނީ އިލްމުވެރިންގެ ތަޅާފޮޅު ްތަކުގެ ވާހަކަ އަޑުއިވި އިވި ފޫހިވެފަ

މަރިޔަމްމާ

މިކަހަލަ ވާހަކައެއް ކިޔާލީމަވެސް އުފާވޭ! ޢެހެންނޫނީ އިވެނީ ކޮންމެވެސް ސިޔަސީ ވާހަކަ އަކާ ބަޑުހިންދާ ކޮފީއެއްގެ ވާހަކަ.

މާސްޓރ

ސަޅި.

ހަގީގޭ

އާދަމުގެދަރިވަންތަކަމަކީ ނަސްލެއް ކުލައެއް ނެތްއެއްޗެއްކަން ދައްކުވައިދޭ، މޮޅުފިލްމެއްއުފެއްދޭވަރުގެ ހިތްގައިމު ވާހަކައެއް.

އެފް

އަޅާލުމާ އޯގާތެރިކަމުގެ ނަތީޖާއަށްވުރެ އުފާވެރި ކަމެއް އެބައޮތްހެއްުޔެވެ؟ އިތުބާރާ ކުލުނުގެ ވަރުގަދަ ލިންކަކުން ބޮޑުޔޫރަޕާ ދިވެހި އާދައިގެ އާއިލާއަކާ ގުޅިއެއޮތީލާމެހިފައެވެ. ދިވެހިންނަށް އިތުރުޝަރަފެކެވެ. ދިވެހިފަތުރުވެރިލަމަށް އިތުރު ކުރިއެރުމެކެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910