ނަވާރަސަތޭކަ އައްޑިހަ އަށްވަނަ އަހަރު ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫންގެ އުމުރުފުޅުން އެންމެ އަށް އަހަރެވެ؛ އެ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއަށް ބަޔަކު ދިން އުދުވާނީ ހަމަލާދިން އިރު ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާގެ ހަތަރު ބޭފުޅުންގެ ތެރެއިން ރާއްޖޭގައި ހުންނެވީ ޣައްސާން އެކަންޏެވެ. އެ ދުވަހު ރައީސް މައުމޫނާ އެންމެ އަރިހުގައި ހުންނެވީ ވެސް އޭނާ އެވެ. މަންމައާއި ބައްޕަ ކުރެއްވި ކަންކަމާއި އެޅުއްވެވި ހުރިހާ ފިޔަވަޅެއް އެންމެ ގާތުން ފެނިވަޑައިގެންނެވީ ވެސް ޣައްސާނަށެވެ.
އެ ދުވަހުގެ އިހުސާސްތައް ޣައްސާން އޭނާގެ ރަހުމަތްތެރިންނަށް ދޭތެރެ ދޭތެރެއިން ހިއްސާ ކުރައްވަ އެވެ. އެކުގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުންނަށް ވެސް އެ ދުވަހުގެ ވާހަކަތައް ވިދާޅުވެ ދެއްވައެވެ. ނަމަވެސް މިދިޔަ 32 އަހަރުގެ ތެރޭގައި އެ ވާހަކަތައް މީޑިއާއާ ހިއްސާ ކުރައްވާފައެއް ނުވެ އެވެ. އެ ދުވަހު ކުރެއްވުނު ތަޖުރިބާ ފުރަތަމަ ފަހަރަށް ހިއްސާ ކުރެއްވީ "އަވަސް" އާއެވެ.
ތުއްޕުޅު އިރު ޣައްސާންއަކީ ގުރުރާނަމަ ވަރަށް ބިރު ގަންނަ ކުއްޖެކެވެ. ނިދާފައި އޮންނަވަނިކޮށް ގުގުރާލައިފިނަމަ ވަގުތުން ތެދުވެ މަންމަ އާއި ބައްޕަ އަރިހަށް ވަޑައިގަންނަވަ އެވެ. އެކަން އެނގިވަޑައިގަންނަވާތީ އެ ދެ ބޭފުޅުން ތިއްބަވަނީ ވެސް އެނދުން ޖާގަ ހައްދަވައިގެންނެވެ. ނޮވެންބަރު ތިންވަނަ ދުވަހުގެ ރޭ ވެސް ޣައްސާނަށް ހޭފުޅުލެއްވުނީ ބާރުގަދަ އަޑުފައްގަނޑެއް އިވިވަޑައިގަތުމުންނެވެ. އޭނާ ހީކުރެއްވީ ގުގުރަނީ ކަމަށެވެ. ނަމަވެސް އެ އަޑުގައި ތަފާތު ކަމެއް ހުރިކަން އިހުސާސް ކުރެވުނެވެ. އެކަން ޔަގީންވެވަޑައިގެންނެވީ ދުވެވަޑައިގެން މަންމައާ ބައްޕަގެ ކޮޓަރިއަށް ވަޑައިގެންނެވުމުންނެވެ. އޭރު ކޮޓަރީގައި ހުންްނެވީ ރައީސް މައުމޫނެވެ. މަންމާފުޅު، ނަސްރީނާ ވަދެވަޑައިގެންވީ ފާހާނާގަ އެވެ. ރައީސް މައުމޫން ހުންނެވީ ފޯނެއްގަ އެވެ. އެހެން ކަމުން ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސް ކުރެވި އެކަން ޔަގީން ވެސް ކުރެވިއްޖެ އެވެ.
"އަޅުގަނޑު ފެނުމުން ބައްޕަ ވިދާޅުވީ ވަރަށް އަވަހަށް ބޭރަށް ދާން ތައްޔާރުވެެގެން އަންނަން. އަޅުގަނޑު ދެންނެވިން މޫނު ދޮވެލައި ދަތް އުނގުޅާ ހަދައިގެން މި އަންނަނީ ކަމަށް. ނަމަވެސް ވިދާޅުވި އެކަން ކުރައްވާނެ ކަމެއް ނެތޭ. އަވަހަށް ގަމީހަކާއި ފަޓޫލޫނެއް ލައިގެން އަންނާށޭ. ދެން ތިބި މީހުންނަށް ވެސް އަންގާށޭ ތައްޔާރުވާން،"
އެންމެން ތައްޔާރުވުމުން ރައީސް މައުމޫން ނިންމެވީ ރަސްމީ ގެކޮޅު ތީމުގެއިން ނުކުންނަވާށެވެ. ފުރަތަމަ ނިންމެވީ ކާރުގައި ނުކުންނަވަން ނަމަވެސް ފައި މަގުގައި ހިންގަވާފައި ނިކުންނަވަން މައުމޫން ނިންމެވި އެވެ. އަދި އެމަނިކުފާނުގެ ޕާސަނަލް ސެކްރެޓަރީ އާދަމް ނައީމް އެދިވަޑައިގަތުމުން އޭނާގެ ގެއަށް ވަޑައިގަތުމަށް ނިންމެވީ އެވެ. އެ ބޭފުޅުން ނިކުންނެވީ ތީމު ގޭގެ ވަލު ދޮރާށިންނެވެ.
ހިންގަވާފައި ވަޑައިގެންނެވިއިރު އެންމެ ކުރީގައި ހުންނެވީ ރައީސް މައުމޫނެވެ. ދެން ނަސްރީނާ އެވެ. އޭގެ ފަހަތުގައި ޣައްސާނެވެ. ނަމަވެސް ތަންކޮޅަކަށް ހިންގަވާލެވުމާއެކު މައުމޫންގެ ކުރިފުޅުމައްޗަށް ނަސްރީނާ ވަޑައިގެން ހިންގަވަން ފެށި އެވެ. އެ މަންޒަރު ފެނި ޣައްސާން ވަޑައިގެން މަންމަގެ ކުރީގައި ހުންނަވާ ހިންގަވަން ފެށި އެވެ.
ޓެރަރިސްޓުންނާ ބައްދަލުވުން
ޖަސްޓިސް ބިލްޑިންގެ ގޯޅިތެރެއިން ނުކުންނެވުމުގެ ކުރިން އެ ބޭފުޅުންނަށް ކުއްލި ސިހުމެއް ލިބިވަޑައިގެންނެވީ ޒިޔާރަތް މިސްކިތުގެ ފާރުމަތިން ބޭރަށް ފުންމާލި ދެ މީހަކު ފެނިގެނެވެ. ދެ މީހުންގެ އަތުގައި ވެސް އޭކޭ ފޯޓީސެވަންގެ ދެ ބަޑި އޮތެވެ. ލައިގެން ތިބީ މުންޑަކާއި ޓީޝާޓެކެވެ. އެއީ ތަމަޅައިގެ ދެ މީހުންނެވެ.
އެ މީހުންނަށް ވެސް ރައީސް މައުމޫނާއި އާއިލާ ބޭފުޅުން ފެނިވަޑައިގަތެވެ. ޣައްސާން ވިދާޅުވާ ގޮތުން އެ މީހުންނާއި ހަތަރުކަޅި ވެސް ހަމަވި އެވެ. ނަމަވެސް ތަމަޅަ ބަހުން ވާހަކަތަކެއް ދެއްކުމަށް ފަހު އެ މީހުން ދިޔައީ އެވެ.
"ގޯޅި ކަންމައްޗަށް އަރާ ހަމަވިތަނާ މިސްކިތު ފާރުއެތެރެއިން އެ ފުންމާލީ ދެ މީހުން. މުންޑު އަދެފައި ޓީޝާޓް ލާފައި ތިބި ދެ މީހުން. ކޮންމެ މީހަކު އަތުގައި އޮތް [ފަހުން ދެން އެނގެނީ] އޭކޭ ފޯޓީސެވަންގެ ބަޑިއެއް. މިއީ ހަމަ ތަމަޅައިގެން ދެ މީހުން. ދެން ހަމަ އަޅުގަނޑުމެން ވަގުތުން ހުއްޓުނީ. އެވަގުތު ވާނީ ވެސް އެހެން ކަންނޭގެ. ހުއްޓިފައި ހަމަ ކަޅިޔާ ކަޅިވެސް ހަމަވި. އެމީހުން ވެސް ހަމަ ރީއްޗަށް އަޅުގަނޑުމެންނާ ދިމާއަށް ބަލާލާފައި އެކަކު އަނެކަކާ ތަމަޅަ ބަހުން ވާހަކައެއް ދައްކާލާފައި އެސްޓީއޯ ގުދަނާ ދިމާއަށް ހިނގައްޖެ،" ޣައްސާން ވިދާޅުވި އެވެ.
މައުމޫން ވަޑައިގެންނެވީ ހުދުއަސުރުމާގެއަށް ނަމަވެސް އެގެއާ ހަމައަށް ވަޑައިގެން ތަޅުގައި ހިތްޕެވިއިރު ދޮރު ހުރީ ތަޅުލައްވާފަ އެވެ. ރައީސް މައުމޫނާއި ތީމުގޭގައި ތިއްބެވި ބޭފުޅުން ބަލައި ނައީމް ވަޑައިގެންނެވީ ގޭގެ ވަލުދޮރާށި ހުޅުވާފައި ނަމަވެސް ބަޑި ތަޅަމުންދިޔަ އަޑުގެ ބިރުވެރިކަމުން ނައީމްގެ އަނބިކަނބަލުން ދޮރުތަޅުލެއްވީ އެވެ. އެކަން ކުރެއްވީ ނައީމް ވަޑައިގެންނެވި ބޭނުންފުޅު ވިދާޅުވެފައި ނެތުމުންނެވެ.
ދެން އެ ބޭފުޅުން މިސްރާބު ޖެއްސެވީ ޖެހިގެން ހުރި ގުލިސްތާނުގެއަށެވެ. ނަސީބު ދިމާކުރި ގޮތުން އެ ގޭގެ ބޭރު ދޮރާށި ހުރީ ތަޅުނުލަ އެވެ. އެހެން ކަމުން އެތެރެއަށް ވަދެވަޑައިގެންނެވިއްޖެ އެވެ. ނަމަވެސް ގެއަށް ވަންނަ ދޮރު ހުރީ ތަޅުލާފައިކަމުން ގޭގެ މީހުންނަށް އިޝާރާތެއް ލިބެންދެން އެ ބޭފުޅުން މަޑުކުރަންވަން ޖެހިވަޑައިގަތެވެ. އެއީ މުޅި މާލެއިން ކަރަންޓް ވެސް ދިޔަ ވަގުތެވެ.
"ގުލިސްތާނުގޭ ހައްޖައްތަ ވިދާޅުވި އެ ރޭ ފިޔަވައި ހަމަ ކޮންމެ ރެއަކުހެން ބޭރު ދޮރު ވެސް ތަޅު ލައްވާ ކަމަށް. ނަމަވެސް މާތްރަސްކަލާންގެ ރަހުމަތްފުޅުން އަޅުގަނޑުމެންނަށް އެ ގެއަށް ވަދެވެން ހުރީތީ އެ ރޭ ތަޅުނުލެވި ހުރީ،" ޣައްސާން ވިދާޅުވިއެވެ.
ރައީސް މައުމޫން ތީމުގެއިން ނުކުންނެވުމުގެ ކުރިން ވާހަކަފުޅު ދެއްކެވީ ޑިފެންސް މިނިސްޓްރީގެ ނާއިބު އިލްޔާސް އިބްރާހިމާ އެކަންޏެވެ. ޣައްސާން ކޮޓަރިކޮޅަށް ވަޑައިގެންނެވިއިރު މައުމޫން ހުންނެވީ އެ ފޯނުކޮޅުގަ އެވެ. އެ ފޯނުކޮޅު އިލްޔާސް ބޭއްވެވީ އެ ގެއަށް ބާޣީން ވަދެއްޖެ ކަމަށް ވިދާޅުވެފަ އެވެ.
އެހެން ކަމުން އިލްޔާސްގެ ހަބަރެއް އެ ދުވަހުގެ މެންދުރުވުމާއި ހަމައަށް ލިބިވަޑައިގަތުމުގެ ކުރިން މައުމޫން ހުންނެވީ ވަރަށް ބޮޑު ކަންބޮޑުވުމެއްގަ އެވެ. އިލްޔާސް އަވަހާރަކޮށްލީ ކަމަށް ދެކެވަޑައިގެންނެވެ. ނަމަވެސް އެ ވާހަކަ ނަސްރީނާއާ ވެސް ހިއްސާ ނުކުރައްވަ އެވެ. އަދި ޣައްސާން އަރިހުގައި ވެސް ވިދާޅެއް ނުވެއެވެ.
ގުލިސްތާނުގެއަށް ވަޑައިގަތުމަށްފަހު ރައީސް މައުމޫން ފެއްޓެވީ އެކި ބޭފުޅުންނާއި ގުޅުއްވުމުގެ މަސައްކަތަކެވެ. އަދި ކަން ކުރައްވަންވީ ގޮތުގެ އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ޣައްސާން ވިދާޅުވި ގޮތުގައި މުޅި ދުވަސް އަދި އެ ރޭވެސް އެމަނިކުފާނު ހޭދަކުރެއްވީ އެގޮތުގަ އެވެ. ފަހުން ނައީމް ވަޑައިގެންނެވީ އެ ގޭގެ ފޯން ވެސް ހިއްޕަވައިގެންނެވެ. އެހެން ކަމުން ދެ ފޯނުން އެކި ތަންތަނަށް ގުޅުއްވާ މުއާމަލާތް ކުރެއްވިއެވެ.
"ދެން ބައްޕަ ނައީމް ކުރެއް އެއްސެވި އަނެއް ފޯން ކޮބައިތޯއޭ؟ ނައީމް ވިދާޅުވި އޭގެ ޗާޖެއް ނެތޭ. ތިމަންނަ މި އައީ ޗާޖަށް ޖަހާފައި އިބްރާހިމްބެ އެ ތަނުގައި ބަހައްޓަވާފައި ކަމަށް. ޗާޖްވީމަ ގެނެސްދެއްވާނެ ކަމަށް. ފަހުން އަޅުގަނޑަށް މި އެނގެނީ އެއީ ސެޓެލައިޓް ފޯނެއްކަން،"
ސެޓެލައިޓް ފޯން މައުމޫންގެ އަތްޕުޅަށް ލިބިލެއްވީ އެ ދުވަހުގެ މެންދުރު ކުރިންނެވެ. ގާތްގަނޑަކަށް 11:00 ޖަހާ އެހާކަންހާއިރު އެވެ. އެ ފޯން ލިބިވަޑައިގަތުމުން ރައީސް މައުމޫން އެންމެ ފުރަތަމަ ގުޅުއްވީ އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާދީއާ އެވެ. އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ. އަދި އިންޑިއާގެ މަދަދުވެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އޭގެ ފަހުންވެސް އެކި ގައުމުތަކުގެ ވެރިންނާއި އެކި ލެވެލްގެ ބޭފުޅުންނާއި ގުޅުއްވާ ރާއްޖޭގެ ހާލަތު ހިއްސާ ކުރެއްވެވިއެވެ. އަދި ރާއްޖެއަށް އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވި އެވެ.
މެޑަމް ނަސްރީނާގެ ސިޓީފުޅެއް
ޣައްސާން ވިދާޅުވި ގޮތުގައި އެ ދުވަހުގެ ހާދިސާގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރެއްވީ މަންމަ ލިޔުއްވި ސިޓީއެއްގެ ސަބަބުންނެވެ. ފެންޑާގައި ހުރި މޭޒެއްގެ ކައިރީ އިންނަވައިގެން މަންމަ އެއްޗެއް ލިޔުއްވާތީ އެ ތަނަށް ވަޑައިގެންނެވިއެވެ. އަދި އޭގައި އޮތް އެއްޗެއް ވިދާޅުވި އެވެ.
"މޭޒު ކައިރީ އިށީންނަވާފައި މަންމަ އެބަ އެއްޗެއް ލިޔުއްވާ. ދެން އަޅުގަނޑު ގޮސް ބަލައިލައިފިން. ކަން ދިމާކުރި ގޮތުން ބައްޕަގެ ދަރިން ތެރެއިން އަޅުގަނޑު އެކަނި ހުރީ ނޮވެންބަރު ތިނެއް 88 ގައި މާލޭގައި ބައްޕަ އަރިހުގައި. އަޅުގަނޑަށް އެކަނި އެކަންކަން ހަމަ ލޮލުން ފެންނާނީ. އަޅުގަނޑުގެ ބޭބެ އާއި ދެ ދައްތަ އޭރުވީ ކިޔަވަން ބޭރަށް ގޮސް. ދެން މަންމަގެ ސިޓީގައި މި އޮތީ ލޯބިވާ ދަރިންނޭ... މަންމައާ ބައްޕަ މި މަރުވަނީއޭ! ކޮއްކޮ ބަލައްޗޭ،"
އެއީ ހާލަތުގެ ނުރައްކާތެރިކަން ޣައްސާނަށް އިހްސާސްވެވަޑައިގެންނެވި ވަގުތުކޮޅެވެ. ބޭރު ބަޔަކު ގައުމަށް އަރާ އުޅެނީ މަންމަ އާއި ބައްޕަ އަވަހާރަ ކޮށްލަންކަން އެނގިވަޑައިގެންނެވި އެވެ. އެެހެން ކަމުން މަންމަ އާއި ބައްޕަ ނެތް ދުނިޔެއެއްގައި ކޮއްކޮވެސް ނުހުންނާނެ ކަމަށް މަންމަ އަރިހު ޣައްސާން ވިދާޅުވި އެވެ. އެހެން ކަމުން ޣައްސާން އެދިވަޑައިގެންނެވީ ސިޓީގެ އިބާރާތް ބަދަލުކޮށްދެއްވުމަށެވެ.
"އަޅުގަނޑު ދެންނެވިން ލިޔާށޭ، މަންމަ އާއި ބައްޕައާ ކޮއްކޮ ވެސް މި މަރުވީއޭ. ތިން ކުދިން ރަނގަޅަށް އުޅެއްޗޭ،" މީގެ 32 އަހަރުގެ ހަނދާން އާ ކުރައްވާ ޣައްސާން ވިދާޅުވި އެވެ. "އެ ހިސާބުން އަސްލު ބޮޑަށް މި އެނގުނީ ވެގެން މި އުޅެނީ މިވަރުގެ ކަމެއްކަން. އައިސްގެން އުޅޭ ބަޔަކު އައިސްގެން މި އުޅެނީ އަޅުގަނޑުގެ ބައްޕަ އާއި މަންމަ މަރާލަންކަން. މަރާލަން އެނގޭތޯ. އެތައް ބަޔަކު އެ މީހުން މެރިވެސްމެ އެ ދުވަހު،"
އެ ދުވަހު ކަންބޮޑުވެވަޑައިގެން ހުންނަވާ ޣައްސާން ގެންދެވީ ތަކުރާރުކޮށް އޭނާގެ ބައްޕައާ އެއް ސުވާލެއް ކުރައްވަމުންނެވެ. އެއީ "މިކަން ނިމޭނީ ކޮން އިރަކުންތޯ" ކުރައްވާ ސުވާލެވެ. އެ ސުވާލަށް ކޮންމެ ފަހަރަކު ވެސް މައުމޫން ގެންދެވީ އޯގާތެރިކަމާއެކު ޖަވާބު ދެއްވަމުންނެވެ.
"ފުރަަތަމަ ސުވާލު ކުރެއްވީމަ ވިދާޅުވި އިރުއެރުމުގެ ކުރިން މިކަން ނިމޭނޭ. ޣައްސާނު ދެރަ ނުވާށޭ. އަނެއްކާ އިރުއެރީމަ ގޮސް ސުވާލުކޮށްލީމަ ވިދާޅުވާނެ މިވެނި ގަޑިއެއްގެ ކުރިން ނިމޭނޭ. އެހެން ވަގުތު ދެމުން ގޮސް މެންދުރުވެސް ވެއްޖެ. އެކަމެއް ނުނިމޭ،"
އޭގެ ފަހުން ދެން ޣައްސާނަށް ނިދުނީ އެވެ. ދެން ހޭލެވުނީ ހުކުރު ދުވަހުގެ ފަތިހު އެވެ. އޭރު ބަޑީގެ އަޑެއް ނެތެވެ. ނަމަވެސް ގޭތެރެއިން އިވެމުން ދިޔައީ ޣައްސާންގެ ހިތަށް ބިރުވެރިކަން ގެނެސްދިން އަޑުތަކެކެވެ. ގޭތެރެއިން އިނގިރޭސި ބަހުން ވާހަކަަ ދައްކާ އަޑުއިވެ އެވެ. އޭނާ ހީކުރެއްވީ ބާޣީންގެ ބަޔަކު ގެއަށް ވެންނެވީ ކަމަށެވެ.
"އަޅުގަނޑަށް ހޭލެވެނީ ހުކުރު ދުވަހުގެ ހެނދުނު. އޭރު ބަޑީގެ އަޑެއް ނީވޭ. ނަމަވެސް އެއަށްވުރެ މާ ބިރުވެރި އަޑެއް އޭރު އިވެނީ. ގޭތެރެއިން އިނގިރޭސިން ވާހަކަ ދައްކާ އަޑު. އަޅުގަނޑު ހިތަށް އެރީ މި އައިސްގެން އުޅޭ ބަޔަކު ވަނީ ބާއޭ. ބައްޕަ އޭރުއްސުރެ ސިޓިންރޫމްގައި ހުންނެވީ. ދެން އަޅުގަނޑު އޮތް ކޮޓަރީގައި ނެތް ދޮރެއް. ދޮރުފޮތިގަނޑެއް ހުރީ. އަޅުގަނޑު މަޑުމަޑުން ބަލާލިއިރު ކަމަކުދާކަށް ނެތް، ބޮޑު ސިންގާ މީހެއް، މިލިޓަރީ ޔުނީފޯމްގައި ހުރި ދޮން މީހެއް ހުރީ. އެހެން ނަމަވެސް އޭނަ ހުރީ ބައްޕައަށް ސެލިއުޓް ނަގައިގެން. ދެން އަޅުގަނޑު ހިތަށް އަަރައިފި ސެލިއުޓް ނަގައިގެން ހުރިއްޔާ އެވާނީ ރަނގަޅު މީހަކަށޭ. އެ ވަގުތު އަޅުގަނޑު ފެނިގެން ބައްޕަ ގޮވާލައްވައިފި. ދެން ހަމަ އައީމަ މިހެން ކައިރީގައި ބަހައްޓަވާ ލައްވާފައި ވިދާޅުވެއްޖެ 'ދިސް އިސް މައި ސަން' އޭ. އެ މީހާއާ ސަލާމް ވެސް ކުރިން އަޅުގަނޑު. ދެން ފަހުން މި އެނގެނީ މިއީ ކާނަލް ޖޯޝީކަން،"
އޭގެ ފަހުން ނަސްރުގެ ދުވަހުގެ ބަތަލެއް ކަމަށްވާ މޫސާ އަލީ ޖަލީލް ގުލިސްތާނު ގެއަށް ވަޑައިގެންނެވި އެވެ. އެ ބޭފުޅުން ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށްޓަށް ގެންދާށެވެ. ކާރުކޮޅުގައި ވަޑައިގެންނެވީ ރައީސް މައުމޫނާއި ނަސްރީނާ އަދި ޣައްސާނެވެ. ދެން މޫސާ ޖަލީލެވެ، ޣައްސާން އިންނެވީ މެދުގަ އެވެ. ކަނާތްފަރާތްގައި މައުމޫންވެ. ވައާތްފަރާތުގައި ނަސްރީނާ އެވެ.
"އަޅުގަނޑުމެން ކައިރި މޫސާ ޖަލީލް ވިދާޅުވި ކާރުގައި ތިބޭއިރު ބޭރަށް ނުފެންނަ ގޮތަށް ތިރިވެގެން ތިބެއްޗޭ،"
"އަޅުގަނޑުމެން ގޮސް ފޭބީ ބަނޑޭރި ގޭގެ ބޭރަށް. އެއީ އޭރު ހުރީ ބަނޑޭރި ގޭގެ މައި ގޭޓް ހުޅުވޭ ހާލަތެއްގައެއް ނޫން. އަޅުގަނޑު އެތަނަށް ފޭބިއިރު ފެނުނު ޝަހީދުވެފައި ތިއްބެވި ބޭފުޅުން. ޝަހީދު ހުުސައިން އާދަމް ވެސް އޮންނެވި އެތާ. ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނު ވަގުތެއް އެއީ. އޭގެ ކުރިން އަޅުގަނޑު ދުވަހަކު ވެސް މަރުވެފައި އޮތް މީހެއް ނުދެކެން،"
އޭގެ ފަހުން ތިން މަސް ދުވަސް ވަންދެން އެ ބޭފުޅުން އުޅުއްވީ ސިފައިން ގޭގައެވެ. އެ މުއްދަތުގައި މުލިއާގެ މަރާމާތު ކުރެއްވުމަސްފަހު ދެން ވަޑައިގެންނެވީ މުލިއާގެއަށެވެ. މުލިއާގޭގައި ފަސް އަހަރު ހޭދަ ކުރެއްވިއެވެ. ތީމުގެ އަލުން ޒަމާނީ ފެންވަރަށް އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެހެން އަލުން އިމާރާތް ކުރެއްވުމަށްފަހު ތީމުގެއަށް ބަދަލުވެވަޑައިގެންނެވީ ފަސް އަހަރު ފަހުންނެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކައެއް އެބައޮތް. ބައްތިރީސް އަހަރަކީ މިއީ އެހާ ދިގު މުއްދަތެއްވެސް ނޫން. އެހެން ނަމަވެސް މިއަދު މިއުޅޭ ބައެއް މީހުންނެއް އެ ދުވަހުގެ ހާލަތްތަކެއް ހަނދާނެއް ނެތް. އެ އަނިޔާވެރި އަމަލުގައި ނަވާރަ ދިވެހިން މަރާލި. އެކަން ކުރަން ރޭވީ ކޮން ބައެއް ކަން އޭރުވެސް މިހާރުވެސް އެންމެނަށް އެބަ އިނގޭ. އެކަމަކު އެވަރު ބައެއް ނެތިގެން ދިވެހިންގެ ބަޔަކު ނިކުމެ އުޅޭތީ އަޅުގަނޑު ހަމަ ހައިރާންވޭ. އަޅުގަނޑަކަށް ދުވަހަކުވެސް، ދުވަހަކުވެސް ދުވަހަކުވެސް ނޮވެންބަރު ތިނެއްގެ އެ އަނިޔާވެރި އުދުވާނީ ހަމަލާ ގެންނައި އެއްވެސް މީހަކަށް އަޅުގަނޑަކަށް މައާފެއް ނުކުރެވޭނެ. މައާފު ކުރާވަރު ބައެއް ނޫން އެއީ. އެއަށްވުރެ މާބޮޑަށް ދިވެހި ގައުމާއި ރައްޔިތުންނަށް ގައްދާރުވެފައި ތިބި އަނިޔާވެރި ބައެއް އެއީ،" އިންޓަވިއު ނިންމަވާލައްވަމުން ޣައްސާން ވިދާޅުވިއެވެ.