ނޮވެމްބަރު ތިނެއް

ޑރ. އާމާލަށް ފެނުނު ނޮވެމްބަރު ތިނެއް!

ނޮވެމްބަރު 3 ގައި ކުރިމަތިވެ ވަޑައިގެންނެވި ކަންކަމުގެ ތަފުސީލްތަކާއެކު ޑރ. އާމާލް އަވަސް އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމް އަށް ދެއްވި ހާއްސަ އިންޓަވިއު

ނޮވެންބަރު، 3 1988 ދުވަހަކީ މި ފަހުގެ ތާރީހުގައި ދިވެހިން ތަޖުރިބާކުރި އެންމެ ހިތްދަތި ދުވަހެވެ. ދިވެހިންގެ 19 މީހަކު އެ ދުވަހު ޝަހީދުވި އެވެ. އެތައް ބަޔަކު ބިރުވެރިކަމުގައި އެތަށް ވަގުތެއް ހޭދަ ކުރި އެވެ. އެއިން އެއް ބޭފުޅަކީ ޑރ. އާމާލް އަލީ އެވެ. އޭރު އެކަމަނާއަކީ ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހިމްގެ އަނބިކަނބަލުންނެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަަަމަލާދިން މީހުންގެ އެންމެ ބޮޑު އަމާޒަކީ އިލްޔާސެވެ. އެހެން ކަމުން ބާޣީން މާލެ އަރާ އެންމެ ފުރަތަމަ ވެސް ދިޔައީ އިލްޔާސް އޭރު ދިރިއުޅުއްވަމުން ގެންދެވި މއ. ކިނބިގަސްދޮށުގެއަށެވެ. އެ ގެއަށް ބާޣީންގެ ތިން މީހަކު ދިޔައެވެ. ދެ މީހުންގެ އަތުގައި ފިސްތޯލަ ހުއްޓެވެ. އަނެއް މީހާގެ އަތުގައި ބޮޑުވަޅިއެއް އޮތެވެ.

އެ މީހުން ކިނބިގަސްދޮށުގެއަށް ދިޔައިރު އެ ގޭގެ ޑިއުޓީގައި ހުންނެވީ އިލްޔާސް އިބްރާހިމްގެ ކާރުކޮޅުގެ ޑްރައިވަރު ތުއްތު މަނިކެވެ. ބަޑިން ހަަމަލާދީ ތުއްތު މަނިކު ޝަހީދު ކޮށްލެވި އެވެ. އަދި ކިނބިގަސްދޮށުގެއަށް ވަންނަން ހުރި ދޮރުތަކުގެ ބިއްލޫރިތައް ތަޅާލާ އެ ގެއަށް އެ މީހުން ވަނެވެ. ނަމަވެސް އިލްޔާސް ވަނީ އެގެއިން ނުކުންނަވާ ބާޣީންގެ އަތްދަށުން ސަލާމަތްވެ ވަޑައިގެންފަ އެވެ.

ކިނބިގަސްދޮށުގޭގައި ބާޣީންގެ މީހުން ވަރަށް ގިނަ ވަގުުތު ހޭދަކުރި އެވެ. އެ ވަގުތުތަކުގައި އެ ގޭގައި ކުޑަކުދިންތަކާއެކު ހުންނެވީ އާމާލް އަލީ އެކަންޏެވެ. ބާޣީން ވަނީ އާމާލްގެ ކޮނޑުގައި ބަޑި ޖައްސާ ރައީސް މައުމޫން ކޮބައިތޯ ސުވާލު ކޮށްފަ އެވެ. އަދި މުޅި ގޭގެ އެކި ތަންތަން ހޯއްދެވި އެވެ. އިލްޔާސްގެ ހިލަމެއް ވޭތޯ އެވެ.

އެ ހާލަތުގައި އެތައް ވަގުތެއް ހޭދަވި ފަހުން އެ ގެއަށް ވެންނެވީ ބްރިގޭޑިއާ އިބްރާހިމް ދީދީ އެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އިބްރާހިމްދީއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ގައުމީ ބަތަލެކެވެ. އިބްރާހިމްދީ ވަޑައިގެންނެވީ ބަޑިގުދަނުގެ ތަޅުދަނޑި ބަލަ އެވެ. އެ ގޭގައި ބަޑި ގުދަނުގެ ތަޅުދަނޑި އޮންނަކަން އާމާލަށް އޭގެ ކުރިން އެނގިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އިލްޔާސް މުހިންމު ތަކެތި ރައްކާކުރައްވާ ތަނެއް އެކަމަނާއަށް އެނގިވަޑައިގަންނަވާތީ އެ ތަނުގައި ތަޅުދަނޑި އޮތްތޯ ބެއްލެވިއިރު ބޮޑު ތަޅުދަނޑިފައްޗެއް އޮތުމުން އެ ތަޅުދަނޑިފަތި އިބްރާހިމްދީއާ ހަވާލު ކުރެއްވިއެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނުގެ ބިރުވެރި މި ނޫންވެސް އެތައް ހަނދާންތަކެއް ޑރ. އާމާލްވެ އެވެ. އެ ހާދިސާއަށް 32 އަހަރު ވީނަމަވެސް އިއްޔެ ހިނގި ކަމެއްހެން އެ ހަނދާންތައް އެކަމަނާގެ ހިތްޕުޅުގައި ބިންވަޅު ނެގިފައިވެއެވެ. ވީޑިއޯގައި އެ ތަފްސީލްތައް ހިއްސާކުރައްވާފައި ވެއެވެ.