ރިޕޯޓް

ހުސެއިން އާދަމްގެ ކުލަ ހަނދާނާއި ކުޑައިރުގެ ވާހަކަތައް

Nov 3, 2016
8

ކުޅުދުއްފުށީގައި ގޯޅި ގޯޅިއަށް އަޅަމުން ގޮސް މާވާގޭ ގޯތި ކައިރިއަށް ސައިކަލުގައި މަޑުކޮށްލިއިރު މުޅި އެ މާހައުލު އޮތީ އެ ގޭގެ ގޯތި ތެރެއިން ހެދިގެން ހިސާބުގަނޑަކަށް ފެތުރި ހިޔާދީފައިވީ މުސްކުޅި ބަނބުކެޔޮގަހެއްގެ ފިނި އަރާމެއްގެ ތެރެއަށް ގެއްލިފަ އެވެ. ބަނބުކެޔޮ ގަހުގެ ހިޔަލުގައި ހައެއްކަ މީހުންގެ ޖާގައިގެ ޖޯލިފައްޗެއް ބަހައްޓާފައި ހުއްޓެވެ. ކުނި ކަހައި ސާފުކޮށްފައި އޮތް މަޑުވެލީގެ މެދުގޯތި ތެރެއިން ހިނގާލާފައި ގޮސް އަޅުގަނޑުމެން ސަލާންގޮވާލައިފީމެވެ.

ސަލާން ބަލައިގަތީ ދެބައި އުމުރުގެ އަންހެނެކެވެ. އެއަށް ފަހު "މަންމާ އެމީހުން އައިސްފިއޭ" ކިޔާފައި ހީނލާފައި ގޮސް އެތެރެއަށް ވަދެ އެ އަންހެން މީހާ ގެއްލިއްޖެ އެވެ.

ސިޓިންރޫމުގައި މަޑުކޮށްލައިގެން ތިއްބައި، ގޭތެރޭގައި އޮތް ހަނި ގޯޅިގަނޑަކުން ދެން ނުކުމެގެން އައީ މުސްކުޅި ދެމަފިރިންނެވެ. އެއީ އުމުރުން 77 އަހަރުވެފައިވާ އައިޝަތު ހަސަން އާއި ޔަގީނަށް އުމުރު ބުނެދޭން ނޭނގޭ، އެކަމަކު 80އާ ގާތްވެފައި ހުރި އާދަމް މުހައްމަދެވެ. -- މިއަށް ވުރެ ފަސޭހައިން އެނގޭނޭ ގޮތަކަށް އެ ދެ މީހުންގެ ތައާރަފެއް ދެނީ ނަމަ، މިއަދުގެ ބަތަލުކަމުގައިވާ، ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ އެވެ.

ނިކަން ހިނިއައިސް އުފާވެފައި ތިބި ހާލުގައި އަހަރެމެންނަށް މަރުހަބާކިޔައި ސަލާންކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައިވަރު ވާހަކަ ދެކެވި މިއީ އެކުވެރިންނޭ ހީވާ ފަދަ ރާގުރާގަށް ހީ ސަމާސާކުރެވި ނިކަން ރަނގަޅަށް ތައާރަފްވެ ނިމިއްޖެ އެވެ. އެއަށް ފަހު އިންޓަވިއު އަށް ތައްޔާރުކޮށް ޕިން މައިކް އާދަމްބޭގެ ގަމީހުގައި ހަރުކޮށް ޓެސްޓްކޮށްލަން ވާހަކައެއް ދައްކާލަބަލާށޭ ބުނީމަ އަނގައިން ދެން ހަމަ އެކައްޗެއް ވެސް ނުބުންޏެވެ.

"ދެނެއް ކިޔައެއް ނުދޭނަން އެއްވެސް ވާހަކައެއް،" އެހާ ސާފު ނޫން އަޑަކުން ވަރަށް ސިއްރުސިއްރުން އާދަމްބެ ބުނެލީ މިހެންނެވެ.

އާދަމްބެގެ ސަމާސާ އަށް ހިނިގަނޑެއް ޖަހާލާފައި އެހިސާބުން އަޅުގަނޑުމެންގެ އިންޓަވިއު ފަށައިފީމެވެ. އާދަމްބޭގެ ދެމަފިރިން އިށީނދެލައިގެން ތިބީ ސިޓިންރޫމުގައި ހުރި ސޯފާއެއްގަ އެވެ. ކޮނޑާއި ކޮނޑު ޖެހޭހާ ގާތުގަ އެވެ.

ހުސެއިން އާދަމްގެ ވާހަކައިން ފެށުމަށް ކުރެވުނު ސުވާލާ އެކު ދެން ދެކެވުނު ވާހަކަ އަކީ މިއީ އެވެ.

"ހުސެންގެ ވާހަކަ ކިޔައިދޭން އަހަރެން އެހާ ހަނދާނެއް ނުހުންނާނެ،" މަންމަ ބުނީ މިހެންނެވެ.

"ކޮންމެވެސް އެއްޗެއް ބުނޭ... ،" އާދަމްބެ ރާގަކަށް ދަމާލައިގެން ގެންގޮސް ނިންމާލި އެވެ.

"އާދަމްބެ ލައްވާ ކިޔުއްވާ"

"އުނހު އުނހޫ... "

"އެ ވާހަކަ ކިޔައިދޭން ފަށައިފިއްޔާމު މަށަށް ރޮވޭނީ... އަހްނަނަށް ހަމަ ރޮވޭނީ، މަށަކަށް ކިޔައެއް ނުދެވޭނެ އެ ވާހަކައެއް."

އެ މަންމަގެ ދެ ލޮލަށް އޭރު ވެސް ކޮންމެވެސް ވަރަކަށް ކަރުނަތައް ޖަމާވެއްޖެ އެވެ. އާދަމްބެއަކަށް އޭރަކު އެ އިހްސާސެއް ކުރެވުނުހެނެއް ހީއެއް ނުވެ އެވެ. ބުނީ މިހެންނެވެ.

"މަންމައަށޭ އެނގޭނީ، ދޮން ކަނބުލޯ...،" މިހެން ކިޔާފައި އަނބިމީހާއާ ދިމާލަށް އެނބުރިލާފައި އެންމެފަހުން ހުސޭނުގެ ވާހަކަ ކިޔައިދޭނީ ތިމަންނާއޭ ބުނެލައިފި އެވެ.

"ދެން އެ ވާހަކަ ބާއްވައި. މީނަ ރޮއްވާކަށް ބޭނުމެއް ނޫން،" މިހެން ކިޔާފައި ނިކަން ސަމާސާގޮތަކަށް އަނބިމީހާއާ ދިމާލަށް ވެއްޓިގަނެ "ކޮނޑާއި ކޮނޑުގެ" ސަލާމެއްކޮށްލައިފި އެވެ.

އާދަމްބެގެ އެ ސަމާސާ އަށް އޭނާގެ އަންހެނުން ޖަހާލީ ކުރު ހިނިގަނޑެކެވެ. ލޮލަށް ޖަމާވި ކަރުނަތައް ވެސް އޭރު ފިލައިފި އެވެ.

އެއަށް ފަހު ހުސޭނުގެ ހަނދާންތަކުން ކިޔައިދޭން ފެށިޔަސް މި އާދަޔާހިލާފު ދެމަފިރިންގެ ވާހަކަ އަށް މާ ބޮޑަށް ޝައުގުވެރިވެވިއްޖެ އެވެ. ދެ މީހުންގެ ދެމެދުގައި އޮތް ތެދުވެރި ސާފު ލޯތްބާއި އަޅާލުމާއި އެކުވެރި ސަކަ މިސާޖަށް ހިތްޖެހިއްޖެ އެވެ. އެހެންވީމަ މި ލޯބިން އުފަންވި ހިތްވަރުގަދަ ބަތަލެއްގެ ހަނދާންތަކަށް ދާނީ މި ވާހަކައެއް ނިންމާލައިފަ އެވެ.

އަދިވެސް ހަމަ އެންމެ ޅަ ދުވަހެކޭ އެއްގޮތް

އާދަމް ހުސެން އާއި އައިޝަތު ހަސަންގެ ޒަވާޖީ ހަޔާތަށް މިހާރު 60 އަހަރެވެ. އެކަމަކު މިއަށްވުރެން ވަކި އުފާވެރި ދެމަފިރިންނެއް ކުޅުދުއްފުއްޓަކު ނެތް ކަހަލަ އެވެ. ދެ މީހުން ވެސް ބުނަނީ ކައިވެންޏަށް 60 އަހަރު ފުރިގެން ދިޔަޔަސް އެ އިހްސާސެއް ނުވަތަ ފޫހިކަމެއް އިހްސާސުނުވާ ކަމަށެވެ.

ކޮންމެ އެނިވާސަރީއެއް ފާހަގަކުރުމަށް ގޭގައި މިހާރު ވެސް ޕާޓީ ބާއްވަ އެވެ.

"ނޫނޭ ޕާޓީ ބައްވާ. ފުއްޕާހަން އެލުވާފަ ޕާޓީ ބާއްވާނެ މިގޭތެރޭގައި،" އާދަމްބެ މިހެން ބުނުމުން ހިނިގަނޑެއްގެ ތެރެއަށް ދައްތަ ބިނދިބިނދިގެން ހިނގައްޖެ އެވެ.

އެއަށް ފަހު ދައްތަ ބުނީ މިހައި ދުވަސްވީއިރު ވެސް ލޯތްބަށް ހަމަ އެއްގޮތެއް ވެސް ނުވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް އެކަން ފާހަގަކުރެވިގެން ސާބަސް ދެއްވި ކަމަށް ބުންޏެވެ.

"ލޯތްބަށް ހަމަ ގޮތެއް ވެސް ނުވޭ. އެއްވެސް ގޮތެއް ނުވޭ. އަދިވެސް ހަމަ އެންމެ ޅަ ދުވަހެކޭ އެއްގޮތް. އަސްލުވެސް. މައުމޫނު ވެސް އަޅުގަނޑުމެންނަށް އެހެން ވިދާޅުވެ ސާބަސް ދެއްވި،" ދައްތަ ކިޔާލަދިނެވެ.

އާދަމްބޭ އާއި ދައްތަ އެންމެ ފުރަތަމަ ބައްދަލުވީ ކުޅުދުއްފުށީގެ އަމީރު އަމީން މަދަރުސާއިންނެވެ. އެއީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރެވެ.

އެއަށް ފަހު ހިތްކިޔައިގެން ގޮސް ކައިވެނިކުރިއިރު އާދަމްބެ އަށް 22 އަހަރެވެ. އާދަމްބެ ބުނީ އޭރަކީ މިހާރުގެ ލޯބިވެރިންހެން މީހުން އުޅޭ ޒަމާނެއް ނޫން ކަމަށާއި ދެ މީހުން އެކަކު އެނަކަކާ އެކު ބޭރަށް ގޮސް ނޫޅުނަސް ކައިވެނިކުރެވޭހާ ވަރުގަދަ އަށް ލޯބިވި ޒަމާނެއް ކަމަށެވެ.

"ލޯބިވިޔަކަސް، ނުފެނި އިނދެވިދާނެ. ބޭރަކަށް ނުދަން. އެކަމަކު އޭނަގެ ގެއަށް ދަން. ވާހަކައެއް ނުދައްކަން،" އާދަމްބެ ކިޔައިދިނެވެ.

"ހުސްފައިގައި ކޮންމެ ރެއަކު ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގައިގެން މީނަގެ ގެއަށް ދަން. ހަމަ ކޮންމެ ރެއަކު. ލޯބީގައި. އެކަމަކު ބައްދަލުކޮށް ވާހަކަ ދައްކައިހަދާކަށް ވެސް ނޫން. ފެނިލަން. ފެނިލީމަ އެ ނިމުނީ."

އެ ހިސާބަށް ދިޔަތަނުން ދައްތަ ފަށައިގަތެވެ. އާދައިގެ މަތިން ސަމާސާއަކުންނެވެ.

"ބައްދަލުކުރީމަ ބާވާނެއެއް ނޫންތަ؟"

"ދުވަހަކު ވެސް މީނަ ނާހާ އަހަރެން ކައިރީގައެއް އިންނާނަންހެއްޔެކޭ. ހަމަ އެންމެ ފުރަތަމަ ވެސް ހެކިވެރިން ފޮނުވީ. އެހެން ވެސް އަހައިނުލާ،" ދައްތަ ދެން ނިކަން ބާރަށް ހީގަތެވެ.

ކައިވެންޏަށް ރަންކީ އެންމެ ރުފިޔާއަކަށެވެ. ރިހި އެއް ރުފިޔާއަށެވެ. އާދަމްބެ ބުނީ އެއީ އޭރުގެ ގަވާއިދު ކަމަށެވެ. ދެން އެ ދޭތެރެއަކުން ދައްތަ އަނެއްކާވެސް ސަމާސާއެއްކޮށްލި އެވެ.

"މިހާރު ވެސް މަ މައްސަލަ ޖައްސަމޭ، އެންމެ ރުފިޔާއަކަށް ގެނެސްގެންނޭ މިއުޅެނީ ކިޔާފައި،" ބޮޑާހާކާ ރާގެއްގައި ދައްތަގެ ސަމާސާރާގު ގެންދިޔައީ މިހެންނެވެ.

އާދަމްބެ ބުނީ އެ ދެ މީހުންގެ އުފާވެރި ޒަވާޖީ ހަޔާތުގެ ސިއްރަކީ ފަނޑުނުވެ އޮތް ލޯބި ކަމަށެވެ.

"ވެރިވެ މައްސަލައެއް ޖެހި، ކަމަކާ ދެބަސްވުމެއް ވެސް އުފެދިފައެއް ނުހުންނާނެ އިރާދަކުރެއްވިޔާ ދުވަހަކުވެސް. އަރާރުންވުމެއް ވެސް ނޯވޭ. އަޅުގަނޑަކީ ޒުވާބުކުރާ މީހެއް ނޫނޭ އެއްވެސް ކަމެއްގައި،" އާދަމްބެ ބުންޏެވެ.

ދެމަފިރިންގެ އަލަތު ދަރިފުޅަށް ދައްތަ ބަލިވެ އިނީ ކައިވެންޏަށް ދެ އަހަރު ފަހުންނެވެ. އެންމެ ފުރަތަމަ ލިބުނު ކުއްޖާ ދުނިޔެ އަށް އުފަންވިއިރު އޮތީ ނިޔާވެފަ އެވެ.

އެއަށް ފަހު ދެން ލިބުނީ ފިރިހެން ކުއްޖެކެވެ. ހުސެން އާދަމްއެއް ނޫނެވެ. މިހާރު އެންމެ ދޮށްޓަށް ހުރި ފިރިހެން ދަރިފުޅު އަލީ އެވެ.

އާދަމްބޭ އާއި ދައްތަ އަށް 13 ކުދިން ލިބުނު ނަމަވެސް ދުނިޔޭގައި ތިބީ އޭގެ ތެރެއިން ހަ ކުދިންނެވެ. ހަތަރު ވަނަ އަށް އެންމެ ދޮށީ ހުސެއިން އާދަމްގެ ވާހަކަ އަހަރެމެން އެންމެނަށް ވެސް އެނގެ އެވެ. އާދަމްބެ އާއި ދައްތަ އަށް ލިބުނު ކުދިންގެ ތެރެއިން އެހެން ކުދިން ނިޔާވެފައި ވަނީ އުފަންވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އެވެ.

ދެމަފިރިންގެ މިހާރު ތިބި ހަ ކުދންގެ ތެރެއިން ފަސް ކުދިން އެއީ ފިރިހެން ބޭފުޅުންނެވެ. މާވާގޭގައި އާދަމްބެ އާއި ދައްތަ މިހާރު ދިރިއުޅެމުންދަނީ ކާފަ މާމަ އަދި މުނި ކާފަ އާއި މުނި މާމަކިޔާ ކުދިންނާއި މިދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިއާއެކުގަ އެވެ.

ހުސެއިން އާދަމް އަކީ އެންމެ ކުޑައިރު ވެސް ބަތަލެއް!

ސިފައިންގެ ވަޒީފާ އަށް ބޮންޑުގައި މާލެ ދާން ޖެހޭ ކަމުގެ ޚަބަރު ލިބުނުއިރު ހުސެއިން އާދަމް، އަމީރު އަމީން މަދަރުސާއިން ތައުލީމު ހާސިލުކޮށް ނިމެނީ އެވެ. ކުޅުދުއްފުށިން 12 ކުދިން ހޮވިއިރު އޭނާ ވެސް އޭގެ ތެރޭގައި ހިމެނުނީ އެވެ.

"ދެން އައިސް ބުނެފި، މަންމަ އާއި ބައްޕަ ތިޔަ އުޅެނީ މަ ކޮންތާކަށް ފޮނުވަން ހެއްޔޭ؟ މަ ނަގާލަން (ގެއްލުވާލަން) ހެއްޔޭ ތިޔަ އުޅެނީ؟،" ސިފައިންގެ ވަޒީފާ އަށް ވަނުމަށް ތަމްރީން ހަދަން ދާން ޖެހިއްޖެކަން އެނގިގެން އައިސް ފުރާވަރުގެ ހުސޭނު ސުވާލުކުރި ގޮތް ކިޔައިދެމުން ދައްތަ ބުންޏެވެ.

"ދެން މަ ބުނެފިން ނަގައިލާކަށް ނޫނޭ މި އުޅެނީ. މާލެ ފޮނުވަންށޭ އެކޮޅުން އަންގައިގެން."

"ދެން ބުނެފި، މަ މި ރަށުގައި ހުންނާތީ މަންމަ އަށް އުނދަގޫވީ ހެއްޔޭ؟"

"އުނދަގޫވިއްޔެއް ނޫނޭ. އެކޮޅުން އަންގައިގެންނޭ. މި ރަށު މީހުން ބުނިއްޔޭ އެ 12 މީހުންގެ ތެރޭގައި ކަލޭ ލައްވައިލިއްޔޭ"

"ދެން ދާން ވެގެން ވަރަށް އުފަލުގަ، ތަޅުންގަނޑުގައި ހަޑިވެފައި ހުރި ތަންތަން ރަނގަޅުކޮށް، ގޭތެރޭގައި އުވަޖަހައި ހަދަން ފަށައިފި. އަހަރެން ބުނިން މަންމަ ކައިރިއަށް އެނބުރި ނާންނަން ހެއްޔޭ ތިވަރަށް ގެ ރީތިކޮށް ހަދަނީ ދިއުމުގެ ކުރިން"

"ބުނީމަ ބުނީ ނާންނާކަށް ނޫނޭ މި ދަނީކީ. ގޭ ތެރޭގައި ހަޑިވެފައި ހުރި ތަންތަން ރީތިކުރަނީއެއް ނޫން ހެއްޔޭ ދިއުމުގެ ކުރިން."
ނަމަވެސް ފުރައިގެން ދިޔަ ގޮތަކަށް، ހުސޭނު ދިރިހުއްޓައެއް އެ މަންމައަކަށް ދެނެއް ނުފެނުނެވެ.

ކުޅުދުއްފުށިން ސިފައިންގެ ތަމްރީނަށް މާލެ ފޮނުވި 12 ކުދިންގެ ތެރެއިން ހުސެއިން އާދަމްއާ އެކު ސިފައިންގެ އަށް ނެގުނީ ހަތަރު ކުދިންނެވެ. ރަށުން ފުރައިގެން ދިޔައިރު ހުސޭނަށް ގާތްގަނޑަކަށް 15 އަހަރެވެ.

"އޭރު ވެސް މި ގޭގައި ހުންނާނެ މި ބަނބުކެޔޮ ގަސް. ހުންނައިރު، ބަނބުކެޔޮ ފަތުގެ ދެ ނަރު ދޭ ތެރެއަށް ތީރުޖަހަން އުޅޭނެ. އޭރު ބުނާނެ ބައްޕަ ކައިރީގައި، ބައްޕާއޭ އަޅުގަނޑަށް ދުނިދަނޑި ހަދައިދޭށޭ. ދެން އޮނުން ދުނި ހަދައިދީފަ، އިލޮށިން ދުނިދަނޑި ހަދައިދިނީމަ ބަނބުކެޔޮ ފަތުގެ ދެ ނަރު ދޭތެރެއަށް ޖަހާނީ ދުނި،" ދައްތަ ކިޔައިދިނެވެ.

"ދެން މަންމަ ބުނަން، ހުސޭނާ، ތިޔަ ފަތްތައް ތިޔަ ހަލާކުވަނީއެއް ނޫން ހެއްޔޭ"

"ދެން ބުނާނެ، މަންމާ، ފަހުން ރަނގަޅުވާނެއޭ."

އޭރު ގޯތި ތެރޭގައި ހުންނަ ރުއްތަކުގައި ދަވާދުން ބޮޅު ކުރަހައިގެން އޭގެ އަމާޒަށް ވެސް އެއްޗެހި އުކުމަކީ ހުސެއިން އާދަމުގެ އާދައެކެވެ.

"ދެން މަ ބުނަން، ހުސޭނާ، ތިޔަހެން ނަހަދަބަލަ. ބުނީމަ ބުނާނެ، ފަހުން ރަނގަޅުވާނެ. އެގޮތަށް އޭނަގެ ވާހަކަ ހުންނާނީ. ނިކަން ސަމާސަވާނެ. އަބަދުވެސް ހެވިފަ ހުންނާނީ،" ދައްތަ ކިޔައިދިނެވެ.

ސިފައިންގެ ވަޒީފާއެއް ނޫން ބޭނުންވީ، ބޭނުންވީ ބޯޓުދަތުރުކުރަންދާން!

އެ ދުވަސްވަރުގެ ޒުވާން ފިރިހެން ކުދިން ފަދައިން ހުސެއިން އާދަމްގެ ވެސް އެންމެ ބޮޑު ހުވަފެނަކަށް ވެފައި އޮތީ ބޯޑު ދަތުރުކުރަން ދިއުމެވެ. ބޯޓު ދަތުރުކުރަން ނުގޮސްފި ނަމަ އޭރު މީހަކަށް ވެސް ނުވެ އެވެ.

ފަހަރެއްގައި ސިފައިންގެ ވަޒީފާގައި އުޅުނު ދުވަސްވަރު، ބައްޕަ އަށް ފޮނުވި ސިޓީތަކުގައި އެހާ ގިނައިން، ބޯޓުދަތުރުކުރަން ދާ ހިތްވާ ވާހަކަ ބުނެފައި އޮތީ އެގޮތް ހުސެއިން އާދަމް އަށް ވެސް ވިސްނިފައި އޮތީމަ ކަމަށް ވެދާނެ އެވެ.

"ސިފައިންގެ ވަޒީފާ އަށް އޭނާ ވަނީ ވަންނަ ހިތަކުންނެއް ނޫން. ރަށުން ގެންދިޔަ ކުދިންތަކުގެ ތެރެއިން ފާސްވި ހަތަރު ކުދިންގެ ތެރޭގައި ހިމެނުނީމަ ވަނީ. ބޮންޑަށް ވަނީ. ހަތަރު އަހަރުގެ ބޮންޑެއް ހަމަކުރަން ވަނީ،" އާދަމްބެ ބުންޏެވެ.

"ސިފައިންގެ ބޮންޑު ހަމަކޮށްފައި ދާނީ ދަތުރުކުރަންށޭ ބުނީ. އެތަނުން ނިމިގެންދާނީ ދަތުރުކުރާށޭ."
އާދަމްބެ މިހެން ބުނުމުން، ދައްތަ އިތުރުކޮށްލި އެވެ.

"އޭރު މީހަކަށް ނުވާނެ ދަތުރުކުރަން ނުދެވިއްޖެއްޔާ."

ހުސެން އާދަމްގެ އިތުރުން އަދާމްބޭގެ އެހެން ބައެއް ފިރިހެން ކުދިން ވެސް ސިފައިންގެ ވަޒީފާގައި އުޅުނެވެ. އެކަމަކު ސިފައިންގެ ވަޒީފާ އަށް ވެއްދި އެހެން ކުދިންތައް އަމިއްލަ އަށް އެދިގެން ވަޒީފާއިން ވަކިވީ އެވެ. މިހާރު އެ އާއިލާގައި ސިފައިންގެ ވަޒީފާގައި ހުރީ އާދަމްބެ އަށް ކާފަކިޔާ ވިހި ފަންސަވީހުގެ ޒުވާން ފިރިހެން ކުއްޖެކެވެ.

އާދަމްގެ ބުނީ ހުސެއިން އާދަމް ސިފައިންގެ ވަޒީފާ އަށް ވެއްދީ ރަށުން ފޮނުވައިލުމަށް ކަމަށް ބުނެ ރަށު ތެރޭގައި މީހުން ވާހަކަ ދެއްކި ނަމަވެސް އޭނާ އެގޮތަށް ރަށުން ފޮނުވައިލުމަކީ އެއްވެސް އިރެއްގައި ބޭނުންވި ގޮތެއް ނޫން ކަމަށެވެ.

"ހުސެއިން ދިޔައީ ނާންނާކަށް ނޫން. ފޮނުވާލީމަކާއެއް ނޫން. އެއީ ބަޔަކު މީހުން ހެދި ވާހަކައެއް. އެހެން ކިޔާ ރަށު މީހުން. މި ރަށުގައި ނުބަހައްޓަންވެގެން ފޮނުވާލީއޭ. އެއީ ބަޔަކު ހަދައިގެން ދެއްކި ވާހަކައެއް،" އާދަމްބެ ކިޔައިދިނެވެ.

ޝަހީދުވި ޚަބަރާއެކު ޚަބަރުހުސްވުން

ސިފައިންގެ ތަމްރީނަށް ރަށުން ފުރައިގެން ދިޔަ ގޮތަށް ހުސެއިން އާދަމް އެނބުރި ކުޅުދުއްފުއްޓަކަށް ނުދެ އެވެ. އޭގެ ހަތަރު އަހަރު ފަހުން އައި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ކުރިމަތިލުމެއްގައި ގަޔަށް ވަޒަން އަރައި ވެއްޓި، ޝަހީދުވިއިރު މަންމައާ އަލުން ބައްދަލުކުރެވިފައި ނެތަސް ބައްޕަ، އާދަމްބެއާ މާލެ އިން އެއް ފަހަރު ދިމާވެފައިވެ އެވެ.

އެއަށް ފަހު ދަރިފުޅު ނިޔާވެއްޖެ ކަމުގެ ޚަބަރު އަދާމްބެ އާއި އާއިލާ އަށް ލިބުނީ ޝަހީދުވިތާ ތިން ދުވަސް ފަހުންނެވެ.

"އެ ދުވަހު ޚަބަރު ލިބުނުއިރު އަޅުގަނޑު ހުރީ އޮފީހުގައި. މާލެއަކުން ޚަބަރެއް ނާދޭ އޭރަކު. މުވާސަލާތީ ހިދުމަތް ކެނޑިފައި އޮތީ. ވެގެން އުޅެނީ ކީއްކަމެއް ނޭނގޭ. ކޮންމެވެސް ކަމެއްވެގެން އުޅެނީކަން އެނގޭ. ވަނީ ކީއްކަމެއް ނޭނގޭ،" އާދަމްބެ ކިޔައިދިނެވެ.

"ދެން ހޮނިހިރު ދުވަހެއްގެ ހެނދުނު އަށެއް ޖަހާކަށްހާއިރު އެނގުނީ އެ ސޮރު ނިޔާވެއްޖެކަން. (ޝަހީދުވިތާ) ތިން ދުވަސް ފަހުން."

އެ ޚަބަރު ދިން މީހަކު އިތުރު ވާހަކައެއް ނުދައްކައި ފޯނު ކަނޑާލައިފި އެވެ. ދެރަވެގެން ގޮސް އާދަމްބެއަކަށް ވެސް ވާހަކައެއް ނުދެއްކުނެވެ. ތުރުތުރުއަޅައި މީހާ ފިނިވެގަތީ އެވެ. އެންމެފަހުން ޚަބަރުހުސްވީ އެވެ.

އާދަމްބޭގެ އަންހެނުންގެ ހާލު އަދި އެއަށްވުރެން ދެރަ އެވެ.

"އަޅުގަނޑު ގެއަށް ގެނައީ ވެސް އުފުއްލައިގެން. ދެން ގެއަށް ގެނައި ގޮތަށް، އެ ރޭ މެންދަމުން އަލިވެ ދޭއް ޖަހާއިރު ހޭލެވުނީ. ހެނދުނު ލިބުނު ޚަބަރެކޭ އެއީ. ކާ އެއްޗެއް ބޯ އެއްޗެއް ނުކައި. ހޭވެރިކަމެއް ނެތި. (އަންހެނުންގެ) ހާލެއް ވެސް އަޅުގަނޑަށް ނޭނގޭ،" އާދަމްބެ ބުންޏެވެ.

ނޮވެމްބަރު ތިނެއް ބާވެއްޖެ! މިއަދު އުފާކޮށް ހެނީ!

އިންޓަވިއު ރަނގަޅަށް ފަށައިނުގަނެވެނީސް ވެސް "ނޮވެމްބަރު ތިނެއް މިހާރަކު އެގޮތަށް ފާހަގަކުރަން ބޭނުމެއް ނުވެޔޭ" އާދަމްބެ ބުންޏެވެ. އެ ވާހަކައެއް އަލުން ފެށުމުން އާދަމްބެ ބުނީ މިހެންނެވެ. – ނޮވެމްބަރު ތިނެއް މިހާރު ހާއްސައެއް ނޫން ކަމަށެވެ. އަދި ކުރިން އެއީ އެމީހުން ރޮއްވި ދުވަހަކަށްވިޔަސް މިއަދު އެކަން ވެސް ބަދަލުވެފައިވާ ކަމަށެވެ.

"އެކަން ބާވެއްޖެ. އެ ދުވަސް ބާވެއްޖެ. މާޒީވެއްޖެ. އާދައިގެ ކަމަކަށްވެއްޖެ. ހާއްސަ ކަމެއް ނެތީ،" ކޮންމެ އަހަރަކު ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެމްބަރު ތިނެކާ މެދު އާދަމްބެގެ ހިޔާލު ހޯދާލުމުން ބުނީ މިހެންނެވެ.

"އެ ދުވަސް ފާހަގަކުރަން ބޭނުން ނުވަނީކީއެއް ނޫން. އެ ދުވަސް ފާހަގަކުރާ ގޮތް ކަމުނުދަނީ މިހާރު. ޖަލްސާ ބާއްވައި އަތްތިލަބަޑި ޖަހާކަށް ބޭނުމެއް ނޫން. އެ ދުވަސް ފާހަގަކުރަން ބޭނުން. އެ ކަން ކުރާ ގޮތް ބޭނުން ނުވަނީ. އޭގައި އަޅުގަނޑުމެންނަށް އުފަލެއް ނެތީ، ބަޔަކު މީހުން އުފާ ފާޅުކުރިޔަސް."

އާދަމްބެ ބުނީ އެ ދުވަސް ފާހަގަކޮށްގެން މިއަދު އުފަލެއް ނެތަސް ދަރިފުޅު ޝަހީދަކަށްވުމުން މިއަދު އެއަށް ވުރެވަކިން އުފާވާ އެހެން ކަމެއް ނެތް ކަމަށެވެ.

"ވަރަށް އުފާވޭ. މިއަދު ވަރަށް އުފާވޭ، އެ ދުވަހު ހިތާމަކުރީ. އެ ދުވަހު ހިތާމަކޮށް ރުއީ. މިއަދު އުފާކޮށް ހެނީ،" އާދަމްބެ ބުންޏެވެ.

"އެންމެ އުފާވަނީ، މީހުން ބުނޭ ޝަހީދުންނަކީ ސީދާ ސުވަރުގެ އަށް ވަދެވޭ ބައެކޭ. އެކަމާ. ސީދާ ސުވަރުގެވަންތަވެރިންނޭ ޝަހީދުންނަކީ. މިއީ ވިއްޔާ އަޅުގަނޑުމެން މި ކުރާ ކަމަކީ. ސުވަރުގެ ހޯދަން މި މަސައްކަތް ކުރަނީ"

"އަދި މީހުން ބުނާ އަޑު އިވޭ، މާތް ރަސްކަލާނގެ ހަޟުރަތުގައި ދަންނަވައިގެން އޭނަ އަށް (ސުވަރުގެ އަށް) ގެންދެވޭނެއޭ 70 މީހުން. ހަތް ދިހަ މީހުން. ބައެއް ދަންނަ ބޭކަލުން ބުނާ ވާހަކައެއް އެއީ. މިއީ އުފާވާ ކަންކަމަކީ."

އިންޓަވިއުއެއް މިހައި ހިސާބަށް ދިޔައިރު އަސުރަށް ގޮވައިގެން އަހަރެމެންނަށް ޖެހުނީ އިންޓަވިއު މެދުކަނޑާލާށެވެ. އޭރު އަހަރެމެންނަށް ހާއްސަކޮށްގެން އެކްސެލް އެނާޖީ ޑްރިންކްގެ ތިން ދަޅު ގަނެގެން ގެނެސް މޭޒުމަތީގައި ބަހައްޓާފައި ހުއްޓެވެ.

ނަމަވެސް އޭގެ ފިނިކަމަށް ވުރެން ވެސް ދެން ވެސް ހާއްސަވީ މާވާގޭ ގޯތި ތެރެއަށް ފެތުރިގެން އޮތް ފިނިކަމެވެ. ބޭރަށް ނުކުމެ ބަނބުކެޔޮ ގަހުގެ ހިޔަލުގައި އެކްސަލް ދަޅު ކަނޑައި ހުސްކޮށްލުމަށް ފަހު އަހަރެމެން ނިންމީ އިންޓަވިއު އެ ދުވަހަށް ނިންމާލުމަށެވެ.

އެކަމަކު ސައިކަލަށް އަރައިގެން އަހަރެމެން މާވާގެއަށް ޓާޓާކިޔުމުގެ ކުރިން ނުކުމެގެން ދިޔައީ އާދަމްބެގެ އެދުމަކަށް ފޯނު ނަމްބަރު ބަދަލުކޮށް، ފަހުން އަނެއްކާވެސް ބައްދަލުވާނެ ކަމަށް ނިންމައިގެންނެވެ.