މާރިޔާ އަހުމަދު ދީދީ

"ސިފައިންގެ ކުރިން އޮތީ ސިޔާސީ ނުފޫޒުން ގަޑުބަޑުވެފައި"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ އޮތީ ގަޑުބަޑުވެފައިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އަލަށް އެކުލަވައިލެވުނު ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމް އިފްތިތާހުކުރުމަށް ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ދައުލަތުން އެތައް ހަރަދުކޮށްގެން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުކޮށް، ތައްޔާރުކޮށްފައި ތިބި ބައެއް ސިފައިން، ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސްއާ ހިލާފަށް ކުރީ ސަރުކާރުން ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ. އަދި ސިފައިން ސިޔާސީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރިކަމަށާއި އޭގެ ނަތީޖާއަކަށްވީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގުވެއްޓުންކަމަށެވެ.

"ކަމަށް ގާބިލް، ކިޔަވައިގެން ތިބި ސޯލްޖަރުން ގައުމުގެ ދިފާއީ ބާރުން ވަކިވެގެންދާންޖެހުމަކީ ހަމައެކަނި ސޯލްޖަރުންނަށް ލިބޭ ނިކަމެތިކަމެއް ނޫންކަމަށާއި އެއީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށްވެސް ލިބޭ ނިކަމެތިކަމެއް." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ހައްގުތަކާއި ކަރާމާތަށް އިހްތިރާމް ނުގެއްލޭނެހެން، ވީހާވެސް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހިކުރާ ނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.