ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަޅުވެތިކަމުން ސަލާމަތްވުމުގެ ކަށަވަރު ފަރުވާއަކީ ގައުމުތަކާ ގުޅުން ބަދަހިކުރުން: ރައީސް

އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހަ ކަމަށްވާތީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ގައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތުގެ މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަކީ، ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ފަރުދީ ހައިސިއްޔަތުން ވެސް، ސިފައިންގެ ކޮންމެ މީހެއްގެވެސް އެންމެ އިސް ވާޖިބަކަށް ހަދަންވީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ބަދަލުތަކެއް އަންނަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއް ކަމަށެވެ.

"މިޒަމާނުގައި އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހަ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ގައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން،" ރައީސް ވިދާޅުވި އެވެ.

ދިވެހި ސިފައިންގެ ހިދުމަތަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭގޮތުންވެސް ރައީސް ވާހަކަދެއްކެވި އެވެ. އެގޮތުން ރައީސް ވިދާޅުވީ އިލްމީ ގޮތުން ގާބިލު އަދި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭނެ ސިފައިން ދިވެހި އަސްކަރިއްޔާގައި މިހާރު އެބަތިބި ކަމަށެވެ. މީގެ އިތުރުން ދިވެހިންގެ ދިފާއުގައި އަދި ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި ދިވެހި ސިފައިން، އެއްގަމާ ކަނޑާ ވައިގެމަގުން ކުރަމުން އަންނަ މަސައްކަތްތަކާއި މަދަނީގޮތުން ކުރަމުން އަންނަ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ގާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރު ވަނީ އިތުރުކުރެވިފައި ކަމަށެވެ. މީގެ އިތުރުން ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް އެޑްވާންސް ވެޕަން ފަޔަރިން ސިމިއުލޭޓަރު ހޯދުމާއި، އެންޓި-ޑްރޯން ސިސްޓަމްތައް ހޯދުން ހިމެނޭ ކަމަށާއި، ކޯސްޓްގާޑުގެ ހިދުމަތްތަކާއި، ސިފައިންގެ ފަޔަ އެންޑް ރެސްކިޔޫގެ ހިދުމަތްތައް ޒަމާނީކޮށް ތަރައްގީކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ރައީސް ވަނީ ނަމޫނާ އަސްކަރީ އިސް ހިދުމަތްތެރިންގެ މަތިވެރި މެޑެލް ހާސިލް ކުރެއްވި، ހަތަރު ރިޓަޔާޑް ޖެނެރަލުންނަށާއި، އެހެނިހެން މެޑަލްތައް ހާސިލްކުރެއްވި ސިފައިންނަށް މެޑެލް ހަވާލުކޮށްދެއްވައި، އަދި ސިފައިންގެއަށް ރީތިނަން ހޯދައިދީފައިވާ ސިފައިންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވާފަ އެވެ.

ދިވެހި ސިފައިންގެ ހިދުމަތް ރަސްމީގޮތުން ފެށިފައިވަނީ، އައްސުލްތާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި އޭޕްރީލް 21، 1892 ގައެވެ.