މާރިޔާ އަހުމަދު ދީދީ

މާރިޔާގެ މެސެޖު: ސިފައިން ސިޔާސީ ކަންކަމާ ދުރުގައި ތިބޭ

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކަމަށް ހާމަކުރައްވާ ދިވެހި ސިފައިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވަޑައިނުގެންނެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެދިވަޑައިގެންފި އެވެ.

މާރިޔާ މިކަމަށް އެދިވަޑައިގަތީ ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ ހިނގަމުން މިދަނީ ރިޔާސީ އިންތިހާބު އޮންނަ އަހަރެއް ކަމަށްވާތީ ދިވެހި ސިފައިން ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދަން ބޭނުންވާ ބަޔަކު ތިބޭނެ ކަމަށެވެ. އެހެންވެ އެކަމަނާ އެދިވަޑައިގަތީ ސިފައިންގެ ގާނޫނުގައި މަނާކޮށްފައިވާ ގޮތަށް ސިޔާސީ އެއްވެސް ކަމެއްގައި ސިފައިން ބައިވެރިނުވުމަށެވެ.

"ސިފައިންގެ އެއްވެސް މީހަކު ސިޔާސީ އޮއިވަރުގެ ތެރެއިން ސިޔާސީ ކަންކަމުގައި ބައިވެރިނުވާން ހުރިހާ ސިފައިންނަށް އަޅުގަނޑު ނަސޭހަތްތެރިވަން،" މާރިޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބަޔަކު އޮތީ ސިފައިން ހިފަހައްޓަންޖެހޭ އުސޫލުތައް މުގުރާލާފައި ކަމަށެވެ. އެކަން އެގޮތަށް ކޮށްފައިވަނީވެސް ސިޔާސީ ބޭނުންތަކެއް ހާސިލްކުރުމަށް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންނަކީ އެމީހުންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އަދާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ބައެއް ކަމުގެ ޔަގީންކަން އޮންނަންވާނެ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް އެދެނީ ދިވެހި ސިފައިންނަކީ، އަސްކަރިއްޔާގެ ޒާތީ ޝަޚުސަށް ކިލަނބުކަމެއް އަޔަނުދީ، ސަފުތަކުގެ ބަދަހިކަން ދަމަހައްޓާ، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތަމްރީނުވެ، އަބަދުވެސް ތައްޔާރަށް ތިބޭ ބަޔަކަށް ދިވެހި ސިފައިންވުން." މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ސިފައިންނަށް ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ ހަމަތަކާއި އުސޫލުތަކުގެ ބޭރުން ކުރިން ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ފާހަަގަކުރެއްވި އެވެ. އެގޮތަށް ފިޔަވަޅު އެޅުމަކީ ސިފައިންނާ މެދު ވެފައިވާ ބޮޑު ބޭއިންސާފެއް ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް މިހާރު ސިފައިންނަށް ފިޔަވަޅު އަޅާނަމަ އެކަން ކުރަނީ ހަމަޖެހިފައިވާ އިޖުރާތުތަކެއްގެ ތެރެއިން ކަމުގައިވެސް ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒާއި ތަފާތުކުރުންތަކުން އެއްކިބާވެ، ރޭވި ތަރުތީބު ކުރެވިފައިވާ އަދި ޕްރޮސީޖަރަލް ފެއާނެސްއާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކަށް އިހްތިރާމްކުރާ އަސްކަރީ އަދުލުގެ ނިޒާމެއް ގައުމީ ދިފާއީ ބާރުގައި ތައާރަފްކުރެވި ހިނގާތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހި ގައުމަށް ހަމަޖެހުން ގެނެސްދީފައިވާ ކަމަށެވެ. މިހަމަޖެހުން ދެމެހެއްްޓޭނީ ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދީގެން ކަމުގައިވެސް ވިދާޅުވި އެވެ.