ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ގަބޫލުކުރައްވައިފި

ރިޔާސީ ބަހުސްގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަބޫލުފުޅުކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭނުން ބުނެފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ -- އެމްއެންޔޫ އާއި ޕީއެސްއެމް އިން އިންތިޒާމުކުރާ މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ފުރަތަމަ ދުވަހުގެ ރޭ 9:00 ގަ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބަހުސަށް ވަޑައިގަންނަވާނެކަން ރައީސް ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް އެބަ ކޮންފާމް ކޮށްދެއްވާ ރައީސް ސޯލިހު އެމްއެންޔޫ ބަހުސަށް ވަޑައިގަންނަވާނެކަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެއީ އިލްމީ ބަހުސް ހިނގާ ތަނެއް ކަމަށާއި ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭ ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ މީޑިއާތަކަށް އަރައި އިސްތިހާރުވުމަށް ކުރާ ބަހުސްތައް ރައީސް ގަބޫލުނުކުރައްވާ ކަމަށެވެ. މީޑިއާތަކުގެ ވަކިވަކި ބަހުސަށްވުރެ ރައީސް ސޯލިހު އިސްކަން ދެއްވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމަށް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.