މާރިޔާ އަހުމަދު ދީދީ

އިދިކޮޅުން ޖަގަޑާ ހަދަން ފުރުސަތު ނުދޭތި: މާރިޔާ

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ހަމަނުޖެހުން އުފައްދަން އިދިކޮޅުން ކުރާ މަސައްކަތަށް ފުރުސަތު ނުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ މާރިޔާ މިއަދު ވަނީ އިދިކޮޅުން ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާނެ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެކަންކަމަށް ފުރުސަތު ނުދީ ކެތްތެރިވުމަށްވެސް މާރިޔާ ވަނީ އެދިވަޑައިގެންފަ އެވެ.

"ކެތްތެރިކަމާ އެކީ ތިއްބަވާތި. ޖަގަޑާ ހަދަން މަސައްކަތްކުރާނެ، އެއީ އަބަދުވެސް އެކަންކަން އޮންނަ ގޮތް،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމަނާ އެދިވަޑައިގަތީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ހެނދުނާ ނިކުމެ ވޯޓުލުމަށެވެ.

މާރިޔާ ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މުއިއްޒަށް އޮތް ތާއީދު ކުޑަވަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ ކުރީގެ އަނިޔާވެރިކަން އަލުން އިޔާދަވާނެ ކަމަށެވެ.