އެމްއެންޑީއެފް

ސިފައިންނަށް އިތުރު ފްލެޓް އަޅައިދީ މުސާރަ ބޮޑުކުރަނީ

ދިވެހި ސިފައިންގެ މުސާރަތައް ބޮޑުކޮށް، ސިފައިންނަށް ހާއްސަކޮށްގެން އިތުރު ފްލެޓްތައް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ ދިވެހި ސިފައިންގެ މުސާރަތައް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު މީގެކުރިންވެސް ވިދާޅުވި ވާހަކަފުޅު ތަކުރާރުކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަތައް ބޮޑުކުރުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށެވެ. އެހެންވެ މުސާރަ ބޮޑުކުރާނެ ވަކި ދުވަހެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.

މިދިޔަ އަހަރު ތެރޭގައި ތައުލީމީ ދާއިރާގެ މުސާރަތައް ބޮޑުކޮށް މިއަހަރުގެ ތެރޭގައި ވަނީ ސިއްހީ ދާއިރާގެ މުސާރަތައްވެސް ބޮޑުކޮށްފަ އެވެ.

ސިފައިންގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ރައީސް މިރޭ ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ސިފަންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 138 ޔުނިޓްގެ ފްލެޓް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިތުރު އިމާރާތެއް އެޅުމަށް މިއަހަރު ބީލަމަށް ލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސިފައިންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ފްލެޓްތަކެއް އަޅާނެ ކަމަށް ރައީސް ވިދާޅުވިއިރު ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ސިފައިންނަށް އިމާރާތްކުރަން ފެށި ފްލެޓުތައް ނުނިމި އެތައް އަހަރެއް ވަނީ ފާއިތުވެގެން ގޮސްފަ އެވެ.

އެކަމަކު ރައީސް މިރޭ ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ އެ އިމާރާތުގައި ކުރިއަށް ޖުލައި މަހުގެ ތެރޭގައި ސިފައިންނަށް ދިރިއުޅެން ފެށޭނެ ކަމަށްވެސް މިރޭ ވިދާޅުވެފަ އެވެ.