ރިޕޯޓް

ޗީފް ސިފަކޮށްދެއްވި ރާއްޖެ، ވަރަށް ނުރައްކާ

ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެ އެކަން ބޮޑު ނުރައްކަލަށް ވެފައި އޮންނަތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ. މި މައްސަލަ ދިވެހިންގެ ތެރޭގައި ފެށުމަކީ ވެސް އަދި ނުކުމެފައިވާ ދެރަ ނަތީޖާއަކީ ވެސް ވެރިކަމުގެ ބާރުގެ ތެރެއިން އަބަދުވެސް ނާޖާއިޒު ބޮޑު ވިޔަފާރިއެއްގެ ގޮތަށް ބިދޭސީންގެ ކަންކަން ކުރަމުން ގޮސްފައި ވުމެވެ. ރާއްޖެ އާއި ރާއްޖޭގެ މުސްތަގުބަލަށް ބަލައިލުމެއް ނެތި ހިތުހުރި އަދަދަކަށް ބިދޭސީން ގެނެސް މި ގައުމަށް އަޅާލީ އެއިރެއްގެ ސަރުކާރެއްގައި ބާރު ގަދަ ވަކި ބަޔަކަށް ލިބެމުންދިޔަ މާލީ މަންފާގެ ދަހިވެތި ކަމުގަ އެވެ. އޮޅުވާލުމުގެ ތެރެއިން ކޮންމެ ދުވަހަކު އެތައް ސަތޭކަ ބިދޭސީންނެއް އެތެރެކޮށްފައި ވެއެވެ. އެ މީހުން މާލެއާއި އަތޮޅުތަކުގެ ރަށްރަށަށް ފެތުރިގަނެ އެ މީހުުންގެ ސަގާފާތާއި ވިޔަފާރިއާއެކު އުޅޭނެ ގޮތަަށް އުޅެން ދޫވެފައި އޮތީ އެވެ. އޭގެ ހުރިހާ ގެއްލުމަކާއި ނުރަނގަޅެއް ލިބުނީ ރާއްޖެއަށެވެ.

އެއީވެސް ދިރިއުޅެވިދާނެ އަދި ފައިސާ ހޯދަން މާ ފަސޭހަ ގޮތެއް ކަމަށް އެބައިމީހުންނަށް ވިސްނުނެވެ. އެންމެ ފަހުން ދިވެހިންނާއި ގުޅިގެން ބިދޭސީންވެސް އެ މަސައްކަތުގެ ތެރެއަށް ވަދެއްޖެއެވެ. ބަންގާޅުގައި ހުރި މީހާއަށް އޮޅުވާލައިގެން އޭނާގެ ހުރިހާ މުދަލެއް ވިއްކައިގެން ދައުލަތް ބަހައްޓާ ވެރިޔާއަށް ދޭނެ ފައިސާ ކޮޅު ހޯދައިގެން ރާއްޖެ އަންނަން ފެށީއެވެ. އައުމާއެކު އޭނާ ދޫކޮށްލަނީ މަގުމައްޗަށެވެ. މަގުމަތިން ރަށު މީހާއާ ދިމާވެ އެމީހުން ފައިސާ ހޯދާގޮތް ދަސްކުރެއެވެ. އެހިސާބުން އެގޮތަށް އުޅެން ފަށައެވެ.

ބިދޭސީންގެ ފަރާތުން ދިމާވަމުން އައީ އެންމެ މައްސަލައެއް ދެ މައްސަލައެއް ނޫނެވެ. އިޖްތިމާއީ އެތައް މައްސަލަތަކެއް ދިމާވެ ނިމިއްޖެއެވެ. އެންމެ ފަހުން ބޮޑެތި ހަމަނުޖެހުންތައް އުފައްދާ ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް އެމީހުން ހަމަލާދޭން ފެށީއެވެ. މި އޮތީ އެންމެ ނާޒުކު ހިސާބުގައެވެ. ނުރައްކާތެރިކަމުގެ ކޮޅެއް ނެތެވެ.

ބިދޭސީން ދިވެހި ފުލުހުންނާ ކުރިމަތިލި ގޮތް ބަލާށެވެ. ހުޅުމާލޭގައި ސިފައިންނާ ފުލުހުން ހަދަމުންދާ ފްލެޓްތަކުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީން އަދި ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ފަރާތުން ފެނުނީ މުޅި ގައުމު ކަންބޮޑުވާނެ ފަދަ މަންޒަރުތަކެކެވެ. ބޮޑުފިނޮޅުގައި ބިދޭސީން ވަނީ 12 ދިވެހިން ރަހީނުކޮށް ފުލުހުންނަށް ހުރަސްއަޅާފައެވެ. މުދާތަކަށް ގެއްލުންދީފައެވެ.

ބިދޭސީންގެ ވަރުގަދަ މުޒާހަރާތަކާއި ހަމަނުޖެހުންތަކާއެކު ރައްޔިތުން ކަންބޮޑުވެފައިވަނިކޮށް މައްސަލައިގެ އަސްލު ނުރައްކާ ރައްޔިތުންގެ މަޖިލީހަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އިއްޔެ ވަނީ ތަފްސީލްކޮށްދެއްވާފައެވެ. ޗީފް ސިފަކޮށްދެއްވި ރާއްޖެ ވަރަށްވެސް ނުރައްކަލެވެ.

ޗީފް ފުރަތަމަވެސް ވިދާޅުވީ ރާއްޖެއިން މިހާރު ފެންނަނީ ބޭރުގެ އިސްއިތުމާރީ ބާރަކުން އަރާ މި ގައުމު ހިފުމުން ފެންނާނެ ކަހަލަ މަންޒަރުތަކެއް ކަމަށެވެ. މި ޒަމާނަކީ އެއް ގައުމު އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ ހިފާ ޒަމާނެއް ނޫން ނަމަވެސް ރާއްޖެ ކައިރީ އޮތް ބަޔަކު ވަނީ ހުޅުވިފައިވާ އަދި ރެގިއުލޭޓް ނުކުރެވި އޮތް ބޯޑަރުތަކެއްގެ ތެރެއިން ރާއްޖެއަށް އަރާފައި ކަމަށް ޗީފް ވިދާޅުވިއެވެ.

ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނަން މި ހުންނަ ކަންކަން މި ފެންނަނީ މިހާރު ބިދޭސީންގެ ފަރާތުން. އަަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކުން މިވަނީ އެ މީހުން ފޫއަޅުވާލާއި ވަދެފައި. ދިވެހިންނާ ކައިވެނި ކުރުމާއި މިހެން ގޮސް ހުރިހާ ދިމާލަކަށް... މިހާރު އަދި ކުށްތަކުގައި ވެސް އެ މީހުން ޝާމިލުވެ ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ... އެހެން ގޮސް އެންމެ ފަހުން ފުލުހުންނާ އެ މީހުން ކުރިމަތިލީ،"

ޝަމާލް ވަނީ ސިފައިން ހޯދާފައިވާ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގައި މިހާރު އުޅޭ ބިދޭސީންގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. ރާއްޖޭގައި 179،954 ބިދޭސީން ރަޖިސްޓަރީ ވެގެން އެބަ އުޅެއެވެ. އަދި 66،000 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އެބަ އުޅެއެވެ. އެއީ ކޮން ގައުމެއްގެ ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއްވެސް އެ މީހުންގެ ނެތެވެ.

"އެހެން ގޮތަކަށް ދަންނަވާނަމަ 250،000 އެއްހާ މީހުން އެބައުޅޭ ބޭރު މީހުން. މީގެ ތެރެއިން ބޮޑު ޕަސެންޓަކީ ރަޖިސްޓާ ނުކޮށް ތިބި މީހުން. މިކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތައް އޮތް ބޮޑު ނުރައްކަލެއް," ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ މިހާރު ވަނީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކާ ބޮޑު މައްސަލައެއްގެ ގޮތުގައި ނިންމާފައެވެ. އަދި އެކަމާ ގުޅިގެން ފިޔަވަޅު އެޅުމުގައި ފަސްވެއްޖެނަމަ ރާއްޖެއެއް ނުލިބޭނެއެވެ.

"ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބައްދަލު ކޮށްފަައި މިކަމަކީ ނޭޝަނަލް ސެކިއުރިޓީއަށް ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވަނީ ނިންމާފައި. އެ ހިސާބުން ފެށިގެން މި އޮތީ ވަރަށް ބޮޑަށް ނޯމަލް ޕްރޮސީޖާއަށް ވުރެ ބޮޑަށް ފާސްޓް ޓެރެކެއްގައި އެ މީހުން ހައްޔަރު ކުރުމާއި ފޮނުވާލަން ޖެހޭ މީހުން ފޮނުވުމާއި މިކަހަލަ މުހިންމު ފިޔަވަޅުތައް އެޅުމަށްތަކައި މަޝްވަރާ ކުރެވިފައިވޭ،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ދެން ވާހަކަ ދެއްކެވީ މިކަމުގެ އަޑީގައި ތިބި މީހުންނާ އެ މީހުންނާ ގުޅިފައިވާ ކުންފުނިތަކާ ގުޅޭގޮތުންނެވެ. ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކުން ވަނީ މީގެ ހަ އަހަރު ފަހުން ފަށަން ހުރި މަޝްރޫއުތަކަށްވެސް ބިދޭސީން އެތެރެކޮށް ނިންމާފައެވެ. އެވަރުން ނިމުނީއެއް ނޫނެވެ. މިހާރުވެސް އެފަދަ ކުންފުނިތަކުން ގެންގުޅޭ ބިދޭސީންގެ ތެރެއިން އެތައް ބަޔަކު އުޅެނީ ގަވާއިދާ ހިލާފަށެވެ. މަސައްކަތް ކުރުވޭތީ އެ ކުންފުނީގެ ވެރިންނަށް އެކަން މައްސަލައަކަށް ނުވީއެވެ.

"މިއީ ބޮޑު ކަމެއް. 24 ގަޑިއިރުން ހައްލުވާނެ ކަމެއް ނޫން. ރާއްޖޭގެ ސޮވިރިނިޓީއަށް [ސިޔާދަތަށް] ނޭޝަނަލް ސެކިއުރިޓީއަށް އޮތް ތުރެޓެއް މިއީ. މިކަމަށް ވަރަށް ރެޑިކަލް އިޝޫއެއް. އެހެންވެ ރެޑިކަލް މައްސަލައަކަށް ރެޑިކަލް ސޮލިއުޝަނެއް ކަންނޭނގެ ގެންނަން ޖެހެނީ،" ޝަމާލް ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްދުން ނެއްޓުނީއެވެ. ޔަގީނުންވެސް މިކަމަށް އަޅާނުލައިފިނަމަ ސަހަލުކޮށް މިކަމެއް ނުނިމޭނެއެވެ. ބޮޑުފިނޮޅުގައި ރަހީނުކުރީ 12 ދިވެހިން ނަމަވެސް މުޅި ގައުމާއި ހުރިހާ ދިވެހިން ރަހީނުވެގެން ނޫނީ މައްސަލަ ނިމިގެން ނުދާނެއެވެ. އެކަން އެގޮތަށް ވާން ބޭނުންނަމަ މިއަދު ފިޔަވަޅު އަޅަން ފަށަންޖެހެއެވެ.

ބިދޭސީންގެ އާބާދީ މިއަދު ދިވެހިންގެ އާބާދީގެ ތިންބައި ކުޅަ ދެބަޔާ ހަމަކުރަނީއެވެ. ދޭސީ ބިދޭސީ ކައިވެނިތައް އިންތިހާއަށް އިތުުރުވަނީއެވެ. ގިނަ ކައިވެނިތަކަކީ ދުވަސްވީ ދޭސީންނާއި ޒުވާން ބިދޭސީންގެ ކައިވެނިތަކެވެ. މިއީ ނުރައްކަލެކެވެ.

ބިދޭސީ ހަމަނުޖެހުން، ސިޔާސީ ކަމެއް

ބިދޭސީ ހަމަނުޖެހުންތަކާއި އެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވިއެވެ. "މިއީ ސިޔާސީ ކަމެކެވެ" މިނިސްޓަރު ވިދާޅުވި އެ ވާހަކަ ތިލަވެސް ކޮށްދެއްވިއެވެ.

ވިދާޅުވީ މިއީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ކަމެއް ނޫނެވެ. މިއީ ގައުމު ހަލަބޮލިކަން ބޭނުންވާ ބައެއްގެ ސިޔާސީ މަސައްކަތެއް ކަމަށެވެ. އެއީ ސަރުކާރަށް ކުރި ޖެއްސުމެވެ. ބޭނުމަކީ ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުވުމެވެ.

އިއްޔެ ކޮމެޓީގައި ވާހަކަަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގަނީ މުސާރަ ނުދީގެން ނޫން ކަމަށާ އެކަމުގެ ފަހަތުގައި އެހެން ބަޔަކު "ފޮރުވިގެން" އުޅޭ ކަމަށެވެ. މާރިޔާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ނުރައްކާވެއްޖެ ކަމަށެވެ.

"ކޮންމެހެން މުސާރަ ނުލިބި ހައްގެއް ހޯދަން ނިކުންނަނީކީ ނޫން، އަދި މީގަ ފޮރުވިފައިވާ ފަރާތްތަކެއް ވެސް ވާނެކަން ގަބޫލު ކުރެވޭ. އެހެންވެ އެކަންކަމާ ބެހޭ ގޮތުން ބަލާ ތަހުގީގު ކުރަމުން މިދަނީ،"

ދެ ވަޒީރުން އެ ވިދާޅުވާ ވިދާޅުވުން އިތުރަށް ސާފު ކޮށްދެއްވަން ޖެހެއެވެ. އެ ވިދާޅުވަނީ ކުންފުނިތަކެެއްގެ ވާހަކަ ހެއްޔެވެ. އެހެން ކަމަށްވެއްޖެނަމަ އެ ވާހަކަ ސާފުކޮށް ވިދާޅުވާން ޖެހެއެވެ. ގައުމު މިހާލަތަށް ވައްޓާލި ކުންފުންޏަކަށް މި ގައުމުގެ މާލިއްޔާ ކާކަށް ނޯވެވޭނެއެވެ. މި ބިމުން މަންފާ ހޯދުގެ ފުރުސަތެއް އޮވެގެން ނުވާނެ އެވެ.

މިނިސްޓަރު ވިދާޅުވި ނަމަވެސް މިއީ ސަރުކާރާ ކުރި ޖެއްސުމެއް ކަމަކަށް ނުފެނެއެވެ. މި ސަރުކާރު އޮތަސް ނެތަސް އެކަމުގައި ފަރުވާލެއް ނެތް ކިތަންމެ ރައްޔިތެއް ތިބޭނެއެވެ. ނަމަވެސް މި ގައުމުގެ ފުލުހުންނާއި ސިފައިންނަށް ބިދޭސީ މަސައްކަތްތެރިން ނިކުމެ ހަމަލާ ދޭނަމަ އެއްވެސް ދިވެއްސަކު މަޑަކުން ނުހުންނާއެވެ. ބިދޭސީންގެ މުޒާހަރާތައް ބަލާ، އެ މީހުންގެ ހަޅުތާލުކަން ދެކެން ދިވެހިން ބޭނުމެއް ނުވެއެވެ. އެހެންވީމަ މިއީ ސިޔާސީ ކަމެއް ކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ. އަމުދުން މިއީ ބަޔަކު ސަރުކާރާ ދެކޮޅަށް ކުރާ ކަމެކޭ ބުނެ ނިންމާލައިގެން ނުވާނެއެވެ.

މިނިސްޓަރުން ސާފުކޮށް ނުދެއްވިޔަސް މިހާރުވެސް ސާފުވާ ކަންކަން އެބަހުއްޓެވެ. ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅެ މަސައްކަތް ކުރުވާ މާލީ ބޮޑެތި މަންފާތައް ހޯދަމުންދާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ވެރިން އެބަ އެނގެއެވެ. އެ ވެރިން ސަރުކާރުގައި ތިބޭ ވެރިންނަށް ބައި އަޅަމުންދާވަރު އިނގޭ މީހުންވެސް ތިބޭނެއެވެ.

ސިފައިންނާ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރާ ކުންފުންޏާއި އެ މަަސައްކަތް ކުރިންކުރި ކުންފުނި އެކަމަށް ފުދެއެވެ. ފުރަތަމަ އެ މަސައްކަތް ކުރީ ދައުލަތަށް މާލީ ގޮތުން އެންމެ ބޮޑު ބުރައެއް ޖެއްސި ނޫމަޑިންނެވެ. އެއީ ކޮންތާކުން ކިހިނެތް މި ދައުލަތުގެ މާލިއްޔަތަށް ފުންމާލި ބައެއްކަން އެނގޭ ނޫން ހެއްޔެވެ. އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާ ދިނުމުގެ ނަމުގައި އައިސް ފަޅުތަކާއި ފަޅުރަށްތައް ހޯދާ އެއްވެސް މަސައްކަތެއް ނުކޮށް ތިބީއެވެ. އެންމެ ފަހުން އެކުވެރިން އަލުން ވެރިކަމަށް އައީމަ ގެއްލުމަށް ބަދަލު ހޯދީއެވެ. ފުރަތަމަ 55 މިލިއަނެވެ. ދެން 800 މިލިއަނެވެ. އަދިވެސް ދިމާކޮށްގެން އޮތީ ދައުލަތް ދަވާނާލެ ގޮތެއް ހޯދުމަށެވެ.

ދެން އޮތީ އަނެއް ކުންފުންޏެވެ. ހަޅުތާލުކޮށް ފުލުހުންނަށް އޮށްގަލުން ހަމަލާދިން މުވައްޒިފުން ނިސްބަތްވާ ތައިލެންޑްގެ އައިލެންޑް އެކްސްޕާޓް ކުންފުންޏެވެ. މިއީވެސް ނޫމަޑީގެ ހިއްސާ އޮތް ކުންފުންޏެވެ. ހަގީގަތަކީ ދެ ކުންފުނީގެ ވެރިއަކީވެސް އެކަކެވެ. އެ ބުނާ ނޫމަޑީގެ ކްރިސްއެވެ. ނަމަވެސް މިއީ ތައިލެންޑްގެ އެހެން ވިޔަފާރިވެރިއެއްގެ ކުންފުންޏެއް ކަމަށް ބުނެ އެހެން މީހުންގެ ލޯ މައްޗައް ދައްކަނީއެވެ.

އެހެންވީއިރު ބިދޭސީ މުވައްޒިފުންތަކެއް ގެންގުޅެ އެތައް މަސްތަކެއް ވަންދެން ފައިސާ ނުދީ އެމީހުން ރުޅިއަރުވާލާ މަގުމައްޗަށް ނެރެ، ފުުލުހުންނަށް ހަމަލާ ދިނުމުގެ ފަހަތުގައި މިތިބީ ކޮން ބައެއް ހެއްޔެވެ. މިނިސްޓަރަށް ވިދާޅުވާން ނުކެރުނަސް މަންޒަރު ސާފެވެ. ކަންމިވާ ގޮތް އެބަ އެނގެއެވެ.

ބޮޑުފިނޮޅުގެ މައްސަލަވެސް އޮތީ މިހެންނެވެ. ބިދޭސީންގެ މައްސަލައަކީ އާދައިގެ މައްސަލައެއް ކަމަށް ދެން ނުދެއްކޭނެއެވެ. ޗީފްގެ ވާހަކައިން ބިދޭސީ މަސައްކަތްތެރިންނާއެކު ރާއްޖެ ނާމާންކޮށްލާފައިވާ މަންޒަރު ސާފެވެ. އެހެންވީމަ މިއީ ގައުމީ ވިސްނުމެއްގައި ބިދޭސީންގެ މައްސަލަ ހައްލުކުރަން ނިކުންނަންޖެހޭ ވަގުތެވެ.

ސަރުކާރުން މި މައްސަލައަށް ސަމާލުކަންދީ ބިދޭސީން ބޭރުގެ ކުރުމުގެ މަސައްކަތް ފެށުމަކީ މުހިންމު މަސައްކަތެކެވެ. އަދި ގަވާއިދާ ހިިލާފަށް އުޅޭ ބިދޭސީންނަށް ރަށްވެހިކަން ދިނުމަށް ބަޔަކު އަޑުއުފުލަމުން ދަނިކޮށް ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅާ އެކަމާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ފެށުމަކީވެސް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅެކެވެ.

އެހެން ކަމުން ފަށާފައިވާ ތަހުގީގުތައް ކޮޅެއްޖައްސާ ބިދޭސީންގެ މައްސަލަ "ފިލިންފިއްޔަށް" ރަނގަޅުކުރަން ޖެހެއެވެ. އެހެން ނޫނީ ދިވެހިންގެ ރާއްޖެ ދިވެހިންގެ އަތުން ގެއްލިދާނެއެވެ.