އެމްއެންޑީއެފް

މަޖިލީހަށް ގެންދެވޭނެ ؛ މަޖިލީހަކަށް ނުގެންދެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއެއް ދިނެވެ. އެ މަނިކުފާނު ޒަހަމްކޮށްލެވުނު އެ ހަމަލާއާ ގުޅިގެން ސެކިއުރިޓީ ބްރިީޗް ގޮތުގެ އިންކުއަރީއެއް ހަދަން ނިންމާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ މަަސަައްކަތް ފަށައިގަތީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ކޮމެޓިން ބުނެފައިވާ ގޮތުގައި އިންކުއަރީ ކުރިއަށް ގެންދާނީ ބޭރުގެ ތަޖުރިބާ ކާރުންގެވެސް އެހީތެރިކަމާ އެކު އެވެ.

މަޖިލީހުގެ އިންކުއަރީގައި ހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތައް ދޭ ފަރާތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ބަލާނެ އެވެ. ސަލާމަތީ ބާރުތަކުން ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބައިތޯ ބަލާނެ އެވެ. ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަމަލު ކުރި ގޮތް ބަލާނެ އެވެ. ފައިނޭންސް އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލު ކުރާ ގޮތް ބަލާނެ އެވެ. ގާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ހޯދާނެ އެވެ.

އެ ކޮމެޓީއަށް މައުލޫމާތު ހިއްސާ ކުރަން ފުލުހުންނާއި ސިފައިންނަށް ވަނީ ފުރުސަތުވެސް ހުޅުވާލާފަ އެވެ. މައުލޫމާތު ހުށައަޅަން ބޭނުންވާ އެ ދެ މުއައްސަސާގެ މުވައްޒަފުން އެ މައުލޫމާތު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ އީމެއިލަށް ފޮނުވައި ދޭންވީ އެވެ. އެކަމަށް ފޯނު ނަންބަރެއް ވެސް އާންމުކުރި އެވެ. އެކަމާ ގުޅިގެން ސިފައިންނާއި ފުލުހުން އަދާކުރާ ވަޒީފާއަށް އަސަރެއް ކޮށްފާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެ ދެ މުއައްސަސާއަށް މަޖިލީހުން އިލްތިމާސް ކުރި އެވެ.

ފަހުން ނިންމީ ބައެއް ސިފައިންނާއި ފުލުހުން ކޮމެޓީއަށް ހާޒިރު ކުރާށެވެ. ކޮމެޓީއަށް ހާޒިރު ކުރަން ބޭނުންވާ ސިފައިންނާއި ފުލުހުންގެ ނަންތަކެއް ވެސް އެ ކޮމެޓީން ފާހަގަ ކުރިއެވެ. އެހިސާބުން އެކަންވީ ބަހުސަކަށް ބަދަލުވުމާއެކު އެމްއެންޑީއެފުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތް ބަލަން ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އާއި ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެކެވެ. އޭގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލޭނެ އެވެ. ސިފައިންގެ ގާނޫނީ ޒިންމާ އަދާ ކުރަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ގައުމީ ސަލާމަތަށް ފޫ ނުބެދޭވަރުގެ ނުރައްކާ ކުރިމަތި ވާނެ އެވެ.

ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނިކުންނަންޖެހޭ ބައެކެވެ. ޑިފެންސުން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދު ބުނެ އެވެ.

ޑިފެންސުން ދެކޭ ގޮތުގައި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އެވެ. ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދާ ނަމަ އެ މައުލޫމާތެއް ސިފައިން ފޯރުކޮށްދޭނެ އެވެ.

ސިފައިންގެ މި ނިންމުމާއެކު ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވިދާނެތޯ ވަނީ ފުޅާ ބަހުސެއް ފެށިފަ އެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވޭނެ އެވެ. އެހެން އެެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރެއް ނުކުރެވޭނެ އެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވިދާނެ ކަމަށް ވިދާޅުވާ ބޭފުޅުންގެ ނުކުތާއަކީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގައި މަޖިލީހުން އަންގައިފި ހިނދެއްގައި ކޮންމެ މީހަކު ވެސް އެ މަޖިލީހަށް ހާޒިރުވާން ޖެހޭ ކަމަށް ބުނާ ބުނުމެވެ. އެކަމަކު މިހާރު އޮތް ބަހުސްގައި އެ މާއްދާ އެކި ބޭފުޅުން ތަރުޖަމާ ކުރައްވަނީ އެކި ގޮތަށެވެ.

މި މައްސަލާގައި ވާހަކަ ދައްކަވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވާ ގޮތުން ވެސް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވޭނެ އެވެ.

މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ވަކި ވަކި ސިފައިން ވެސް މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވޭނެ އެވެ. މަޖިލީހަށް ޖަވާބުދާރީ ވުމަކީ ސިފައިންގެ ކޮންމެ މީހެއްގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށް 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވެސް ވެއެވެ. އަދި 2010 ގައި ކައުންސިލް ޖެނެރަލް ވެސް އެ ގޮތަށް ލަފާ ދެއްވާފައި ވެއެވެ.

ދެހާސް ދިހަ ވަނަ އަހަރު އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު މަޖީލުހުގެ ކޮމެޓީއަށް ހާޒިރުވާން އެންގެވުމުން އެކަމަށް އިންކާރު ކުރެއްވި އެވެ. މިހާރުވެސް މައްސަލަ އުފެދިފައިވާ ގޮތަށް އޭރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ވަނީ މަޖިލީހަށް އެ ބާރު ނެތް ކަމަށް ފާހަގަކޮށް ޗީފް އޮފް ޑިފެންސް މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އޭރު އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ އޭރުގެ ރައީސް އަދި ސިފައިންގެ ވެރިޔާ އެވެ.

އުޝާމްގެ އެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ކައުންސިލަރު ޖެނެރަލްކަން ކުރެއްވި ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި ކައުންސިލް ޖެނެރަލްގެ އޭރުގެ ލަފާގައި ވެސް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމަށް ބުނެފައެއް ނޯންނާނެ އެވެ. އަދި ގާނޫނޫނުއަސާސީގެ 98، 99، 239، 242 މި މާއްދާތަކަށް އެއްކޮށް ބެލުމުން ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރެވިދާނެ ކަމަކަށް ނުފެނެ އެވެ. ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ވާނީ ކަމާބެހޭ ވަޒީރެވެ. ވަޒީރުގެ މަގާމު ހުސްވެފައިވާ ހާލެއްގައި ޗީފް އޮފް ޑިފެންސް ފޯސް އެވެ.

މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި މަޖިލީހުގެ ކުރީގެ މެންބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި ވެސް މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރެއް ނުކުރެވޭނެ އެވެ. ސަލާމަތީ ހިދުމަތެއްގެ ކަންކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އެހެން ކަމުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ އެވެ.

"ސިފައިންގެ ވަޒީފާގައި ސިފައިން ކުރާ ކުށްތައް ބަލާ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސިފައިންގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ ދަށުން މިލިޓަރީ ޕޮލިސް ވަނީ އުފައްދާފައި. އަދި ސިފައިން ކުރާ ޖިނާއީ ކުށްތައް ދިވެހި ފުލުހުންނަށް ބަލާ ޕީޖީއަށް ފޮނުވޭނެ،"

އިންކުއަރީއަކަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވިދާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާތީ ވެސް އިބްރާހިމްދީ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންކުއަރީ ކުރިއަށް ގެންދަން ވާނީ މިނިސްޓަރާ ކޯޑިނޭޓް ވެގެނެވެ. އެއީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން އޮތް ސަބަބެއް ނޫނެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަދި ގާނޫނީ ވަކީލު އަހުމަދު ހައިލަމް ވިދާޅުވި ގޮތުގައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުން ރަނގަޅެއް ނޫނެވެ. އަދި ގާނޫނު އަސާސީގެ 99 ވަނަ މާއްދާގައި މަޖިލީހުގެ ކޮމެޓީއަށް މުއައްސަސާތަކާއި އާންމުން ވެސް ހާޒިރު ކުރެވިދާނެ ކަމަށް ބުނެފައިވާއިރު ކޮންމެ މީހަކު ހާޒިރު ކުރެވިދާނެ ކަަމަށް ބުނެފައި އެ ވަނީ މުއައްސަސާއަކަށް ނިސްބަތް ނުވާ ހާލަތް ތަކުގަ އެވެ.

ހައިލަމް ވިދާޅުވި ގޮތުގައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަކީ އެކަމުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެކެވެ. ޑިފެންސްގެ ބަޔާނުގައި އެ ސަބަބުތައް ވަރަށް ތަފްސީލުކޮށް ބުނެފައިވާއިރު ސިފައިންގެ ގާނޫނުގައި ހުރި މާއްދާތައް ވެސް ތަފްސީލު ކޮށްދީފައިވާ ކަމަށް ހައިލަމް ފާހަގަ ކުރައްވަ އެވެ.

އޭނާ ފާހަގަ ކުރެއްވި އަނެއް ކަމަކީ އެމްޑީޕީގެ ސަރުކާރުން ކުރީން ދެކޮޅު ހެދި ކަމެއްގައި މިއަދު މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮވެ އެކަން ކުރެވޭނެ ކަމަށް ވަކާލާތު ކުރުމެވެ. ގާނޫނު އަސާސީގެ މާއްދާތައް ބާރުތައް އޮތް ބަޔަކު ބޭނުން ގޮތަަކަށް މާނަ ކުރުވާ ކަމަށް އާންމުންނަށް ގަބޫލު ކުރެވެނީ މިފަދަ ސަބަބުތަކާއި ގުޅިގެނެވެ.

"ބައެއް މެންބަރުން އެބަ ވިދާޅުވޭ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ކުރެވޭނެ ކަމަށް ކުރީން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް. އަދި އެ ނިންމުމާ ދެކޮޅަށް މިއަދު ކުރީގެ ބައެއް ފަނޑިޔާރުން ވާހަކަ ދެއްކެވުމުން ހަނދާން ކޮށްދޭ ކުރީން ނިންމާފައި އޮތް ނިންމުން. އެހެން ކަމަށްވާނަމަ އެމްޑީޕީން ވެސް މިހާރު ވަކާލާތު އެ ކުރަނީ ކުރީން ވަކާލާތު ކުރި ގޮތަކަށް ނޫން. އަޅުގަނޑުގެ މައިގަނޑު ޕޮއިންޓަކީ ސުޕްރީމް ކޯޓުން ނިންމިޔަސް އެއީ ބަދަލު ނުކުރެވޭނެ ނިންމުމެއް ނޫނޭ. ރަނގަޅު ގޮތް އެނގުމުން ނިންމުން ބަދަލު ކުރުމަކީ މައްސަލައެއް ވެސް ނޫން،" ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވި ގޮތުގައި މުއައްސަސާގެ ވަކިވަކި މުވައްޒިފުން ކޮމެޓީތަކަށް ހާޒިރު ކުރާނަމަ މުއައްސަސާތަކަށް ވެރިން އައްޔަން ކުރުމުގެ ބޭނުމެއް ނެތެވެ. ހާއްސަކޮށް ސިފައިންގެ މުއައްސަސާއާ ދޭތެރޭ އެގޮތަށް އަމަލު ކުރެވިގެން ނުވާނެ އެވެ. ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް އެގޮތަށް އަމަލު ކުރުމަކީ ސިފައިންގެ މުޅި މުއައްސަސާ ފުނޑުފުނޑު ވެދާނެ ކަމެކެވެ.

ހައިލަމްގެ މި ވާހަކަތަކާއި ދެކޮޅު ހައްދަވާ މެންބަރަކު ވިދާޅުވި ގޮތުގައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރިޗްވި ހަގީގީ ސަބަބު ސާފު ކުރުމެވެ. އެކަން މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް އެކަނި ހާޒިރު ކޮށްގެން ސާފެއް ނުކުރެވޭނެ އެވެ. ނުވަތަ ލިޔުމުން ހުށައަޅައިގެން ޑިފެންސް މިނިސްޓްރީން ދޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެ އިންކުއަރީ ފުރިހަމަ ނުކުރެވޭނެ އެވެ.

"ބޮން ގޮވި ސީންގައި ހަށިފާރަވެރިންނަށް ތިބި ބޭފުޅުންނާއި އަޅުގަނޑުމެން ކުރާ ސުވާލަކަށް ޑިފެންސް މިނިސްޓަރަށް ނުވަތަ ޝަމާލަށް ޖަވާބު ދެވޭނެތޯ؟ އެ ބޭފުޅުންނަކަށް ޖަވާބެއް ނުދެވޭނެ ދެއްތޯ؟ އެހެންވީމަ ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރުކުރަން ޖެހެނީ،" އެ މެންބަރު ވިދާޅުވިއެވެ.

މި މައްސަލާގައި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޑިފެންސްގެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އާންމު ސިފައިންގެ މީހާ ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް އޭގެ މަތިން އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ އެވެ. އަދި ބޮންގޮއްވާލި ވަގުތު ކައިރީގައި ތިބި ސިފައިންނަށް ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ.

މައްސަލައަކީ ސަރުކާރުން އަމަލުކުރި ގޮތް

މަޖިލީހުން ފަށާފައިވާ އިންކުއަރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ ބައެއް މެންބަރުން ފާހަގަ ކުރައްވާ އެހެން ކަމެއް ވެސް އެބައޮތެވެ. އެއްކަމަކީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަރުކާރުން ވިސުންތެރިކަމާއެކު ފިޔަވަޅުތައް އަޅުއްވާފައި ނުވުމެވެ.

އެއް މެންބަރަކު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ނަޝީދު އަވަހާރަ ކޮށްލަން އެފަދަ ވަރުގަދަ ހަމަލާއެއް ދިނުން އެއީ އާދައިގެ ކަމެއް ނޫނެވެ. އަދި އެއީ ރިޔާސީ ކޮމިޝަނަކުން ތަހުގީގުކޮށް ރަނގަޅަށް ބަލަން ޖެހޭ ކަމެކެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރަން ޖެހެއެވެ. އެއީ ހަމައެކަަނި ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ.

"މި ހާދިސާއަށް ފަހު ރައީސް ވަގުތުން ޖެހިވަޑައިގަންނަވާނެ ރިޔާސީ ކޮމިޝަނެއް އުފައްދަން. އެއީ އެކަމުގެ ފުންމިނަށް ގޮސް ދެވަނަ ފަހަރަށް މިފަދަ ކަމެއް ތަކުރާރު ވިޔަނުދޭން. ނަމަވެސް އެކަމެއް ސަރުކާރުން ނުކުރޭ. އެހެންވީމަ މިފަދަ އިންކުއަރީއެއް ފެށުމަށް މަޖިިލީހަށް ހަގީގަތުގައި ފުރުސަތު ލިބުނީ،" އެ މެންބަރު ވިދާޅުވި އެވެ.

އެހެން މެންބަރަކު ވިދާޅުވި ގޮތުގައި މަޖިލީހުން ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ކުރިއަށް ގެންދިޔަ ނަމަވެސް ސަރުކާރުން މި މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފެއްދިނަމަ މިހާރު ދިމާވެފައިވާ މައްސަލަތައް ކުރިމައްޗެއް ނުވާނެ އެވެ. ވަކިވަކި ސިފައިން ހާޒިރު ނުކުރެވިގެން ސަރުކާރާއި މަޖިލީސް ހިޔާލު ތަފާތު ވުމަކަށް ދާން ނުޖެހޭނެ އެވެ.

"ސަރުކާރުގައި މި ތިބީ އަޅުގަނޑުމެން. މަޖިލީހުގައި މެޖޯރިޓީ އޮތީ އެމްޑީޕީއަށް. ދެން މިހާރު މިއީ ކޮން ހަމަނުޖެހުނެއްތޯ؟ ހަގީގަތުގައި ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ރައީސް ނަޝީދުގެ މަންދޫބެއް ވެސް ހިމަނައިގެން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަން ވިސްނިނަމަ ނުވަތަ އެކަން މިހާރު ވެސް ހިނގާނަމަ މަޖިލީހުގެ އިންކުއަރީގެ ދަރަޖަ ކުޑަ ކުރެވޭނެ. މިހާރު މަޖިލީހުގެ އިންކުއަރީ މިވީ ގައުމީ ފެންވަރުގެ އިންކުއަރީއަކަށް. އެއީ ސަރުކާރުން ދިން ފުރުސަތެއް. ހަގީގަތުގައި މަޖިލީހަށް ސަރުކާރުން މި ފުރުސަތު ދީގެން ނުވާނެ،" އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.

ދެ މުއައްސަސާއިން ތަފާތު ނިންމުމެއް

މިހާރު އުފެދިފައިވާ މައްސަލާގައި އިތުރު އެހެން ކަންތައްތަކެއް ވެސް މެންބަރުން ފާހަގަ ކުރައްވަ އެވެ. އެއީ ސަލާމަތީ ހިދުމަތް ދޭ ދެ މުއައްސަސާއިން ތަފާތު ދެ ނިންމުމެއް އައުމެވެ. ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ދެކޮޅުކަން ހާމަކޮށް ގާނޫނުގައި އެކަން އޮތް ގޮތާއި އަދި އެކަމުން ނުކުމެދާނެ ނަތީޖާ އެމްއެންޑީއެފުން ބަޔާނެއް މެދުވެރިކޮށް ތަފްސީލުކޮށް ފާހަގަކުރި އެވެ. އަދި އިންކުއަރީއަށް ފުރިހަމަ އެއްބާރުލުން ދީ ޑިފެންސް މިނިސްޓަރު ޖަވާބުދާރީވާން ތައްޔާރުވި އެވެ.

ނަަމަވެސް ހަމަ އެ ދުވަހު ފުލުހުންގެ ހިދުމަތުން އައީ ތަފާތު ވާހަކައެކެވެ. ފުލުހުން ވަނީ މަޖިލީހުން އެދިއްޖެ ކޮންމެ ހާލަތެއްގައި ވަކިވަކި ފުލުހުންވެސް މަޖިލީހަށް ހާޒިރުވާން ތައްޔާރަށް ތިއްބި ކަމަށް ބުނެފަ އެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސް އިއްޔެ ވަނީ މަޖިލީހަށް ހާޒިރުވެފަ އެވެ.

ސަލާމަތީ ހިދުމަތްތަކުގައި ވަރަށް ގިނަ ދުވަހު މަަސައްކަތް ކުރައްވާ މިހާރު ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ދެ މުއައްސަސާއިން ތަފާތު ވާހަކަތަކެއް ބޭރަށް ނުކުތުމަކީ ކަންބޮޑު ވުމެކެވެ. އަދި އެއީ ލީޑާޝިޕްގެ "ފެއިލް" ވުން ދައްކުވައި ދިން ކަމެކެވެ. ސަރުކާރުން އެ މުއައްސަސާތަކަށް އިސްކޮށް އައްޔަން ކޮށްފައި ތިއްބެވި ބޭފުޅުންގެ ގުޅުން ކުޑަކަމާއި ދެ މުއައްސަސާގެ ގުޅުން ވެސް ރަނގަޅު ނޫންކަން އެނގެ އެވެ.

"އެއް މުއައްސަސާއަކުން މި ބުނަނީ ވަކިވަކިން ހާޒިރު ނުވެވޭނެ ކަމަށް. އެއީ މިވެނި މިވެނި ކަންތައްތަކެއް ހުރުމުންނޭ. ހަމަ އެ ދަނޑިވަޅުގައި އަނެއް މުއައްސަސާއިން މި ބުނަނީ ތިމަންނަމެން ތައްޔާރޭ. ކީކޭތޯ އެ ބުނެވެނީ! ވަރުގަދަ ގުޅުމެއް އޮންނަން ޖެހޭ ދެ މުއައްސަސާއިން ތަފާތު ދެ ގޮތަކަށް ނިންމުން އައުން އެއީ ވަަރަށް ދެރަ ކަމެއް. ސުވާލަކީ ފުލުހުން އެހެން އެ ބުނީ ކޮންކޮން ކަންކަމަކަށް ބަލާފަތޯއޭ؟ ހަމައެކަނި ބޭނުންވަނީ މަޖިލީހުގައި އެއް ޕާޓީއެއްގެ ސުޕަ މެޖޯރިޓީ އޮތުމުން ބްލެސިން ހޯދުންހޭ؟" 

އޭނާ ވިދާޅުވި ގޮތުގައި އިންޓެލިޖެންސް ހަަރަކާތްތެރިވާ ގޮތް ސިފައިންނާއި ފުލުހުންނަށް އޮޅިގެނެއް ނުވާނެ އެވެ. ޑިފެންސުން ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލު ކުރަން ދެކޮޅު ހަދަނީ އިންޓެލިޖެންސް ފެއިލްވިޔަ ނުދޭށެވެ. މަޖިލީހުން ކިތަންމެ ވާހަކައެއް މުނާސަބު ނޫން ހާލަތުގައި އަދި އެއްގޮތަކަށް ވެސް އާންމު ވެގެން ނުވާނެ ބައެއް ވާހަކަތައް އާންމު ކޮށްފައި ވެއެވެ. އޭނާ ފާހަގަކުރީ ރިޔާސީ ކޮމިޝަންތަކުގެ ރިޕޯޓްތައް މަޖިލީހަށް ހިއްސާ ކުރުމުންވީ ގޮތެވެ.

"އެކި ތަންތަނަށް ޕްލާންޓް ކޮށްފައި މިތިބެނީ އިންޓެލިޖެންސް މީހުން. އެހެންވީމަ އެ މީހުން ނެރެ މަޖިލީހަށް މި ހާޒިރު ކުރަނީ. ދެން ކޮން އިންޓެލިޖެންސެއްތޯ. އެ ވިދާޅުވާ މައުލޫމާތެއް މިނިސްޓަރު ވެސް މަޖިލީހަށް ދެއްވާނެ. މިނިސްޓަރާ ގުޅިގެން ކުރިއަށް ދާންވީ ނޫންތޯ. ސަރުކާރަކީ މަޖިލީހަކީ އެއްބައެއް. ކޮބައިތޯ މައްސަލައަކީ. އަދި ޑިފެންސްގައި އެބަހުރި ޑިރެކްޓަރު ޖެނެރަލެއް ވެސް. ޗީފްވެސް އެ ހުންނެވީ. އަޅުގަނޑުގެ ނަޒަރުގައި މިއުޅެނީ މުޅި އިންސްޓިޓިއުޝަން މުޅިން ހަލާކު ކޮށްލަން. އެ ގޮތަށް އަމަލުތައް އެހުރީ،" އޭނާ ވިދާޅުވި އެވެ.

ކޮމެޓީން އަމާޒު ހިފާފައި ވަނީ އަންނަ މަހު އިންކުއަރީގެ މަސައްކަތް މުޅީން ނިންމާށެވެ. ނަމަވެސް އެ މަސައްކަތް ފުރިހަމަ ކުރަން މިހާރު ނިންމާފައިވާ ގޮތަށް ކޮމެޓީން ބޭނުންވާ ވަކިވަކި ސިފައިންނާއި ފުލުހުން ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީ ވާން ޖެހެއެވެ. އެކަމާއި ގުޅިގެން އެމްއެންޑީއެފްގެ ވިސްނުން އައިސްފައިވާއިރު އެ އެންގުމާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން މަޖިލީހުން ވަނީ ޕީޖީގައި އެދިފަ އެވެ. ނަމަވެސް އެ ނިންމުން ނިންމީ އިމްތިޔާޒު ކޮމެޓީގައި މަޝްވަރާ ވެސް ނުކުރެވި އަދި އެ ކޮމެޓީން ނިންމަައިގެން ނޫން ކަމަށް ކޮމެޓީގެ ބައެއް މެންބަރުން ވިދާޅު ވެއެވެ.

"މިހުރިހާ މި މައްސަލާގައި މެންބަރުންގެ ވިސްނުން ހުރި ގޮތް. އެމްއެންޑީއެފްގެ ވިސްނުން ހާމަކުރުމުން އޮންނަ އުސޫލުތައް މުގުރާލާފައި އެ އެދިވަޑައިގެންނެވީ ލިޔުމުގައި ސޮއިކުރެއްވި ބޭފުޅާގެ މައްޗަށް ދައުވާކޮށް ދިނުމަށް. ދެން ކޮމެޓީން ހަދާ އިންކުއަރީއަށް ވާނީ ކިހިނެތްތޯ. އެހެންވީމަ އަޅުގަނޑު ދަންނަވަނީ އެ އިންކުއަރީ އެ ފެށީވެސް ވަކި ގޮތެއް ނިންމައިގެންނޭ. އެހެން ނޫންނަމަ މިހާ އަވަހަށް ތެޅިގެންފައި ދައުވާ ކުރަން ނުފޮނުވީސް،" އިމްތިޔާޒު ކޮމެޓީގެ މެންބަރަކު ވިދާޅުވި އެވެ.