އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކޮށްފައިވާ އަސްކަރީ އެއްބަސްވުންތަކުވެ މައްސަލައަކީ ކަންބޮޑުވާ އެތައް ކަމެއް ހުރި އެއްބަސްވުންތަކެކެވެ. އެކިއެކި ގޮތްގޮތުން މިހާތަނަށް އާންމުވި މައުލޫމާތުތަކާއި އެއްބަސްވުންތަކާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދައްކަވާ ދެކޮޅު ނުޖެހޭ ވާހަކަތަކުން އެއްބަސްވުންތަކުގައި ހުރި ސީރިއަސް މައްސަލަތައް ހާމަވެ އެވެ. އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތަކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް ސަރުކާރުގެ ކަމާ ގުޅޭ ވެރިން ވިދާޅުވެ އެވެ. އަދި އެއްބަސްވުންތަކަކީ އަސްކަރީ އެއްބަސްވުންތަކެއް ނޫން ކަމަށްވެސް ބައެއް ފަހަރު ވިދާޅުވަމުން ގެންދަވަ އެވެ. އެކަމަކު އެއްވެސް އެއްބަސްވުމެއް ހާމަ ކުރާކަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ. އެއްބަސްވުންތަކާ މެދު ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރެވެނީ އެ ސަބަބުތަކެއް ހުރުމުންނެވެ.
އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތައް ސަރުކާރުން ފޮރުވާފައި ވާތީ މަޖިލީހުގެ 241 ކޮމިޓީއަށް އެއްބަސްވުންތައް ގެނެސްގެން ދިރާސާކުރަން އިދިކޮޅު މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހުށަހެޅުއްވި އެވެ. ކޮމިޓީން އެ މައްސަލަ އެއްވާނަކަށް ގެންގޮސް ނިންމާލިއިރު އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް އޮތް ކަމަކަށް ކޮމިޓީ އަކަށް ނުފެނުނެވެ. ކޮމިޓީގެ އަޣުލަބިއްޔަތު މެންބަރުންނަށް އެއްބަސްވުންތަކުން ފެނިވަޑައިގަތީ މުޅިން ވެސް ރާއްޖެއަށް ހުރި ފައިދާތަކެވެ.
ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މަޖިލީހުގެ ހަމައެކަނި ކޮމިޓީއަކީ 241 ކޮމިޓީ އެވެ. ސަލާމާތީ އިދާރާތަކާއި ގުޅުންހުރި މައްސަލަތަކާއި ސަލާމަތާ ގުޅޭ އެއްބަސްވުންތައް ހޯދައި ދިިރާސާކޮށް ޒިންމާދާރުކުރަންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ ވެސް 241 ކޮމިޓީ އަށެވެ. އެކަމަކު ދިވެހި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް އެއްބަސްވުންތަކެއްގެ މައްސަލަ ކޮމިޓީން ނިންމީ ސުވާލު އުފެދޭ ގޮތަށެވެ.
އެ މައްސަލަ ނިންމި ދުވަހު އިިދިކޮޅު މެންބަރުން ތިއްބެވީ މާލެއިން ބޭރުގަ އެވެ. އެއްބަސްވުންތަކުގެ މައްސަލައިގައި ގޮތެއް ނިންމަން ތާވަލްކުރި ކޮމިޓީގެ ބައްދަލުވުމަށް ވަޑައި ނުގެންނެވޭނެ ކަމަށް އެބޭފުޅުން އޮތީ އަންގާފަ އެވެ. އެގޮތަށް އެންގެވި ބޭފުޅުންގެ ތެރޭގައި އެއްބަސްވުންތަކުގެ އަސްލު ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ހިމެނެ އެވެ.
"ބޮޑު މައްސަލައެއް މިހެން އިދިކޮޅު މެންބަރުންގެ ބައިވެރިވުން ނެތި ފާސްކުރުމުން ހާމަވަނީ މިކަމުގައި ކަންތައްތަކެއް ހުރިކަން. ރަނގަޅު ނިޔަތެއް ކޮމިޓީގައި ނެތްކަން. މައްސަލަ ހުށަހެޅީއްސުރެ ކޮމިޓީގައި އަމަލު ކުރީ ވަކި ނަތީޖާއެއް ސީދާ ނެރެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީ ތަކެއްގެ މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ 241 ކޮމިޓީން އެއްބަސްވުންތަކާ ގުޅިގެން ބެލީ މައިގަނޑު ހަތަރު ލިޔުމަކާ ގުޅޭ މައްސަލަ އެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެމަނިކުފާނު އިންޑިއާއަށް ވަޑައިގެން އެކުލަވާލި ޑިފެންސް އެކްޝަން ޕްލޭނާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ ތަފްސީލް މައުލޫމާތުތަކާއި ޗާޓްތައް އިންޑިއާއަށް ލިބޭ ގޮތަށް ސޮއި ކޮށްފަިއވާ ހައިޑުްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅު އިންޑިއާއިން ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ އިތުރުން އިންޑިއާ އިން ގެނެސްފައިވާ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމުގެ އެއްބަސްވުމެވެ.
ދިވެހި ގައުމާއި ރައްޔިތުންގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ބޮޑެތި އެއްބަސްވުންތަކެއްގެ މައްސަލަ ކޮމިޓީން ނިންމާލީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ސިފައިންގެ ވެރިން ހާޒިރުކޮށް ހަމައެކަނި އެ ބޭފުޅުންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު އެވެ.
އެ ކޮމިޓީގައި ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްވެރިން ތަކުރާރުކޮށް އެއް ވާހަކައެއް ވިދާޅުވި އެވެ. އެއީ ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅު އެއްބަސްވުމާއި އަދި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއެކު ސޮއި ކުރެއްވި ޑިފެންސް އެކްޝަން ޕްލޭންގެ ދަށުންނެވެ. އެހެންކަމަށްވާނަމަ ކުރީ ސަރުކާރުގެ ކަމާ ގުޅޭ ވެރިންނާއި އޭރު ސަލާމަތީ ހިދުމަތްތަކުގައި ތިއްބެވި އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރު ނުކުރީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.
ސަލާމަތީ ދާއިރާ އިން ކިޔަވާ ވިދާޅުވެ އެކަމުގެ ތަޖުރިބާ ލިބިވަޑައިގެން އެތައް ދިވެހިންނެއް ތިއްބެވިއިރު އެ ބޭފުޅުންގެ ފަންނީ ލަފާ ހޯއްދަވާފައި ނުވާތީ ކޮމިޓީގެ މެޖޯރިޓީ މެންބަރުންގެ އިހްލާސްތެރި ނިޔަތެއް ނެތް ކަން ހާމަވެ އެވެ. އެ ބޭފުޅުންނަށް އެއްވެސް ނުފޫޒެއް ނެތް ކަމާ ދޭތެރޭ ޝައްކު އުފެދެ އެވެ.
އެއްބަސްވުންތަކުގެ މައްސަލަ 241 ކޮމިޓީން ދިރާސާކުރި އިރު އެއްބަސްވުމުގެ އަސްލު، މެންބަރުން ދިރާސާކުރަން ހިއްސާ ކޮށްފައެއް ނުވެ އެވެ. އެއްބަސްވުމުގައިވާ ކަމަށް ބުނާ މުހިއްމު ބައިތަކާއި އެއްބަސްވުމުގެ ބައެއް މާއްދާތައް ކަމަށް ބުނާ ސްކްރީން ޝޮޓްތަކެއް ޕަވާ ޕޮއިންޓް ސްލައިޑްތަކެއްގެ ގޮތުގައި ދައްކާލުމަކީ ގައުމެއްގެ ސަލާމަތާ ގުޅުންހުރި އެއްބަސްވުމެއް ދިރާސާކުރާ ގޮތެއް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަކުން ކަންކަން ކުރަންޖެހޭނެ ބެސްޓްޕްރެކްޓިސް އެއްވެސް ނޫނެވެ.
ކޮމިޓީގެ ދެ މެންބަރުން އަދި ތަޖުރިބާކާރު ދެ ގާނޫނީ ވަކީލުން ކަމަށްވާ ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި، އެމްއެންޕީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެ މައްސަލަ ފާހަގަ ވެސް ކުރެއްވި އެވެ. އެއްބަސްވުންތަކުގެ އަސްލު ކޮމިޓީއަށް ގެނެސް ދިރާސާކުރަން ވަގުތު ދެއްވަން ޖެހޭނެ ކަމަށް އެ ދެ މެންބަރުން ދެކެވަޑައިގަންނަވަ އެވެ. އެކަމަކު ކޮމިޓީން މައްސަލަ ނިންމަން އޮތް ދުވަހު އެއްބަސްވުމުގެ އަސްލު ހޯއްދަވަން އެދިވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ އެއްބަސްވުންތަކުގެ އަސްލު ހޯދަން އެމްޑީޕީގެ މެންބަރުންނަށް މުހިއްމެއް ނުވި އެވެ.
"އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ކޮމެޓީގެ ވަޓްސްއަޕް ގުރޫޕްގައި ހިއްސާކުރި ނަމަވެސް އެ ފައިލް ނުހުޅުވޭ. އެކަން މުގައްރިރުގެ ސަމާލު ކަމަށް ގެންދިޔައިން" އެއްބަސްވުންތަކުގެ އަސްލު ހޯދުމަށް ބާރުއަޅުއްވާ އުޝާމް ވިދާޅުވި އެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އުޝާމް ވިދާޅުވި ގޮތުގައި ރާއްޖެ-އިންޑިއާގެ އެއްބަސްވުމުގައި ހުރި ހުރިހާ މައުލޫމާތެއް ކޮމެޓީއަށް ނުވެސް އެނގެ އެވެ. އަދި 241 ކޮމިޓީއަކީ ގާނޫނުއަސާސީން ބާރު ލިބިގެން ސަލާމަތީ ހިދުމަތްތަކުން ޖަވާބުދާރީވާން އޮންނަ ކޮމިޓީއަށް ވާތީ އެ ކޮމެޓީއަށް ސިއްރު ކުރަންޖެހޭ ފަދަ އެއްބަސްވުމެއް އޮވެގެން ނުވާނެ އެވެ.
އަލީ ހުސައިން ވެސް ގަބޫލުކުރައްވާ ގޮތުގައި އެއްބަސްވުންތަކުގައި ހުރީ ދިވެހި ރައްޔިތުންނާ ގުޅުންހުރި ވާހަކަތަކެއް ކަމަށްވާތީ އެއްބަސްވުންތައް ދިރާސާކުރަން އަސްލު ލިޔުން ފެންނަންޖެހޭނެ އެވެ. އެކަމަކު ކޮމިޓީން އެގޮތަށް އަމަލުކޮށްފައި ނުވާތީ އަލީ ހުސައިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"މިފަދަ ނިންމުންތައް ނިންމާއިރު މިހާރަށް ވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" އަލީ ހުސައިން ވިދާޅުވި އެވެ.
ވަކިވަކި އެއްބަސްވުންތަކަށް ބަލާއިރު ހައިޑުރޯގްރަފީ އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހުރިހާ ކަމެއް ދިރާސާކުރެވޭ ގޮތަށް އަދި ރާއްޖޭގެ ކަނޑުގެ ޗާޓުތައް ކުރަހަން އިންޑިއާ އަށް ފުރިހަމަ އިހްތިޔާރާއި ބާރު ދީފައިވާ އެއްބަސްވުމެކެވެ. އޭގެއިތުރުން އެ އެއްބަސްވުންތަކުގެ ދަށުން އިންޑިއާ އިން އެއްކުރާ ރާއްޖޭގެ މައުލޫމާތާއި ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ވިއްކައިގެން ބޮޑު ފައިދާއެއް އިންޑިއާ އަށް ލިބެ އެވެ.
ޑޯނިއާ މަތިންދާބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ހާލުގައި ޖެހޭ މީހުން އުފުލުމަށް އިންޑިއާ އިން ދިން ހަދިޔާއެއް ކަމަށް ސަރުކާރުގެ ބައެއް ވެރިން ކުރިން ވިދާޅުވަމުން ގެންދެވި އެވެ. އެކަމަކު ޑޯނިއާ އޮޕަރޭޓް ކުރުމުގެ އެއްބަސްވުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ހަދާފައިވާ އެއްބަސްވުމެއް ކަން މިނިސްޓަރު މާރިޔާއާއި ސިފައިންގެ އިސްވެރިން ކޮމިޓީގައި ދެއްކެވި ވާހަކަތަކުން ވަނީ ހާމަވެފަ އެވެ. ޑޯނިއޯއަކީ ހަދިޔާ އެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބި ކަންވެސް އެވަނީ ހާމަވެފަ އެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ސިފައިން ކަމެއް މަޖިލީހަށް އެނގިފައެއް ނުވެ އެވެ. މަޖިލީހުން އެކަން ކުރާނެ ކަމަކަށް ވެސް މިހާރު ނުބެލެވެ އެވެ.
އުތުރުތިލަފަޅުގެ އެއްބަސްވުމަކީ މައިގަނޑު ގޮތެއްގައި ކޯސްޓްގާޑަށް ބޭނުންވާ ޑޮކްޔާޑަކާއި އަސްކަރީ ބަނދަރެއް ތަރައްގީކުރުމަށް އިންޑިއާ އާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. ނަމަވެސް އެ އެއްބަސްވުން ހަދާފައިވަނީ އެތަނުގެ ހިދުމަތްތައް ލިބުމުގައި އިންޑިއާ އަށް ފަސޭހަވެފައި ފަހިވާ ގޮތަށެވެ. ޓެކްނިކަލް މީހުންގެ ނަމުގައި އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބުމަށް ފުރުސަތު ލިބޭ ކަމަށްވެސް 241 ކޮމިޓީގައި ބައެއް މެންބަރުން ވިދާޅުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި އަސްކަރީ އެއްބަސްވުންތަކެއްގެ ތެރެއިން ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ ގާނޫނުއަސާސީގެ ދަށުން ކުށެކެވެ. އިންޑިއާ އާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަން ކޮމިޓީގެ މެންބަރުންނަށް އެނގިވަޑައިގަންނަވާ އެވެ. އެކަމަކު އެ އެއްބަސްވުންތަކުގައި މައްސަލައެއް ނެތް ކަމަށް ކޮމިޓީން އެ އޮތީ ނިންމާފަ އެވެ. ކޮމިޓީގެ އެ ނިންމުމަކީ ހަމައެކަނި އިންޑިއާގެ މަސްލަހަތަށް އިސްކަންދީފައިވާ ނިންމުމެކެވެ. އެއްވެސް ހަމައެއް ނެތި ބައެއްގެ ނުފޫޒެއްގައި ތިބި ކަން އަންގައިދޭ ނިންމުމެކެވެ.