މީ ގެ 34 އަހަރު ކުރިން މިދުވަހު ދިވެހި ގައުމަށް ނަސްރު ލިބުނީ އަމިއްލަ ފުރާނަ ޤުރުބާންކުރެއްވި ޝަހީދު ހުސައިން އާދަމްގެ ވަރުގަދަ އަޒުމާއި ގަދަ ހިތްވަރުންނެވެ. ދިވެހި ސިފައިން ގައުމީ ލޯބީގައި ސާބިތުވެ ތިބުމުންނެވެ. ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ސަބަބުންނެވެ.
ނަސްރުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދުގެ ގޮވައިލުމެއް އޮންނާނެ އެވެ. އެ ގޮވާލުމުގައި ހުރި އަސަރާއި ރިހުން އެނގޭނީ ނޮވެމްބަރު ތިނެއް ތަޖުރިބާ ކުރެވުނު މީހަކަށެވެ. ހުސައިން އާދަމް ޝަހީދެއްގެ ގޮތުގައި މިފަނާވަނިވި ދުނިޔެއާ ވަކިވަމުން ދިވެހި ގައުމަށް ކޮށްފައިވާ ވަސިއްޔަތް އެނގޭނީ އެހެން ބައެއްގެ ފަރާތުން ނަމަވެސް އެ އަޑުތައް އިވުނު މީހަކަށެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން ހައްދަވާފައިވާ ލަވަ -- "ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދުގެ ގޮވައިލުން" މިއީ ނަސްރުގެ ދުވަހަށް އެންމެ މުނާސަބު ގޮވާލުމެވެ. މިއީ ޝަހީދު ހުސައިން އާދަމް، ލެއިން ތަތްތެޅިފައިވާ ހާލުގައި ގައުމީ ޖިހާދުގެ އެންމެ ފަހު ވަގުތުކޮޅު ގައުމުގެ ކިބައިން އެދޭނެ ކަމަށް ބެލެވޭ ކަންތައްތަކެއް ސިފަކޮށްދީފައިވާ ޝާއިރީ މޮޅު ހުށަހެޅުމެކެވެ. ލަވައިގެ މައިގަނޑުގައިވާ "އެކުވެރިންނޭ ހަވާލޭ ވަޠަން ލޯބިވާ..."އޭ ބުނެފައި އޮތުމުން ކޮށްފައިވާ ވަރުގަދަ ވަސިއްޔަތެއް ސިފަވެ އެވެ.
ޖޯޝުގައި ނެތް ލޮލުން ކަރުނައެއް ފާޅުވާ، އުންޑަތައް އެރި ކަމަކު ގައިގެ ލޭ އޮހޮރުވާ، މަރުވިޔަސް ހިތް އޮތީ ހަރުއަޑުން ގޮވަގޮވާ، އެކުވެރީންނޭ ހަވާލޭ ވަޠަން ލޯބިވާ...
ނޮވެމްބަރު 3، 1988 ގައި ހުސައިން އާދަމް ހުންނެވީ ސިފައިންގޭގެ ގޭޓުގެ ހުޅަނގު ފަރާތުގައި ފޯރިމަރާށެވެ. ކުއްލި އަކަށް އިވުނު ބަޑީގެ އަޑުފަށްގަނޑާ އެކު ހަމަހިމޭން ޖައްވު ގުގުމާލި އެވެ. އެވަގުތު ހުސައިން އާދަމްގެ ހިތްޕުޅަށް އަރާނެ ސުވާލާއި ގައުމަށްޓަކައި އޭނާ ދެން އަމަލުކުރައްވާނެ ގޮތުގެ ތަސައްވުރެއް މި ލަވައިގައި ކުރަހައިދެ އެވެ. ދިވެހި ގައުމާ މެދު ހުސައިން އާދަމްގެ ހިތުގައި އޮތް މަތިވެރި ލޯބި މި ލަވައިގެ ފުރަތަމަ ކަޑިން ޔަގީންކޮށްދެ އެވެ. އެކަން އެނގެނީ "ތަންފުކެއް ވެސް ނުދޭނަން މަކުރަމޭ ހުވާ..." އޭ ބުނެފައި އޮތުމުންނެވެ. ދިވެހި ކޮންމެ ފަރުދަކުވެސް ގައުމަށްޓަކައި ޖިހާދު ކުރަންޖެހޭ ހާލަތުގައި ގައުމީ ޖޯޝް ދައްކައިދޭންޖެހޭ ގޮތް ޝަހީދު ހުސައިން އާދަމާ ގުޅުވައި މި ލަވައިގައި ގެނެސްދީފައިވަނީ އަސަރުން ފުރިގެންވާ ގޮތަކަށެވެ.
ކޮން ކަމެއްހޭ މިއީ ކޮން ބައެއްހޭ މިއީ، ކޮންމެ ބަޔަކަސް ޔަޤީން ދުޝްމަނުންނޭ މިއީ، ބޮންއުކައި އުންޑައިން ތަން ހިފަން ތިޔަ އައީ، ބިން މި ކީރިތި ފަނާކޮށްލުމަށްހޭ އައީ، ތަންފުކެއް ވެސް ނުދޭނަން މަކުރަމޭ ހުވާ...
ޚާއިނުންނާ ދެކޮޅަށް ގައުމީ ޖޯޝްގައި ހަނގުރާމަ ކުރަނިކޮށް ހުސައިން އާދަމް ޝަހީދުވީ ޒުވާން އުމުރުގައި އެންމެ 19 އަހަރުގަ އެވެ. ހަށިކޮޅަށް ވަޒަން އެރުމުން ވެސް އިސްކަން ދިނީ ގައުމުގެ މިނިވަންކަމާއި ސަލާމަތަށެވެ. ހަށިކޮޅުން ކެނޑިނޭޅި ލޭ އޮހޮރެމުން ދިޔައިރުވެސް، އަތުގައި ހުރި ވަޒަން ހުސްވިއިރުވެސް "އިތުރުވާނީ މަގޭ ހިންމަތޭ" ބުނެ ޚާއިނުންނާ ކުރިމަތިލުމުގައި ސާބިތުވެ ހުއްޓެވެ. ލަވައިގެ މިކަޑީގައި ހުސައިން އާދަމުގެ ގައުމީ ޖިހާދު ހުށަހަޅައިދީފައިވަނީ އަސްލު މަންޒަރު ލޯމައްޗަށް ސިފަވެ ގައިން ހީބިހި ނަގައިގެންދާ ފަދަ ގޮތަކަށެވެ. ހުސައިން އާދަމުގެ ޒުވާން ލޭގައި އުފެދި ހިނގަމުން ދިޔަ ގައުމީ ޖޯޝް މިކަޑީގައި ގެނެސްދީފައިވަނީ އަދުގެ ޖީލަށް އެތައް އިބްރަތެއް ލިބޭ ގޮތަށެވެ.
ހަމުގެ ބޭރަށް އޮހޭކަށް ލެޔެއް ދެން ނެތޭ، އުމުރު ހަގަކަސް އުމުރުގައި ތަނެއް ވެސް ނެތޭ، ކަމަރުގައި އިތުރު ވަޒަނެއް ނަގާކަށް ނެތޭ، ނަމަވިޔަސް އިތުރު ވާނީ މަގޭ ހިންމަތޭ، ހަމަލަ ދޭނޭ ތަނެއް ބުނެލަދޭށޭ ނިވާ...
ޝަހީދެއްގެ ދަރަޖަ ލިބުމަކީ ކޮންމެ މުސްލިމަކު ވެސް އެދޭނެ ކަމެކެވެ. އެކަމަކު އެއީ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. ހުސައިން އާދަމްގެ ގައުމީ ޖިހާދުގައި ޝަހީދެއްގެ ގޮތުގައި ޖަންނަތަށް ދިއުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިގޮތް މި ލަވައިގައި ގެނެސްދީފައިވަނީ ވަރުގަދަ ނަސޭހަތެއްގެ ގޮތުގަ އެވެ. ގައުމާއި ދީނަށްޓަކައި ތިމާގެ ކޮންމެ ކަމެއްވެސް އިސްކުރުމުގެ މުހިއްމު ކަން ލަވައިގެ މިކަޑީގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވެ އެވެ.
ފުރުސަތޭ ޖަންނަތަށް ލިބުނު ދިޔުމަށްޓަކައި، ފުރަގަހެއް ހަމަ ނުދޭނަން މަ ހޭ ހުއްޓަކައި، މަރުވެދާނީ މި ދީނާއި ވަޒަނަށްޓަކައި، ހަރުދަނާ ދިވެހި އުންމަތުގެ ޝަރަފަށްޓަކައި، ނަޞްރު އެދެމޭ މި ގައުމަށް މަގޭ ލޯބިވާ...
ގައުމީ ލޯބި ސިފަކޮށްދޭ ހުރިހާ ރަހައެއް އެކުލެވޭ މި ލަވަ އަކީ ގައުމީ ދިފާއީ ލަޝްކަރުގެ އެދުމަކަށް 2004 ވަނަ އަހަރު އަބްދުއްރަޝީދު ހުސައިން ހައްދަވައިދެއްވާފައިވާ ލަވަ އެކެވެ. ލަވައިގެ ބަސްކޮށާރާއި ބަހުގެ ވަޒަން ހިފަހައްޓައިދީފައިވަނީ އާދަޔާ ހިލާފު ގައުމީ ޖޯޝެއް ގެނެސްދޭ ގޮތަށެވެ. ނަސްރުގެ ދުވަހު ދިރުވާ އާލާކުރަންވީ ގައުމީ ލޯބި ލަވައިގެ ކޮންމެ ޖުމްލަ އަކުން ކޮންމެ ބަހަކުން އެނގިގެންދެ އެވެ. މިއީ ތަކުރާރުކޮށް އެ ވާހަކަތަކެއްގެ އަޑުއަހައި އެއިން އިބުރަތް ހާސިލުކުރަންޖެހޭ ވަރުގެ ވަރުގަދަ މެސެޖުތަކެއް ހިމެނޭ ލަވަ އެކެވެ.