ދިވެހިންގެ 19 މީހަކު ޝަހީދުކޮށްލި "ނޮވެންބަރު ތިނެއް" ހާނދާންތައް އާ ކުރުމުގެ ގޮތުން ފާހަގަ ކުރާ ނަސްރުގެ ދުވަހާ ދިމާކޮށް މިދިއަ 31 އަހަރުގެ ތެރޭގައި އެކި މީހުން އެކި ވާހަކަ ކިޔައިދީފި އެވެ. މުޅީން ވެސް ޝައުގުވެރި ވާހަކަތަކެވެ، ހައްތާވެސް މުހިންމު ހަނދާންތަކެވެ. ސްރީލަންކާގެ ޕްލޯޓް ޖަމާއަތް، ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ގެ ކުލީ ސިފައިންނާއި ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖޭގެ ސަރުކާރު ބަޣާވަތަކުން ވައްޓާލާއި ރާއްޖެ ހިފަން ދިން ހަމަލާގެ "ލޭ ކޯރު" ގެ ތެރޭގައި އުޅެން ޖެހުނު އެންމެން އެ މީހުންގެ ވާހަކަ ކިޔައި ދިން އިރު މިހާތަނަށް ވެސް އަނގައި ނުބުނެ، އެކަމަކު ދުވަހުން ދުވަހަށް އެ ހަނދާތައް އާކޮށް ރައްކާކޮށް ތަރުތީބު ކުރަމުން ދިޔަ އެކަކު އަދި އެބަހުއްޓެވެ. އެއީ މ. ނާއިންފަރުގޭ، އަހުމަދު ޝިރަން އެވެ. އޭނާގެ ވާހަކަ ހޯދައި ކިޔައިލުން ކިހިނެއް ހެއްޔެވެ؟ މިއީ ނޮވެމްބަރު ތިނަކާ ބެހޭ ޝިރަން ވާހަކަ ދައްކާ ފުރަތަމަ ފަހަރެވެ.
ޝިރަން ވެސް ވާހަކަ ފަށަނީ ނޮވެމްބަރު ތިނެއްގެ ވާހަކަ އެހެން މީހުން ވެސް ފަށާ ގޮތަށެވެ. އެއީ "ދިވެހި ރާއްޖެ އާއި ދިވެހިން މަރު ނިދީގައި ތިއްބާ ކުއްލިއަކަށް ރެއެއްގެ ފަތިހު ދިވެހިންގެ ވެރިރަށް މާލެ ސިއްސުވާލައި ހޭއްލައްވާލީ އެކި ދިމަ ދިމާއިން ތަޅައިގަތް ބަޑީގެ ވަރުގަދަ އަޑުފައްގަނޑުން" ނޭ ބުނާ ހިސާބުންނެވެ.
ރައީސް މައުމޫން، ވެރި ކަމުގެ އާ ދައުރަކަށް ހުވާ ކުރައްވަން ދިވެހި ސަރުކާރުގެ އެޑްމިނިސްޓްރޭޝަން ތައްޔާރުވަމުން ދަނީ އެވެ. ނޮވެމްބަރު 11 އަށް ރާއްޖެ އާއި ރައްޔިތުން ވެސް އިންތިޒާރު ކުރަމުން އޮވެ ދެއެވެ. މިހާރު ނޮވެމްބަރު ދޭއް ނިމި ތިނަކަށް އަޅައިގަނެ ފަތިސްވާން ދަނީ އެވެ. ކުއްލިއަކަށް މާލެ ސިއްސުވާލައި ހޭލައްވައިލި ބަޑީގެ އަޑު އެންމެނަށް ވެސް އިވުނީ "ނޮވެމްބަރު އެގައިރައިގެ ރިހާސަލަ" ށް ޖަހާ ބަޑީގެ އަޑުގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ ބަޑީގެ އަޑެއް ނުއެއް ކެނޑުނެވެ. މެދުކެނޑުމެއްނެތި ހަމަ ޖަހަނީ އެވެ. ބަޑީގެ އަޑަށް ރައްދުގައި ވެސް ބަޑި ޖަހަނީ އެވެ. އެ އަޑު ގަދަވާން ފެށުމުން ނުރައްކަލެއް ކުރިމަތިވެއްޖެކަން ދިވެހިންނަށް އެނގިއްޖެ އެވެ. ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ކަނޑައިގެން ދިއުމުން އެކަން ދެން މުޅީން ޔަގީންވެއްޖެ އެވެ.
ޝިރަން ބުނާ ގޮތުގައި އޭނާގެ ވާހަކަ ފެށެނީ ނޮވެންބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ މެންދަމާ ހަމައިންނެވެ. އެ ރެއަކީ ސްކައުޓުން ވެހިކަލް ސާފު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ރެއެކެވެ. ސްކައުޓަށް ވަރަށް ބޮޑަށް ލޯބި ޖެހިފައިވާ ޝިރަންއަކީ ސްކައުޓް ލީޑަރެވެ. އެ މަސައްކަތުގައި މެންދަމުން އަލިވެ ދޭއް ޖަހަންދެން އޭނާ އެރޭ ވެސް އުޅުނެވެ. އެ ދަންވަރު އޭނާގެ މަސައްކަތް ހުއްޓާލަން ޖެހުނީ ހިސާބަކަށް ވިދުވަރު އައިސް ވިއްސާރަ ހަދަން ފެށުމުންނެވެ. އެހެންވެ އަވަހަށް މަސައްކަތް ނިންމާލާފައި ޝިރަން ވެސް އެނބުރި ދިޔައީ ގެއަށެވެ. ވަރަށް ވަރުބަލިވެފައި ހުރުމުން ހަމަ ޖެހުމާއެކު ނިދިއްޖެ ވެސް މެއެވެ.
"ނަމަވެސް އޭގެ ދެ ގަޑިއެއްހާއިރު ފަހުން ހުވަފެނެއް ފެނިގެން އަޅުގަނޑަށް ހޭލެއްވިއްޖެ! ހޭލެވުނުއިރު މަންމައާ ގޭ ދޮށު ބައެއް މީހުންވެސް ތިބި. އޭރު ބޯ އަޅައިގެން ގެންގުޅުނު ބާލީސް ކުދިކުދިވެ ބާލީހުގެ ކަފަތައް ފަންކާގެ ވަޔާއެކު އުދުހި އެނބުރެމުންދޭ. އެއީ ހުވަފެނުގެ ތެރޭ [އަޅުގަނޑަށް] ކުރެވުނު ކަމަކުން ވީކަމެއް. ނަމަވެސް އެ ހުވަފެނުގައި ވީގޮތެއް މިހާރު ހަނދާނަކު ނެތް" އޭނާ ބުންޏެވެ.
ޝިރަން ބުނި ގޮތުގައި އޭނާއަށް ހޭލެވުނުތާ އިރުކޮޅެއް ފަހުން ވަރުގަދަ އަޑުފައްގަނޑެއް އިވޭން ފެށި އެވެ. އެ އަޑަށް ވިސްނާލި އިރު ކުރިން ވެސް ވިއްސާރަ ހަދާފައި އޮތުމުން އެއީ ގުގުރިއެއް ޖެހީ ކަމަށް ހީ ކުރެވުނެވެ. އަކަމަކު އެ އަޑު ކައިރި ކައިރިން ތަކުރާރުވާން ފެށުމުން އެއީ ގުގުރީގެ އަޑު ނޫންކަން މުޅީން ޔަގީން ކުރެވުނެވެ.
"ވެގެން އުޅޭގޮތް ބެލުމަށް އަވަހަށް ބޭރަށް ނުކުންނަން ބޭނުންވީ." ޝިރަން ބުނި ގޮތުގައި އެ ފަތިހު އޭނާ ބޭރަށް ނުކުންނަން ބޭނުންވި ނަމަވެސް ހުރަހަކަށްވީ މަންމަ އެވެ. "ޔަގީނުން ވެސް މާލެ ތެރޭގެ އަމާންކަން ގެއްލިއްޖެކަން އަޅުގަނޑުގެ މަންމައަށް ކަށަވަރު ވެއްޖެ، އެހެން ވެގެން ގެއިން ނުކުތުމުގެ ހުއްދައެއް މަންމަ ނުދިން!"
މަންމަ ހުރަސް އަޅައިގެން ހުއްޓާ ވެސް ގެ ހިމެނޭ ސަަރަހައްދުން ޖަހާމުގުރި ގޯޅިއަށް ބައިސަލް ހިފައިން ޝިރަން ނުކުތެވެ. ބޭރަށް ނުދާނެ ކަމަށް ބުނެ މަންމަ ހިތްހަމަ ޖައްސައި ދެމުންނެވެ. އޭރު ވެސް ފަތިހުއްސުރެ އިވޭން ފެށި ގަދަ އަޑުފައްގަނޑު ހުއްޓުމެއް ނެތި އިވެމުން ދިޔަ އެވެ. ދެ ނާށި ތަޅާހެން ފަހަރަކަށް ވިއްޔާ ފަހަރަކު އެ އަޑު އަވަސްވެ، ބާރުވަމުން ވެސް ދިޔައެވެ.
ގޯޅިއާ ހަމައިން ބަލާލާފައި ގެއާ ދިމާއިން މަންމަ ފެންނަން ނެތުމުން ދަނޑިވަޅު ބަލާފައި ބައިސަކަލްގައި ޝިރަން މާލެ ތެރެއަށް ނައްޓާލީ އެވެ.
"ނައްޓާލަމުން ކައިރީގައި ހުރި ރަހުމަތްތެރިޔާ ކައިރީގައި މި ހުރީ ވަރުގަދަ ހުވައެއް ކޮށްގެންނޭ، [ސްކައުޓް ހުވާ] ބަޔަކު އެހީތެރި ކަމަށް ބޭނުން ވުމުން ގެއަކު ނޯވެވޭނޭ ބުނިން،"
ބައިސްކަލްގައި ބާރަށް ދުއްވާފައި ގޮސް އޭނާއަށް ދެވުނީ ފަރީދީ މަގު ރަތްވިލާގެ އާ ހަމައަށެވެ. އޭރު އެ ގޭ ކައިރީގައި ގިނަ ބަަޔަކު އެއްވެފައި އޮތެވެ. ބައިސްކަލް އެތަނާ ކައިރިކޮށްލީ މާލެއަށް ވެގެން އުޅޭ ގޮތެއްގެ ޚަބަރު ދަބަރު އޮޅުން ފިލައިތޯ އެވެ.
ރަތްވިލާގެ ކައިރިއަށް ބޮނޑިވެފައި ތިބި މީހުން ކައިރިން ވަރަށް ގިނަ ޚަބަރުތައް ޝިރަން އަށް އޮޅުންފިލި އެވެ. އެ އެންމެވެސް ދިނީ ބިރުވެރި އަދި އެހާ ހިތާމަވެރި ހަބަރެކެވެ. ބޭރުގެ ބަޔަކު ހަތިޔާރާއެކު މާލެ އަރާ ސިފައިންގެއަށް ބަޑިން ހަމަލާ ދެނީ އެވެ. ފިހާރަތަކާއި އޮފީސްތަކާއި މުޅި ބާޒާރު މަތި ލޫޓުވަނީ އެވެ. ދިވެހި ސަރުކާރުގެ ވެރީން ހައްޔަރު ކުރަމުން އެބަ ދެ އެވެ. ހަތިޔާރާއެކު އަރައިގެ އުޅޭ މީހުން ބަޑީން ދޭ ހަމަލާތަކުގައި ބައެއް ދިވެހިން މިހާރު ޝަހީދު ކޮށްލައިފި އެވެ.
"އެ ހަބަރުތަކާ ހެދި އަޅުގަނޑާއި ބައިސްކަލް ވެސް ހުއްޓިއްޖެ، ވަރަށް ދެރަވެއްޖެ ވަރަށް ބިރުވެސް ގެންފި،" އޭނާ ބުންޏެވެ.
އެހެން ނަމަވެސް އޭނާގެ ހިޔާލަށް ގެނައީ ދެ ތިން ކަމެކެވެ؛ އެއް ކަމަކީ އޭނާއަކީ މުސްލިމެއް ކަމެވެ. މައިންބަފައިން ދިން ތަރުބިއްޔަތެވެ. އަދި އޭނާއަކީ ހުވައެއް ކޮށްގެން ހުރި ސްކައުޓެއް ކަމެވެ. ވީމާ ވެގެން އުޅޭގޮތް އިތުރަށް ބަލައި އޭނާއަށް ވެދެވެން އޮތް އެހީތެރި ކަމަކީ ކޮބައިތޯ އަވަހަށް ބަލަންވީ ކަމެވެ.
"އެ ހިޔާލު އައުމުން އިތުރަށް ކަންކަން ބަލައި އޮޅުން ފިލުވުމުގެ ޝައުގުވެރިކަމުގައި ބައިސިކަލްގައި ދުއްވަން ފެށީ... ހަމަ ދާދި ކުޑަ ތަންކޮޅަށް ދެވުނުތަނާ ގޮޅިޖެހި ގަމީހަކާ، ނޫކުލައިގެ ސޯޓް ބުރިއެއްލާފައިވާ މީހަކާ ދިމާވެއްޖެ. އޭނާ ހުރީ ހުސްފަޔާ،" ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިއަކާ ޝިރަން ދިމާވި ހިސާބަށް ދެވުނެވެ.
ޝިރަން ބުނި ގޮތުގައި އެ މީހާ ފެނުމާއެކު ޔަގީނަށް ވެސް އެއީ ދިވެއްސެއް ނޫންކަން ކަށަވަރުވި އެވެ. އަދި އޭނާގެ އަތުގައި އޭކޭ 47 ގެ ބަޑިއެއް އޮތުމުން އެއީ މާލެ އަރައިގެން އުޅޭ ކަމަށް ބުނާ ޖަމާއަތުގެ މީހެއްކަން ވެސް މުޅީން ޔަގީން ވެއްޖެ އެވެ. އޭކެ 47 ގެ ބަޑިއަކީ ޝިރަން އަށް އޭރުވެސް އާ ނަމެއް ނޫނެވެ.
"އެ މީހާ ފެނުމުން މާ ބޮޑު ބިރުވެރި ކަމެއް ނެތި އަޅުގަނޑު ގަސްދު ކުރީ އޭނާއާ ވާހަކަ ދައްކާލަން،" ޝިރަން ހީލި އެވެ.
ޝިރަން ބުނި ގޮތުން ވިއްޔާ ދިވެހިންނާ އިނގިރޭސި ބަހުން ވެސް އޭނާ ގާތު ބައެއް ސުވާލުތައް ކޮށްލެވުނެވެ. އަދި އޭނާއަށް އެއްޗެއް ސާފު ނުވިހެން ހީވާތީ އަތްފައިގެ ހަރަކާތުން ވެސް ވާހަކަ ދެއްކެވުނެވެ. ހަރަކާތުގެ މުއާމަލާތުން އެނގުނު އެއްޗަކީ "މަޑު ނުކޮށް ދާންވީ" ކަމެވެ. އަދި އޭނާގެ ކިބައިން ސަލާމަތްވެގެން ކުރިއަށް ދިއުމުގެ ހުއްދަ ވެސް ދީފި އެވެ. އެހެން ނަމަވެސް ފަރީދީ މަގުގެ ހަަޒާރުމާގެއާ ހަމައިން އޭނާގެ ފުރާނައަށް ނުރައްކާ ވާވަރުގެ ކަމެއް ކުރިމަތިވި އެވެ.
"ވީ ގޮތަކީ ކަންފަތާ ދާދި ކައިރިން ވޫސް އަޅާފައި ވަޒަނެއް ގޮސް އެތާނގެ ކައިރިން ފާރަށް އެރީ... އެހާ ހިސާބަށް ދިޔައިރު ބަޑީގެ އަޑުފައްގަނޑު ވަރަށް ގަަދައަށް އިވެމުންދާތީ އިތުރަށް ކުރިއަށްދާކަށް ނުކެރުނު،" އޭނާ ބުންޏެވެ. "އޭރު ވަޒަން އަރައިގެން މީހަކު މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިއްޖެ... ފަހުން އެނގުނީ އެއީ އޭރުގެ ވަރަށް މަޝްހޫރުވަމުން އައި 'ޔަންގް ސްޓާ' ގެ ގޯލް ކީޕަރު ހަމީޒުކަން... އެެ ތަނުން އަޅުގަނޑު ފުރަތަމަ މަސައްކަތް ކުރީ ހަމީޒަށް އެހީވާން،"
ހަމީޒަށް އެހީވާން މަސައްކަތް ކުރި ނަމަވެސް ބަޑީގެ ވަރުގަދަ އަޑާއި ދެމުންދާ ހަަމަލާތަކާ ހެދި އިތުރަށް ކުރިއަށްދެވޭ ގޮތެއް ނުވި އެވެ. ކުރިޔަށް ދާކަށް ނުވެސް ކެރުނެވެ. އެހެންވެ މިސްރާބު ވެސް ބަދަލު ކޮށްލީ އެވެ.
"އަޅުގަނޑު އެހެން އެވަގުތު ދިޔައިރު އަތަމާ ހާޑްވެއާ ކައިރީގައި ވެސް ބަޑި ހިފައިން ތިބި ދެ މީހަކު ތިބި... އެހިސާބުން އަޅުގަނޑު ދެން ދިޔައީ ޗާންދަނީ މަގުން އިމާދު އޭޖެންސީއާ ހަމައަށް ދާން،"
އޭނާ ބުނި ގޮތުގައި ޗާންދަނީ މަގުން ދިޔައިރު ކޮނޑު މަތީގައި ދެ ބަޒޫކާ ބަޑި ބާއްވައިގެން ހިނގާފާ ދިޔަ ޓައިގަރުންގެ ދެ މީހަކާ ވެސް ދިމާވި އެވެ. އެކަމަކު އެ ދެ މީހުންގެ ފަރާތުން އެއްވެސް ނުރައްކަލަކާ ކުރިމަތި ނުވެ އިމާދު އޭޖެންސީއާ ހަމައަށް ދެވުނެވެ.
"ހަމަ އެދިޔަ ގޮތަށް ބައިސިކަލްގައި އެ ގޭގެ އެތެރެއަށް ވަދެ އެގޭގައި މަޑުކުރީ. އެކަމަކު އޭރުވެސް އަޅުގަނޑުގެ ހިތް ބުނޭ އަވަހަށް ހަމީޒަށް އެހީތެރިވާން ދާށޭ. އެކަމަކު އެކަނިވީމަ ބިރުން ހުރީ. އެހެން ނަމަވެސް ބޭނުންވެފައި ހުރީ ހަމީޒަށް އެހީތެރިވާން ދާން،"
އެގޭގައި ހުއްޓާ އެކުގައި އޭރު ޓީވީއެމްގައި މަސައްކަތް ކުރަމުންދިޔަ އެހެން އެކުވެރިއަކާ ބައްދަލްވި އެވެ. ދެ މީހުން ބައްދަލުވުމުން ޝިރަންއާ ދެމީހުން އަވަސްވެ ގަތީ ހަމީޒަށް ވީގޮތެއް ބަލަން ދާށެވެ. އެ މީހުން ހަމީޒު ގާތަށް ގޮސް ބެލިއިރު އޭނާ ޝަހީދުވެއްޖެ އެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އޭރު ހުރީ ހަމީޒަށް އެހީތެރިވުން. އޭނާ ނަގައިގަނެގެން ގެންގޮސް ފަރުވާއެއް ދެވޭނެ ގޮތެއް ހޯދުން. ނަމަވެސް.... އޭރު މާ ފަސްވެއްޖެ. ދެވުނު އިރު ހަމީޒު ދުނިޔެއަކު ނެތް،"
ހަމީޒު ޝަހީދު ވުމުން ޝިރަން ދެން ބޭނުންވީ ރައީސް މައުމޫން ދިރިއުޅުއްވާ ތީމުމޭގެ ކައިރީގެ ހާލަތު އޮތް ގޮތެއް ބަލާލަން ދާށެވެ. އޭރު ސިފައިންގެ ދެ މީހަކު ތީމުގޭގައި ފޯރި މަރަ އެވެ. ޝިރަންމެން ދިޔައިރު ރަށު ތެރޭގައި ކަންތައްތަކެއް ހިނގާކަން އެނގުނު ނަމަވެސް އެ ދެ މީހުން ކުރެ މީހަކަށް އިތުރު ކަމެއް ސާފު ވެފައެއް ނެތެވެ.
"އެ ދެ ބޭކަލުން ވެސް އެދުނީ ވެގެން އުޅޭގޮތެއް ސާފު ކޮށްދޭން... ދެން އަޅުގަނޑު އެހިސާބުން މިސްރާބު ޖެހީ ޖުމްހޫރީ މައިދާނަށް. އޭރުވެސް ވަރުގަދައަށް ހަމަލާތައް ބަދަލު ކުރަމުންދާ އަޑު އިވޭ. އަޅުގަނޑުމެނަށް ދެވުނު އިރު ޖުމްހޫރީ މައިދާނުގައި ދިވެހިންގެ ބަޔަކު ސަފުސަފަށް އަތުރަމުންދާ މަންޒަރު ފެނޭ، އެ މީހުންނަކީ ފަޅު އޮޑިފަހަރުގައި ތިއްބާ ބިރު ދައްކައިގެން ގެންގޮސްފައި ތިބި މީހުން،"
ދެން ކުއްލިއަކަށް ޝިރަންގެ ލޮލު އަޅައިގަތީ ވަޒަން އަރައި ވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހަކު އެ ދިމާއިން އަންނަ މަންޒަރެވެ. އަދި އެވަގުތު އެއީ ޝިރަންއަށް ވަރަށް ނުރައްކާތެރި ވަގުތަކަށް ވެސް ވިއެވެ. ކުރިމަތީ ހުރި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި މީހަކު އޭކެ 47 ދިއްކޮށްގެން އެ ހުރީ ސީދާ ޝިރަންއާ ދިމާއަށެވެ. އެހެންކަމުން އަތުގެ އިޝާރާތުން ޒަޚަމްވެފައިވާ ދިވެހި މީހާއަށް އަށް އެހީތެރިވާން ބޭނުމޭ ބުނީ އެވެ. އަދި އެ ކަން އޭނާއަށް ސާފުވުމުން އެ ހުއްދަ ދިނެވެ.
"ޒަހަމްވެފައި ވަނީ އަބްދުއް ނަސީހު، އޭނާގެ ގަޔަށް ވަޒަނެއް އަރާ ވަރަށް ބޮޑަށް ވަނީ ޒަޚަމްވެފައި. ކަރުގެ ކައިރިން އެރި ވަޒަން ވަނީ ފުރަގަހުން ނުކުމެ ބާގަނޑެއް ހެދިފައި. އެހެންވެ އެ ވަގުތު އޭނާ ދޫކޮށް ނުލައި ކޮންމެހެން ވެސް އޭނާއަށް އެހީތެރިވާން ބޭނުންވީ،"
ނަސީހު ބުނި ގޮތުގައި ވަޒަން އަރާފައި ހުރެ އޭނާ ކުރިޔަށް ދިޔައިރު އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލައި ދިނީ ސަގަރޭ ޕާކް ހުޅަނގު އުތުރު ކަންމަތީ ހުރި ޒުވާނެކެވެ. ފަހުން އެނގުނު އިރު އެއީ ޝިރަން އެވެ.
އެހިސާބުން ޝިރަން ބޭނުންވީ ވީހާވެސް އަވަހަށް ނަސީހަށް ފަރުވާ ދެވޭނެ ގޮތެއް ހޯދާށެވެ. އެންމެ ފުރަތަމަ ނަސީހު ގެންދިޔައީ އެތާނގެ ކައިރިން ފެންފިޔާޒުއާގެ އަށެވެ. އެގެއަށް ގެންގޮސް އެ ގޭގެ މީހުންގެ އެހީއާއެކު ޝިރަން ވަނީ ނަސީހުގެ ހަށިގަނޑުން އޮހޮރެމުންދިޔަ ލޭ މަނާ ކުރުވާފަ އެވެ. އެކަން ކުރީ ސްކައުޓް ފިލާވަޅުތަކުގެ އަލީގަ އެވެ. އެއަށްފަހު އެ ގެއަށް ޑޮކްޓަރަކު ގެނެވޭތޯ އާއި އެމްބިއުލާންސެއް ލިބޭތޯ ބެލި އެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
"އެއްވެސް އިރަކު ނަސީހް މުޅިން ހެއެއް ނުނެތޭ. އެހެންވީމަ ބައެއް ވާހަކަތައް ދައްކާލައިގެން އޭނާގެ ގެ އަޅުގަނޑަށް އެނގިއްޖެ. އެހެންވީމަ ދެން މަސައްކަތް ކުރީ އޭނާގެ ގެއަށް ގެންދެ ވޭތޯ. އެހެންވީމަ އެކުވެރިޔާއާއެކު ނަސީހު ނަގައިގަނެގެން ގެންދަން ފެށީ."
ޝިރަން ބުނި ގޮތުގައި ފެންޓަސީއާ ހަމައިން އޭރު ޓީވީގައި މަސައްކަތް ކުރަމުންދިޔަ ފިލްމީ ތަރި ޔޫސުފް ރަފީއު (ޔޫސޭ) އާއި އިތުރު ބަޔަކާ ދިމާވެ އެވެ. އަދި އެ އެންމެން ވެގެން ނާސިހު އެނާގެ ގެއަށް ގެންދިޔައީ އެވެ. އެކަމަކު އޭރު އަނެއްކާވެސް ނާސިހުގެ ޒަހަމްތަކުން ހޯސްލާފައި ލޭ އަންނަން ފަށައިފި އެވެ. ދެން ޝިރަންއަށް ޖެހުނީ އަނެއްކާވެސް ލޭމަނާ ކުރާށެވެ. އަދި ޔޫސޭ ގޮސް ޑރ. އަބްދުލް އަޒީޒު ޔޫސުފު ގެނެސް އިތުރު ފަރުވާ ދޭން ވެސް ފެށި އެވެ. އަދި އެ ވަގުތު އިތުރު ސިފައިންގެ ދެ މީހަކު ވެސް އެ ގެއަށް ގެންދިޔަ އެވެ.
ޑޮކްޓަރުގެ އިރުޝާދާއެކު އަތްގާޑިޔަލެއްގެ މަތީ ފަތްޖެހި އެނދެއްގައި ނާސިހް ހޮސްޕިޓަލަށް ގެންދަން މަސައްކަތް ފެށުނީ އެހާ ހިސާބުންނެވެ. ނަމަވެސް އޭރު ޝިރަން ހޯދަން އޭނާގެ މަންމަ ބުނެގެން މީހަކު އައިސް ހުއްޓެވެ. ލެއިން ތަތްތެޅިފައިވާ ޝިރަން އެހިސާބުން އެނބުރި ގެއަށްދާން ޖެހުނީ މަންމަގެ އާދޭހަށެވެ. އަދި އެހިސާބުން ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި އިސްކޮށް ދެން ހުރީ ޔޫސޭ އެވެ.
"އަޅުގަނޑުގެ އުމުރަކީ އޭރު ގާތްގަނޑަކަށް 20 އަހަރު އެ ހާދިސާ ހިނގިިއިރު. އަޅުގަނޑު ބިރުވެރި ކަމެއް ނެތި އަޅުގަނޑުގެ ނަފުސް މި ކަމަށް ކުރިމަތިލާން މި މެދުވެރިވީ ގޮތަކީ އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑަށް ދީފަ ހުރި ތަރުބިއްޔަތު. ދެވަނަ ކަމަކަށް އަޅުގަނޑަކީ ކަބްސްކައުޓް، ސްކައުޓް އަދި ސްކައުޓް ލީޑަރެއް. އެހެން މި ހަރަކާތުގެ ތެރެއިން އަޅުގަނޑަށް ދަސްވެފައިވާ ކަންކަން. އެހެން ނަމަވެސް ހިތާމައަކީ މިހާރު އަޅުގަނޑުމެން އެ ދުވަސްވަރު ސްކައުޓްގައި އަމަލު ކުރަމުން ދިޔަ ގޮތްތައް މަދުވެގެން ގޮސްފައިވާކަން. އެ ރޫހު ގެއްލިގެންދިޔަކަން. އެކަން ރަނގަޅު ކުރެވިއްޖެނަމަ މުޖްތަމައަށް ވަރަށް ފައިދާ ކުރަނިވި މީހުންތަކެއް ބިނާވެގެން ދާނެ.. އެ ދުވަސް ދެކޭ ހިތްވޭ،"
ޝިރަންގެ މި ހިތްވަރު ފާހަގަކޮށް ދިވެހި ސަރުކާރުން ވަނީ ޝަރަފުވެރި ކަމުގެ ހަނދާނީ ލިޔުމާ އައްޑަ ދީފަ އެވެ. އަދި ސްކައުޓް ގެލަންޓަރީ އެވޯޑްވެސް ޝިރަންއަށް ދިނެވެ. ޝިރަންއަކީ މި އެވޯޑް ރާއްޖެއިން ލިބުނު ފުރަތަމަ ދިވެއްސެވެ.
ނަވާރަ ދިވެހިން ޝަހީދު ކުޅަ އެ ހާދިސާ ނާކާމިޔާބު ވެގެން ނިމި، ޖެހިގެން އައި ނޮވެންބަރު ހަތަރު ވަނަ ދުވަހާއި ފަސްވަނަ ދުވަހާ އަދި ވިދިގެން އައި ދުވަސްތަކުގައި ހިނގި ކަންކަން ވެސް ވަރަށް ގާތުން ޝިރަންއަށް ފެނުނެވެ. ޝައުގުވެރި ކަމާއެކު ބަލައި ހެދި އެވެ.
އޭނާއަކީ ޓީވީއެމްގައި މަސައްކަތްކުރާ މީހަކަށް ވުމުން ސިފައިންގެ އާއި ހަމަލާ އަމާޒުވެފައިވާ ހުރިހާ ތަނެއްވެސް ރަނގަޅަށް ކައިރިން ބަލައިލުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އަދި ރަހީނު ކޮށްގެން ގެންދިޔަ މީހުން މާލެ ގެނައި މަންޒަރާއި، ކުށްވެރިން ޝަރީއަތަށް ގެނެވުނު މަންޒަރު ވެސް އެންމެ ގާތުން ފެނުނު އެކަކަށް އޭނާ ވިއެވެ. އޭރު ޝިރަންގެ އަތުގައި އޮތް ފޮޓޯ ކެމެރާއިން މުހިންމު އެތައް ފޮޓޯއެއް އަމިއްލައަށް ނަގައި އޭނާ ވަނީ އަމިއްލައަށް ރައްކާކޮށްފަ އެވެ. އަދި އެދުވަހު އޭނާ އުޅުނު ގޮތުގެ ޗާޓެއް އަމިއްލައަށް ކުރަހާފައިވާއިރު މުޅި ހާދިސާގައި އޭނާއަށް ފެނު ތަނެއް ފެނުނު ގޮތަށް ލިޔެ ވަނީ ޑޮކިއުމެންޓްކޮށްފަ އެވެ. ނޮވެމްބަރު ތިނަކަށް 31 އަހަރު ފަހުން އޭނާ އެ ވާހަކަ އަވަސް އޮންލައިނާ ހިއްސާ ކުރަން ބޭނުންވީ އޭނާގެ ވާހަކަ ދެން ކިޔައިދޭން ވެއްޖެ ކަމަށް ފެނިގެނެވެ.