ރާއްޖޭގައި ކޮރަޕްޝަނާ ފަސާދައި ހުތުރު ކަޅު ވިޔަފާރި އޮންނަނީ އަބަދު ހިނގަ ހިނގަ އެވެ. އެކަމެއް ނުހުއްޓެވެ. އެއްވެސް ގައުމެއްގައި އެއްވެސް ސަރުކާރެއްގައި އެއީއަކީ ވީކަމެއް ވެސް ނޫނެވެ. ކުރެވޭ ވަރަކީ ކޮރަޕްޝަން މިނިމައިޒް ކުރުމެވެ. ރާއްޖޭގައި އެހެނެއް އެކަމެއް ވެސް ނުހިނގަ އެވެ. ފަސާދައާ ކޮރަޕްޝަނުގެ ރަނގަބީލުގެ އަޑަކީ ރާއްޖޭގައި އަބަދު ވެސް ގަދަވެފައި އޮންނަ އަޑެކެވެ.
އަބަދު ހިނގަ ހިނގާ އޮންނަ ކަމެކެވެ. ސިޔާސީ ޕާޓީ ނިޒާމުގައި ވެރި ކަމަށް އައުމަށް މެނިފެސްޓޯއެއް ބިޑް ކުރާއިރު އެއްބަޔަކު އަނެއް ބަޔަކަށް ދައްކާ އެންމެ ބޮޑު އެއް ވާހަކަައަކީ ވެސް ކޮރަޕްޝަނާ ފަސާދަ ނައްތާލާ ވަހަކަ އެވެ. އެކަމަކު ވޯޓުން ބިޑް ކާމިޔާބުވެ ސަރުކާރު ލިބުމުން ކޮރަޕްޝަންގެ މެޝިނު ހަމަ ނުހިއްޓި ހިނގައެވެ. އދ. ފުށިދިއްގާއަކީ އޭގެ އިންހެރިޓް ކުޑަ ކުޑަ މިސާލެކެވެ.
ފުށިދިއްގާގެ މުއާމަލާތް ސަރުކާރުން ހިންގީ ކިހިނެތް؟
އދ. ފުށިދިއްގާއަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ވަރުވާއަށް ދޫކޮށްފައިވާ ރަށެކެވެ. އެކި ފަހަރު އެކި މީހުން މި ރަށް ވަރުވާއަށް ނަގައިގެން ގެންގުޅެފައި ވެއެވެ. ނަމަވެސް ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ވަރުވާއަށް ނަގާފައިވާ އެއްވެސް ފަރާތަކުން އަމަލެއް ނުކުރެ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ފުށިދިއްގާ ގައި ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން ނިންމި އެވެ.
އެ ނިންމުން އައުމާ ހަމައަށް އެ ރަށް ވަރުވާއަށް ނަގައިގެން ގެންގުޅެފައި ވަނީ މ. ހަސްތީ، އަހުމަދު ހަލީލެވެ. އެރަށުގައި ރިސޯޓް ތަރައްގީ ކުރަން ހުޅުވާލުމުން ޚަލީލް ވެސް އެކަމަށް ކުރިމަތިލި އެވެ. ސަރުކާރުން ނިންމީ ޚަލީލަށް އެރަށް ދޫކުރާށެވެ. ނަމަވެސް އެކަމުގެ އެއްވެސް އެއްބަސްވުމެއް އެކުލަވާލާފައެއް ނުވެ އެވެ. އެހެން އޮއްވާ ޖެހިގެން އައި 2012 ވަނަ އަހަރު އދ. އަތޮޅުން ކައުންސިލުން ވަނީ ވަރުވާއަށް އެ ރަށް ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފަ އެވެ.
އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިިކަން ބަދަލުވެ ދިޔައިރު ވެސް ފުށިދިއްގާއާ މެދު ގޮތެއް ހަމަ ނުޖެހި ރަށް އޮތީ އެކި މީހުންގެ އަތް މަތީގަ އެވެ. އެ މީހަކު ޖެހުނު ތަނަކުން ބޭނުން ގޮތަކަށް އެ ރަށުގެ ވިޔަފާރި ކުރަމުން ދިޔައީ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަނީ ތެލުގެ ވިޔަފާރި ކުރާ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކަށް އެ ރަށް ވިއްކާލާފަ އެވެ. ސަރުކާރުން އެރަށް އެ ކުންފުންޏަށް ވިއްކާލީ ތިން މިލިއަން ޑޮލަރަށެވެ. އަދި ރަށުގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެ ކުންފުނިން ވަނީ 1.5 މިލިއަން ޑޮލަރު ދައުލަތަށް ދައްކާފަ އެވެ. އޭގެ އޮރިޖިނަލް ލިޔުންތައް އެޗްއެމްއެޗްއައި ކޮމްޕެނީން އަވަސްގެ ނޫސްވެރިންނާ ހިއްސާކޮށްފައި ވެއެވެ.
އެހެން ނަމަވެސް އެ ކުންފުންޏަށް ފުށިދިއްގާ ވިއްކާލިކަމުގެ އެއްބަސްވުމުގައި އޮންނަނީ އެހެން ނަމެއް ޖަހާފަ އެވެ. އެއީ އޭގައި ޖަހާފައި އޮންނަނީ "ރަތްދިއްގާ" އެޗްއެމްއެޗްއައި ކުންފުންޏަށް ވިއްކާލާ ކަމަށެވެ. އެހެން ކަމުން މީގެ ކުރިން ހަލީލް އާއެކު ފުށިދިއްގާ ގޮތުގައި މުއާމަލާތްތައް ހިންގި ރަށް ސަރުކާރުން އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް މުޅިން އެހެން ރަށެއްގެ ނަމުގައި ވިއްކާ ފައިސާ ނެގީ އެވެ. އެ ކުންފުންޏަށް ސަރުކާރުން ރަށް ވިއްކާލީ ތިން މިލިއަން އެމެރިކާ ޑޮލަރަށެވެ. އަދި އެ ފައިސާގެ ތެރެއިން އެރަށާ ގުޅޭ އެކިއެކި މުއާމަލާތްތަކަށް 1.5 މިލިއަން ޑޮލަރު ދައްކާފައި ވާކަން ހައިކޯޓުގެ ގަޒިއްޔާއިން ރަނގަޅަށް އެނގެއެވެ.
އެޗްއެމްއެޗްއައި އަށް އެ ރަށް ސަރުކާރުން ވިއްކައިގެން އުޅެނީ އޮކްޓޫބަރު 20، 2014 އިގަ އެވެ. އެހެން އޮއްވާ އޭގެ ފަހުން މޭ 19، 2015 ގައި "މޯލްޑިވިއާނާ ގްރޫޕު ޕްރައިވެޓް ލިމިޓެޑަ" ށް ހަމަ އެ ރަށް ސަރުކާރުން ވިކައިފި އެވެ. ރައީސް ޔާމީންގެ ސަރުކާރުން މޯލްޑިވިއާނާއަށް އެ ރަށް ވިއްކީ ހަ ލައްކަ ޑޮލަރަށެވެ. އެކަމަކު ވިއްކީ އަނެއްކާ ވެސް ހަމަ އެ ރަށް "ފުށިދިއްގާ" ގޮތުގަ އެވެ.
ކުރިން ވެސް ބަޔަކު އެރަށް "ނޮޅައިގެން ކެއީ" އެވެ. އަދިވެސް ކައި މުއްސަނދިވަނީ އެވެ. މިތަނުގައި ވަރެއް ނުވެ އޮތީ ރަތްދިގާގެ ނަމުގައި ރަށަށް ފައިސާ ދެއްކި އެޗްއެމްއެޗްއައި އާއި މޯލްޑިވިއާނާ އެވެ. ހަލީލް އަދިވެސް ރަށް ރިސޯޓެއްގެ ގޮތުގަ އާއި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ވިއްކައިގެން ފައިދާ ނަގަނީ އެވެ. ސަރުކާރުތަކުން ވަނީ ރަށް ވިއްކައިގެން ކައިފަ އެވެ.
ވާރުތަވަމުންދާ ކޮރަޕްޝަންގެ ބޮޑު އަމަލެއް
ފުށިދިއްގާ ދެތިން ހަތަރު ބަޔަކަށް ވިއްކާލުމަކީ ކޮރަޕްޝަންގެ ބޮޑު އަމަލެކެވެ. އަދި މި އަމަަލަކީ 2011 ވަނަ އަހަރުން ފެށިގެން ދައުލަތް ތެރޭގައި ފުރޮޅެމުންދާ ހިޔާނާތެއްގެ ގޮތުގައި ގޮސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއަށް ވާރުތަ ކުރުމަށް ފަހު އަދިވެސް ހިޔާނާތް ހިނގަ ހިނގާ އޮތް ކަމެކެވެ.
ރާއްޖޭގައި މިހާރުވެސް ކޮރަޕްޝަންގެ މޫ ލާފައި އޮތް މިންވަރު މިކަމުން ހާމަވެ އެވެ. ފުށިދިއްގާއަކީ އޭގެ ހެއްކެކެވެ. އެކަކަށް ރަށް ވިއްކާލާ ފައިސާގެ ބޮޑު އަދަދެއް ނެގުމަށްފަހު، އޭގެ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް އެހެން ބަޔަކަށް ވިއްކާލީ އެވެ.
ކުރިން ފުށިދިއްގާ ވަރުވާއަށް ނަގައިގެން ގެންގުޅުނު އަދި ސަރުކާރުން މި ރަށް ހަވާލު ކުރާނެ ކަމަށް ބުނެފައިވާ، މިހާރުވެސް ރިސޯޓެއްގެ ގޮތުގައި ދައުލަތަށް އެންމެ ފައިސާ ފޮއްޗެއް ވެސް ނުދީ ވިޔަފާރި ކުރަމުން ގެންދާ ހަލީލް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ. އެ މައްސަލައާއި ގުޅިގެން ފުށިދިއްގާގެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އެއްވެސް މުއާމަލާތެއް ނުކުރަން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. މި އަމުރު އައީ ޑިސެންބަރު 22، 2014 ގައެވެ.
ނަމަވެސް އޭރު ސަރުކާރުން އޮތީ ތިން މިލިއަން ޑޮލަރަށް އެ ރަށް އެޗްއެމްއެޗްއައި ކުންފުންޏަށް ވިއްކާލާފަ އެވެ. އަދި އެ ކުންފުނިން ވަނީ 1.5 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފަ އެވެ. އެހެންކަމުން މޯލްޑިވިއާނާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އެރަށް އެހެން ނަމެއްގައި ހަ ލައްކަ ޑޮލަރަށް ވިއްކާލީ ސުޕްރީމް ކޯޓްގެ އަމުރުގެ ފަހުންނެވެ. އެއީ މެއި 19، 2015 ގައެވެ.
މާނައަކީ މޯލްޑިވިއާނާ ގްރޫޕު ޕްރައިވެޓް ލިމިޓެޑުން ހަ ލައްކަ ޑޮލަރު އަތުލުމަށްފަހު ފުށިދިއްގާ ވިއްކާލާފައިވަނީ ސުޕްރީމް ކޯޓްގެ އަމުރާ ވެސް ޚިލާފަށެވެ. މި ރަށަށާ ގުޅޭ ޝަރުއީ ގަޒިއްޔާތައް ވަކި ގޮތަކަށް ހުއްޓާ މިހާރު އަޑުތައް ފެތުރިފައިވާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުން ސަރުކާރުން މިރަށް ވިއްކައިގެން އުޅޭ މޯލްޑިވިއާނާ އާއެކު ޑީލަކަށް ދާށެވެ. މިއީ ފެތުރިފައި އޮތް އަޑެކެވެ. އޭގައި ހަގީގަތެއް އޮތް ކަމެއް ނޭނގެ އެވެ.
ފުށިދިއްގާއިން ބަޔަކު މާލީ މަންފާ ހޯދުން
ފުށިދިއްގާގެ ބެލެނިވެރިކަން ހޯދަން ތިން ޕާޓީއަކުން މަސައްކަތް ކުރަމުންދާއިރު، މައްސަލަ އޮތީ އަދިވެސް ކޯޓްގަ އެވެ. މިރަށަށް ވެފައި އޮތް ގޮތެއް ސަރުކާރަކަށް ސާފެއް ނުވެއެވެ. ރައީސް ޔާމީންގެ ސަރުކާރުން އެ ރަށް ވިއްކާލި ދެ ކުންފުނިން ވަނީ ދައުލަތަށް ފައިސާ ދައްކާފަ އެވެ. އެ ދެ ކުންފުނިން ދެއްކި ފައިސާއަށް އެއްވެސް ރަށެއްވެސް އަދި އެއްވެސް ބަދަލެއް ލިބިފައެއް ނެތެވެ. އެއާ ހިލާފަށް ހަލީލް ގެންދަނީ ރަށުގައި ދެ ބިދޭސީއަކު ބައިތިއްބައިގެން ރަށުން މާލީ މަންފާ ހޯދަމުންނެވެ. ޕިކްނިކް އައިލެންޑެއް ނުވަތަ ރިސޯޓެއްގެ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެ ރަށުން އޭނާ ގެންދަނީ މާލީ މަންފާ ހޯދަމުންނެވެ. އެއީ ދައުލަތަށް ފައިސާ ދެއްކި ދެ ކުންފުންޏާ ގުޅުމެއް އޮތް ބައެއް ނޫނެވެ.
ބަންގްލަދޭޝްގެ ދެ މީހަކު ބައިތިއްބައިގެން ރަށަށް ފަތުރުވެރިން ގެންގޮސް އެ ރަށުން ޚިދުމަތްދެ އެވެ. އެ ރަށުގައި ފަތުރުވެރިން ބައިތިއްބާނެ ތަންތަން ހަދާފައި ވެއެވެ. އެ މީހުންނަށް ކެއިން ބުއިން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ވެއެވެ. ރަށައް އެރެނީ ވެސް ބޮލަކަށް 10 އެމެރިކާ ޑޮލަރު ދައްކައިގެނެވެ. އަދި ރަށަށް އެރުމަށް ފަހު ހޯދާ ކޮންމެ ޚިދުމަތަކަށް ފައިސާ ދޭންޖެހެ އެވެ.
ބެލެނިވެރިކަމުގެ މައްސަލަ ކޯޓްގައި ހިނގަމުންދާ ރަށަކަށް ފަތުރުވެރިން އަރުވައިގެން ރަނގަޅަށް ބަޔަކު ރިސޯޓެއް ހިނގަނީ އެވެ. ދިވެހި ދައުލަތާ ސަރުކާރަށް އެނގުމެއް ނެތެވެ.
މި މައްސަލާއާ ގުޅިގެން ޓްއަރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި އެފަދަ ކަމެއް އެ ރަށުގައި ހިނގާ ކަމެއް ނޭނގެ އެވެ. އަދި އަހަރު ދުވަސްވަންދެން ބަޔަކު އެ ރަށުން މާލީ މަންފާއެއް ހޯދާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ވެސް ނެތެވެ.
"މި ފެންނަނީ ސަރުކާރުގެ މުއައްސަސާތަކުގެ ހާލަތު. ރަށެއްގެ މައްސަލަ ކޯޓްގައި ކުރިއަށްދާއިރު، ބަޔަކު މި ގެންދަނީ އެ ރަށުން މާލީ މަންފާ ހޯދަމުން. މިކަން ހިނގާތާ އަހަރު ދުވަސްވެއްޖެ. އެހެންވީމަ މިވަރު ކަމެއް ނޭނގި އޮތުމަކީ މައްސަލައެއް." އެޗްއެމްއެޗްއައިގެ ވެރިޔާ މޫސާ މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ. "އަޅުގަނޑަށް ރަށެެއް ވެސް ނުލިބުނު އަޅުގަނޑުގެ އަތުން ފައިސާ ވެސް ގޮސް ގެއްލުން ވެއްޖެ، ކޯޓުން ވެސް އަޅުގަނޑަށް އިންސާފު ހޯދައެއް ނުދެވުނު، އަދި މިހާރު އަޑު އިވެނީ އެހެން އެގޮތަށް އެހެން ބަޔަކަށް ރަށް ދޭ ވާހަކަ... އަނެއްކޮޅު ކަމާ ގުޅުން ނެތް ބަޔަކު ރަށުގައި ރިސޯޓެއް ހިންގަނީ،"
މި ފެންނަނީ ސަރުކާރުގެ މުއައްސަސާތަކުގެ ހާލަތު. ރަށެއްގެ މައްސަލަ ކޯޓްގައި ކުރިއަށްދާއިރު، ބަޔަކު މި ގެންދަނީ އެ ރަށުން މާލީ މަންފާ ހޯދަމުން. މިކަން ހިނގާތާ އަހަރު ދުވަސްވެއްޖެ. އެހެންވީމަ މިވަރު ކަމެއް ނޭނގި އޮތުމަކީ މައްސަލައެއް. އަޅުގަނޑަށް ރަށެެއް ވެސް ނުލިބުނު އަޅުގަނޑުގެ އަތުން ފައިސާ ވެސް ގޮސް ގެއްލުން ވެއްޖެ، ކޯޓުން ވެސް އަޅުގަނޑަށް އިންސާފު ހޯދައެއް ނުދެވުނު، އަދި މިހާރު އަޑު އިވެނީ އެހެން އެގޮތަށް އެހެން ބަޔަކަށް ރަށް ދޭ ވާހަކަ... އަނެއްކޮޅު ކަމާ ގުޅުން ނެތް ބަޔަކު ރަށުގައި ރިސޯޓެއް ހިންގަނީ،މޫސާ މުހައްމަދު އިބްރާހިމް | އެޗްއެމްއެޗްއައިގެ ވެރިޔާ
މި މައްސަލަ ނިމޭނީ ކިހިނެތް؟
ފުށިދިއްގާގެ މުއާމަލާތައް ކޮންމެ ގޮތަކަށް ހިނގާފައި ވިޔަސް އެންމެ ގިނަ ފައިސާ ދައްކާފައިވަނީ އެޗްއެމްއެޗްއައި ކުންފުނިންނެވެ. އެކުންފުނިން ދެއްްކި ފައިސާގެ އަދަދު އުޅެނީ 1.5 މިލިއަން ޑޮލަރުގަ އެވެ. އެކަން މިހާތަނަށް މި މައްސަލައާއި ގުޅިގެން ކޯޓްގައި ހިނގާފައިވާ ޝަރީއަތްތަކުން ހާމަވެ އެވެ. ފަހަރެއްގައި އެމްއެމްޕީއާރްސީ ތެރެއިން މިނޫން އަދަދުތައް އެހެން ސިފަ ސިފަގައި ގޮސްފައި ހުރުން ވެސް ވަރަށް އެކަށީގެން ވެއެވެ.
ދެވަނަ ކުންފުނި، މޯލްޑިވިއާނާއިން ދައްކާފައިވަނީ ހަ ލައްކަ ޑޮލަރެވެ. އެއީ އޭރުގެ ސަރުކާރުން އެ ފަހަރު ކިޔައިލި އަގެވެ. އެ އަގު މޯލްޑިވިއާނާ ގްރޫޕު ޕްރައިވެޓް ލިމިޓެޑުން ވެސް ވަނީ ދައްކާފަ އެވެ. ނަމަވެސް މީގައި އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ތިން މިލިއަން ޑޮރަލަށް ބަޔަކަށް ވިއްކާލާފައިވާ ރަށެއް އެހެން ބަަޔަކަށް ވިއްކާލުމެވެ.
ދެވަނަ ކަމަކީ ފުށިދިއްގާއާ ގުޅިގެން އެއްވެސް މުއާމަލާތެއް ނުކުރަން ސުޕްރީމް ކޯޓުން އަންގާފައި ވަނިކޮށް އެރަށް އެހެން ބަޔަކަށް ވިއްކާލުމެވެ. ތިންވަނަ ކަމަކީ ކުރިން ތިން މިލިއަން ޑޮލަރަށް ވިއްކާލައި 1.5 މިިލިއަން ޑޮލަރު ދައްކާފައި ވަނިކޮށް ހަ ލައްކަ ޑޮލަރަށް ރަށް އެހެން ބަޔަކަށް ވިއްކާލަން ޖެހުނު ގޮތެކެވެ. ހަތަރުވަނަ ކަމަކީ އެފަދަ އެއްވެސް މުއާމާލާތެއް ސިފަ ޖެހިފައި ނެތް ފަރާތެއް އެ ރަށުން މާލީ މަންފާ ނަގަމުން ދިއުމާއި އެކަން ސަރުކާރަށް އެނގިފައި ނެތް މައްސަލަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކާފައި ވަނީ އެމްއެޗްއެމްއައި އިން ކަމަށް ވިޔަސް ސަރުކާރުން އެންގި ގޮތަށް ފައިސާ ދައްކާފައި ވަނީ މޯލްޑިވިއާނާ ގްރޫޕުން ނެވެ. އެހެންކަމުން މި މައްސަލާގައި ދެން އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް ކަމާބެހޭ އިދާރާތަކުގައި ވަނީ އެދިފައެ އެވެ.
"މިނިސްޓްރީއަށް އެހެން ބުނެވޭނީ ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް ފުރަތަމަ ރަށް ދިނީ. ފައިސާ ވެސް ދެއްކީ. ފަހުން އެކަންކަން މަޑުޖެހިފައިވަނީ ސުޕްރީމް ކޯޓްގެ އަމުރާއި ގުޅިގެން. ނަމަވެސް ފައިސާ އަނބުރާ ދިނުމެއް ނެތި، އެއްބަސްވުން ބާތިލުކުރުމެއް ވެސް ނެތި އަލުން އެހެން ބަޔަކަށް މާ ކުޑަ އަގެއްގައި މި ދެނީ. އަޅުގަނޑުމެން ދެއްކި ފައިސާގެ ތިން ގުނަ ކުޑަ އަދަދެއް. އަނެއް ކޮޅުން ސުޕްރީމް ކޯޓްގެ އަމުރާވެސް ޚިލާފަށް. އެހެންވީމަ އިންސާފުވެރި ހުކުމެއް އަދި ބަދަލެއް އަޅުގަނޑުމެންނަށް ލިބެންވާނެ." އެޗްއެމްއެޗްއައިގެ ވެރިޔާ ވިދާޅުވި އެވެ.
މިނިސްޓްރީއަށް އެހެން ބުނެވޭނީ ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް ފުރަތަމަ ރަށް ދިނީ. ފައިސާ ވެސް ދެއްކީ. ފަހުން އެކަންކަން މަޑުޖެހިފައިވަނީ ސުޕްރީމް ކޯޓްގެ އަމުރާއި ގުޅިގެން. ނަމަވެސް ފައިސާ އަނބުރާ ދިނުމެއް ނެތި، އެއްބަސްވުން ބާތިލުކުރުމެއް ވެސް ނެތި އަލުން އެހެން ބަޔަކަށް މާ ކުޑަ އަގެއްގައި މި ދެނީ. އަޅުގަނޑުމެން ދެއްކި ފައިސާގެ ތިން ގުނަ ކުޑަ އަދަދެއް. އަނެއް ކޮޅުން ސުޕްރީމް ކޯޓްގެ އަމުރާވެސް ޚިލާފަށް. އެހެންވީމަ އިންސާފުވެރި ހުކުމެއް އަދި ބަދަލެއް އަޅުގަނޑުމެންނަށް ލިބެންވާނެމޫސާ މުހައްމަދު އިބްރާހިމް | އެޗްއެމްއެޗްއައިގެ ވެރިޔާ
އދ. ފުށިދިއްގާގެ ކޮރަޕްޝަންގެ މައްސަލަ މިހާ ހިސާބުން ފެންމައްޗަށް ހިއްލިފައި އޮތްއިރު އަދި މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ދުވަސްވަރަކީ އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދެމުން އަންނަ ދުވަސްވަރެކެވެ. ވީމާ މި މައްސަލަ ނިމޭނީ މި ތިން ޕާޓީއަށް އަނެއްކާ ވެސް އެތައް މިލިއަން ޑޮލަރަކުން ބަދަލު ދީގެން ކަމަށް ބެލެވިދާނެ އެވެ. އަނެއްކޮޅުން ގަވާއިދާ ޚިލާފަށް އެ ރަށުގައި ހިންގަމުންދާ ވިޔަފާރިއަށް ހުއްޓުމެއް ނައިސް ކުރިޔަށް ދަނީ އެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގާފައި ވިޔަސް އަދި ދެން ކޮންމެ ގޮތަކަށް މިކަން ނިންމިޔަސް މި މުއާމަލާތް ވާނީ ވާރުތަވަމުން އައިސްފައި އޮތް ކޮރަޮޕްޝަނަކަށް ނޫން ކޮން އެއްޗަކަށް ހެއްޔެވެ؟