އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ މަސްއޫލިއްޔަތުން އެކަހެރިކުރި މީހުން އަލުން މަސްއޫލިއްޔަތާ ހަވާލުވެއްޖެ އެވެ.
ބޮޑު ހިޔާނާތުގެ ފައިސާ ލިބިގެން ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރު ކުރި އެވެ. އޭރު ފުލުހުން ބުނީ އެ މީހުންގެ ޖިނާއީ އަދި އިދާރީ ތަހުގީގުތައް ކުރިއަށް ދާނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން މިހާރު އަލުން މަސްއޫލިއްޔަތުތަކާއި ހަވާލުވެ މަސައްކަތަށް ވަނީ ނުކުމެފަ އެވެ.
ފުލުހުން ބުނީ ތުހުމަތު އޮތް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެހެން އިތުރު ތަފްސީލެއް ނުދިނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފް ކުންފުނިން ސިފައިންގެ މޭޖާ އަކަށް ފައިސާ ޖަމާކުރި މައްސަލައިގައި އެ ފައިސާ ލިބުނު ސިފައިންގެ މީހާ އާއި ސިފައިންގެ އިތުރު މީހަކުވެސް ވަނީ މަސްއޫލިއްޔަތުން އެކަހެރިކޮށްފަ އެވެ. އެސްއޯއެފްއިން ފައިސާ ލިބުނު ކަމަށް އެ ރިޕޯޓްގައި ބުނާ 155 މީހުންގެ ތެރޭގައި ސިފައިންގެ ދެ އޮފިސަރުންނާއި ފުލުހުންގެ ފަސް މީހަކަށް ހިމެނެ އެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅުގެ ގިނަ ބައެއްގެ ނަން ހިމެނިފައި ވެއެވެ. ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގައި އޭރު އިސްކޮށް ތިބި ބޭފުޅުން ވެސް ހިމެނެ އެވެ.
ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
- ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
- މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
- ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
- ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިއަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. އަދީބަށް ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރާއިރު ޒިޔަތަށް 700 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ދައުލަތުން ކުރެއެވެ. ނަަމަވެސް އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ދައުލަތާއެކު އެއްބަސްވުމެއް ހަދައި ދެފަރާތް އެއްބަސްވާ ހުކުމަކާއެކު ގޭގަ އެވެ.
ދައުލަތުގެ ތެރެއިން ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ފެށީ ޖަނަވަރީ 10، 2019 ގައެވެ. އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ހިނގާފައި ވެއެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުން ބުނާ އަދަދު ހަތަރު ބިލިއަނަށް އަރަ އެވެ.
އެ ކޮމިޝަނުން މިހާރު ވަނީ ހިޔާނާތާއި ގުޅިގެން ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަން ވެސް ފޮނުވާފަ އެވެ. ނަމަވެސް ގެއްލުނު ފައިސާ ހޯދުމުގައި ސަރުކާރަށް ވެސް އަދި ކޮމިޝަނަށް ވެސް އެދެވޭ އެއްވެސް ކާމިޔާބެއް އަދާ ހަމައަށްވެސް ހޯދިފައެއް ނުވެއެވެ. ހިޔާނާތުގެ ތެރެއިން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 79 މިލިއަން އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ 12.8 މިލިއަން ޑޮލަރެވެ.
މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ހުރިހާ ކަމެއް ކުރީގެ ސަރުކާރާއި ގުޅުވާއިރު ހިޔާނާތުގެ ފައިސާ ހުރިހާ ޕާޓީތަކަށް ވެސް ލިބިފައިވާ ކަމަަށް ހިޔާނާތުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.
ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތައް ބޭފުޅުންނަކަށް ލިބިފައިވާނެ ކަމަށާ އަދި ކުރީގެ ރައީސުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް މި ފައިސާ ލިބިފައިވާނެ ކަމަށް އަދީބު ވިދާޅުވީ އޭނާގެ މައްޗަށް ހިންގު ޝަރީއަތުގަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ވެސް އެ ފައިސާ ހަރަދުކުރި ކަމަަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނަ ދެކޮޅު ކަމެއްގެ ގޮތުގައި ނޫން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.