އަބްދުﷲ ޒިޔަތު

ޒިޔަތަށް ހުކުމް ކުރުން މާދަމާ

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހުކުމް އިއްވުމުގެ މަޖިލީސް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ. ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާ އަށް އެއްބަސްވުމުން 11 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. އޭނާ ވަނީ ދައުލަތާއެކު އަދަބު ލުއި ދިނުމުގެ އެއްބަސްވުމެއް ހަދައި ދައުލަތާއި ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް އެއްބާރުލުންދޭންވެސް އެއްބަސްވެފަ އެވެ.

ކްރިމިނަލް ކޯޓްގައި އެންމެ ފަހުން ކުރިއަށްދިޔަ ޝަރީއަތުގައި ޒިއަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށްވެސް އޭނާ ވަނީ އެއްބަސްވެފައެވެ. އަދި އެ އެއްބަސްވުމަކީ އެއްވެސް މަޖުބޫރެއް ނެތިވާ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލަ ބެއްލެއްވި ފަނޑިޔާރުވެސް ގެންދެވީ ކޮންމެ ދައުވާއެއް އިއްވެވުމަށްފަހު އެ ދައުވާއަށް ޒިއަތު އެއްބަސްވާ ކަމަށް ވިދާޅުވުމުން އެއްބަސް ވަނީ ނުފޫޒެއް އޮވެގެންތޯ ސުވާލު ކުރައްވަމުންނެވެ.

ޒިޔަތު ކްރިމިނަލް ކޯޓްގައި ދައުވާތަކަށް އެއްބަސްވުމުގެ ކުރިން ޅ. މާބިންހުރާގެ މައްސަލާގައި އަށް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމުގައިވެސް ޒިޔަތު ވަނީ 32 ދައުވާއަށް އިއުތިރާފުވާ ކަމަށް ވިދާޅުވެފައެވެ.

ދައުލަތުން ޒިޔަތުގެ މައްޗަށް ކުރި ހިޔާނާތުގެ 32 ދައުވާގައި ބުނެފައިވަނީ އޭނާ 781 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ އެއިން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭ ކަމަަށެވެ. ދައުލަތަށް ލިބޭ ފައިސާގެ ޗެކްތައް ހަވާލު ކުރަމުން ގެންދިޔައީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު އަންގަވާ މީހެއްގެ އަތަށް ކަމަށެވެ.

ޒިޔަތަށް ހުކުމް ކުރުމުގެ މަޖިލިސް އޮންނާނީ މާދަމާ ހެނދުނު 10:30 ގައެވެ.

ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ހައިކޯޓުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު އެ ކޯޓުން ވެސް ހުކުމްކުރީ ޒިޔަތަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށެވެ.

އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވީނަމަވެސް ހޯމް މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މިނިސްޓްރީގެ ނިންމުމަކަށް އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގޭބަންދަށް ބަދަލު ކޮށްފަ އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށްވެސް އޭނާ ހުންނެވީ ގޭބަންދުގަ އެވެ.