ހަބަރު

ގާނޫނާ ހިލާފު ހުރިހާ ކަމެއް ކުރީ ޔާމީން ބުނެގެން: ޒިޔަތު

ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމަކީ ވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކުރެއްވި ކަންކަން ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ޒިޔަތު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި އޭނާ މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ. އަދީބު، ރައީސް ޔާމީނާ ދެކޮޅު ހެއްކެއްގެ ގޮތުގައި ހާޒިރުކު ރުުމުން އޭނާއާ ގިނައިން ސުވާލު ކުރައްވާފައިވަނީ ވެސް ރައީސް ޔާމީނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީއާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާަރްސީގެ ކޮރަޕްޝަނުން ހޯދާފައިވާ ފައިސާ ކަމަށް ބެލެވެ އެވެ. އެގޮތުން އެ އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ އެވެ.

ހެކި ބަސް ދެއްވަން ޒިޔަތު ޝަރީއަތުގެ މަޖިލީހަށް ވަޑައިގެންނެވުމުން ދައުލަތު ފުރަތަމަ ސުވާލުތައް ކުރި އެވެ. ދައުލަތުގެ ވަކީލް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރްސީއަށް ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާތަކާމެދު އަމަލު ކުރާނެ ގޮތުގެ އިރުޝާދު ރައީސް ޔާމީން ދެއްވާފައިވާ ކަމަށެވެ.

"ބައްދަލުވުންތަކާއި ފޯނުން މެސެޖްކޮށްގެން ވެސް އެބަހުރި އެ އިރުޝާދު ދެއްވާފަ، ރައީސް ޔާމީން އެންގެވީ ލިބޭ ޗެކްތައް އަހުމަދު އަދީބާ ހަވާލުކުރަން،" ޒިޔަތު ވިދާޅުވި އެވެ.

މި މައްސަލާގައި ހިމެނޭ ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެއް މިލިއަން ޑޮލަރުގެ ޗެކެއް ލިބުނު ކަމަށާއި އެ ޗެކް އަދީބާ ހަވާލު ކުރުމަށް ރައީސް ޔާމީން އެންގެވި ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި އެ ރަށް ކުއްޔަށް ދޫކުރުން ލަސްވެގެން ރައީސް ޔާމީން ގުޅުއްވައި އެކަން ސާފު ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ. އެ އެއް މިލިއަން ޑޮލަރުގެ ޗެކް ލިބުނުއިރު އަދީބު ރާއްޖޭގައި ނޫޅުއްވާ ކަމަށާއި އެހެންވެ އޭނާގެ އެންގުމުގެ މަތިން ޗެކް ހަވާލުކުރީ އެސްއޯއެފްގެ މީހަކަށް ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެ ދުވަސްވަރު އެހެން ރަށެއް ކުއްޔަށް ދީގެން އެއް މިލިއަން ޑޮލަރު ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލް އާދަމް އާސިފް ވެސް ގިނަ ސުވާލުތަކެއް ޒިޔަތާ ކުރެއްވި އެވެ. އޭނާ އެންމެ ބޮޑަށް ސުވާލު ކުރެއްވީ ޒިޔަތު ކުރިން ދީފައިވާ ބަޔާންތަކާއި މިހާރު ފުލުހަށް ދީފައިވާ ބަޔާނުގައި ފުށުންއެރުންތަކެއް ހުރި ކަމަށް ވިދާޅުވެ އެކަންކަން ސާފު ކުރެއްވުމަށެވެ. އަދި މިހާރު ޒިޔަތު ރައީސް ޔާމީންއާ ދެކޮޅަށް ދީފައިވާ ބަޔާނަކީ މި ސަރުކާރުން އަންގައިގެން މި ސަރުކާރުން ލުއިތަކެއް ދިނުމުން ދެއްވި ބަޔާނެއްތޯ އެއްސެވި އެވެ.

އޭގެ ޖަވާބުގައި ޒިޔަތު ވިދާޅުވީ ނޫނެކޭ ކަމަށެވެ. އަދި ދައުލަތާއެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށާއި އެފަދަ މަޝްވަރާއެއް ވެސް ނުކުރައްވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. ނަމަވެސް އޭނާ ގޭބަންދަށް ހޯމް މިނިސްޓްރީން ބަދަލުކޮށްދީފައިވާކަން ފާހަގަކުރެއްވި އެވެ. އެއީ ބަލި ހާލަތު ހުރި ގޮތުން ކަމަށާއި ނަމަވެސް މިހާރު އެއްވެސް ބޭހެއް ނަގަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ފުލުހަށް ޒިޔާތު ބަޔާން ދެއްވީ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވީ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ ހެކި ބަސް ވަކި ގޮތަކަށް ދިނުމަށް އޭނާއަށް ޕީޖީއިން ވެސް ފުލުހުން ވެސް ލަފާ ނުދޭ ކަމަށެވެ. ނަމަވެސް އިއްޔެ އޭނާގެ ބަޔާން ދައްކާލުމަށް ފުލުހަށް ގެންދިޔަ ކަމަށާއި ނަމަވެސް ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް އިރުޝާދު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ޒިޔަތާ ސުވާލު ކުރެއްވީ ރައީސް ޔާމީނެވެ. އެންމެ ވަރުގަދަ ސުވާލުތަކެއް ވެސް އަމާޒު ކުރެއްވީ އެމަނިކުފާނެވެ. ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީ އޭރު ހިންގަމުންދިޔަ ގޮތާމެދު ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. އެއަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ ސީދާ އަދީބު އެންގެވި ގޮތަށް ކަމަށެވެ. އަދީބު ގޮތްތައް އަންގަވަނީ އެއީ ރައީސް ޔާމީންގެ އިރުޝާދު ކަމަށް ވިދާޅުވެ ކަމަށެވެ.

"އަޅުގަނޑު އަމަލު ކުރަމުން ދިޔައީ ރައީސް ޔާމީން އެންގެވި ގޮތަށް، އަދީބު އެ އިރުޝާދުތައް ދެއްވީ، ރަށްތަކުގެ ކުއްޔާ ބެހޭ އާމްދަނީ ބޯޑަކުން ފާހެއް ނުކުރަން، އެކަންކަން ބޯޑާ ހިއްސާ ވެސް ނުކުރަން، އަދީބު އަންގާ ރަށްތަކެއް އަންގާ އަގުގައި ކުއްޔަށް ދެމުން ދެނީ، އެއަށްފަހު ލިބޭ ޗެކްތައް އެމްއެމްޕީއާރްސީއަށް ޖަމާކުރުމުގެ ބަދަލުގައި އަދީބާ ހަވާލު ކުރަމުން ދިޔައީ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވަނީ ރައީސް ޔާމީންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް އެމަނިކުފާނު ގުޅުއްވާ އިރުޝާދު ދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ ޒިޔަތާ ދުވަހަކު ވެސް ގުޅާފައި އަދި ބައްދަލުކޮށްފައިވެސް ނުވާނެ ކަމަށެވެ. ޒިޔަތާ ބައްދަލުވީ އޭނާ ތަހުގީގުގައި ހަނު ހުރުމުން އެގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންނެވުމަށް އެކަނި ކަމަށެވެ.

ނަމަވެސް އެކަމަށް އިންކާރުކޮށް ޒިޔަތު ވިދާޅުވީ ރަށްތަކުގެ ލީސް އެގްރިމެންޓް ވެސް ފާސް ކުރަނީ ރައީސް ޔާމީން ކަމަށެވެ. އަދި އެކަން ކުރައްވަނީ ފޯނުން ގުޅުއްވައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ކިހިނެއްތޯ އެކަން ކުރާނީ ރައީސް ޔާމީން އެއްސެވުމުން ޒިޔާތު ވިދާޅުވީ، "އެއީ އެކަން ހިނގާ ގޮތް" ކަމަށެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީ އާއި އެސްއޯއެފްއާ ދެމެދު މާލީ އެއްބަސްވުމެއް އޮތެވެ. ނަމަވެސް އެއީ ހަމައެކަނި ޑޮލަރު މާރުކުރުމަށް ކަމަށެވެ. އެމްއެމްޕީއާރްސީއަށް ކުންފުނިތަކުން ފޮނުވި ޗެކްތައް އެސްއޯއެފްއަށް ޖަމާކޮށްފައިވަނީ އެ އެއްބަސްވުމުގެ ދަށުން ނޫން ކަމަށެވެ. އެއްބަސްވުމުގެ ދަށުން އެސްއޯއެފްއަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ޗެކްތައް ކަމަށާއި އެހެން ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް އެޑްރެސްކޮށް، އެންޑޯސްކޮށްފައިވާ ޗެކްތައް ނޫން ކަމަށެވެ.

އެގޮތަށް އެމްއެމްޕީއާރްސީއަށް އަންނަ ޗެކްތައް އެސްއޯއެފްއަށް ޖަމާކުރީ އެއްވެސް ފަރާތެއްގެ ލަފާއަކާއެކުތޯ ރައީސް ޔާމީން އެއްސެވި އެވެ. ޒިޔަތު ވިދާޅުވީ އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ބައްދަލުވުމެއްގައި އަނގަ ބަހުން ލަފާއެއް ދެއްވި ކަމަށެވެ. އަނިލްއަކީ ޒިޔަތުގެ ކޮޓަރިއަށް އެކްސެސް އޮތް ބޭފުޅެކެވެ. ބަންޑާރަ ނައިބު އެގޮތަށް ލަފާ ދީފައި އޮތަސް އެކަން އެގޮތަށް ހިންގުމަކީ އެމްއެމްޕީއާރްސީގެ ހިންގުމުގެ ގަވައިދާއި އެހެން ގާނޫނުތަކާ ވެސް ހިލާފަށް ހިނގާފައިވާ ކަމެއް ނޫންތޯ ރައީސް ޔާމީން އެއްސެވި އެވެ.

"އާދެ ހިލާފަށް ހިނގާފައިވާ ކަންކަން، އެކަމަކު އެއީ އަޅުގަނޑަށް ރައީސް ޔާމީނާއި އަދީބު އެންގެވި ގޮތް،" ޒިޔަތު ވިދާޅުވި އެވެ. އެ ޖަވާބާއެކު ރައީސް ޔާމީން ވަނީ ޒިޔަތު ގާނޫނާ ހިލާފު ކަންކަން ކުރެއްވި ކަމަށް އިއުތިރާފުވަނީތޯ ސުވާލު ކުރައްވާފަ އެވެ. "އާދެ، ގާނޫނާ ހިލާފުވީމަ ދެއްތޯ އަޅުގަނޑު މިހާރު ވެސް ހުކުމެއްގަ މި ހުރީ،" ޒިޔަތު ޖަވާބު ދެއްވި އެވެ.

"ގާނޫނާ ހިލާފު ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ ރައީސް ޔާމީން އަންގަވައިގެން،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު މިހެން ވިދާޅުވެފައިވާއިރު މިއަދު އަދީބު ވެސް ވަނީ ހަމަ އެފަަދައިން ވިދާޅުވެފަ އެވެ. އަދީބު ވެސް ވިދާޅުވީ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ. މިއަދު މި ދެ ބޭފުޅުންގެ ހެކި ބަސް ނަގާފައިވާއިރު ދެން މައްސަލާގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.

ދެން ބާކީ ނުނެގި ތިބި ހެކިންނަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒާއި އޭސީސީގެ ރައީސް ހަސަން ލުތުފީގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ކިޔާ މީހެކެވެ.