ހަބަރު

ޒިޔަތަށް ހުކުމް ކުރާ ޝަރީއަތް ކެންސަލް

Dec 6, 2020

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެއްބަސްވެފައިވާތީ، ދައުލަތުން އެދުނު ގޮތަށް އޭނާގެ މައްޗަށް ހުކުމް ކުރަން މިއަދު ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފި އެވެ.

ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާ އަށް އެއްބަސްވުމުން 11 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. އޭނާ ވަނީ ދައުލަތާއެކު އަދަބު ލުއި ދިނުމުގެ އެއްބަސްވުމެއް ހަދައި ދައުލަތާއި ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް އެއްބާރުލުންދޭންވެސް އެއްބަސްވެފަ އެވެ.

މިމައްސަލައިގައި ހުކުމް އިއްވުމުގެ ޝަރީއަތް މިއަދު ހެނދުނު 10:30 ގައި ބޭއްވުމަށް ތާވަލުކުރި ނަމަވެސް ޝަރީއަތުގެ މަޖިލިސް ނުފެށި ގިނައިރުތަކެއް ހޭދަވުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އެމައްސަލައިގެ ޝަރީއަތް ކެންސަލްވެފައިވާކަމަށް ބުނެފައި އެވެ. ނަމަވެސް، ކެންސަލްކުރި ސީދާ ސަބަބު ބުނެފައެއް ނުވެ އެވެ.

ނަމަވެސް، އެ ޝަރީއަތް މާދަމާއަށް ތާވަލުކުރެވޭނެކަމަށް ބުންޏެވެ.

ކްރިމިނަލް ކޯޓްގައި އެންމެ ފަހުން ކުރިއަށްދިޔަ ޝަރީއަތުގައި ޒިއަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށްވެސް އޭނާ ވަނީ އެއްބަސްވެފައެވެ. އަދި އެ އެއްބަސްވުމަކީ އެއްވެސް މަޖުބޫރެއް ނެތިވާ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލަ ބެއްލެއްވި ފަނޑިޔާރުވެސް ގެންދެވީ ކޮންމެ ދައުވާއެއް އިއްވެވުމަށްފަހު އެ ދައުވާއަށް ޒިއަތު އެއްބަސްވާ ކަމަށް ވިދާޅުވުމުން އެއްބަސް ވަނީ ނުފޫޒެއް އޮވެގެންތޯ ސުވާލު ކުރައްވަމުންނެވެ.

ދައުލަތުން ޒިޔަތުގެ މައްޗަށް ކުރި ހިޔާނާތުގެ 32 ދައުވާގައި ބުނެފައިވަނީ އޭނާ 781 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ އެއިން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭ ކަމަަށެވެ. ދައުލަތަށް ލިބޭ ފައިސާގެ ޗެކްތައް ހަވާލު ކުރަމުން ގެންދިޔައީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު އަންގަވާ މީހެއްގެ އަތަށް ކަމަށެވެ.

ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ހައިކޯޓުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު އެ ކޯޓުން ވެސް ހުކުމްކުރީ ޒިޔަތަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށެވެ.

އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވީނަމަވެސް ހޯމް މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މިނިސްޓްރީގެ ނިންމުމަކަށް އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގޭބަންދަށް ބަދަލު ކޮށްފަ އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށްވެސް އޭނާ ހުންނެވީ ގޭބަންދުގަ އެވެ.