ހަބަރު

އެމްއެމްޕީއާރްސީ ކޮރަޕްޝަނަށް އިއުތިރާފުވެ، އަދީބު ވަނީ ޕީޖީއާއެކު އެއްބަސްވުމެއް ހަދާފަ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ ކަމަށް އަމިއްލައަށް އިއުތިރާފުވެ، ދައުލަތް ތަމްސީލް ކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއެކު އެއްބަސްވުމެއް ހަދާފައިވާކަން ހާމަވެއްޖެ އެވެ.

މި އެއްބަސްވުން އަދީބު ހަދާފައިވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް މިހާތަނަށް މިކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މިފަދަ އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދާ އެއްބަސްވުންތަކެކެވެ. އެއީ ކުށަށް އިއުތިރާފުވާ ހާލަތްތަކުގަ އެވެ. ދައުވާ ކުރުމުގެ ކުރިން ކުށަށް އިއުތިރާފުވެއްޖެނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާއަށް ލުއިތަކެއް ލިބެ އެވެ. އޭގެ ތެރޭގައި އަދަބު ދަރަޖަ ކުޑަވުން ހިމެނެ އެވެ. މީގެއިތުރުން އޭނާގެ މައްޗަށް ޝަރީއަތުގެ މަރުހަލާތަކެއް ނުހިނގާނެ އެވެ. އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ފަސް ދުވަހުގެ ތެރޭގައި ހުކުމް ވެސް އިއްވާނެ އެވެ.

އިންޑިއާއަށް ފިލައިގެން ދާން އުޅެނިކޮށް އަދީބު ހައްޔަރުކޮށް ރޭ މާލެ ވަނީ ގެނެސްފަ އެވެ. އަދި އޭނާ ބަންދަށް 15 ދުވަސް ޖަހައިދިނުމަށް އެދި ކުރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުން ބޭއްވި މަޖިލީހުގައި ދައުލަތާއި އަދީބުގެ ފަރާތުން ވެސް އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އަދީބުގެ މައްސަލަ ތަހުގީގު ކުރާ ފުލުހުން އައިއޯ ވިދާޅުވީ ދައުލަތާއެކު ވެފައިވާ އެއްބަސްވުމަށް އަދީބު ހިލާފުވެފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި އަދީބު ވަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވީ ކަމާއި އެ ފައިސާ ލޯންޑަކުރުމުގެ ކުށާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް އިގުރާރުވެފަ އެވެ. އަދި ހެކިތައް ފޯރުކޮށްދިނުމަށް ވެސް އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ފޯނަކާއި ޕެން ޑްރައިވެއް ހިމެނެ އެވެ.

ނަމަވެސް އެތަކެތި ފޯރުކޮށްދިނުމަށްފަހު އަދީބު ފިލައިގެން އިންޑިއާއަށް ދިޔުމުން އެއްބަސްވުމުގެ އަސްލާ މުޅިން ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ، ފުލުހުން ބޭނުން ވަނީ އަދީބު ހައްޔަރުކޮށް ޖަލުގައި ބެހެއްޓުމަށް ކަމަށް އައިއޯ ވިދާޅުވި އެވެ. އަދިވެސް އަދީބު ފިލައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލާގައި އޭނާއާ ދެކޮޅަށް ބަޔާން ދޭ މީހުންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ވެސް އެބަ އޮތް ކަމަށް އައިއޯ ވިދާޅުވި އެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަދީބު ރޭގެ ބަންދު މަޖިލީހުގައި ވިދާޅުވީ އެއްބަސްވުމާ ހިލާފުވާން އޭނާ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ރާއްޖެ ދޫކޮށް ދާން ޖެހުނީ އެކަމަށް މަޖުބޫރުވެގެން ކަމަށެވެ.

"އަޅުގަނޑު އެއްބަސްވުމުގައި ސޮއިކޮށް އަޅުގަނޑަށް އެނގޭ މައުލޫމާތުތައް ކިޔައިދެމުން މިދަނީ، ދެ މަސްވީ، އަޅުގަނޑު ހަމަ ފުރިހަމައަށް އެއްބާރުލުން ދެމުން ދިޔައީ، ނަމަވެސް މިއީ އެތައް ބަޔަކު ހިމެނޭ ކަމެއް، އަޅުގަނޑަށް އިންޒާރުތައް ދަނީ ލިބެމުން، ގިނަ އޮޅުވާލުންތައް މިކަމުގައި އަޅުގަނޑާ ކުރިމަތިވި، އެހެންވެ އަޅުގަނޑަށް ނެގުނު ޑިޒިޝަންއެއް އެއީ ގައުމުން ދިޔުން، އެއްބަސްވުމާ ހިލާފުވާކަށް ނޫން،" އަދީބު ވިދާޅުވި އެވެ.

އަދީބުގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ އަދީބު އެއްބަސްވުމުގެ ދަށުން ދޭ މައުލޫމާތުތަކަކީ މިހާރުގެ ސަރުކާރުގެ ވެސް ބައެއް އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާ ގުޅޭ އެމީހުންނަށް ތުހުމަތުވާ މައުލޫމާތުތަކެއް ކަމަށެވެ. އެމީހުންގެ ފަރާތްތަކުން އަތުވެދާނެ ނުރައްކަލަކަށް ފުލުހުންގެ ފަރާތުން ރައްކާތެރިކަން އޮތް ކަމުގެ ޔަގީން ކަމެއް އަދީބަށް ނެތް ކަމަށެވެ.

އެ ރައްކާތެރިކަން އަދީބަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފިނަމަ އަދީބު ދެން ވެސް މައުލޫމާތުތައް ހިއްސާ ކުރުމަށް ތައްޔާރަށް ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އަދި އަދީބު އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަމުން ދަނިކޮށް ވެސް ދައުލަތުން ވަނީ އޭނާ ބަންދު ކުރުމަށް ސުޕްރީމް ކޯޓުގައި އެދިފަކަން މަހުފޫޒު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއްބަސްވުމެއް އޮވެއްޖެނަމަ އެއަށް ދެ ފަރާތުން ވެސް އެއް ވަރަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

އަދީބު ހައްޔަރުކޮށް ބަންދު ކުރާ ނަމަވެސް އޭނާ ގޭގައި ބެހެއްޓުމަށް އެދޭ ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އަދި އޭނާއަށް ފަރާވެރިވުމަށް އޭނާގެ އެޕާޓްމެންޓްގެ ކުރިމަތީގައި އާއި އެހެން ނޫން ވެސް ގޮތަކަށް ފުލުހުން ބޭނުންވާނަމަ ތިބުމުގައި ވެސް އެއްވެސް މައްސަލައެއް އަދީބުގެ ނެތް ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

ދައުލަތާއެކު އަދީބު އިއުތިރާފުގެ އެއްބަސްވުމަކަށް އައިސްފައިވާއިރު އޭނާގެ ބައިނަލްއަގްވާމީ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ އަދީބު ލައްވާ ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ސޮއިކުރައްވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ސަރުކާރުން ހިފެހެއްޓިކަމަށް ގާނޫނީ ޓީމުން ތުހުމަތު ކުރެ އެވެ.

އެއްބަސްވުމުގެ ވާހަކަ ފެންމަތިވެފައިވާއިރު އެއްބަަސްވުން އެކުލަވާލި ދުވަސްވަރު އަދީބުގެ ހުރި ހުރިހާ ޖަލު ހުކުމެއް ވެސް ވަނީ ކޯޓުތަކުން ބާތިލްކޮށްފަ އެވެ. އަދީބުގެ އެއް ހުކުމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު އަނެއް ދެ ހުކުމުން ވަނީ ހައިކޯޓުން ބާތިލްކޮށް އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އަންގާފަ އެވެ. ނަމަވެސް އެ މައްސަލަތައް އަލުން ނުބެލުމަށް ނިންމާ ކުރިމިނަލް ކޯޓުން އަދީބުގެ ހުރިހާ މައްސަލައެއް ކޯޓުން ބޭރުކޮށްލާފަ އެވެ. ނަމަވެސް އެ މައްސަލަ ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ރޭ އަދީބު ބަންދު ކުރުމަށް ކޯޓަށް ހާޒިރުކުރި ނަމަވެސް އޭނާގެ ބަންދު އިތުރުކޮށްދީފައެއް ނުވެ އެވެ. އެއީ އަދީބު ހައްޔަރުކުރުމުގައި ފުލުހުން ގާނޫނާ ހިލާފުވެފައިވާތީ އެވެ. އަދީބު ހައްޔަރުކުރުމުގައި ގާނޫނާ ހިލާފުވެފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކޮށްފައިވާއިރު އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ބައިނަލްއަގްވާމީ ގާނޫނެއް ކަމަށްވާ ފްލެޓް ސްޓޭޓް ގާނޫނަށް އަމަލުކޮށްފައި ނެތުމުންނެވެ.

އެ ގާނޫނުގައިވާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަކުން ގައުމަކަށް މީހަކު ހައްޔަރު ކުރެވޭނީ އެމީހަކު ހުރި އުޅަނދަކީ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައި ނުވަތަ އެ ގައުމެއްގެ ދިދަ ނަގާފައިވާ އުޅަނދެއް ކަމުގައިވާނަމަ އެވެ. ފުލުހުންގެ އައިއޯ ވަނީ އަދީބު ހައްޔަރުކުރި އުޅަނދުގައި ނަގާފައިވަނީ އިންޑިއާގެ ދިދައެއް ކަމާއި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ގާނޫނަކުން ބާރެއް އޮވެގެން ނޫން ކަމަށެވެ. އަދީބު ހައްޔަރުކުރުމުގައި ގާނޫނާ ހިލާފުވެފައިވާ ކަމަށް ދައުލަތުން އެއްބަސްވާ ކަމަށެވެ.

ދައުލަތުން އެކަމަށް އެއްބަސްވުމުން މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސެއިން ނިންމީ، އަދީބު ބަންދުން މިނިވަން ކުރުމަށެވެ. ގާޒީ ވިދާޅުވީ މީހަކު ބަންދު ކުރަން ބޭނުންވާއިރު އެންމެ އަސާސީ އެއް ކަމަކީ އޭނާ ހައްޔަރުކުރި ގޮތް ކަމަށެވެ. ހައްޔަރުކުރުން ގޯސް ނަމަ ދެން އެއާ ގުޅިގެން އެހެން އިޖުރާއަތްތަކެއް ނުހިނގާނެ ކަމަށެވެ. އެހެންވެ އަދީބު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގާޒީ ފުލުހުންގެ މައްޗަށް އަމުރު ކުރެއްވި އެވެ. ނަމަވެސް ކޯޓުން އާ އަމުރެއް ހޯދައިގެން އަދީބު އަލުން ހައްޔަރުކޮށް މިހާރު ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފަ އެވެ.