ހަބަރު

އަދީބު އަލުން ހައްޔަރުކޮށް، ދޫނިދޫއަށް

ރޭ ކުރިމިނަލް ކޯޓުން މިނިވަން ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މިއަދު 6:30 ހާއިރު އަދީބު ހައްޔަރުކުރީ ކުރިމިނަލް ކޯޓުން ނެރެފައިވާ އާ އަމުރެއްގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ ޖަލަށް ވަނީ ގެންގޮސްފަ އެވެ.

ރޭ އަދީބު ކުރިމިނަލް ކޯޓުން މިނިވަންކުރުމުން ގެންދިޔައީ ފުލުހުންގެ މައި އިދާރާއަށެވެ. އެތަނުން އޭނާ ނެރުނީ ފަތިސްވަނިކޮށެވެ. ފުލުހުންގެ ކާރުގައި އަދީބު ގެއަށް ގެންދިޔަ ނަމަވެސް، އާއިލާއަށް އަދީބުގެ އެއްވެސް ހަބަރެއް ނުވެ ގިނަ އިރުތަކެއްވި އެވެ.

ފުލުހުންގެ މައި އިދާރާއިން ނެރުނުތާ ގާތްގަނޑަކަށް ގަޑިއިރެއްވާން އުޅެނިކޮށް ފުލުހުންގެ ކާރެއްގައި އަދީބު، އޭނާ ދިރިއުޅޭ ގެއަށް ގެނަ އެވެ. ގެއަށް ގެނައުމަށްފަހު ފުލުހުންގެ ދެ އައިއޯއެއް ވަނީ އޭނާގެ އެޕާޓްމެންޓަށް އެކީގައި ވަދެފަ އެވެ. ގޭގެ ބޭރުގައި ދެ އެސްއޯ ފުލުހުން ގާޑަށް ތިއްބެވެ.

އޭގެ ގަޑިއިރެއްހާ ފަހުން އަދީބު އަލުން ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ އެވެ. މިފަހަރު ވެސް ފުލުހުން އޭނާ ހައްޔަރުކުރީ ކުރިން ވެސް ހައްޔަރުކުރި ތުހުމަތުގަ އެވެ. އެއީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ރާއްޖެއިން ފުރައިގެން ދިޔަ މައްސަލަ އެވެ.

އަދީބު އަލުން ހައްޔަރުކުރިއިރު ހައްޔަރު ކުރުމުގެ އާ އަމުރެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރޭ އަދީބުގެ ބަންދު މަޖިލީހުގައި ވެސް ފުލުހުން ބުންޏެވެ.

އިންޑިއާއިން އަތުލައިގަނެގެން ގެނައި އަދީބުގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށް ރޭ ފުލުހުން އަދީބު ކުރިމިނަލް ކޯޓަށް ގެންދިޔަ އެވެ. އެކަމަކު އެ ބަންދު މަޖިލީހުގައި އަދީބު ހައްޔަރުކޮށްފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށްކަން ވަނީ ހާމަވެފަ އެވެ. އަދި އެކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާއިރު އެ ހާލަތުގައި އަދީބު ހައްޔަރުކޮށްފައި ނުބެހެއްޓޭނެ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

އަދީބު ހައްޔަރުކުރުމުގައި ގާނޫނާ ހިލާފުވެފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކޮށްފައިވާއިރު އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ބައިނަލްއަގްވާމީ ގާނޫނެއް ކަމަށްވާ ފްލެޓް ސްޓޭޓް ގާނޫނަށް އަމަލުކޮށްފައި ނެތުމުންނެވެ.

އެ ގާނޫނުގައިވާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަކުން ގައުމަކަށް މީހަކު ހައްޔަރު ކުރެވޭނީ އެމީހަކު ހުރި އުޅަނދަކީ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައި ނުވަތަ އެ ގައުމެއްގެ ދިދަ ނަގާފައިވާ އުޅަނދެއް ކަމުގައިވާނަމަ އެވެ. ފުލުހުންގެ އައިއޯ ވަނީ އަދީބު ހައްޔަރުކުރި އުޅަނދުގައި ނަގާފައިވަނީ އިންޑިއާގެ ދިދައެއް ކަމާއި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވެސް ވިދާޅުވީ މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ގާނޫނަކުން ބާރެއް އޮވެގެން ނޫން ކަމަށެވެ. އަދީބު ހައްޔަރުކުރުމުގައި ގާނޫނާ ހިލާފުވެފައިވާ ކަމަށް ދައުލަތުން އެއްބަސްވާ ކަމަށެވެ.

ދައުލަތުން އެކަމަށް އެއްބަސްވުމުން މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސެއިން ނިންމީ، އަދީބު ބަންދުން މިނިވަން ކުރުމަށެވެ. ގާޒީ ވިދާޅުވީ މީހަކު ބަންދު ކުރަން ބޭނުންވާއިރު އެންމެ އަސާސީ އެއް ކަމަކީ އޭނާ ހައްޔަރުކުރި ގޮތް ކަމަށެވެ. ހައްޔަރުކުރުން ގޯސް ނަމަ ދެން އެއާ ގުޅިގެން އެހެން އިޖުރާއަތްތަކެއް ނުހިނގާނެ ކަމަށެވެ. އެހެންވެ އަދީބު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގާޒީ ފުލުހުންގެ މައްޗަށް އަމުރު ކުރެއްވި އެވެ.

އެ މަޖިލީހުގައި ފުލުހުންގެ އައިއޯ ވިދާޅުވި ގޮތުގައި އަދީބު ބަންދު ކުރުމަކީ މުޅި މުޖުތަމައުގެ މަސްލަހާ ގުޅުންހުރި ކަމެކެވެ. މުޖުތަމައުގެ ރައްކާތެރިކަމަށް އަދީބު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އޭނާއާަ ދެކޮޅަށް ބަޔާން ދޭ މީހުންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި ފިލައިގެން ގޮސްދާނެ ކަމުގެ އިހްތިމާލު އޮތީމަ ކަމަށެވެ.